بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ! މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބާއްވަވާ ހަތަރުވަނަ ފޮތް މަޢުރަޒު ހުޅުވައިދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި، އެ މަރުކަޒުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ފޮތް މަޢުރަޒު ތައްޔާރުކުރެއްވުމުގައި، އަލްފާޟިލް ޢައްބާސް އިބްރާހީމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި އަދި ބަހާބެހޭ ބައިގެ ވެރިންނާއި، އެބައިގެ މުވައްޒަފުންނާއި އަދި މަރުކަޒުގެ ހުރިހާ ވެރިންނާއި މުވައްޒަފުން ކުރައްވާފައިވާ ބުރަ މަސައްކަތްޕުޅުތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެފަދައިން، މި މަޢުރަޒުގައި ފޮތް ބައިވެރިކުރެއްވި ރާއްޖޭގެ ލިޔުންތެރިންނަށާއި، ފޮތް އުފައްދާ، އުފައްދަވާ ފަރާތްތަކަށާއި، ފޮތް ޗާޕުކުރައްވާ، ޝާޢިއުކުރައްވާ ފަރާތްތަކަށާއި އަދި ސަރުކާރުގެ އޮފީސްތަކަށާއި އަދި ފޮތް ވިއްކަވާ ފަރާތްތަކަށްވެސް، މި މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި އަހަރުގެ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ލިޔުންތެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދެންނެވުމަކީވެސް، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިރޭގެ މި އުފާވެރި އިޙްތިފާލުގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވަރަށް މުހިންމު ފޮތެއް ދެންމެ ނެރުއްވި. އާދެ، އެ ފޮތަކީ "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ". ކުރުކޮށް ޢައްބާސް އެ ވިދާޅުވިގޮތުގައި، "ޤަރުނު ފޮތް". އެ ފޮތުގެ ފުރަތަމަ ބައިގެ ކޮޕީއެއް، ދެންމެ މަރުކަޒުގެ ރައީސް އަޅުގަނޑަށް ހަދިޔާކުރައްވައިފި. އެކަމަށްޓަކައި އޭނާއަށް ވަރަށްބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު ދެކޭގޮތުގައި، ޤަރުނު ފޮތް ތައްޔާރުކުރެއްވުމަކީ، ޤައުމީ މަރުކަޒުން ކުރެއްވި ވަރަށްބޮޑު މަސައްކަތެއް. ވަރަށް ބުރަ، ވަރަށް މުހިންމު މަސައްކަތެއް. މިފޮތް އެކުލަވައިލެއްވުމުގައި، މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އޭނާއަށް ޝުކުރު ދަންނަވަން. އަދި މިފޮތަށް ބޭނުންވާ މަޢުލޫމާތު އެއްކުރައްވައި، ފޮތް ލިޔުއްވައި ތައްޔާރުކުރެއްވީ، އެ މަރުކަޒުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރު. އެހެންކަމުން، އޭނާއަށްވެސް މި ފުރުޞަތުގައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ހަމައެފަދައިން، މަރުކަޒުގެ ވެރިންނާއި، ހުރިހާ މުވައްޒަފުންވެސް މި ފޮތް ތައްޔާރުކުރެއްވުމުގައި ކޮށްދެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވައި، އަޅުގަނޑުގެ ޝުކުރުގައި އެ ހުރިހާ ބޭފުޅުން ޝާމިލުކުރަން.

އާދެ، ދެންމެ އަޅުގަނޑަށް ފޮތުގެ ކޮޕީއެއް މިފެނުނީ. އެހެންވީމާ، ފޮތުގައިވާ ވާހަކަތަކާ ބެހޭގޮތުން މާބޮޑު އެއްޗެއް ދަންނަވާނެ މަޢުލޫމާތެއް އަޅުގަނޑުގެ ކިބައަކު ނެތް. އެހެންނަމަވެސް، އަޅުގަނޑަށް އެނގިފައިވާގޮތުގައި މި ފޮތަކީ، ރާއްޖެއާބެހޭ ވަރަށް ގިނަ މަޢުލޫމާތުތަކެއް އެކުލެވޭ ފޮތެއް.

އާދެ، ވޭތުވެދިޔަ 100 އަހަރު. އާދެ، ވިހިވަނަ ޤަރުނުގެ ތެރޭގައި، ރާއްޖޭގައި ހިނގައިދިޔަ މުހިންމު ހާދިސާތަކާއި، ރާއްޖޭގައި ތަޖުރިބާކުރެވުނު ކަންތައްތައް ޞައްޙަގޮތެއްގައި، މި ފޮތުގައިވާނީ ލިޔެވިގެން. އާދެ، އެއީ ކުޑަ މަސައްކަތެއްނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ، ލިޔެކިޔުމުގެ ވަސީލަތްތައް ވިހިވަނަ ޤަރުނުގެ ކުރީކޮޅުގައި، މާތަނަވަސްގޮތެއްގައި ލިބިފައިވާ ޤައުމެއް ނޫން. ލިޔުންތެރިކަންވެސް ޤަރުނުގެ ކުރީކޮޅުގައި އަދި ޤަރުނުގެ މެދަކާ ޖެހެންދެންވެސް އަޅުގަނޑު ދަންނަވާނީ، އޮތީ ވަރަށް އާދައިގެ ފެންވަރެއްގައޭ. އެހެން އޮވެފައި، އޭގެފަހުން މިއައި ފަންސާހަކަށް އަހަރުދުވަހުގެ ތެރޭގައި، ރާއްޖޭގެ ލިޔުންތެރިކަން މަޑުމަޑުން ނަމަވެސް ދިޔައީ ކުރިއަށް. ތަރައްޤީވަމުން. ރާއްޖޭގައި ލިޔެވޭ ލިޔުންތައްވެސް ދިޔައީ ގިނަވަމުން. ލިޔުންތެރިންވެސް ދިޔައީ ގިނަވަމުން. އެހެންވީމާ، ޤަރުނުގެ ފަހުކޮޅުގައި ލިބެންހުރި މަޢުލޫމާތަށްވުރެ، ޤަރުނުގެ ކުރީކޮޅުގައި ހިނގާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ލިބެން ހުންނަލެއް މަދުވާނެކަން، އަޅުގަނޑުމެން އެންމެންނަށްވެސް ތަޞައްވުރުކުރެވޭ. އެހެންނަމަވެސް، މަޢުލޫމާތު ލިބެންހުރި ހުރިހާ ދިމާއަކުން، މައުލޫމާތު ހޯއްދަވައިގެން، އޭގެތެރެއިން ޞައްޙަ މަޢުލޫމާތަކީ ކޮބައިތޯ ބައްލަވައި، ދިރާސާ ކުރައްވާފައި، މަރުކަޒުގެ ފަރާތުން މި ފޮތް އެ ނެރުއްވީ. އެހެންވީމާ، މިފޮތަކީ އަޅުގަނޑުމެންގެ ތާރީޚަށްވެސް ވަރަށްބޮޑު އަލިކަމެއް އަޅުވާލަދޭނެ އަދި އަޅުގަނޑުމެން އެންމެންނަށް ރާއްޖެއާ ބެހޭގޮތުން ބޭނުންވާ ވަރަށް ގިނަ މަޢުލޫމާތުތަކެއް އެކުލެވިގެންވާނެ ފޮތެއް ކަމަށް އަޅުގަނޑު ދެކެން. މި ފޮތަކީ، ރާއްޖެއާބެހޭ އެކިއެކި ދިރާސާތައްކުރައްވާ ފަރާތްތަކަށްވެސް ވަރަށް ބޭނުންތެރި ފޮތަކަށްވާނެކަމަށް އަޅުގަނޑު ދެކެން. އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ފޮތުގެ ދެންހުރި ބައިތައް އެ މަރުކަޒުން، ކުރިއަށް އޮތް ތާނގައި ނެރުއްވަމުން ގެންދަވާނެ.

އާދެ، މިވަގުތު އަޅުގަނޑުހިތަށް އަންނަނީ ޢަރަބިންގެ ހަރުބަހެއް. ޢަރަބި ބަހުން އެއްޗެއް ދަންނަވަންޖެހޭތީ މާފުކުރެއްވުން އެދެން. އެ ހަރުބަހުގައި މިއޮންނަނީ، "اَوَّلُ الْغَيْثِ قَطْرَة" މާނައަކީ، "ބޯ ވާރޭގަނޑެއްގެ ފެށުމަކީ، އެންމެ ތިއްކެކޭ." ބޯ ވާރޭގަނޑެއްވެސް ވެހެން ފަށަނީ، އެންމެ ފެންތިއްކަކުން. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު، މިރޭ މިފެނުނު، ޤަރުނު ފޮތުގެ ފުރަތަމަބައި، އަޅުގަނޑަށް ހީވަނީ އެއީ އަޅުގަނޑުމެންނަށް މި ލިބެންއުޅޭ، ބޯ ޢިލްމީ ވާރޭގަނޑުގެ އެންމެ ފުރަތަމަ ތިކިހެން. އޭގެފަހުން އެ ވާރޭގަނޑުގެ ފުރިހަމަ ފައިދާއާއި، އޭގެ ބޭނުން އަޅުގަނޑުމެންނަށް ފަހުން ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ، ވޭތުވެދިޔަ ޤަރުނުގެތެރޭގައި ތަފާތު ރޮނގުރޮނގުން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކާއި، ކުރިއެރުންތަކާއި އަދި ރާއްޖެއަށް ދިމާވި އެކިއެކި ހާދިސާތަކާއި، ރާއްޖޭގެ ރައްޔިތުން ތަޖުރިބާކުރި އެކިއެކި ކަންތައްތަކާ، މިކަހަލަ ވަރަށް ގިނަ ވާހަކަތަކެއް މިފޮތުގެ ޒަރީޢާއިން އަޅުގަނޑުމެންނަށް ލިބެން ހުންނާނެކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، މިފޮތަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ކިޔަން. އަދި މިފަދަ މުހިންމު މަސައްކަތެއް ޤައުމީ މަރުކަޒުން ކުރެއްވިކަމަށްޓަކައި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށްޓަކައި ވަރަށްބޮޑަށް އުފާކޮށް، އެ މަރުކަޒުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ ލިޔުންތެރިންނާ ބެހޭގޮތުން އެއްޗެއް ދަންނަވާނަމަ ދެންނެވެން އޮތީ ރާއްޖޭގެ ލިޔުންތެރިންގެ އަދަދު މިހާރު ދަނީ، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނޭ. ލިޔުންތެރިން ލިޔުއްވާ ޝާޢިއުކުރައްވާ އެއްޗެތީގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނޭ. މިއީ އަޅުގަނޑުމެން ޝައްކެއްނެތްގޮތުގައި ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް.

އާދެ، ލިޔުންތެރިން އެކުރައްވާ މަސައްކަތަކީ، އަޅުގަނޑުމެންގެ ދުނިޔެ ސިފަކޮށްދެއްވުން. ލިޔުންތެރިން އުޅުއްވަނީވެސް އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔޭގައި. ލިޔުންތެރިން އަޅުގަނޑުމެންނަށް އެ ދުނިޔެ ގެނެސްދެއްވަނީ، އެބޭފުޅުންގެ ލޯފުޅުތަކުން. އެބޭފުޅުންގެ ގަލަންކޮޅުތަކުން. އެހެންވީމާ، އެއީވެސް ތާރީޚުގެ ބައެއް. މިގޮތުން ވިސްނާއިރު، ލިޔުންތެރިންގެ މަސްއޫލިއްޔަތަކީ، ވަރަށްބޮޑު މަސްއޫލިއްޔަތެއް ކަމުގައި ދަންނަވަންޖެހޭ. ފަހުން އަންނަ ބަޔަކު ކިޔަން އޮންނާނީ، މި ޒަމާނުގައި ދިރިއުޅޭ މީހުން ލިޔެފައިވާ ލިޔުންތައް. ރާއްޖޭގެ ތާރީޚު އެމީހުން ދެނެގަންނާނީ، މިހާރު އެލިޔެވޭ ލިޔެވުންތަކުން. އެހެންވީމާ، އަޅުގަނޑުމެންގެ ތާރީޚު އަމާނާތްތެރިގޮތެއްގައި، ތެދުވެރިގޮތެއްގައި އަންނަންއޮތް ޖީލުތަކަށް ރައްކާތެރިކޮށްދިނުމަކީ އަދި ވާސިލުކޮށްދިނުމަކީ މިއަދުގެ ލިޔުންތެރިންގެ ކޮނޑުފުޅުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއްކަން ކަށަވަރު. ދެންމެ، މަރުކަޒުގެ ރައީސްގެ ވާހަކަފުޅުގައިވެސް މިކަމަށް އިޝާރަތެއްކުރައްވައިފި. އެހެންވީމާ، އަޅުގަނޑުވެސް އެދެނީ، ރާއްޖޭގެ ލިޔުންތެރިން ލިޔުއްވާ ލިޔުއްވުންތަކަކީ، ވަރަށް އޮށްޓަރުހުރި، ޙަޤީޤަތާ އެއްގޮތަށް ލިޔުއްވާ ލިޔުންތަކަކަށްވުން. އެއީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އަމާނަތަކަށްވާތީ. އަދި އެއީ އަންނަން އޮތް ޖީލުތަކުގެ މީހުން ބަލާނެ، ވަރަށް މުއްސަނދި، އަޅުގަނޑުމެންގެ އަދަބީ ތަރިކައަކަށްވާތީ.

އާދެ، ލިޔުންތެރިންނާ ބެހޭގޮތުން އިތުރު އެއްޗެއް ދަންނަވާނަމަ، އަޅުގަނޑަށް ދަންނަވަންޖެހެނީ، މިހާރު ރާއްޖެ ކުރިއަށް ގޮސްފައިވާވަރުން، އަޅުގަނޑުމެންގެތެރޭގައި، ތަޢުލީމީ ޒުވާނުން ވަރަށްގިނައޭ. ވަރަށް މަތީ ފެންވަރަކަށް ތަޢުލީމު ހާސިލުކުރައްވައިގެން ތިއްބެވި ވަރަށް ގިނަ ބޭފުޅުން ރާއްޖޭގައި މިހާރު އެބަތިއްބެވި. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި، އެބޭފުޅުންނަށް ލިބިވަޑައިގެންފައި އެވާ ޢިލްމީ ޚަޒާނާއިން ބައެއް ނަމަވެސް، އާންމު ރައްޔިތުންނާ ޙިއްޞާކޮށްލެއްވުމަކީ، އެބޭފުޅުން ކޮށްލައްވަންޖެހޭނެ ކަމެއް. ކުރައްވަންޖެހޭނެ ކަމެއް. އެގޮތުން ރާއްޖޭގައި ތިއްބެވި ޢިލްމީ ބޭފުޅުން، އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމީ މުއްސަނދިކަމާއި އަދި ތަޢުލީމީ ތަޖުރިބާތަކުގެ އަލީގައި، ބޭނުންތެރި ފޮތްތަކެއް، އަޅުގަނޑުމެންގެ ދިވެހި ކިޔުންތެރިންގެ އަތްމައްޗަށް ނެރުއްވަމުން ގެންދެވުމަކީ، އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް. ހަމައެއާއެކު، ރާއްޖޭގައި އެކި ފަންނުތަކުގެ ބޭފުޅުންވެސް ހަރަކާތްތެރިވެވަޑައިގަންނަވަމުން އެބަގެންދަވާ. އެހެންވީމާ، އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާތައް، ޒުވާނުންނާ ޙިއްޞާކޮށްލެއްވުމުގެ ގޮތުން، ފޮތް ލިޔުއްވައި ޝާއިޢުކުރެއްވުމަކީވެސް އަޅުގަނޑު ދެކޭގޮތުގައި، ވަރަށް ބޭނުންތެރިކަމެއް. މީގެ އިތުރުން ދަންނަވަންޖެހެނީ، އެކިއެކި ޢިލްމުތަކާ ގުޅޭ ޒަމާންވީ މުއްސަނދި ލިޔުންތައް، ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަކީވެސް ވަރަށް މުހިންމު ކަމެކޭ.

އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، ޢިލްމަކީ ވަކި ބަހަކުން އޮންނަ އެއްޗެއްނޫން. ވަކި ބަހަކަށް ޚާއްޞަ އެއްޗެއްނޫން. އަދި އެއީ ވަކި ބައެއްގެ މިލްކެއްނޫން. ޢިލްމަކީ، އެންމެންގެ މިލްކު. ދުނިޔޭގައި ދިރިއުޅޭ ތަފާތު ޤައުމުތަކުގެ ތަފާތު ބަސްބަހުން ވާހަކަދައްކާ އެންމެންގެ މިލްކު. އެންމެންނަށް، ފައިދާ ލިބޭ ގޮތަކަށް ލިޔެވެންވާނެ އެއްޗެއް. އެހެންވީމާ. ބޭރު ބަސްބަހުން ލިޔެވިފައި ހުންނަ މުހިންމު ފޮތްތައް، ދިވެހިބަހަށް ތަރުޖަމާކުރުމަކީ، އަޅުގަނޑުހިތުން އޭގެ ސަބަބުން ދިވެހިންނަށް ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމެއް. ދުނިޔޭގައި ތަރުޖަމާކުރުމުގެ ހަރަކާތަކީ، ވަރަށް ބާރަށް ހިނގާ ހަރަކާތެއް. ދުނިޔޭގެ އެއްވެސް ތަނެއްގައި މުހިންމު ފޮތެއް ޝާއިޢުކުރެވިއްޖެއްޔާ، ވަގުތުން އެތައް ބަހަކަށް އެފޮތް ތަރުޖަމާކުރެވިގެންދާނެ. އެތައް ބަހަކުން އެ ފޮތް ޝާއިޢުކުރެވިގެންދޭ. އޭގެ އެތައް މިލިއަން ކޮޕީއެއް، ދުނިޔޭގެ އެތަން މިތާނގައި ވިކެމުންދޭ. އާދެ، އަޅުގަނޑު ނުދަންނަވަން، އަޅުގަނޑުމެންގެ ފެންވަރު އަދި އެހިސާބަށްދިޔައެކޭ. އެހެންނަމަވެސް، ދަންނަވަން މިއުޅޭ ވާހަކައަކީ، ބޭރު ބަސްބަހުން ލިޔެވިފައި ހުންނަ މުހިންމު ފޮތްތައް، ދިވެހިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްތަކެއް ކުރުމަކީވެސް، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކޭ.

އެނގިވަޑައިގަންނަވާނެ ފަދައިން، ޔޫރަޕަށް އައި ކުރިއެރުން އައިސްފައި މިވަނީ، އެންމެ ފުރަތަމަ ޔޫނާނުގެ ޒަމާނުގައި، އެބައިމީހުންގެ ފަލްސަފާއާއި، އެބައިމީހުންގެ ޢިލްމުތަކުގެ ފޮތްތައް، ލިޔެވިފައިވާ ބަސްބަހުން، ޢަރަބިބަހަށް ތަރުޖަމާކުރެވިގެން، އޭގެފަހުން ޢަރަބިބަހުން ޔޫރަޕުގެ އެހެން ބަސްބަހަށް ތަރުޖަމާކުރެވިގެން. އެހެންވީމާ، އެމީހުންގެ ތަހުޒީބުގެ، މިހާރުގެ ޔޫރަޕުގެ ތަހުޒީބުގެ ބިންގަލަކީ، އެ ތަރުޖަމާކުރެވުނު ޢިލްމުތައް. ޔޫނާނުގެ ޢިލްމުތައް އަދި އެނޫން ޤައުމުގެ ޢިލްމުތައް، ޢަރަބިބަހަށް ތަރުޖަމާކުރެވިގެން، ޢަރަބި އިސްލާމީ މުސައްލިފުން، އެ ފޮތްތައް ތަރުޖަމާކުރައްވައިގެން، އެ ތަރުޖަމާތައް، ޔޫރަޕުގެ ބަސްބަހަށް ތަރުޖަމާކުރެވިގެން، އޭގެ މައްޗަށް ބިނާވެގެން، ޔޫރަޕުގެ މިހާރުގެ ސިވިލިޒޭޝަން ނުވަތަ ކުރިއެރުން ބިނާވެފައި މިއޮތީ. އެހެންވީމާ، ތަރުޖަމާކުރުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ތާރީޚުންވެސް އެބަ އެނގޭ.

އަޅުގަނޑުމެންގެ ރާއްޖޭގެ ލިޔުންތެރިންވެސް އެ މަސައްކަތްކުރެއްވުމަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް އިތުރު ކުރިއެރުމާއި، ތަރައްޤީ ލިބުމަށް މަގުފަހިވެގެންދާނެ ކަމެކޭ އަޅުގަނޑު ދަންނަވާލަން. މިހެން ދަންނަވާއިރު، އަޅުގަނޑަށްވެސް އެނގޭ، މިހާރުވެސް ބައެއް ބޭބޭފުޅުން އެކަހަލަ ފޮތްފޮތް ލިޔުއްވަމުން އެބަގެންދަވާ. ތަރުޖަމާކުރައްވާ، ބޭރު ބަސްބަހުން ދިވެހިބަސްބަހަށް. ޚާއްޞަކޮށް ވާހަކަ. އޭގެ އިތުރުން، ޢިލްމީ ބޮޑެތި ފޮތްތައްވެސް އަދި މިހާރުވެސް ބައެއް ޢިލްމީ ފޮތްތައްވެސް ދިވެހިބަހަށް، ބޭރު ބަސްބަހުން ތަރުޖަމާކުރައްވާ ބޭފުޅުން އެބަތިއްބެވި. މިތާނގައިވެސް އަޅުގަނޑުހިތުން އެކަހަލަ ފޮތްތައް ހުންނާނެ. އެހެންނަމަވެސް، މިދެންނެވި މަސައްކަތް އިތުރަށް ހަރުދަނާކޮށްގެން، މިހާރަށްވުރެ ބޮޑަށް ކުރަމުން ގެންދެވޭތޯ ބެލުމަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެން މިއަދު ކުރަންޖެހިފައިވާ ކަމެއް.

އާދެ، މިރޭގެ މި އުފާވެރި ބައްދަލުވުމުގައި، ދެން އަޅުގަނޑު މާ އިތުރަށް ވާހަކަ ދައްކާކަށްނެތިން. ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ، ހުރިހާ ލިޔުންތެރިންނަށް އަޅުގަނޑު ދަންނަވަން. އަދި އެބޭފުޅުން އެ އަދާކުރައްވަމުން ގެންދަވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މިރޭގެ މިއުފާވެރި ޙަފްލާގައި، ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ތައްޔާރުކުރެއްވި ހަތަރުވަނަ ފޮތް މަޢުރަޒު، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ހުޅުވައިދިނުމުގެ އުފަލާއި ޝަރަފް އަޅުގަނޑު ލިބިގަންނަން.

والسّلام عليكم ورحمـة اللّـه وبركاته.