بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ! މިއަދު އަޅުގަނޑު ތާޖުއްދީން ސްކޫލަށް މިއައީ، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ހައްދަވައިދެއްވި ތާޖުއްދީން ސްކޫލުގެ އާ އިމާރާތް ރަސްމީގޮތުން ހުޅުވައިދިނުމުގެ އުފާ ލިބިގަތުމަށްޓަކައި.

އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، ތާޖުއްދީން ސްކޫލަކީ މީގެ 15 އަހަރު ކުރިން ހުޅުވުނު ސްކޫލެއް. އާދެ، އެއީ 1989 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަސް. އެ ދުވަހުވެސް މި ސްކޫލަށް އައިސް، ރަސްމީގޮތުން ސްކޫލް އިފްތިތާޙުކޮށްދިނުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި.

އާދެ، އޭރު ބިނާކުރި ތާޖުއްދީން ސްކޫލުގެ އިމާރާތް ބާވެ، އާ އިމާރާތަކަށް ބޭނުންވީހިނދު، ޖަޕާނު ސަރުކާރުގެ ހިލޭ އެހީ އަޅުގަނޑުމެންނަށް ދެއްވައި، ވަރަށް ފުރިހަމަގޮތެއްގައި މި ސްކޫލުގެ އާ އިމާރާތް ބިނާކޮށްދެއްވިކަމަށްޓަކައި، ޖަޕާނު ސަރުކާރަށާއި ޖަޕާނުގެ އެކުވެރި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިއަދު ތާޖުއްދީން ސްކޫލުގެ އާ އިމާރާތް ރަސްމީގޮތުން ހުޅުވޭތީ، މި އުފާވެރި މުނާސަބަތުގައި ތާޖުއްދީން ސްކޫލްގެ ލޮބުވެތި ދަރިވަރުންނަށާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީއަށާއި، ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިނިސްޓަރ އަކިއޯ ސުދާއަށާއި، ތާޖުއްދީން ސްކޫލް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ފަޒްނާ އަޙްމަދަށާއި، މި ސްކޫލުގެ އެހެން ވެރިންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމުޢިއްޔާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، މުބާރަކްބާދީ އަދާކުރަން.

އާދެ، މިތާނގައި އަޅުގަނޑުގެ ކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުންވެސް ވިދާޅުވިފަދައިން، ތާޖުއްދީން ސްކޫލުގެ މި ހިތްގައިމު އާ އިމާރާތަކީ، ޖަޕާނު ސަރުކާރުގެ ވަރަށް އަގުބޮޑު ހަދިޔާއެއް. އާދެ، ޖަޕާނު ސަރުކާރަކީ، ރާއްޖެއަށް އަބަދުވެސް ވަރަށް ގިނަގުނަ އެހީތަކެއް ވެދެއްވާ ސަރުކާރެއް. ޖަޕާނު ސަފީރުގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެބޮޑަށް ބޭނުންވެފައިވާ ކަންތައްތަކަށް ޖަޕާނު ސަރުކާރާއި ރައްޔިތުންގެ އެހީ އަބަދުވެސް އޮތީ ލިބެމުން އައިސްފައި. އާދެ، އެއީ އަޅުގަނޑުމެންގެ ފަށާ ތަޢުލީމު ކުރިޔަށް ގެންދިއުން ކަމުގައިވިޔަސް އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން ކަމުގައިވިޔަސް ނުވަތަ އަޅުގަނޑުމެންގެ ތިމާވެށްޓަށް ދިމާވާ ނުރައްކާތެރި މައްސަލަތަކުން ސަލާމަތްވުމަށް ކަމަށްވިޔަސް ނުވަތަ އަޅުގަނޑުމެންގެ ޓެލެކޮމިއުނިކޭޝަންގެ ކަންތައް ކުރިޔަށް ގެންދިއުމަށް ކަމަށްވިޔަސް، މި ހުރިހާ ދާއިރާއަކުންވެސް ވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީ، ވަރަށް ދީލަތިގޮތެއްގައި މިވޭތުވެދިޔަ ވަރަށް ގިނަ އަހަރުތަކެއްގެ ތެރޭގައި ލިބެމުން އައިސްފައި.

އާދެ، މި ސްކޫލް އިމާރާތްކުރުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި އެހީތެރިކަން ވަނީ ލިބިފައި. އާދެ، އޭގެތެރޭގައި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ އާދެ، "ޖައިކާ" ހިމެނޭ. ހަމައެހެންމެ، މި މަޝްރޫޢުގެ ކޮންސަލްޓަންޓް ކަމަށްވާ ޖަޕާނުގެ މޯރީ އާކިޓެކްޓް އެންޑް އެސޯސިއޭޓްސްވެސް ހިމެނޭ. އިމާރާތުގެ ކޮންޓްރެކްޓަރ ސުމިޓޯމޯ މިޓްސުއި ކޮންސްޓްރަކްޝަންވެސް ހިމެނޭ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، ޑިޕާޓްމަންޓް އޮފް އެކްސްޓާރނަލް ރިސޯސަސްގެ ވެރިންނާއި މުވައްޒަފުންވެސް ހިމެނޭ. ހަމައެހެންމެ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފިޒިކަލް ފެސިލިޓީޒް ޑިވެލޮޕްމަންޓް ސެކްޝަނުގެ ވެރިންނާއި މުވައްޒަފުންވެސް ހިމެނޭ. އެހެންވީމާ، މި ހުރިހާ ފަރާތްތަކަށާއި ބޭފުޅުންނަށް ޖުމްލަގޮތެއްގައި މި މުނާސަބަތުގައި ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ތަޢުލީމީ ދާއިރާއަށް ބަލާއިރު، އެ ދާއިރާއަށް ޖަޕާނު ސަރުކާރުގެ އެހީ ލިބިފައިވާލެއް ވަރަށް ބޮޑުކަމަށް ދަންނަވަންޖެހޭ. ޖަޕާނު ސަފީރުގެ ވާހަކަފުޅުގައިވެސް ދެންމެ ވިދާޅުވި ފަދައިން، އަތޮޅުތަކުގައިވެސް ތަންކޮޅެއް ކުރިން ވަރަށް ގިނަ ސްކޫލްތަކެއް އިމާރާތް ކުރެވިފައިވަނީ، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި. އޭގެއިތުރުން، މާލޭގައި މީގެކުރިން އިމާރާތްކުރެވުނު ދެ ސްކޫލެއްވެސް ވަނީ އިމާރާތްކުރެވި އިފްތިތާޙުކުރެވިފައި. އާދެ، އެއީ ކަލާފާނު ސްކޫލާއި ޣިޔާޘުއްދީން ސްކޫލް. އެހެންވީމާ، މިކަންކަމުގައި ޖަޕާނު ސަރުކާރުންނާއި ޖަޕާނު ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖެއަށް ލިބެމުންމިދާ އެހީތަކާއި އެއްބާރުލެއްވުމަށްޓަކައި އަދިވެސް އެއްފަހަރު، ޖަޕާނު ސަރުކާރަށާއި ޖަޕާނުގެ އެކުވެރި ރައްޔިތުންނަށް މި ފުރުޞަތުގައި ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވާޖިބެއްކަމަށް ދެކެން.

އާދެ، އަޅުގަނޑުމެން ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް މި އަދާކުރާ ޝުކުރަކީ، ހަމައެކަނި މިއަދަކު އަދާކުރާ ޝުކުރެއްނޫން. އަޅުގަނޑުމެންނާ ޖަޕާނާ ދޭތެރޭގައި މި އޮންނަ ގުޅުން އުފެދިގެން ތަރައްޤީވަމުން އައި ދުވަސްވަރުގައި އާދެ، އެ ގުޅުމުގެ ހުރިހާ މަރްޙަލާއެއްގައިވެސް އަޅުގަނޑުމެންގެ މި އިޚްލާޞްތެރި ޝުޢޫރު ވަނީ ޖަޕާނު ސަރުކާރަށް އަޅުގަނޑުމެން ބަޔާންކޮށްދީފައި. އާދެ، މި ވާހަކަ މިހެން ދެންނެވުމުގެ ބޭނުމަކީ، އަޅުގަނޑުމެންނަށް ލިބޭ ތަފާތު ފުރުޞަތުތަކުގައި، އަޅުގަނޑުމެންގެ ހިތުގައިވާ އިޚްލާޞްތެރި ޝުޢޫރުތައް ވާނީ، ޖަޕާނުގެ ވެރިންނަށާއި ރައްޔިތުންނަށް ހާމަކޮށްދީފައޭ ދަންނަވާލުން. އާދެ، މިހާރުގެ އެމްޕެރަރ ރަސްމީގޮތުން ރަސްކަމާ ހަވާލުވެވަޑައިގެންނެވި މުނާސަބަތުގައި ޖަޕާނަށް ދިޔުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އަދި އެ ރަސްގެފާނާ ބައްދަލުކުރުމުގެ ޝަރަފާއި އުފާވެސް އަޅުގަނޑަށް ލިބުނު. އެދުވަހުވެސް، ދިވެހި ސަރުކާރާ ރައްޔިތުންގެ ޝުކުރު، އެ ރަސްގެފާނަށް އަޅުގަނޑު ދެންނެވިން. ހަމައެހެންމެ، އޭގެފަހުން އާދެ، މީގެ ދެތިންހަތަރު އަހަރު ކުރިން ޖަޕާނަށް އަޅުގަނޑު ކުރި ޒިޔާރަތެއްގައި، ޖަޕާނުގެ ބޮޑުވަޒީރު މިސްޓަރ ޖުނިޗީރޯ ކޮއިޒުމީއާ ބައްދަލުކުރުމުގެ އުފަލާއި ޝަރަފު އަޅުގަނޑަށް ލިބުނު. އެދުވަހުވެސް އަޅުގަނޑުމެންގެ ޝުކުރު އޭނާއަށް ރައްދުކުރިން. ހަމައެހެންމެ، އެންމެފަހުން މިވޭތުވެދިޔަމަހު، ރާއްޖޭގެ ޢިއްޒަތްތެރި ވަޒީރަކު ޖަޕާނަށް ދަތުރުފުޅެއް ކުރެއްވި. އާދެ، އެބޭފުޅަކީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް އަލްފާޟިލް ޢުމަރު ޒާހިރު. އެމަނިކުފާނުގެ އަތްޕުޅުގައި ޖަޕާނުގެ ބޮޑުވަޒީރަށް އަޅުގަނޑު ސިޓީފުޅެއް ފޮނުވިން. އެ ސިޓީފުޅުގައިވެސް އަޅުގަނޑުމެންގެ ޝުޢޫރުތައް ހާމަކުރިން.

އާދެ، މިވާހަކަ މި ދަންނަވާލީ، އަޅުގަނޑުމެންނާ ޖަޕާނާ ދޭތެރޭގައި މި އޮންނަ ގުޅުމަކީ، އެއްގޮތަކަށްވެސް މިއަދުގެ ގުޅުމެއްނޫނޭ ދަންނަވާލުމުގެ ބޭނުމުގައި. މިއީ ވަރަށް ކުރިއްސުރެ ފެށިގެން ހިނގަމުން އަންނަ، ދެ ފަރާތަށްވެސް ވަރަށް ފައިދާކުރަނިވި ބިނާކުރަނިވި ގުޅުމެކޭ ދަންނަވާލުމުގެ ބޭނުމުގައި. އާދެ، އަޅުގަނޑު ހިތުން އަޅުގަނޑުމެން މިއީ އަބަދުވެސް ހަނދާން ކުރަންޖެހޭނެކަމެއް. ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކުވެރި ޤައުމުތަކާ ދޭތެރޭގައި އޮންނަ ގުޅުމަކީ، އެކަމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ އަދި އެ ގުޅުން ތަރައްޤީކޮށް ކުރިއަރުވަން މަސައްކަތް ކުރަންޖެހޭނެ ގުޅުމެއް.

އަޅުގަނޑުމެންނަކީ ދުނިޔޭގައިވާ، ވަރަށް ކުޑަކުޑަ ޤައުމެއް. އެހެންނަމަވެސް އަޅުގަނޑުމެންގެ ރައުސްމާލަކީ، އަޅުގަނޑުމެންގެ ހިތުގައިވާ އެކުވެރިކަމާއި ރަޙްމަތްތެރިކަން. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ހަމަހިމޭންކަމާއި، އަޅުގަނޑުމެންނަކީ ޞުލްޙަމަޞްލަޙަތަށް ލޯބިކުރާ ބަޔަކުކަމުގައިވާކަން. މިކަންކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ރީތިނަމާއި ތާރީފަކީ، އަޅުގަނޑުމެން އެކަންކަމަށްޓަކައި ހަމައެކަނި ފަޚުރުވެރިވާންވީ ކަންކަމެއްނޫން. އެކަންކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްތަކެއްވެސް ކުރަންވީ ކަންތައްތަކެއް.

އާދެ، ފަށާތަޢުލީމުގެ މުހިންމުކަމާ ބެހޭގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީ ދެންމެ މިތާނގައި ވާހަކަފުޅު ދައްކަވައިފި. އާދެ، "އެންމެންނަށް ތަޢުލީމު" މި ނަމުގައި 1990 ވަނަ އަހަރު ތައިލެންޑުގައި ބޭއްވުނު ބައިނަލްއަޤްވާމީ ޖަލްސާގެ ވާހަކައާއި، އޭގެފަހުން ސެނެގާލްގެ ޑަކާގައި ބޭއްވުނު ޖަލްސާއެއްގެ ވާހަކަ އޭނާ ވިދާޅުވި. މީގެތެރެއިން ފުރަތަމަ ޖަލްސާގައި އާދެ، "އެންމެންނަށް ތަޢުލީމު"ގެ ނަމުގައި ތައިލެންޑުގައި ބޭއްވުނު ޖަލްސާގައި ބައިވެރިވުމުގެ އުފާ އަޅުގަނޑަށް ލިބުނު. އެ ޖަލްސާގައި، އޭނާ އެ ވިދާޅުވިހެން ފާސްކުރި ޤަރާރަކީ، ވަރަށް މުހިންމު ޤަރާރެއް. އާދެ، އެއީ ފަށާ ތަޢުލީމަކީ ޖިންސުގެ ތަފާތުކުރުމެއްނެތި ދުނިޔޭގެ ހުރިހާ ޤައުމެއްގެ ހުރިހާ ކުދިންނަށްވެސް އޮތް ޙައްޤެއްކަމަށް ބުނެފައިވާ ޤަރާރެއް. އެއީ ދިވެހި ސަރުކާރުންވެސް ގަބޫލުކުރާކަމެއް. އެކަމަށްޓަކައި އޭގެކުރިއްސުރެވެސް މި އަންނަނީ މަސައްކަތް ކުރަމުން. އޭގެސަބަބުން މިއަދު ރާއްޖޭގައި ފަށާ ތަޢުލީމު މިވަނީ މާތްﷲގެ ހެޔޮރަޙްމަތްފުޅާއި ވާގިފުޅާއެކީގައި ވަރަށްބޮޑަށް ފެތުރިފައި. މިހާރު އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގައި ހިނގަމުންމިދާ ފަށާ ތަޢުލީމުގެ ފެންވަރުމަތިކޮށް، އެއިން ލިބެންޖެހޭ އެންމެބޮޑު ފައިދާ އަޅުގަނޑުމެންގެ ޅަދަރިންނަށާއި ދިވެހި މުޖުތަމަޢަށް ލިބޭނެ ގޮތްތައް ހަމަޖައްސައި، އެ މަސައްކަތް ކުރަމުން ގެންދިއުން.

އާދެ، އަޅުގަނޑުމެން އެ ސްކޫލެއްގެ އާ އިމާރާތް އިފްތިތާޙުކުރުމުގެ އުފާ މިއަދު މި ލިބިގަންނަ ސްކޫލުގެ ނަން ނިސްބަތްވަނީ، ރާއްޖޭގެ ވަރަށް މަޝްހޫރު މުއައްރިޚަކަށް. އެބޭފުޅަކީ، އަލްޤާޟީ ޙަސަން ތާޖުއްދީން. ޙަސަން ތާޖުއްދީނަކީ، ޢިލްމީ ރޮނގުންނާއި ތާރީޚީ ރޮނގުން ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ވަރަށް މަޝްހޫރު ޢިލްމުވެރިއެއް. އެހެންކަމުން، އެބޭފުޅަކަށް މި މަދަރުސާ ނިސްބަތްވާކަން އެއީ އަޅުގަނޑުހިތުން މި މަދަރުސާގެ ދަރިވަރުންނަށްވެސް ލިބޭ ވަރަށްބޮޑު އުފަލަކާއި ފަޚުރަކާއި ޝަރަފަކަށްވާނެ.

ރާއްޖޭގެ ތަޢުލީމަށް ސަރުކާރުން ކުރާ ހޭދަ ވަރަށްބޮޑު. އޭގެ ތަފްޞީލަށް ނުދިއަޔަސް، ސަރުކާރުގެ ބަޖެޓުގެ ވަރަށް ބޮޑުބައެއް ހޭދަވެގެންދަނީ ތަޢުލީމުގެ ދާއިރާއަށްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުހިތުން އެއީ ހަމަ އެކަން ވާންޖެހޭނެވެސްގޮތް. އާދެ، ތަޢުލީމަށް މިދޭ އަހަންމިއްޔަތަކީ، ޙަޤީޤަތުގައި ތަރައްޤީގެ އެންމެ ފުރަތަމަ ބިންގަލަކީ ތަޢުލީމު ކަމަށްވާތީ، ދޭ އަހަންމިއްޔަތެއް. އެކަން އަޅުގަނޑުހިތުން ދިވެހި ރައްޔިތުންވެސް ގަބޫލުކުރައްވާ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިވެހި ރައްޔިތުން ތަޢުލީމަށް ވަރަށް މަތިވެރި އަހަންމިއްޔަތެއް މިހާރު ދެއްވަމުން ގެންދަވާ. ސްކޫލަށްދާ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި އާންމު ރައްޔިތުން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާ. ޚާއްޞަކޮށް، މައިންބަފައިންނާއި ބެލެނިވެރިން އެކަމަށްޓަކައި ވަރަށްބޮޑު ހޭދައެއްވެސް ކުރައްވަމުން ގެންދަވާ. އެހެންވީމާ، އެކަމަކީ އަޅުގަނޑުމެން ދަމަހައްޓަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ތަޢުލީމުގެ ފެންވަރުމަތިކޮށް، ދިވެހި ދަރިންނަކީ ތަޢުލީމު ލިބިފައިވާ ހުނަރުވެރިބަޔަކަށް ހެދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ، ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮންނާނެ އެންމެ މުހިންމު، އެންމެބޮޑު މަސައްކަތްކަމާމެދަކު ޝައްކެއްނެތް.

އާދެ، މިއަދު މި ހުޅުވޭ ތާޖުއްދީން ސްކޫލުގެ އާ އިމާރާތަކީ، މިޒަމާނުގެ ޢުމްރާނީ ވަސީލަތްތައް ފުރިހަމަވެފައިވާ ސްކޫލެއް. އާދެ، ދެންމެ މިތާނގައި ވާހަކަފުޅުދެއްކެވި ބޭފުޅުން އެ ވިދާޅުވިގޮތުގައި އަދި ޚާއްޞަކޮށް "ޖައިކާ"ގެ ފަރާތުން ވަޑައިގެންނެވި ބޭފުޅަކު ދެންމެ މިތާނގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިގޮތުގައި، މިތާނގައި ހެދިފައިމިވާ އިމާރާތުގައި ހުރިހާ ކަމެއްވެސް ހުރީ، މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން މިތާނގައި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ތަޢުލީމު ދެވޭގޮތަށް ހަމަޖެހިފައި. އެހެންވީމާ، އެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް މިއަދު ލާޒިމުވެފައިވާ ކަމެއް.

އާދެ، ސްކޫލެއްގެ ރީތިކަމާއި ފުރިހަމަކަމަކީ، ހަމައެކަނި ސްކޫލެއްގެ އިމާރާތުގެ ރީތިކަމާއި ފުރިހަމަކަމެއްނޫން. އެއީ، އެ ސްކޫލަކުން ލިބެންހުރި ވަސީލަތްތައް އޭގެ އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުން. އަދި އެ ވަސީލަތްތަކުގެ ބޭނުންކޮށްގެން ތަޢުލީމީ، ހުނަރުވެރި، އަޚްލާޤު ރަނގަޅު، ޤައުމުދެކެ ލޯބިވާ، ޤައުމަށް އިޚްލާޞްތެރި ކުދިންތަކެއް، ޒުވާނުންތަކެއް އުފެއްދުން. އެފަދަ ބަޔަކު ބިނާކުރަމުން ގެންދިއުން. އެހެންވީމާ، އަޅުގަނޑު އެދެނީ، ރާއްޖޭގައި ހިނގަމުންދާ ކޮންމެ ސްކޫލަކުންވެސް، އެ ސްކޫލްތަކުގައި ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ކުރައްވަމުން ގެންދެވުން. އަދި މިދެންނެވި އުސޫލުން އެ ސްކޫލްތަކުގައި ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ކުރައްވަމުން ގެންދެވުން. އަދި މިދެންނެވި އުސޫލުން އެ ސްކޫލްތަކުގެ ދަރިވަރުންނަކީ ތަޢުލީމު ލިބިފައިވާ، ހުނަރުވެރި، އަޚްލާޤު ރަނގަޅު، ޤައުމުދެކެ ލޯބިވާ، ޤައުމަށް އިޚްލާޞްތެރި ބަޔަކުކަމުގައި ހެއްދެވުމަށް އެ ވަސީލަތްތައް ބޭނުންކުރައްވަމުން ގެންދެވުން. މިކަމަށް ހުރިހާ ސްކޫލްތަކެއްގެ ވެރިންނާއި، މުދައްރިސުންނާއި، ހިންގުންތެރިން ސަމާލުކަން ދެއްވުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް.

އާދެ، ކޮންމެ ސްކޫލަކީވެސް ކުޑަކުޑަ މުޖުތަމަޢެއް. ކޮންމެ ސްކޫލަކީވެސް ޢާއިލާއެއް. އާދެ، އެކަކު އަނެކަކާ ގުޅިގެން، އެއް މަޤްޞަދެއް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރާ ޢާއިލާއެއް. އެހެންވީމާ، އަޅުގަނޑު މިދެންނެވި ކޮންމެ ސްކޫލެއްގެވެސް މުޖުތަމަޢު ނުވަތަ ޢާއިލާ ވާންވާނީ، ކުރިއެރުމަށް އަބަދުވެސް މަސައްކަތްކުރާ، އެކުވެރިކަމާއި އެއްބާރުލުމުގެ ނަމޫނާއަކަށް. އެފަދަގޮތަކަށް އަޅުގަނޑުމެންގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށްގެންނޫނީ، ސްކޫލްތަކުން ދަރިވަރުންނަށާއި މުޖުތަމަޢަށް ލިބެންޖެހޭ ފުރިހަމަ ފައިދާ ލިބިގެނެއްނުދާނެ.

އާދެ، ރާއްޖޭގައި މިހާރު ދެވެމުންމިދާ ތަޢުލީމުގެ ފެންވަރު ފުޅާކުރައްވައި މަތިކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، ރާއްޖޭގެ ތައުލީމާބެހޭ އެހެން ދާއިރާތަކުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ. އެކަމަށްޓަކައި، އަޅުގަނޑުމެންގެ ރާއްޖޭގެ ތަޢުލީމީ ވުޒާރާ އެކިދުވަސްވަރު ބަލަހައްޓަވައިދެއްވާފައިވާ ޢިއްޒަތްތެރި މިނިސްޓަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެފަދައިން، މިހާރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީއަށާއި، އޭނާގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގައި މަސައްކަތްކުރައްވާ، ވަޒީފާ އަދާކުރައްވާ އެހެން ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެއިތުރުން، ރާއްޖޭގައި ތަޢުލީމީ ޚިދުމަތް ދެއްވަމުންގެންދަވާ އަމިއްލަ ފަރާތްތަކަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ ފަދައިން، މާލެއާއި އަތޮޅުތަކުގައި ވަރަށް ގިނަ އަދަދެއްގެ އަމިއްލަ މަދަރުސާތަކާއި ސްކޫލްތައްވެސް ހިނގަމުންދޭ. އޭގެތެރޭގައި މުޅިން އަމިއްލައަށް ހިންގާ ތަންތަނާއި، ސަރުކާރުގެ އެހީ އެކިމިންވަރަށް ލިބިގެން ހިންގާ ތަންތަން ހިމެނޭ. އަދި ރައްޔިތުންގެ ތަންތަންވެސް ހިމެނޭ. މި ހުރިހާ ތަންތަނެއް ހިންގަވާ ބޭފުޅުންނާއި، އެ ތަންތާނގައި އެ ޚިދުމަތް ދެއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކީ ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް އަދާކޮށްދެއްވަމުން ގެންދަވާ ފަރާތްތަކެއް. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށްވެސް ސަރުކާރުގެ ނަމުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގައި މިއަދު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، ސްކޫލެއްގެ އިމާރާތުގެ ފުރިހަމަކަމަކީ، އެ އިމާރާތުގެ ރީތިކަމެއްނޫން. އަދި އެ އިމާރާތަށް ލިބިފައިވާ ވަސީލަތްތަކުގެ މޮޅުކަމެއްވެސްނޫން. އެއީ އެ ވަސީލަތްތަކުގެ ބޭނުން އަޅުގަނޑުމެން އެންމެ ހެޔޮގޮތުގައި ކޮށްގެން، އެ ވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެން މުޖުތަމަޢަށް ރަނގަޅު ދަރިންތަކެއް ނެރުން. ރަނގަޅަށް ތަރުބިއްޔަތު ކުރެވިފައިވާ، ދީންދެކެ ލޯބިވާ، ޤައުމަށް އިޚްލާޞްތެރި، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާކުރާނެ ދަރިންތަކެއް، ކުޑަކުދިންތަކެއް އަދި އޭގެފަހުން ޒުވާނުންތަކެއް މުޖުތަމަޢަށް ނެރުން. އެހެންވީމާ، މި މުހިންމު މާތް މަޤްޞަދު ހާސިލުކުރުމުގައި ދިވެހި ރައްޔިތުންނާއި ސަރުކާރާ އެއްބާރުލައިގެން މަސައްކަތްކޮށްފިއްޔާ އަޅުގަނޑުހިތުން ކުރިޔަށްއޮތްތާނގައި އަޅުގަނޑުމެން ބޭނުންވާ، ވަރަށް އުފާވެރި ދުވަސްތަކެއް ފެނިގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަދިވެސް އެއްފަހަރު ޖަޕާނު ސަރުކާރުން ވެދެއްވި ދީލަތި އެހީއަށް ޖަޕާނު ސަރުކާރަށް ޝުކުރު ދަންނަވަން. އަދި މި ފުރިހަމަ އާ އިމާރާތް ބިނާކުރުމުގައި އެކިގޮތްގޮތުން މަސައްކަތް ކޮށްދެއްވި، އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން. އަދި ތާޖުއްދީން ސްކޫލުގެ ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑުގެ ހިތުގެ ލޯތްބާއެކީ މަރްޙަބާޔާއި ތަހުނިޔާ އަދާކުރަމުން، އެކުދިންނަށް އުފާވެރި މުސްތަޤްބަލަކަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّلام عليكم ورحمـة اللّـه وبركاته.