بســم اللّـه الرّحمـن الرّحيــم

އާދެ، އަޅުގަނޑު މިއަދު ހުޅުދުއްފާރަށް މިއައީ، މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ ހާސިލުކުރުމަށްޓަކައި. ހަމައެޔާއެކީގައި، މިވަގުތު މިރަށުގައި ދިރިއުޅުއްވަމުން ގެންދަވާ ކަނދޮޅުދޫ ރައްޔިތުންނާވެސް ބައްދަލުކޮށްލުމުގެ އުފާ ހާސިލުކުރުމަށްޓަކައި.

އާދެ، ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން، ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކުރައްވައިފި. އެކަމަށްޓަކައި މާޅޮސްމަޑުލު އުތުރުބުރީގެ އަތޮޅުވެރިޔާ އަލްފާޟިލް ޙާމިދު ޔޫސުފަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އަޅުގަނޑު މިއަތޮޅަށް އައުމުން، މިއަތޮޅުގެ އަތޮޅުވެރިންނާއި، އަތޮޅުއޮފީހުގެ އިސްވެރިންނާއި، މުވައްޒަފުންނާއި އަދި ރަށްރަށުގެ ވެރިންނާއި އަދި ޚާއްޞަކޮށް، ހުޅުދުއްފާރުގެ ވެރިންނާއި، ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ މިދަތުރު އިއްޔެ ފަށައިގެން މިއުޅެނީ. މީގެކުރިންވެސް އަޅުގަނޑު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކޮށްފައިވާ ފަދައިން، މި ދަތުރަކީ، މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު އަޅުގަނޑުމެންގެ ރާއްޖެއަށާއި އަދި ރާއްޖޭގެ ކައިރީގައިވާ އެހެން ޤައުމުތަކަށް މިދިމާވި ބޮޑު ޤުދުރަތީ ކާރިސާގެ ސަބަބުން ގެއްލުން ލިބުނު ރަށްރަށަށް ޒިޔާރަތްކުރުމުގެ ދަތުރެއް.

އާދެ، އަޅުގަނޑު މީގެކުރިން، މިކަމުން އެންމެ ބޮޑެތި ގެއްލުން ލިބުނު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ވަނީ ޒިޔާރަތްކޮށްފައި. އެ ރަށްރަށުގެ މީހުންނާ ބައްދަލުކޮށްލައި، އެމީހުންގެ ޙާލުއަޙުވާލު ބަލައިލާފައި. ހަމައެފަދައިން، އަޅުގަނޑު އޭރު ކުރި ދަތުރުގައި އަދި އޭގެފަހުންވެސް އެދަތުރުގެ ބައިތަކެއް ކުރިއަށްމިދަނީ. އަޅުގަނޑު ކަނދޮޅުދުއަށްވެސް ދިޔައިން. ކަނދޮޅުދުއަށް ދިޔައިރު، ކަނދޮޅުދޫގެ ރައްޔިތުން ވަނީ އެހެން ތަންތަނަށް ބަދަލުވެވަޑައިގެންފައި. އެހެންނަމަވެސް، ރަށުގައި ތިބި ބަޔަކާ ބައްދަލުކޮށް، އެރަށަށް އެފަހަރު ދިމާވި ކަންތައްތަކުގެ ޚަބަރު އަޅުގަނޑު އޮޅުންފިލުވިން.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، 26 ޑިސެންބަރުގައި މިއައި ސުނާމީއަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް ފަހަކަށްއައިސް ކުރިމަތިނުވާފަދަ ވަރަށް ބޮޑު ޤުދުރަތީ ކާރިސާއެއް. ވަރަށް ގެއްލުންބޮޑު ހާދިސާއެއް. އެކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އަޅުގަނޑުމެންގެ އަޚުންތަކަކާއި އުޚްތުންތަކެއް ވަނީ އަޅުގަނޑުމެންނާ ވަކިވެގެންގޮސްފައި. އަދި ވަރަށް ގިނަ ބައެއްގެ ގެދޮރު ވަނީ، ނެތިގޮސްފައި. ދިރިއުޅުމަށް ކުރަމުންއައި މަސައްކަތްތައްވެސް ވަނީ، މުޅިން ސުންނާފަތިވެ އެގޮތްމިގޮތަށް ބަދަލުވެގެންގޮސްފައި. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު މިޖެހެނީ އަޅުގަނޑުމެންގެ ދިރިއުޅުން އަލުން ބިނާކުރުމަށް މަސައްކަތްތަކެއް ކުރަން.

އާދެ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވާތީ، އަދި އަޅުގަނޑުމެންނަކީ ތެދުވެރި މުއުމިނުން ކަމަށްވާތީ، އަޅުގަނޑުމެން މާތްﷲ ގެ މިންވަރުފުޅަށް ފުރިހަމައަށް އީމާންވާންޖެހޭ. ބައެއްފަހަރަށް އަޅުގަނޑުމެންނަށް ހިތާމަވެރި ކަންތައްތައް ދިމާވާނެ. އަނެއްބައިފަހަރަށް އުފާވެރި ކަންތައްތައް ދިމާވާނެ. މިއިން ކޮންމެ ކަމެއް ދިމާވިޔަސް، އެކަމެއް އެދިމާވަނީ ﷲ ގެ މިންވަރުފުޅާ އެއްގޮތްވާގޮތުގެމަތިންކަން އަޅުގަނޑުމެން ހިތުގެއަޑިން ގަބޫލުކުރަމު. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން މިތިބެނީ ރުހިގެން. އެހެންނަމަވެސް، މާތް ﷲ އަންގަވާފައިވަނީ، އަޅުގަނޑުމެން އަމިއްލައަށް މަސައްކަތްކޮށްގެން ކަންތައްތައް ރަނގަޅުކުރުމަށް. އެގޮތުން ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ އެންމެން، ކުދިބޮޑު، އަންހެންފިރިހެން އެންމެން އަދި ރާއްޖޭގައި އުފެދިފައިވާ އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާ، މިހުރިހާ ފަރާތްތަކަކުން މަސައްކަތްކުރަމުން މިގެންދަނީ، އަޅުގަނޑުމެންނަށް މިލިބުނު ގެއްލުން ފޫބައްދައި، އަޅުގަނޑުމެން އޭގެކުރިން ތިބި ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ދެވޭތޯ. އެގޮތުން ކުރާ މަސައްކަތްތަކުގެ ނަތީޖާ، މާތް ﷲގެ ވާގިފުޅާއެކު ފެންނަމުން އެބަދޭ.

އާދެ، އަޅުގަނޑު ހުޅުދުއްފާރުގައި ހުރެގެން ދަންނަވާލަން ބޭނުންވާ މުހިންމު ވާހަކައެއް އެބައޮތް. އެއީ، ރާއްޖޭގެ ރައްޔިތުން މިކަމުން މިދެއްކެވި ރީތި ނަމޫނާ. ހުޅުދުއްފާރަށް ކަނދޮޅުދޫ ރައްޔިތުންގެ ވަރަށް ބޮޑު ބައެއް އައިމާ، އެމީހުންނަށް ވަރަށް ބޮޑަށް ކަމޭހިއްތަވައި، އެމީހުންނަށް ތިޔަގެންދަވަނީ މެހްމާންދާރީކަން އަދާކޮށްދެއްވަމުން. ވަރަށް ފުރިހަމަގޮތެއްގައި، ވަރަށް ރީތި، ހަމަޖެހޭ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި. އެހެންވީމާ، އެކަމަށްޓަކައި ހުޅުދުއްފާރުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިރަށަކީ އަލަށް އާބާދުވި ރަށެއް، 1995 ވަނަ އަހަރު. އާދެ، އެދުވަހު އަޅުގަނޑު މިރަށަށް އައި ހަނދާން އެބަހުރި. އެ އަހަރުގެ މާރިޗުމަހުގެ 13 ވަނަ ދުވަހު. އެއީ އޭރު މިރަށަށް އައިސް ވަޒަންވެރިވި މީހުންނާއިގެން އަލަށް އާބާދުވި ރަށެއްގެ ގޮތުގައި މިރަށް ހަމަޖެއްސުމަށްޓަކައި. އާދެ، އެއީ ގާއުނޑޫދޫ މީހުންނާއި އަދި އުނގުލު މީހުންނާ. މި ދެރަށުގެ ރައްޔިތުން މިރަށަށް އައިސް ވަޒަންވެރިވެފައި މިތިބީ. އެހެންވީމާ، މިރަށުގެ ރައްޔިތުންނަކީ އަޅުގަނޑުމެންގެ ދިވެހިވަންތަކަމުގެ ޝުޢޫރުތަކާއި އޭގެ އުސޫލުތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުންކަމުގައި އަޅުގަނޑު ދެކެނީ. އެއީ، އަޅުގަނޑުމެން ދިރިއުޅޭތަން، އެއްރަށަކުން އަނެއްރަށަކަށް ބަދަލުވިޔަސް، އަޅުގަނޑުމެންނަކީ ދިވެހިންކަމާއި، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން އަބަދުވެސް ހަނދާންކުރާ ބައެއްގެގޮތުގައި. އެގޮތުން ކަނދޮޅުދޫން މިރަށަށް ވަގުތީގޮތުން ނަމަވެސް ބަދަލުވި މީހުންނާ ދޭތެރޭގައި ހުޅުދުއްފާރުގެ ރައްޔިތުން ތިޔަބަހައްޓަވާ ގާތް އުޚުއްވަތްތެރިގޮތަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ކަނދޮޅުދޫ ރައްޔިތުންވެސް މިހާރު ތަޙައްމަލު ކުރައްވަމުން އެގެންދަވާ ދަތިތައް އަޅުގަނޑަށް ތަޞައްވަރުކުރެވޭ ވާހަކަ ދަންނަވާލަން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެބޭފުޅުންނަށްވެސް ރަނގަޅު ގޮތްތަކެއް ހަމަޖެހިގެންދާނެ. އެއީ ކަނދޮޅުދޫއަކީ މީގެފަހުން މީހުން ދިރިއުޅޭ ރަށެއްގެގޮތުގައި އޮވެވޭވަރުގެ ތަނަކަށްނުވޭ. އެކިފަހަރުމަތިން ދިމާވި އެކިއެކި ޤުދުރަތީ ހާދިސާތަކުން އަޅުގަނޑުމެންނަށް އަންގައިދޭ ކަމަކީ، ކަނދޮޅުދޫއަކީ މީހުންނަށް ދިރިއުޅެވޭނެ ތަނެއް ނޫންކަން. ޚާއްޞަކޮށް، މުސްތަޤްބަލުގައި ކުރިމަތިވެދާނެ ތިމާވެށީގެ މައްސަލަތަކެއް ހުރުމާއެކީގައި، ކަނދޮޅުދޫއަކީ މީހުން ދިރިއުޅެން ކަމުދާ ރަށަކަށްނުވޭ.

އެހެންވީމާ، ކަނދޮޅުދޫ ރައްޔިތުން މިބަދަލުވަނީ އެހެން ރަށްރަށަށް. އެ ބަދަލުވާއިރު، ބަދަލުވާ ދުވަސްވަރު އެމީހުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ. ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އަޅުގަނޑުހިތުން އެކަން ޖެހޭނީ ގަބޫލުކުރަން. އަޅުގަނޑަށް އެނގޭ، އެއީ ވަރަށް ބޮޑެތި ދަތިތަކެއްކަން. އެހެންނަމަވެސް، ސަރުކާރުން މަސައްކަތްކުރަމުން މިގެންދަނީ. އަދި ސަރުކާރުގެ ވަސީލަތްތައް މި ހުރިހާ ޚަރަދުތަކަކަށް ތަންނުދޭތީ، ބޭރުގެ އެހީވެސް ހޯދައިގެން މަސައްކަތްކުރަމުން މިގެންދަނީ، ހާލުގައިޖެހުނު މީހުންނަށް ރަނގަޅުގޮތްތަކެއް ހޯދައިދެވޭތޯ. ފުރަތަމަ ވަގުތީ ހިޔާވަހިކަން، އޭގެފަހުން ދާއިމީ ހިޔާވަހިކަން ހޯދައިދެވޭތޯ. އިރާދަކުރެއްވިއްޔާ، ސަރުކާރުން ހުއްޓުމެއްނެތި އެ މަސައްކަތްކުރަމުން ގެންދާނަން.

އާދެ، މިއަދު އަޅުގަނޑު މިރަށަށް މިއައީ މިދެންނެވިގޮތުގެ މަތިން. މިރަށަށް ބަދަލުވި މީހުންގެ ޙާލުބަލާލައި މިހާރު ހިނގަމުންދާ މަސައްކަތްތައްވެސް ދެނެގަނެ އަދި ހުޅުދުއްފާރުގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްލުމަށްޓަކައި. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ޝުޢޫރުތައް ފާޅުކުރަމުން، އަޅުގަނޑު ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުމަށް. އަޅުގަނޑުމެންގެ ދިވެހިންގެ މެދުގައި އަބަދުވެސް އެކުވެރިކަމާއި، އެއްބާރުލުމާއި، އުޚުއްވަތްތެރިކަމުގެ ރޫޙު ބަދަހިކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އެކަލާނގެ ތައުފީޤު ލެއްވުމަށް. ހަމައެހެންމެ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ސަރުކާރާއި، ރައްޔިތުންނާއި، ރައްޔިތުންގެ އަފްރާދުންނާއި، ޖަމާޢަތްތަކާ ގުޅިގެން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.