بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، އަޅުގަނޑު މިއަދު އުނގޫފާރަށް މިއައީ، ރާއްޖޭގެ އުތުރުގެ ދެއަތޮޅަކަށް ކުރާ ދަތުރެއްގައި. މިދަތުރުގެ ބޭނުމަކީ، މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށާއި އަދި މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ކުރިމަތިވި، ސުނާމީ ކާރިސާއިން ގެއްލުން ލިބުނު ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ މީހުންނާއި ބައްދަލުކޮށް، ކަންތައްތައް ވަމުންދާގޮތް ބަލައިލުން. މިގޮތުން، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގެ ވަރަށް ގިނަ ރަށްރަށަކަށް އަޅުގަނޑަށް މިހާރު ވަނީ ޒިޔާރަތްކުރެވިފައި.

ދެން ކޮންމެގޮތެއްގައިވެސް އަޅުގަނޑުމެންނަށް މިހާރު މި ކުރިމަތިވެފައިވާ ދުވަސްވަރަކީ، ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެ ދުވަސްވަރެއްކަން، އަޅުގަނޑުހިތުން ތިޔަ ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާނެ. ޙަޤީޤަތުގައި ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށާއި، އަދި އެހެން ޤައުމުތަކަށް މި ކުރިމަތިވި ޤުދްރަތީ ކާރިސާއަކީ، ވަރަށް ގެއްލުން ބޮޑު ގޮތެއްގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ކާރިސާއެއް. ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެވެސް ރާއްޖެއަށް އެކަމުންވީ ގެއްލުން ބޮޑު ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެއީ، ރާއްޖޭގެ އިޤްތިޞާދު ރޭވިފައިވާގޮތާއި، ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވާތީ، އަޅުގަނޑުމެންގެ ތެރެއިން، މި ކާރިސާގެ އަސަރުނުފޯރާ ހަމަ އެކަކުވެސް ނެތޭ ދެންނެވިދާނެ. އެހެން ޤައުމުތަކުގައި އެހެނެއްނޫންވާނީކީ. ޤައުމުތަކުގެ ކޮންމެވެސް އެއް ސަރަޙައްދަކަށް ނުވަތަ ބައެއް ސަރަޙައްދަށް، މީގެ އަސަރު ފޯރާފައިވަނީ. އެހެން ސަރަޙައްދުތައް އޮތީ ސަލާމަތުން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ސަލާމަތުންހުރި ރަށްރަށް ވަރަށް މަދު. ކޮންމެގޮތެއްގައިވެސް މިކަމުގެ ހިތި އަސަރު އަޅުގަނޑުމެން މިވަގުތު މިވަނީ ތަޙައްމަލްކުރަންޖެހިފައި. އަޅުގަނޑުމެންގެ ތެރެއިން ލޮބުވެތި އަޚުންތަކަކާއި، އުޚްތުންތަކެއް ވަނީ މި ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް ވަރަށް ހިތާމަކުރަމު. އަދި އެމީހުންނަށް، އެމީހުންގެ ފުރާނަތަކަށް މާތް ﷲ ހެޔޮ ރަޙްމަތްލެއްވުން އެދި، އަޅުގަނޑުމެން އެންމެން އެބަ ދުޢާކުރަމު. ހަމަ އެއާއެކީގައި، އެބައިމީހުންގެ ޢާއިލާތަކަށާއި، ރަށްރަށުގެ މީހުންނަށް އަޅުގަނޑުމެންގެ ހިތުގައި އުފެދިފައިވާ ތަޢުޒިޔާގެ ޝުޢޫރުތައް މިގެންދަނީ ރައްދުކުރަމުން.

މީގެއިތުރުން، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދީ ބިނާއަށް ވަނީ ވަރަށް ބޮޑު ގެއްލުން ލިބިފައި. އިޤްތިޞާދީ އަދި އިޖުތިމާޢީ ބިނާއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެ ގެއްލުންތައް ފޫބެއްދުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ވަރަށް ގިނަ، ވަރަށް ބުރަ މަސައްކަތް ކުރަން. އެ މަސައްކަތް މިހާރު މިގެންދަނީ ކުރަމުން. އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިފަދަ ބޮޑު ކަމެއް ދިމާވީމާ، ސަރުކާރުގެ އެންމެ ދާއިރާއަކުން ނޫނޭ މަސައްކަތް ކުރައްވަންޖެހޭނީކީ. ސަރުކާރުގެ ހުރިހާ ދާއިރާތަކަކުންވެސް ހަމަ މިކަމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން އެބަޖެހެއޭ. އަދި ސަރުކާރުގެ ދާއިރާތަކުގެ އިތުރުން، އަމިއްލަ އަފްރާދުންނާއި، އަމިއްލަ ޖަމާޢަތްތަކާއި، މުޅި ރައްޔިތުން މިކަމުގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރަން އެބަޖެހެއޭ.

އެހެންވީމާ، ސަރުކާރުން މިކަމާބެހޭ ވަކި ދާއިރާއެއް ޤާއިމުކުރީ. އާދެ، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ނަމުގައި އެ ހިނގަމުންދާ ދާއިރާއަކީ، މިކަމާ ގުޅިގެން ވީ ގެއްލުންތައް ބަލައި، އެ ގެއްލުންވީ ފަރާތްތަކަށް ވަގުތީ އެހީ ދިނުމާއި، އަދި މުސްތަޤްބަލަށް ރާވައިގެން، އެމީހުންގެ ކަންތައްތައް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގުން. މި މަސައްކަތް އެބޭފުޅުން ވަރަށް އިޚްލާޞްތެރިކަމާއި، މުރާލިކަމާއި، ހީވާގިކަމާއެކީގައި ކުރައްވަމުން އެބަ ގެންދަވާ. އެއީ، އެކަމުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އިސްމާޢީލް ޝަފީޢު. އެމަނިކުފާނު މިއަދު މިތަނަށް ވަޑައިގެން އެބަ ހުންނެވި. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޢިއްޒަތްތެރި މިނިސްޓަރ އިސްމާޢީލް ޝަފީޢާއި އަދި އެނޫން އެހެން މިނިސްޓަރުންނާއި، އެމަރުކަޒުގެ، އަޅުގަނޑުމެން އެންމެފަހުން މި އުފެއްދި ޤައުމީ މަރުކަޒުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުން، ރެޔާއިދުވާލު އެ މަސައްކަތް ކުރައްވަނީ މިކަމުން އަޅުގަނޑުމެންނަށް އަލިމަގެއް ފެނޭތޯ ބެއްލެވުމަށޭ.

އާދެ، އަޅުގަނޑުދާ ވަރަށް ގިނަ ތަންތާނގެ، ޚާއްޞަކޮށް މި ކާރިސާގައި ގެއްލުން ލިބުނު މީހުން އެބަ ސުވާލުކުރޭ، ގެދޮރުނެތިދިޔަ މީހުންނާއި، އެހެން ރަށްރަށަށް ދާންޖެހުނު މީހުން އެބަ ސުވާލުކުރޭ، ތިމަންނާމެންނަށް ދެންވާނީ ކިހިނެއްހޭ؟ އެއީ ހަމަ ވަރަށް ރަނގަޅު ސުވާލެއް. ކުރަންވެސް ޖެހޭނެ ސުވާލެއް. އަޅުގަނޑުމެންގެ ހިތުގައިވެސް އޮތީ އެ ސުވާލު. އެހެންވީމާ، އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ސަރުކާރުގެ ދާއިރާތަކުން އެމަސައްކަތް ކުރައްވަނީ. ދެން ޚާއްޞަކޮށް މި ދެންނެވި، ސުނާމީ ކާރިސާއާ ބެހޭގޮތުން އުފައްދާފައިމިވާ ޤައުމީ މަރުކަޒުން ރެޔާއިދުވާލު އެ މަސައްކަތް ކުރައްވަނީ، އަޅުގަނޑުމެންނަށް މިކުރިމަތިވި މައްސަލަތަކަށް ޙައްލުތަކެއް ހޯއްދަވައިދެއްވޭތޯ. އޭގެތެރެއިން އެއްކަމަކީ، އެންމެ ފުރަތަމަ، ހާލުގައި ޖެހުނު މީހުންނަށް ވަގުތީ އެހީވެދެއްވުން. ކުއްލި އެހީވެދެއްވުން. އެކަންވެސް ވަރަށް ރަނގަޅަށް އިންތިޒާމު ކުރައްވައިގެން ކުރައްވަމުން އެބަގެންދަވާ. ހަމަ އެއާއެކީގައި، ގެދޮރުނެތިދިޔަ މީހުންނަށް ވަގުތީ ހިޔާވަހިކަން ހައްދަވައިދެއްވުން. އެގޮތުން، މިރަށުގައިވެސް އަދި އަޅުގަނޑު މިއަދު ހެނދުނުދިޔަ ހުޅުދުއްފާރުގައިވެސް އެ މަސައްކަތް އެދަނީ ހިނގަމުން. އަދި އެނޫން ރަށްރަށުގައިވެސް އެމަސައްކަތް ހިނގަމުން އެބަދޭ.

ދެންއޮތީ އެންމެ ބޮޑު ކަންތައް. އާދެ، އެއީ ދާއިމީ ހިޔާވަހިކަން ހޯދައިދިނުން. ގެދޮރުނެތިދިޔަ މީހުންނަށް، ދާއިމީ ގެދޮރު އަޅައިދިނުމުގެ މަސައްކަތް. އެ މަސައްކަތްވެސް މިހާރު ވަނީ ފެށިގައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އަރިއަތޮޅު މާމިގިލީގައި، ދާއިމީ ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫއެއް ވަނީ ފެށިފައި. އަދި އެ މަޝްރޫޢު ފަށައިދިނުމަށް އެރަށަށް އަޅުގަނޑު ގޮސް އެކަން ކުރުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލަކަށް ވެގެންދިޔައީ. އެހެންވީމާ، އެ މަސައްކަތްވެސް އެބަ ހިނގާ. އަދި އެނޫން އެހެން ރަށްރަށުގައިވެސް އިރާދަކުރެއްވިއްޔާ، ލަހެއްނުވެ ދާއިމީ ގެދޮރު އެޅުމުގެ މަސައްކަތް ފެށިގެން ހިނގަމުންދާނެ. މިކަމުގައި އަޅުގަނޑުމެންނަށް ދިމާވާ ދައްޗަކީ، ފައިސާގެ ދަތިކަން. މިއީ ވަރަށް ގިނަ ޚަރަދުތަކެއް ހިނގާނެ ކަންތައްތަކެއް. ގެދޮރުއެޅުމާއި، ރަށް އަލުން ޢިމާރާތް ކުރުން، ބަނދަރުހެދުން، ފާލަންތައް ހެދުން. އަދި ދިރިއުޅުމުގެ ގޮތުން ކުރާ މަސައްކަތްތަކަށް ގެއްލުން ލިބުނު މީސްމީހުންނަށް ލިބުނު ގެއްލުން ފޫބައްދައިދިނުން. ސްކޫލްތަކަށާއި، ހެލްތު ސެންޓަރުތަކަށާއި، މިނޫން ތަންތަނަށްވީ ގެއްލުންތައްވެސް މަރާމާތުކޮށް، އެތަންތަން އަލުން ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި، ކުރިންހުރި ފެންވަރަށް ގެނައުން. މިހެންގޮސް ދަންނަވާފައި ނުދަންނަވާނެ ވަކިކަމެއް ނެތް. ވަރަށް ބޮޑެތި ޚަރަދު ހިނގާ ކަމެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންގެ އިޤްތިޞާދުވެސް ވަރަށް ކުޑަ. ލިބޭ އާމްދަނީވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ވަރަށް ކުޑަ. އެހެންވީމާ، އަޅުގަނޑުމެންގެ އަމިއްލަ ބަޖެޓުން ޚަރަދުކޮށްގެން މި ހުރިހާ ކަމެއް ވެވޭކަށް ނޯންނާނެ. އެއީ އެންމެ ބޮޑު މައްސަލައަކީ. މިކަމާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ބޭރުގެ ފަރާތްތަކުގެ އެހީ ހޯދޭތޯ. އެ އެހީވެސް އިރާދަކުރެއްވިއްޔާ ލިބެމުން އެބަދޭ. އަދި ބައެއް އިތުރު އެހީ ލިބޭނޭކަމުގެ ބަސްވެސް އަޅުގަނޑުމެންނާ ހަމައަށް އަންނަމުން އެބަދޭ. އެއީ ބޭރުގެ، އަޅުގަނޑުމެންނާ ގުޅުންހުރި އެކުވެރި ޤައުމުތަކާއި، އަދި ބައެއް ސަރަޙައްދީ، އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަދި އެނޫން އަމިއްލަ ފަރާތްތަކުންވެސް އަޅުގަނޑުމެންނަށް އެހީ ވެދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި. އަދި ބައެއް ފަރާތްތަކުން އެހީ މިހާރު ވަނީ ލިބިފައިވެސްމެ.

މިގޮތުން، އދ. މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ޒިޔާރަތް ކުރެއްވި. ދުނިޔޭގެ ބޭންކުގެ އެންމެ އިސްވެރިޔާ ރާއްޖެއަށް ޒިޔާރަތް ކުރެއްވި. އަދި ދާދި މިދާކަށްދުވަހު އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ، ބިލް ކްލިންޓަނާއި، ޖޯޖް ބުޝްވެސް ރާއްޖެއަށްވަނީ ޒިޔާރަތް ކުރައްވާފައި. އެ ހުރިހާ ބޭފުޅުންވެސް ރާއްޖެއަށް ބޭނުންވާ އެހީތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވަނީ ވިދާޅުވެފައި. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން، ބޭރުގެ އެހީއަކީ އިރުއޮއްސިފައި އިރުއަރާއިރު، ކުއްލިއަކަށް ހަމަޖެހިފައި އޮންނާނެ ކަމެއްނޫން. އެކަމަށް ވަގުތު ބޭނުންވާނެ.

އެހެންވީމާ، އެކަމުގައި މިހާރު އަޅުގަނޑުމެން މިއުޅެނީ. ހަމަ މިހާރުވެސް މިދިޔަ ދެތިންދުވަހުގެ ތެރޭގައިވެސް، ރާއްޖެއަށް އެހީ ދިނުމާބެހޭ ޖަލްސާއެއް ރާއްޖެއިން ބޭރުގައި ކުރެވިއްޖެ. އެޖަލްސާގައި އަޅުގަނޑުމެންގެ ޢިއްޒަތްތެރި ދެމިނިސްޓަރަކުވެސް ބައިވެރިވެވަޑައިގެންނެވި. އެހެންވީމާ، މިކަންކަމުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ޚަބަރު ލިބެނީ ނުވަތަ އަޅުގަނޑުމެންނަށް މިދޭހަވަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި، ދިވެހިރާއްޖެއަށް ބޭނުންވާ އެހީގެ ވަރަށް ބޮޑު ބައެއް، ބޭރުން ލިބޭނެ ކަމުގައި. އެކަން އެހެންވެއްޖިއްޔާ، އަޅުގަނޑުމެން ކުރާ މަސައްކަތަށް ވަރަށް ބޮޑު ލުއިކަމަކާއި، ވަރަށް ބޮޑު ފަސޭހައަކަށްވާނެ. އާދެ، އެއީ އެކަން އޮތްގޮތް. އަޅުގަނޑުހިތަށްއެރީ، ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލާނަމޭ.

ދެން ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިއޮތް ޞުލްޙަވެރިކަމާއި، އެކުވެރިކަމާއި، އެއްބާރުލުމުގެ ރީތި ނަމޫނާތައް އަޅުގަނޑުމެންނަށް މި ކާރިސާއިން ފެނިގެން ހިނގައްޖެއޭ. އާދެ، ހުރިހާ ރަށެއްގެ މީހުންވެސް ހަމަ ހާލުގައި ޖެހުނު މީހުންނަށް އެހީވެފައިވަނީ ވަރަށް ހިތްހެޔޮކަމާއެކީގައި. އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަމަ ލާމަސީލު މިސާލެއް ފެނިގެންދިޔަގޮތަކަށް. އެއީ ކައިރި ރަށްރަށުންނާއި، ދުރު ރަށްރަށުންނާއި، ކައިރި އަތޮޅުތަކުންނާއި، ދުރު އަތޮޅުތަކުން މީހުންއައިސް، އެ ހާލުގައި ޖެހުނު މީހުންނަށް އެހީވަނީ ވެދީފައި، ވަރަށް ބޮޑަށް. އަދި މިހާރުވެސް އުނގޫފާރުގެ ރައްޔިތުން ކަނދޮޅުދޫން އެއައި މީހުންނަށް ވަރަށް ކަމޭހިތްތަވައި، މެހްމާންދާރީ އަދާކޮށްދެއްވަމުން ތިޔަގެންދަނީ. އެއީވެސް ވަރަށް އުފާކުރުން ޙައްޤު ކަމެއް. ހަމައެހެން، ހުޅުދުއްފާރުގެ ރައްޔިތުންވެސް އެކަން އެބަކޮށްދެއްވާ. އަދި މިނޫން، ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އެހެން ރަށްރަށުން ވަގުތީގޮތުން ދިރިއުޅުން ބަދަލުކޮށްލަންޖެހުނު މީހުންނަށް މެހްމާންދާރީ އަދާކުރެއްވުމުގައި، އަޅުގަނޑުމެންގެ ރައްޔިތުން ވަރަށް ރީތި ނަމޫނާތަކެއް ދައްކަވަމުން އެގެންދަވަނީ. ވަރަށް އެކުވެރި ރޫޙެއްގައި ކަންތައްތައް ކުރައްވަމުން ގެންދަވަނީ. އެހެންވީމާ، ކަނދޮޅުދޫ ރައްޔިތުންނަށް މި ރަށުން އާދެ، އުނގޫފާރުން ހިޔާވަހިކަން ދެއްވި، އަދި މެހްމާންދާރީ އަދާކޮށްދެއްވި ހުރިހާ ޢާއިލާތަކަކަށް، ހުރިހާ އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، މަސައްކަތަކީ ވަރަށް ބުރަ އަދި ވަރަށް ބޮޑު މަސައްކަތެއް. އެހެންވީމާ، އެކަމަށް ގިނަ ދުވަސް ބޭނުންވާނެ. އަޅުގަނޑުމެން ބޭނުންވަނީ އެކަމުގައި ކެތްތެރިކަން. އެއީ، މިއަދު ހެނދުނު ހުޅުދުއްފާރުން ދިމާވި މީހަކު ބުނި، ތިމަންނާމެން މިތިބެނީ ވަރަށް ބޮޑަށް މާޔޫސްވެފައޭ. ދެން އަޅުގަނޑުމެންގެ ޢިއްޒަތްތެރި މިނިސްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވި، އެއްގޮތަކަށްވެސް މާޔޫސްވާނެ ކަމެއްނެތޭ. އެއީ ރަނގަޅު ވާހަކަފުޅެއް. މާޔޫސްވާނެކަމެއްނެތް. އެއީ މާތް ﷲގެ ރަޙްމަތްފުޅުން އުންމީދު ކަނޑައިލުމަކީ މުއުމިނުން ކޮށްގެންވާނެ ކަމަކަށްނުވާނެ. މާތް ﷲގެ ރަޙްމަތްފުޅު ވަރަށް ތަނަވަސް. އެ ރަޙްމަތްފުޅު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަމުގައި އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެއްވެސް މީހަކު މާޔޫސްވާނެ ތަނެއް ނެތް. ހަމަ އަޅުގަނޑުމެންނަށް ވެވުނުވަރަކުން، ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން، ވެވުނު އެންމެ އަވަހަކަށް އެންމެންނަށް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯ ސަރުކާރުން ބަލަމުން މިގެންދަނީ. އަދި ކުރިއަށްއޮތްތާނގައި ގެންދާނީވެސް ހަމަ އެހެން، އެގޮތަށް.

އާދެ، ދެން މިއަތޮޅުގެ މާޅޮސްމަޑުލު އުތުރުބުރީ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޙާމިދު ޔޫސުފްގެ ވާހަކަފުޅުގައި އަޅުގަނޑަށް އިޝާރާތް ކުރައްވައި، ވަރަށް އިޚްލާޞްތެރި ބަސްފުޅުތަކެއް ވިދާޅުވެފައިވާތީ، އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމަ އެހެންމެ، އުނގޫފާރުގެ ވެރިންނަށާއި، ރައްޔިތުންނަށާއި، އަދި ކަނދޮޅުދޫން އުނގޫފާރަށް މިވަގުތު ބަދަލުވެފައި ތިބި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑަށް މިއަދު ތިޔަވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރު ކޮށްދެއްވުން. އަޅުގަނޑުމެންގެ އީމާންކަން ގަދަކުރައްވައި، އަޅުގަނޑުމެންގެ ތަޤްވާވެރިކަމާއި އިޚްލާޞްތެރިކަން މަތިވެރިކުރައްވައި، އަދި އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވައި، އަޅުގަނޑުމެންނަށް ދިމާވާ ކަންތައްތަކަށް ކެތްކުރުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންނަށް ދެއްވައި، އަދި އަޅުގަނޑުމެން ކުރިން ތިބި ވަރަށްވުރެވެސް މަތީ ފެންވަރަށް ދިޔުމަށްޓަކައި ކުރަމުންމިދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް ވަރަށް ތަނަވަސް އުޖާލާ އަދި އަލިވެފައިވާ މުޞްތަޤްބަލެއް ދެއްކެވުން.

والسّلام عليكم ورحمـة اللّـه وبركاته.