ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް މީޑިޔާއަށް މަޢުލޫމާތު ދެއްވައިފިއެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރު އަލްއުސްތާޛް ޠާހާ މުޙައްމަދާއެކު މަބްރޫކް މިއަދު ވަނީ ވަރޗުއަލް ޕްރެސް ކޮންފަރެންސްއެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ޕްރެސް ކޮންފަރެންސް ފައްޓަވަމުން މަބްރޫކް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ކޮންމެ މަހަކު ދެ ފަހަރު މި ފަދަ ބައްދަލުވުންތައް ބޭއްވުންކަމަށާއި އަދި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރެއްވުން ކަމުގައެވެ. މި ގޮތުން މި ވަގުތަކީ، ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭނެއް އެކުލަވާލައި، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އިޤްތިޞާދީ މަސައްކަތްތައް ތަރުތީބުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްކަން ފާހަގަކުރައްވައި މަބްރޫކް ވަނީ، ސަރުކާރުން ހިންގަމުންދާ ބައެއް މަޝްރޫޢުތަކާ ގުޅޭ ތަފާސްހިސާބު ނޫސްވެރިންނާ ޙިއްޞާ ކުރައްވާފައެވެ.

ސަރުކާރުން މިހާތަނަށް އައިއިރު 379 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި، އިތުރު 228 މަޝްރޫޢެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު، މި އަހަރުގެ ތެރޭގައި އިތުރު 229 މަޝްރޫޢެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި މަޢުލޫމާތު ޙިއްޞާ ކުރައްވަމުން މަބްރޫކް ވިދާޅުވީ، މި ހުސްވި ހަފުތާގައި ވެސް ދެ މަޝްރޫޢެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހަތަރު މަޝްރޫޢެއްގެ މަސައްކަތް ނިންމައި، އިތުރު އަށް މަޝްރޫޢެއްގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއަށް ބަލައިލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 68 ޤާނޫނެއް، ނުވަތަ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ތަޞްދީޤު ކުރައްވާފައެވެ. އޭގެތެރެއިން، 19 ޤާނޫނަކީ، މުޅިން އަލަށް ފަރުމާކޮށް، ފާސްކޮށްފައިވާ ޤާނޫނުތަކެކެވެ. އަދި، މި އަހަރުގެ ތެރޭގައި އިތުރު 33 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން އިއްޔެ އިޢުލާނު ކުރި، "ހިޔާ" މަޝްރޫޢުގެ ކެޓެގަރީތަކުގެ ދާއިމީ ލިސްޓުތަކާ ގުޅޭގޮތުން އެ ކޮމިޓީގެ މެންބަރު އަލްއުސްތާޛް ޠާހާ މުޙައްމަދު ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އަދި، ދެ ބޭފުޅުން ވަނީ، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.