بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ ލޮބުވެތި ރަށް ވިލުފުށްޓަށް މިއައީ، ވަރަށް ހިތާމަވެރި ހިތަކައިގެން. އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް މީގެ ހަދުވަސް ކުރިން މި ކުރިމަތިވި ބޮޑުރާޅުއެރުމުގެ ހިތާމަވެރި ހާދިސާގައި ވިލުފުށްޓަށް ވަނީ، ވަރަށް ބޮޑެތި ގެއްލުން ލިބިފައި. ވިލުފުށީގެ ރައްޔިތުންގެ ތެރެއިން އެތައްބަޔަކު ވަނީ އަޅުގަނޑުމެންނާ ވަކިވެގެންގޮސްފައި. އަދި މިރަށް ފިޔަވައި ރާއްޖޭގެ އެހެން ވަރަށް ގިނަ ރަށްރަށަށްވެސް ވަނީ، ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި. ދިވެހިންގެ ތެރެއިން އަޅުގަނޑުމެންގެ ލޮބުވެތި އަޚުންތަކަކާއި އުޚުތުންތަކެއް ވަނީ މި ހާދިސާގައި މިދުނިޔެ ދޫކޮށް، މާތް ﷲ ގެ ރަޙްމަތަށް ދަތުރުކޮށްފައި.

އާދެ، މި ހިތާމަވެރި މުނާސަބަތުގައި އަޅުގަނޑުގެ އެންމެފުރަތަމަ ވާޖިބަކީ، ވިލުފުށީގެ ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ ދެންނެވުން. އަޅުގަނޑުގެ ތެދުވެރި ހަމްދަރުދީގެ ޝުޢޫރުތައް ފާޅުކުރުން.

އާދެ، ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގެންނެވި ބޮޑު ހިތާމައަކީ، މުޅިރާއްޖެއަށް ލިބުނު ހިތާމައެއް. މި ހާދިސާގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެކަމުގެ ހިތްދަތިކަން އިޙްސާސްކުރަންނުޖެހޭ ހަމަ އެކަކުވެސް ނެތް. މިކަމުގެ ހިތާމަ އިޙްސާސްކުރަންނުޖެހޭ ހަމަ އެއްވެސް ރަށެއް ނެތް. އެހެންނަމަވެސް، ބައެއް ރަށްރަށަށް އެހެން ރަށްރަށަށްވުރެ މާ ބޮޑަށް މިހާދިސާގެ ގެއްލުންތަކާ ކުރިމަތިލާންޖެހިފައި މިވަނީ. އެގޮތުން، ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް، ވިލުފުށްޓަކީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވަރަށް ގިނަ ހިތާމަތަކާ މިރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ރަށެއް.

އަޅުގަނޑު މިއައީ، އަޅުގަނޑުގެ ލޮލުން އެ ގެއްލުންތައް ދުށުމަށްޓަކައި. އަދި ތިޔަބޭފުޅުންނާ، މިދެންނެވީ މިވަގުތު ވިލުފުށީގައި ތިއްބެވި ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކޮށްލައި، ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހަމްދަރުދީ ރައްދުކޮށް އަދި ސަރުކާރުން މިކަމުގައި މުޅިޤައުމުގެ އެއްބާރުލުމާއެކީގައި ކުރަމުންމިގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ، ކާމިޔާބުކަމާއެކީގައި ކުރިއަށް ގެންދާނެކަމުގެ ޢަޒުމާއި ހިތްވަރު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، އެންމެ ބޮޑު ދައްޗަކީ ގެދޮރުގެ ދަތިކަން. ވިލުފުށީގައިވެސް މިހިރީ ހަމަ ހުރިހާ ގެދޮރެއް ހަލާކުވެގެންގޮސްފައި. އަޅުގަނޑު މިއަދު މީގެކުރިން ދިޔައީ، މ.އަތޮޅު ކޮޅުފުށްޓަށް. އެރަށުގެވެސް ހަމަ ހުރިހާ ގެއެއް ވަނީ ހަލާކުވެފައި. އެރަށަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެރަށުގެ ރައްޔިތުންގެ ތެރެއިންވެސް ބަޔަކުމީހުން ވަނީ އަޅުގަނޑުމެންނާ ވަކިވެގެންގޮސްފައި. އެހެންވީމާ، މިއީ ވަރަށް ހިތާމަވެރި ދަނޑިވަޅެއް، މުޅި ޤައުމަށް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އަޅުގަނޑުމެންނަކީ ތެދުވެރި މުއުމިނުންކަމުގައި ވާންޖެހޭ ބައެއް. މުއުމިނުންގެ ގޮތަކީ، މާތް ﷲގެ މިންވަރުފުޅަށް ރުހި ގަބޫލުވުން. އަޅުގަނޑުމެންނަށް ﷲ ދެއްވާ ނިޢުމަތްތަކަށް އަބަދުވެސް ޝުކުރުކުރުން. އަޅުގަނޑުމެންނަށް ދިމާވާ ހިތާމަތަކާއި، ހިތްދަތި ކަންތައްތަކަށް ކެތްކުރުން.

އެހެންވީމާ، އެގޮތުގެމަތިން އަޅުގަނޑުމެން ތިބެ، އަޅުގަނޑުމެން އާ ހިތްވަރަކާއި، އާ ޢަޒުމަކާއެކީގައި މަސައްކަތްކޮށްފިނަމަ، އަޅުގަނޑުމެން ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ، މާތް ﷲ ކާމިޔާބުކުރައްވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ، މި ހިތާމަވެރި ހާދިސާގައި، ރާއްޖޭގެ ރަށްރަށަށް މިލިބުނު ގެއްލުން އިރާދަކުރެއްވިއްޔާ، މާތް ﷲގެ ވާގިފުޅާއެކީގައި އަދި ދިވެހިރައްޔިތުންނާއި ރައްޔިތުންގެ ފޯރުންތެރިކަމާއެކީގައި، ރައްޔިތުންގެ ހީވާގި މަސައްކަތާއެކީގައި، މުޅި ޤައުމުގެ އެއްބާރުލުމާއެކީގައި އަދި ބޭރުގެ އެހީއާވެސްއެކީގައި އިރާދަކުރެއްވިއްޔާ، ހަމަ ހުރިހާ ގެއްލުމެއް ފޫބައްދައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިހުހުރިގޮތަށް އެނބުރި ދިޔުމަކީ އަދި އެގޮތަށް މަސައްކަތްކުރުމަކީ ސަރުކާރުން އެއްވެސް ވަރުބަލިކަމެއްނެތި ކުރަމުންގެންދާނެ މަސައްކަތެއްކަމުގެ ޔަގީންކަން އެރުވުން.

އާދެ، މަސައްކަތަކީ ބޮޑު މަސައްކަތެއް. މަސައްކަތަކީ ވަރަށް ގިނަ ޚަރަދު ހިނގާނެ މަސައްކަތެއް. ވަރަށް ގިނަ ފައިސާ ބޭނުންވާނެ މަސައްކަތެއް. އެހެންވީމާ، މިކަމަކީ ކުއްލިއަކަށް އަޅުގަނޑުމެން އެދޭހާ އަވަހަކަށް ވާނެކަމެއްނޫން. މުޅިރާއްޖެ މިއޮތީ މިގޮތުގެމަތީގައި. އެހެންނަމަވެސް، ސަރުކާރުން އެންމެ އިސްކަންދޭންޖެހޭ ކަންތައްތަކަށް އިސްކަންދީގެން، އެންމެ ބޮޑަށް ގެއްލުންވެފައިހުރި ރަށްރަށަށް އިސްކަންދީގެން، އަޅުގަނޑު މިދެންނެވި މަސައްކަތް ކުރަމުން ގެންދެވޭތޯ ބަލާނެ.

އާދެ، މިދަނޑިވަޅުގައި އަޅުގަނޑު ބޭނުން ދަންނަވާލަން، ދިވެހިރައްޔިތުންގެ އެއްބާރުލުން ހުރީ، ވަރަށް މަތިވެރި ދަރަޖައަކަށޭ. އާދެ، ކޮންމެ ރަށަކަށް ދިމާވާ ކަމެއްގައި އެކަކު އަނެކަކަށް އެހީތެރިވެދީ އަދި އެއްބަޔަކު އަނެއްބައެއްގެ އަތުގައި ހިފައިގެން، އެ ހިތާމަވެރި ދުވަހު އަދި އޭގެފަހުންވެސް މަސައްކަތްކުރަމުން މިއައީ. އަދި ކައިރި ރަށްރަށުގެ މީހުންވެސް، މި ހިތްދަތިކަން އިޙްސާސްކުރަންޖެހުނު ރަށްރަށަށްގޮސް، އެ ރަށްރަށުގެ މީހުންނާ އެހީތެރިވެގެން އެމީހުންނާ އެކީގައި މަސައްކަތުގައި އުޅެދެމުން މިގެންދަނީ. އެއީ އެއްވެސް މީހަކު އަންގައިގެނެއްނޫން. އެއްވެސް މީހަކު ބުނެގެނެއްނޫން. ވަކި ސަރުކާރުން އަންގައިގެނެއްވެސް ނޫން. ހަމަ އެމީހުން އަމިއްލައަށް. ޙަޤީޤަތުގައި މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާނެ ރޫޙަކީ.

އެހެންވީމާ، މިކަމުގައި ދިވެހިރައްޔިތުންގެ ހުރިހާ އެންމެންގެ މިހާފުރިހަމަ އެއްބާރުލުމެއް ލިބިފައިވާތީ އަދި މިހާރުވެސް ލިބެމުންދާތީ، އެކަމަށްޓަކައި މާތްﷲ އަށް ޙަމްދުކޮށް، ދިވެހިރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތް މާތްﷲ ކާމިޔާބުކުރައްވާނެ. އަދި ތިޔަބޭފުޅުންނަށްވެސް އިރާދަކުރެއްވިއްޔާ ހެޔޮގޮތްތައް އެކަލާނގެ މިންވަރުކުރައްވާނެ.

والسّلام عليكم ورحمـة اللّـه وبركاته.