بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު މިއަދު ކޮޅުފުށްޓަށް މިއައީ، ކޮޅުފުށްޓަށް ލިބުނު ގެއްލުންތައް، އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކިލުމަށްޓަކައި. މިރަށުގެ ޙާލަތު އަޅުގަނޑަށް ވަނީ މީގެކުރިންވެސް އެނގިފައި. އެކި ފަރާތްފަރާތުން ދިން މަޢުލޫމާތުން ވަނީ ކޮންމެވެސްވަރަކަށް އެނގިފައި. އެހެންނަމަވެސް، އަމިއްލަ ލޮލުން ދެކިލުމަކީ ހަމަ ކޮންމެހެން ބޭނުން ކަމެއްކަމަށް ފެންނާތީ، އަޅުގަނޑު މިއަދު މިރަށަށް މިއައީ. ހަމައެއާއެކީގައި، މިރަށުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލައި، މި ދިމާވި ހާދިސާގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ހިތްދަތިކަމުގެ ޝުޢޫރުތައް އަޅުގަނޑުވެސް ދެނެގަނެ، އަދި އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އިޚްލާޞްތެރި ހަމްދަރުދީގެ ޝުޢޫރުތައް ތިޔަބޭފުޅުންނާ ޙިއްޞާކޮށްލުމަށްޓަކައި މިއައީ.

އާދެ، ޝައްކެއްނެތް، މިފަހަރު އަޅުގަނޑުމެންނަށް މިދިމާވީ، މުޅިރާއްޖެއަށް މިދިމާވީ، މީގެކުރިން ދުވަހަކުވެސް ދިމާނުވާފަދަ ވަރަށްބޮޑުކަމެއް. ވަރަށްބޮޑު ޤުދްރަތީ މުސީބާތެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެން މާތް ﷲގެ މިންވަރުފުޅު މިތިބީ ގަބޫލުކޮށްގެން. މިންވަރުފުޅަށް ރުހިގެން. އަޅުގަނޑުމެންނަށް ދެއްވާ ކޮންމެ ނިޢުމަތަކަށް ޝުކުރު އަދާކުރުންމަތީ. އަދި އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ބަދުނަސީބު ކަމަކަށް ކެތްކުރުންމަތީ.

އެހެންވީމާ، ދެން އަޅުގަނޑު މިއައީ ހަމަ ތިޔަބޭފުޅުންނާ ބައްދަލުކޮށްލައި، ތިޔަބޭފުޅުންނަށް ދިމާވި މި ހިތާމަވެރި ހާދިސާގައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހަމްދަރުދީގެ ޝުޢޫރުތައް ރައްދުކޮށްލުމަށްޓަކައި. ހަމަ އެއާއެކުގައި، ރަށަށް ލިބިފައިވާ ގެއްލުން، އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކިލުމަށްޓަކައި. އަދި މިކަންތައްތައް ފޫބެއްދުމުގައި ދިވެހިރައްޔިތުންގެ އެންމެން ގުޅިގެން އިރާދަކުރެއްވިއްޔާ މަސައްކަތްކޮށް، އަޅުގަނޑުމެންނަށް ވެވުނުވަރަކުން ހުރިހާ ކަމެއް ރަނގަޅުކުރާނެކަމުގެ ޢަޒުމް ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވުމަށްޓަކައި.

އާދެ، މާދިގު ވާހަކައެއް ދައްކާކަށެއްނޫން. އެހެންނަމަވެސް، މިފަހަރު މިދިމާވި ހާދިސާއަކީ، ރާއްޖޭގެ ތާރީޚުގައިވެސް އަދި ދިމާނުވާފަދަ، ވަރަށްބޮޑު ކަމެއް. ވަރަށް ގެއްލުންބޮޑު ޤުދްރަތީ ހާދިސާއެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެން މިތިބީ މާތް ﷲގެ މިންވަރުފުޅަށް ރުހިގެން. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާ ހުރިހާ ނިޢުމަތަކަށް ޝުކުރުއަދާކުރުންމަތީ. އަދި އަޅުގަނޑުމެންނަށް ދިމާވާ ހުރިހާ ބަދުނަސީބު ކަންތައްތަކަށް ކެތްކުރުންމަތީ. އެގޮތުގައި އަޅުގަނޑުމެން ތިބެގެން، މާތް ﷲގެ ޙަޟްރަތަށް ނުގުޑާފަދަ ޢަޒުމަކާއެކިގައި އީމާންވެ ތިބެގެން، އަޅުގަނޑުމެން އެކަލާނގެއަށް ޝުކުރުއަދާކޮށް އަދި އަޅުގަނޑުމެންނަށް މި ދިމާވި ގެއްލުމުން ރައްކާތެރިވުމުގައި ނުވަތަ ގެއްލުންތައް ފޫބައްދައި ކުރިއަށް ދިޔުމުގައި އެކަލާނގެ ހެޔޮ ތައުފީޤަށް އެދި ދުޢާކުރުންމަތީ އަޅުގަނޑުމެން މިތިބީ.

އާދެ، އަޅުގަނޑު އެދެނީ، ކޮޅުފުށީ ރައްޔިތުންނަށް މި ހިތާމަ މާތް ﷲ ވަރަށް އަވަސްމިނަކުން ފިލުއްވައިދެއްވުން. އަދި ތިޔަބޭފުޅުންގެ ނަފުސުތަކަށް ތަސައްލީ ދެއްވުން. ހަމައެއާއެކީގައި، ސަރުކާރާއި ރައްޔިތުން ގުޅިގެން މިކުރާ މަސައްކަތުގެ ނަތީޖާއެއްގެގޮތުން، ކޮޅުފުށީ ރައްޔިތުންނަށް ހިޔާވަހިކަން ލިބި، އެމީހުންގެ ދިރިއުޅުމުގެ އިންތިޒާމުތައް ކުރިއެކޭ އެއްގޮތަށް ހަމަޖެހިގެން ދިޔުން.

އާދެ، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ރަޙްމަތްލައްވާށި! އަޅުގަނޑުމެންގެ ފާފަތައް ފުއްސަވައި، އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވައި، އަޅުގަނޑުމެން ކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތާއި ތައުފީޤު ލައްވާށި!

والسّلام عليكم ورحمـة اللّـه وبركاته.