بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين، والصّـلاة والسّـلام على أشرف المرسلين، سيّدنا محـمّدٍ وَعلـى آلـه وأصحابـــه أجمـعـين.

އާދެ، މިއަދު ދިވެހިރާއްޖޭގެ ފަޚުރުވެރި އަދި އުފާވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށާއި، މި އިޙްތިފާލަށް ވަޑައިގެން ތިޔަ ތިއްބެވި ޢިއްޒަތްތެރި އުޚުތުންނާއި އަޚުންނަށް، މި މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ދަންނަވަން.

ޤައުމީ ދުވަހުގެ ބަޠަލް އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، އެ ތަކުރުފާނުގެ ތާރީޚީ ޤައުމީ ޖިހާދުގެ ޒިކުރާ އާކޮށް، އެ މަހާރަދުންގެ ފުރާނަފުޅަށް، މާތް ﷲ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އެ މަހާރަދުންނާއި އެ މަހާރަދުންގެ އަރިހުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ އަބްޠާލުންނަށް ޙައްޤުވެގެންވާ ޝުކުރާއި ތަޢުރީފު އަދާކުރަން. ހަމައެހެންމެ، ރާއްޖޭގެ ތާރީޚުގެ އެކިދުވަސްވަރު ދިވެހިރާއްޖެއަށް ޚިދުމަތް ކުރެއްވި އަދި ޤައުމަށްޓަކައި ޤުރުބާންވެވަޑައިގެންނެވި އަދި ޖިހާދު ކުރެއްވި މަތިވެރި ހުރިހާ އަބްޠާލުންގެމަތިން ހަނދާންކޮށް، އެ އަބްޠާލުންނަށް، މާތް ﷲ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން.

ޝައްކެއްނެތް. ރާއްޖޭގެ ޤައުމީދުވަހަކީ، އަހަރުތެރޭގައި އަންނަ ވަރަށް މުހިންމު ތާރީޚީ ދުވަހެއް. މި ދުވަސް މި އަންނަނީ، ޤައުމީ ލޯތްބާއި ދީނީ ޙުރްމަތް ގުޅިފައިވާ ރަމްޒެއްގެ ގޮތުގައި.

އާދެ، މިއަދަކީ، ބަރަކާތްތެރި ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް. މި މާތް މައްސަރަކީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މަތިވެރި މާތް މައްސަރު. ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، އެ މަތިވެރި ޤައުމީ ޖިހާދު ފުރިހަމަކުރައްވައި ކާމިޔާބުކުރެއްވީ، މިފަދަ ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި. އެހެންކަމުން، މި ދެންނެވި ސަބަބުތަކަށްޓަކައި، އަޅުގަނޑުމެންގެ ދީނީ ޢަޤީދާއާއި، އަޅުގަނޑުމެންގެ ދިވެހި ޤައުމިއްޔަތާ ގުޅިފައިމިވާ ގުޅުމަކީ، ވަރަށް ވަރުގަދަ އަދި ދުވަހަކުވެސް އެގުޅުން ވަކިވެގެންނުދާނެ މަތިވެރި ގުޅުމެއް. މި ގުޅުމަކީ، މީގެ ހަތަރުސަތޭކަ އެތައް އަހަރެއްގެ ކުރިން ރާއްޖޭގެ ތާރީޚު ގުޅުވައިދީފައިވާ ވަރުގަދަ އަސާސީ ގުޅުމެއް. އެހެންކަމުން، މި ގުޅުމަށް ރައްކާތެރިވުމަކީ، އަޅުގަނޑުމެން، މިނިވަން ޤައުމެއްގެގޮތުގައި އޮތުމަށްޓަކައި ވަރަށް މުހިންމު ކަމެއް. މިގޮތުން، ޤައުމީދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިވަންތަކަމަށާއި، ދިވެހި ޤައުމިއްޔަތުގެ ރޫޙު ބަދަހިކުރުމަށް މަސައްކަތްކުރުމަކީ، ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން.

އާދެ، މިއަދު ރާއްޖޭގެ އާބާދީއަކީ، ވަރަށް ޒުވާން އާބާދީއެއް. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ބިންގަލުގެ މަތީގައި، އަޅުގަނޑުމެންގެ ލޮބުވެތި ޅަދަރިން ތަރުބިއްޔަތުކުރެއްވުމަށް، ހުރިހާ މައިންބަފައިންނަށް، މިއަދުގެ މުނާސަބަތުގައި، އަޅުގަނޑު އިލްތިމާސް ކުރަން. އަދި އެކުދިންގެ ހިތްތަކުގައި ދިވެހިވަންތަކަން ދަމަހައްޓައި، ދިވެހި ޤައުމިއްޔަތުގެ ރޫޙު އަށަގެންނެވުމަށް، ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތްކޮށްދެއްވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

އާދެ، މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ، ޢާއިލީ ގުޅުންތަކާއި މުޖުތަމަޢުގެ ރީތި އާދަތައް. ކޮންމެ ކުއްޖަކީ، ލޯތްބާއި ކުލުނުގެ މާޙައުލެއްގައި ބޮޑުވާ، އަދި އެކަކު އަނެކަކާ އަޅާލުމުގެ ރީތި ސިފަ އަށަގެންފައިވާ ކުއްޖަކަށްވުމަކީ، ޢާއިލީ ގުޅުންތަކާއި މުޖުތަމަޢުގެ ރީތި އާދަތައް ހަރުލެއްވުމަށްޓަކައި ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް.

މި އަހަރުގެ ޤައުމީ ދުވަހުގެ ޝިޢާރު، "ފަރުދުންގެ ގުޅުން - ޤައުމުގެ ދިރުން" ގޮވާލަނީވެސް، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް. އަދި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއާއި ދިރުން ބިނާވެފައިވަނީ، މި ޤައުމީ އެއްބައިވަންތަކަމުގެ މައްޗަށް ކަމަށް.

އަޅުގަނޑުމެން މިއަދު މިވަނީ، ވަރަށް މުހިންމު އިޞްލާޙީ ބަދަލުތަކަކާ ކުރިމަތިލާފައި. އާދެ، ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މުހިންމު މަސައްކަތާ ކުރިމަތިލާފައި. ރާއްޖޭގެ ޤާނޫނުއަސާސީއަށް މިވަގުތަށް ބޭނުންވާ މުހިންމު ބަދަލުތަކެއް ގެނައުމުގެ މަސައްކަތާ ކުރިމަތިލާފައި. މިފަދަ ދަނޑިވަޅެއްގައިވެސް، އަޅުގަނޑުމެންގެ ޤައުމުގެ އެއްބައިވަންތަކަމާއި، ޤައުމުގެ އެންމެންގެ އެކުވެރިކަމާ، މިކަންކަމަކީ އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަންތައްތަކެއް. މިފަދަ ކޮންމެ ހާލަތެއްގައި، ޤައުމީ ސަފުތައް ކައިރިކޮށް، އެންމެންގެ މެދުގައި އިސްލާމީ އުޚުވަތްތެރިކަމާއި ޤައުމީ ރޫޙުގެ އަލީގައި، އެންމެން އެކަތިގަނޑަކަށްވުމުގެ މުހިންމުކަން ވަރަށް ބޮޑު.

އާދެ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މުހިންމު މަސައްކަތް ކުރެވެމުންދާއިރު، އެ މަސައްކަތް ނިމުމުގެ ކުރިންވެސް، ޤައުމަށް ބޭނުންވާ އިޞްލާޙީ ބަދަލުތައް، ސަރުކާރުން މި އަންނަނީ ގެންނަމުން. އޭގެތެރޭގައި، ސިފައިންނާއި ފުލުހުންނަކީ، ވަކި ދެ ދާއިރާއެއްކަމަށް ހަމަޖައްސައި، ދެ މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާ ދެތަން ކަމުގައި މިހާރު ވަނީ ހަމަޖައްސާފައި. ހަމައެހެންމެ، އަޅުގަނޑުމެންގެ ޤަޟާއީ ނިޒާމު އާދެ، ޝަރީޢަތް ހިންގުމުގެ ނިޒާމަށްވެސް އެކަށީގެންވާ އިޞްލާޙީ ބަދަލުތަކެއް މި އަންނަނީ ގެންނަމުން. ޖިނާއީ ކުށްތަކުގެ ހުރިހާ މަރުޙަލާއެއްގައިވެސް އާދެ، ތަޙުޤީޤުގެ މަރުޙަލާގަޔާއި، އަދި ޝަރީޢަތް ހިންގުމުގެ މަރުޙަލާގައިވެސް ވަކީލުންނަށް ތިބެވޭގޮތަށް މިހާރު ވަނީ ހަމަޖެހިފައި. ރާއްޖޭގެ ކުށްވެރިންނާމެދު ޢަމަލުކުރާ ގަވާއިދުތައްވެސް މިގެންދަނީ އިޞްލާޙު ކުރަމުން. އަދި އަޅުގަނޑުމެންގެ ޖިނާއީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް، ބޭރުގެ އެހީއާއެކީގައި ކުރެވެމުން އެބަދޭ. ކުށްވެރިން ބެލެހެއްޓުމުގެ ގަވާއިދުތައްވެސް ބަދަލުކޮށް، ވަކި އުސޫލެއްގެމަތިން ޖަލަށް ޒިޔާރަތްކުރައްވާ ކޮމިޓީއެއްވެސް ވަނީ ޢައްޔަންކުރެވިފައި. އޭގެތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި ޤާޟީން ހިމެނިވަޑައިގަންނަވާ.

ހަމައެހެންމެ، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކޮމިޝަނެއްވެސް މިހާރުވަނީ އުފެދިފައި. އަދި އެ ކޮމިޝަނުގެ މަސައްކަތްތައް ހިންގަވަމުން އެބަގެންދަވާ. ހަމައެއާއެކީގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކޮށް، އެ މަޖިލީހުން ޤައުމީ ޙަޔާތުގައި ކުރައްވާ މަސައްކަތްތަކުގެ ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ކުރަން ފަށާފައި. އޭގެތެރެއިން ގިނަ ކަންތައްތަކެއް މިހާރު ރައްޔިތުންގެ މަޖިލީހުން ކުރައްވަމުން އެބަގެންދަވާ. އާދެ، އޭގެތެރޭގައި، ޤާނޫނުއަސާސީ ބުނާގޮތުގެމަތިން ވަޒީރުންނާ ސުވާލުކުރުމާއި އަދި އޭގެ އިތުރުންވެސް ދަޢުލަތުގެ ކުންފުނިތަކުގެ ހިސާބުތައް ބެއްލެވުމާއި، އަދި މިނޫނަސް ދައުލަތުން ހިންގާ ކަންތައްތަކާ ދޭތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިސްނާވަޑައިގެން، އެކަމުގައި ހޯއްދަވަންޖެހޭ މަޢުލޫމާތު ހޯއްދަވައި، އެކަމުގެ ތެރޭގައި މަޖިލީހުގެ ދައުރެއް އޮންނަގޮތަށް މިހާރުވަނީ ހަމަޖެހި، އެކަންކަން މިދަނީ ހިނގަމުން.

އެހެންވީމާ، ޤާނޫނުއަސާސީ އިޞްލާޙުވެ ނިމެންދެން، އިޞްލާޙީ މަސައްކަތްތައް ހުއްޓާލައިގެން އަޅުގަނޑުމެން ތިބީއަކީނޫން. ޤާނޫނުއަސާސީ އިޞްލާޙުވުމުގެ ކުރިންވެސް ކުރެވެންހުރި ހުރިހާ އިޞްލާޙީ މަސައްކަތްތަކެއް މިހާރު މިގެންދަނީ ވަރަށް ބާރަށް ކުރަމުން.

އާދެ، މިފަދަ ދަނޑިވަޅެއްގައި، މިފަދަ ބަދަލުތަކެއް ރާއްޖޭގެ ސިޔާސީ ނިޒާމަށް އަންނަ ދުވަސްވަރެއްގައި، މުޖުތަމަޢަށް ނައިސްނުދާނޭ ބަދަލުތަކާމެދުވެސް އަޅުގަނޑުމެން ސަމާލުވާންޖެހޭނެ. ކުރީންވެސް ދެންނެވި ފަދައިން، މިފަދަ ދަނޑިވަޅެއްގައިވެސް އަޅުގަށޑުމެންގެ ޤައުމީ ސަފުތައް ކައިރިކޮށް، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ބަދަހިކޮށް ހަރުދަނާ ކުރުމަކީ، ޤައުމުގެ ތަރައްޤީއަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމެއް.

އާދެ، މިހެން ދަންނަވާއިރު ދަންނަވާލަން ބޭނުންވާ އެހެން ވާހަކައެއްވެސް އެބައޮތް. ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ހޯދައިދިނުމަށް އެކި ނަންނަމުގައި، އެކި ފަރާތްފަރާތުން ރާވަމުންގެންދާ މަކަރުވެރި ރޭވުންތަކަށް، ޤައުމުދެކެ ލޯބިވާ ދިވެހި ކޮންމެ ރައްޔިތަކުވެސް ވަރަށް ބޮޑަށް ހުޝިޔާރުވާންވާނެ. އާދެ، މިކަމަކީ، ރާއްޖޭގަޔާއި ރާއްޖެއިންބޭރުގައި ހިނގަމުންދާ ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ.

ދާދިފަހުން އަޅުގަނޑު އުތުރުކަރަޔަށް މިކުރި ދަތުރުގައިވެސް ބަޔަކުމީހުން ނުކުމެ، ވަކި ދީނެއް ރާއްޖޭގައި ޤާއިމުވުމަށް ހުއްދަދޭށޭ ކިޔާފައި ލިޔުންތަކެއް ލިޔެ ނަގައިގެން ތިބިކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ވަނީ އިންޑިޔާގެ ނޫސްތަކުން ލިބިފައި. އަދި އެ ޚަބަރު ދިވެހިރާއްޖޭގެ ނޫސްތަކުގައިވެސް ޖަހާފައި އެބަހުރި. އެ ލިޔުންތައް ނަގައިގެން ތިބި ބަޔަކީ، ދިވެހިންނެއް ނޫން. އުތުރުކަރައިގެ ރައްޔިތުންގެ ތެރެއިން ބައެއް. އެހެންނަމަވެސް، މިކަމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެއްޗެއް އެބަ އަންގައިދޭ. ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އެކި ފަރާތްފަރާތުގެ މަޤްޞަދަކީ ކޮބައިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް މިކަންކަމުން އެބަ ދޭހަވޭ. މިކަމަކީ، އަޅުގަނޑުހިތުން ދިވެހިރާއްޖޭގެ ސައްތައިން ސައްތަ މުސްލިމް ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވެވަޑައިގަންނަވަން ޖެހޭނެ ކަމެއް. ވަރަށް ބޮޑަށް މިކަމަށް ހޭލުންތެރިވާންޖެހޭނެ ކަމެއް.

ކުރިންވެސް ދެންނެވި ފަދައިން، އިސްލާމީ ޢަޤީދާއާއި ދިވެހިރާއްޖޭގެ މިނިވަންކަމާ މިވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައި. މި ގުޅުމަކީ، ތާރީޚީ، އަސާސީ ގުޅުމެއް. މި ގުޅުން ބަލިވެގެން ދިޔުމަކީ، ރާއްޖޭގެ މިނިވަންކަމަށް އަންނާނެ ވަރަށް ބޮޑު އުނިކަމެއް. އެހެންވީމާ، މިފަދަ ކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ރައްކާތެރިވެ، ރާއްޖޭގައި މިވާ އިސްލާމީ ޢަޤީދާ، އަޅުގަނޑުމެންގެ ހެޔޮ ނަސީބު، މާތް ﷲ، އެކަމެއްގައި ލައްވާފައިވާ އިސްލާމީ ހިދާޔަތު، އަޅުގަނޑުމެންގެ ތެރޭގައި ވަރުގަދަކުރަން އެބަޖެހޭ. އިސްލާމްދީނަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި، ދީނީ ޢަޤީދާގެ ބިންވަޅު ވަރުގަދައަށް ނަގަން އެބަޖެހޭ. އެކުދިން ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިންބޭރަށް ފޮނުވާއިރު، އެކުދިންނަކީ ދީނީ ޢަޤީދާ ރަނގަޅަށް ދަންނަ، ދީނުގެ ޙުކުމްތައް އޮޅުންފިލާފައި ތިބި ބަޔަކު ކަމުގައި އަޅުގަނޑުމެން ހަދަން އެބަޖެހޭ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، ދާދިފަހުން އަޅުގަނޑުމެންނާ ކުރިމަތިވި، ވަރަށް ހިތާމަވެރި ބިރުވެރި ހާދިސާއެއްގެ ވާހަކަ. އާދެ، އެއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު، ރާއްޖެއަށާއި މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ކުރިމަތިވި ސުނާމީ ކާރިސާގެ ވާހަކަ. ޝައްކެއްނެތްގޮތުގައި، އެކަމަކީ އަޅުގަނޑުމެންގެ ޤައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކަމެއް. އަޅުގަނޑުމެންގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން، އެތައް އަހަރެއްވަންދެން ހޯއްދަވާފައިވާ، އެތައް އަހަރެއްވަންދެން ކުރައްވާފައިވާ ބުރަ މަސައްކަތްތަކުން ހޯއްދަވާފައިވާ ކުރިއެރުންތަކުގެ ވަރަށް ބޮޑު ބައެއް، އެދުވަހު އަޅުގަނޑުމެންނަށް ވަނީ ގެއްލިގެން ގޮސްފައި.

ޝައްކެއްނެތް. މިއީ ރާއްޖެފަދަ ވަސީލަތްތައް މަދު، އަދި މުއްސަނދިކަން ކުޑަ ޤައުމަކަށް ވަރަށް ބޮޑު ހީނަރުކަމެއް ގެނެސްދޭނެ ކަމެއް. އެހެންނަމަވެސް، އެދުވަހު އަދި އެދުވަހާ ވިދިގެން، ޤައުމުގެ ކަންތައްތައް އަލުން ތަރައްޤީކޮށް، އަލުން ބިނާކުރުމަށް ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މިކުރާ މަސައްކަތްތަކުގައި، ރައްޔިތުން ވަނީ ވަރަށް ދީލަތިކަމާއެކު ބައިވެރިވެވަޑައިގެންދެއްވާފައި. ޤައުމީ ރޫޙުގައި، ރައްޔިތުންގެ އެންމެން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައި. އަދި މިކަމުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރާއްޖޭގައި މިއޮތް އަޚުވަންތަކަމާއި އެކުވެރިކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ ލާމަސީލު މިސާލެއް. މިކަމަކީ، ރާއްޖެއަށް ޒިޔާރަތްކުރެއްވި ކޮންމެ ޢިއްޒަތްތެރިޔަކު ވަރަށް އުފަލާއެކު ފާހަގަކުރައްވައި ތަޢުރީފުކުރެއްވި ކަމެއް. އަދި ބޭރު ދުނިޔޭގައި އަޅުގަނޑުމެންގެ ރާއްޖޭގެ ރީތި ނަން އެތައް ގުނައަކަށް އިތުރުވެގެންދިޔަ ކަމެއް.

އެހެންވީމާ، މިކަމަކީ މާތް ﷲގެ ހެޔޮރަޙްމަތްފުޅުން އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި އިސްލާމްދީނުގެ ނިޢުމަތްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމުގައި ދަންނަވާލަންޖެހޭ.

އާދެ، ޤައުމު އަލުން ބިނާކުރުމަށް، ދިވެހި ރައްޔިތުންނާއި ސަރުކާރާ ގުޅިގެން މިކުރާ ބުރަ މަސައްކަތްތައް، މާތް ﷲގެ ވާގިފުޅާއެކު ކާމިޔާބުވަނީވެސް، ޤައުމީ އެއްބައިވަންތަކަމުގެ ވަރުގަދަ ރޫޙެއްގައި، އެންމެން އަތުގުޅާލައިގެން މަސައްކަތްކޮށްގެން.

އާދެ، މިކުރު ވާހަކަކޮޅަށްފަހު، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް، މި ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަދިވެސް އެއްފަހަރު ދަންނަވާލަން. ހަމައެއާއެކީގައި، މާތް ﷲ، ދިވެހިރާއްޖެއަކީ މިނިވަންކަން ލިބިފައިވާ ފުރިހަމަ ސިޔާދަތެއް ލިބިފައިވާ، ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި ދުޢާކުރަން. ހަމައެހެންމެ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި އިބްތިހާލުވަން. ހަމައެއާއެކީގައި، މިހިރަ ފަޚުރުވެރި ޤައުމީ ދިދަ، ރާއްޖެ ދެމިއޮތްހާ ހިނދަކު، ރާއްޖޭގެ ފަސްގަނޑުގައި ފަޚުރުވެރިކަމާއެކީގައި ވިހުރުވި ވިހުރުވި ހުރުމުގެ ތައުފީޤުވެސް މާތް ﷲ، ދިވެހިރާއްޖެއަށް ދެއްވުން އެދި ދުޢާކުރަން.

والسّلام عليكم ورحمـة اللّـه وبركاته.