بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحابه أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

މިއަދަކީ، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 40 އަހަރު ފުރުނު އުފާވެރި ދުވަސް. މި މުހިންމު ޤައުމީ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ދިވެހިންގެ ފަޚުރާއި ޝަރަފު ކަމުގައިވާ މި ލޮބުވެތި ވަޠަން، ޤައުމީ މިނިވަންކަމުގެ ހިޔަލުގައި ލަހައްޓަވާކަމަށްޓަކައި، اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދެންނެވުން. އެއަށްފަހު، ދިވެހިރާއްޖޭގެ މި ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުން.

މިނިވަންދުވަހަކީ، ޤައުމީ މިނިވަންކަން ޙިމާޔަތްކުރުމުގެ ޢަޒުމު ކަނޑައެޅުމުގެ ދުވަހެއް. ރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާއި އަމިއްލަވަންތަކަން ރައްކާތެރިކުރުމުގެ ދުވަހެއް. ޤައުމީ އެއްބައިވަންތަކަން ބަދަހިކޮށް އާލާކުރުމުގެ ދުވަހެއް.

ރާއްޖޭގެ މިނިވަންކަމަށް 40 އަހަރު ފުރުމުގެ އުފާ މިއަދު އަޅުގަނޑުމެން ފާޅުކުރަމުންދާއިރު، ޙަޤީޤަތުގައި، އަޅުގަނޑުމެންގެ ޤައުމު އަދިވެސް މިވަނީ، ވަރަށް ފުން ހިތާމައެއްގެ ތެރޭގައި. އެއީ، ސުނާމީ ކާރިސާގެ ހިތާމަ.

އެ ކާރިސާގައި، ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ ވަސީލަތްތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން، މިވޭތުވެދިޔަ ހަތްމަސްދުވަހު އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިއޮތީ އަދި މިހާރުވެސް ދޭންޖެހިފައިވަނީ، އެ ވަސީލަތްތައް އަލުން ބިނާކުރުމުގެ މަސައްކަތަށް.

ޑިސެންބަރު 26 ގެ ކާރިސާގައި، އެދުވަހާއި އޭގެފަހުންވެސް، ދިވެހި ރައްޔިތުން ދައްކަވައިދެއްވި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ މަތިން، މި ފުރުޞަތުގައިވެސް އަޅުގަނޑު ހަނދާންކުރަން.

ޤައުމުގެ ގެއްލުން ލިބުނު ވަސީލަތްތައް އަލުން ބިނާކުރުމަކީ، އަޅުގަނޑުމެންނަށް އެކަނި ކުރެވޭވަރުގެ ކަމެއްނޫން. އެހެންކަމުން، މިކަމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް މިގެންދަނީ ކުރަމުން. މި ކާރިސާއާ ގުޅިގެން، މިހާރުވެސް ބޭރުގެ އެހީ ދަނީ ލިބެމުން. އަދި މިކާރިސާގައި ގެދޮރުނެތިދިޔަ މީހުންނަށް ގެދޮރު ހަދައިދިނުމާއި، ގެދޮރު ހަލާކުވި މީހުންނަށް ގެދޮރު މަރާމާތުކޮށްދިނުމުގެ މަސައްކަތްތައް، ސަރުކާރުން މިގެންދަނީ ކުރަމުން. މިގޮތުން، އެންމެ ގިނަ އަދަދަކަށް ގެދޮރު އަލުން ޢިމާރާތް ކުރަންޖެހިފައިވާ ރަށްރަށުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް، ޓެންޑަރ އުސޫލުން ހޯދުމުގެ މަސައްކަތްތައް ވަނީ ފެށިފައި.

މި މަޝްރޫޢުގެ ދަށުން، 50 ރަށެއްގައި، ޖުމްލަ ދެހާސް ފައްސަތޭކަވަރަކަށް ގެ، އަލަށް ޢިމާރާތް ކުރެވޭނެ. އަދި ގެދޮރު މަރާމާތުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، 76 ރަށެއްގައި ޖުމްލަ ހަތަރުހާސް ފައްސަތޭކަވަރަކަށް ގެ މަރާމާތު ކުރުމަށްވަނީ ހަމަޖެހިފައި. އޭގެތެރެއިން މިހާތަނަށް، 516 ގެއެއްގެ މަސައްކަތް ވަނީ މުޅިން ނިމިފައި. އަދި ރަށްރަށް އާބާދުކުރުމުގެ މަސައްކަތާއި، ތަރައްޤީގެ ފުރުޞަތު ބޮޑު ރަށްރަށަށް ދިރިއުޅުން ބަދަލުކުރަން އެދޭ މީހުން ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތްތައްވެސް މިގެންދަނީ ކުރަމުން.

ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ބޮޑު ގެއްލުން ފޫބެއްދޭނީ، އެންމެން ގުޅިގެން މަސައްކަތްކޮށްގެން. މުޅި މުޖުތަމަޢުގެ އެއްބާރުލުމާއި، ބައިވެރިވުމާއި، އެހީތެރިކަން ލިބިގެން. އެހެންކަމުން، ޑިސެންބަރު 26 ވަނަ ދުވަހާއި، އޭގެފަހުން، ރާއްޖޭގެ ރައްޔިތުން ދައްކަވާފައިވާ ޖަމާޢަތުގެ ރީތި ރޫޙު، ހުރިހާ ފަރާތްތަކަކުން މި މަސައްކަތުގައިވެސް ދައްކަވަމުން ގެންދަވާނެކަމަށް އަޅުގަނޑު ޔަޤީން ކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

2003 ވަނަ އަހަރު، ރިޔާސީ އާ ދައުރަކާ އަޅުގަނޑު ހަވާލުވުމާއެކު، އިޢުލާނުކުރި އިޞްލާޙީ ބަދަލުތައް، އެދުވަހުއްސުރެ ފެށިގެން، ޤައުމުގެ އެކި ކަންކަމަށް މިދަނީ ގެންނަމުން. މިގޮތުން މިހާތަނަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނެއް އުފެއްދުމާއި، ފުލުހުންނަކީ މަދަނީ ބައެއްގެގޮތުގައި ހަމަޖައްސައި، ފުލުހުންގެ އިދާރާ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށަށް ބަދަލުކުރުމާއި، ޖިނާޢީ ޢަދުލުގެ ނިޒާމު އިޞްލާޙު ކުރުމުގެ ޢަމަލީ މަޝްރޫޢުގެ މަސައްކަތްތައް ފެށުން ހިމެނޭ.

މިދެންނެވި ބަދަލުތަކުގެ އިތުރުން، ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ، ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމު ތަޢާރުފުކުރުން. ސިޔާސީ ޕާޓީގެ ނިޒާމަކީ، ސަރުކާރު ހިންގުމުގެ ދާއިރާ ހަރުދަނާވެ، ތަފާތު ޚިޔާލުގެ މީހުންނަށް ޞުލްޙަވެރިކަމާއެކު، ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވުމުގެ މަގު ތަނަވަސްކޮށްދޭ ނިޒާމެއް.

ޕާޓީ ނިޒާމު މަސައްކަތް ކުރަންވާނީ، ޤައުމުގައި އޮންނަ ޤާނޫނީ ޙުދޫދުގެ ތެރޭގައި. އެހެންކަމުން، ޕާޓީ ނިޒާމުގެ ސަބަބުން، މުޖުތަމަޢު ބައިބައިވެގެނެއްނުވާނެ. އަޅުގަނޑުމެންގެ މެދުގައި މިއޮތް ޞުލްޙަމަސަލަސްކަން ގެއްލިގެނެއްނުވާނެ. ރީތި އަޚްލާޤީ ހަމަތަކަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތާ މިންވަރަށް، އެއްވެސްކަހަލަ ނޭދެވޭ ބަދަލެއް އައިސްގެނެއްނުވާނެ. މިހެން މިކަން އޮތުމާއެކު، އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވަމުންދާއިރު، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި، ނުގުޑާފަދަ ޢަޒުމަކާއެކު ސާބިތުވެތިބެ، އިސްލާމީ ވަޙުދަތު ހިފަހައްޓައި، ރާއްޖޭގެ ޤައުމީ މިނިވަންކަން ޙިމާޔަތްކުރުމަކީ، ކޮންމެ ޕާޓީއެއްގެވެސް މަސްއޫލިއްޔަތުކަމުގައި ވާންޖެހޭނެކަމަށް އަޅުގަނޑު ދެކެން. އަދި ތަހުޒީބުވެފައިވާ މުޖުތަމަޢެއްގެ ރީތި އަޚްލާޤީ މިންގަނޑުތަކުގައި ހިފަހައްޓައިގެން، ސިޔާސީ ޕާޓީގެ ނިޒާމަކީ، އެންމެންގެ ކަރާމަތަށާއި ޙައްޤުތަކަށް ރައްކާތެރިވާ، ކާމިޔާބު ނިޒާމެއްކަމަށް ހެދުމަށް، ހުރިހާ ޕާޓީތަކަކުންވެސް އަދި އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަން ޖެހޭނެކަމަށް އަޅުގަނޑު ދެކެން.

ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމް ކާމިޔާބުކުރެވޭނީ، ރާއްޖޭގެ ދުސްތޫރީ ނިޒާމަށްވެސް ހެޔޮ ބަދަލުތަކެއް އައިސްގެން. އެހެންގޮތަކަށް ދަންނަވަނީނަމަ، ޤާނޫނުއަސާސީ އިޞްލާޙުކުރެވިގެން. އެހެންކަމުން، އެމަސައްކަތް ވީހާ ހަލުވިކަމާއެކު ހިނގަމުންދިޔުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

ޤާނޫނުއަސާސީ އިޞްލާޙު ކުރެވެންދެން ޢަމަލުކުރަމުން ދާންޖެހޭނީ، މިހާރުގެ ޤާނޫނުއަސާސީއަށް. މިނޫންގޮތަކަށް ޢަމަލުކުރުމަކީ، ޤާނޫނު ތަންދޭކަމެއް ނޫން.

ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު އޮންނަނީ، ވަރަށް ބަދަހި ގުޅުމެއް. އެ ޤައުމުތަކުންވެސް ބޭނުންވަނީ، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމަށް. އެއްވެސް ހާލެއްގައި ރާއްޖޭގެ ކަންތައްތައް ހަލަބޮލިކޮށް، ރާއްޖޭގައި މިއޮތް އަމަންއަމާންކަން ނަގައިލުމަށް މަސައްކަތްކުރުމަކީ، އެއްވެސް ސަރުކާރެއްގެ ތާއީދު ލިބޭނެ ކަމެއްނޫން.

ރާއްޖޭގެ ކަންކަމަށް އަޅުގަނޑު ގެންނަމުންމިދާ އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް އެންމެފަހުން ގެނައި ބަދަލުތައް ހިމެނޭ. މި ބަދަލުތައް އަޅުގަނޑު މިގެނައީ، ސަރުކާރު ހިންގުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި.

މި ބަދަލުތައް ގެނައުމާއެކު، ތަޖުރިބާ ލިބިވަޑައިގެންފައިވާ ޢިލްމީ ޒުވާން ބޭފުޅުންކޮޅެއް، ވަޒީރުންގެ މަޖިލީހަށް ވަނީ ޢައްޔަނުކޮށްފައި. ބޭނުމަކީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންމިގެންދާ މަސައްކަތަށް އިތުރު ވިސްނުމާއި، ހަލުވިކަމާއި، ފުރިހަމަކަން ގެނައުން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ދުނިޔޭގެ މިނިވަން ޤައުމުތަކުގެ ސަފުގައި ދިވެހިރާއްޖެ މިވޭތުކުރި 40 އަހަރަކީ، ތަފާތު ތަޖުރިބާތަކުން ފުރިފައިވާ 40 އަހަރު. މިއަދު އަޅުގަނޑުމެން މިކުރިމަތިލަނީ، މިނިވަން ޙަޔާތުގެ އާ އަހަރުތަކަކާ. އެހެންކަމުން، އެކިއެކި ފުރުޞަތުތަކާއި ގޮންޖެހުންތަކަށް މިދަނޑިވަޅުގައި އަޅުގަނޑުމެން ކުރިމަތިލާންވީ، ކެތްތެރިކަމާއި ހިތްވަރާއެކު، އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ އަޅުގަނޑުމެންގެ ދިރިއުޅުން، އަޅުގަނޑުމެން ބޭނުންވާގޮތަށް ބައްޓަންކުރުމަށްޓަކައި، އިޖުތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުން.

ޤައުމީ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި، އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ ހޭލާ. އަޅުގަނޑުމެންގެ މިނިވަންކަމަށް ކިތަންމެ ކުޑަނަމަވެސް ބުރުލެއްއަރާފަދަ ކަމަކަށް، އެއްވެސް ބަޔަކަށް ފުރުޞަތު ދީގެނެއްނުވާނެ.

މިނިވަންދުވަހުގެ އުފާވެރި ޝުޢޫރުތައް ފާޅުކުރަމުންދާއިރު، ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށްޓަކައި އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމަށްޓަކައި ޖިހާދުކުރެއްވި ޤައުމީ އަބްޠާލުން އެކުރެއްވި ޖިހާދުގެ ޒިކުރާ އާކުރަމުން، އެބޭފުޅުންނަށް ޙައްޤު ޝުކުރު އަދާކުރަން. އަދި އެމަތިވެރި އަބްޠާލުންގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުންއެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މާތް ﷲ، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު، މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށި! އަޅުގަނޑުމެންގެ މެދުގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދަމަހައްޓަވާށި! ދިވެހި އުންމަތަށާއި ދިވެހި ރައްޔިތުންނަށް އިތުރު ކާމިޔާބީއާއި، ނަޞްރާއި ނަސީބު މިންވަރު ކުރައްވާށި! އާމީން.

والسّلام عليكم ورحمـة اللّـه وبركاته.