بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، މިއަދުގެ މި އުފާވެރި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ތިމާވެށްޓަށް އެކަށީގެންވާ ޚިދުމަތްކުރައްވާ ފަރާތްތަކަށްދޭ "ފެހިފަތް" މިއަހަރު ލިބިވަޑައިގަތް ދެފަރާތް ކަމަށްވާ، ޢިމާދުއްދީން ސްކޫލަށާއި، ފެލިދެއަތޮޅު އަތޮޅުކޮމިޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

އާދެ، ދެންމެ މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް އިސްމާޢީލް ޝަފީޢުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން "ފެހިފަތް" ސަރުކާރުން ދޭންފެށީ، 1995 ވަނަ އަހަރު. އޭގެފަހުން މިހިނގައިދިޔަ ގާތްގަނޑަކަށް ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި، ޖުމްލަ 27 ފަރާތަކަށް މިހާރު "ފެހިފަތް" ވަނީ ދެވިފައި. އޭގެތެރޭގައި، އަމިއްލަ ފަރުދުންގެ 9 ބޭފުޅަކާއި، 8 ސްކޫލަކަށް އަދި އިތުރު 10 ފަރާތެއް ހިމެނޭ.

މިފަހަރު ފެހިފަތުގެ އިނާމު މި ހާސިލުކުރެއްވި ދެފަރާތަކީ، ޢިމާދުއްދީން ސްކޫލާއި، ފެލިދެއަތޮޅު އަތޮޅުކޮމިޓީ. އާދެ، މި ދެފަރާތަކީވެސް ތިމާވެށްޓަށް ޚިދުމަތްކުރުމުގެ ރޮނގުންނާއި އަދި ތިމާވެށީގެ ހޭލުންތެރިކަން އުފެއްދުމުގެގޮތުން މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ދެފަރާތެއް. އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ދެފަރާތެއް. އެހެންވީމާ، އެ ދެފަރާތަށް ޙައްޤުވާ މުބާރަކްބާދީއާއި ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް މިއަދު ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، އަޅުގަނޑަށް އެނގިފައިވާގޮތުގައި، ޢިމާދުއްދީން ސްކޫލްގައި 2000 ވަނަ އަހަރު އުފެދުނު "ފެހިމަލަ" ނަމަކަށްކިޔާ ތިމާވެށި ކްލަބުގެ ފަރާތުން ދެންމެ މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް އެންވަޔަރަންމަންޓުގެ ނާއިބު އެ ވިދާޅުވިފަދައިން، ތިމާވެށްޓަށް ޚިދުމަތްތަކެއް ކުރައްވާފައިވޭ. އޭގެތެރޭގައި، ކުނި ނައްތާލުމާއި ނުވަތަ ތަންތަން ފެހިކުރުމާއި އަދި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމާއި، އެކަމާބެހޭ މަޢުލޫމާތު ހޯދުމާ، މިކަހަލަ ކަންތައްތައް އެ ކްލަބުގެ ފަރާތުން ވަނީ ކޮށްފައި.

ހަމައެހެންމެ، ފެލިދެއަތޮޅު އަތޮޅުކޮމިޓީއަކީވެސް، ޙަޤީޤަތުގައި ރާއްޖޭގެ އަތޮޅަކަށް ނިސްބަތްކުރެވިގެން އެންމެ ފުރަތަމަ މި އިނާމު ހާސިލުކުރާ އަތޮޅު. އެކަމަށްޓަކައި ފެލިދެއަތޮޅުގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. ފެލިދެއަތޮޅު އަތޮޅުކޮމިޓީން މި ވޭތުވެދިޔަތާނގައި ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރަށްރަށުގައި އުފެދޭ ކުނި، ދެންމެ މިނިސްޓަރުގެ ނާއިބު ވިދާޅުވިފަދައިން، ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެއްވުމާއި އަދި ރަށްރަށް ފެހިކުރެއްވުމާއި، ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމާބެހޭ ޚާއްޞަ ކެމްޕެއިނެއް ހިންގުމާ، މިކަހަލަ ހަރަކާތްތަކެއް ވަނީ ހިންގަވާފައި. އާދެ، މިހުރިހާކަމަކީވެސް އޭގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެށްޓަށް އެކަށީގެންވާ ދިރުމެއް ލިބިދާނެކަމަށް އުންމީދުކުރެވޭ ކަންތައްތަކެއް.

މިއަހަރުގެ ތިމާވެށި ދުވަހުގެ ޝިޢާރާ ބެހޭގޮތުންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަރަށް ފަސޭހަކަމާއެކީގައި އަޅުގަނޑުމެންނަށް އެކަންތައްތައް ބަޔާންކޮށްދެއްވައިފި. އާދެ، ކަނޑުތައް ބޭނުމީ ދިރުމާ އެކީގައިތޯ ނުވަތަ ދިރުންނެތިތޯ. މިއީ، މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ. ކުރާ ސުވާލެއް. އަޅުގަނޑުމެންނާ އެ ސުވާލުކުރަނީ، އަޅުގަނޑުމެން ކަނޑުތައް ބޭނުންވަނީ ދިރުމާ އެކީގައިހޭ؟ ނުވަތަ ދިރުންނެތިހޭ؟ އަޅުގަނޑުހިތުން އޭގެ ޖަވާބަކީ، ވަރަށް ކަށަވަރުގޮތެއްގައި، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކަނޑުތައް ބޭނުންވަނީ ދިރުމާއެކީގައޭ ބުނެވޭކަހަލަ ސުވާލެއްހެން.

ކޮންމެއަކަސް، ދުނިޔޭގެ ނިސްބަތުގައި ކަނޑަކީ އަދި އިންސާނުންގެ ނިސްބަތުގައި ކަނޑަކީ ވަރަށް މުހިންމު އެއްޗެއް. ދުނިޔޭގެ ސަޠުޙުގެ ސަތޭކައަކުން ހަތްދިހަ އާދެ، ހަތްދިހަ އިންސައްތަ އެއީ ކަނޑު. ހަމައެހެންމެ، ދިރުންހުރި ތަކެއްޗަށް ބަލާއިރު، ދިރުންހުރި ތަކެތީގެ ނުވަދިހަ އިންސައްތަ އެއީ ކަނޑާ ގުޅިފައިވާ ތަކެތިކަމަށް ޢިލްމުވެރިން ބުނަނީ. އެހެންވީމާ، ދިރުމާ ކަނޑާ އަޅުގަނޑުމެންނާހުރި ގުޅުން ވަރަށް ރަނގަޅަށް މިކަމުން އެބަ ދޭހަވޭ. ޚާއްޞަކޮށް، ރާއްޖެފަދަ ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށް ކަނޑުގެ މުހިންމުކަން އެހެން ތަންތަނަށްވުރެ އަދި މާބޮޑުވާނެ.

އަޅުގަނޑުމެންގެ އަމިއްލަ އިޤްތިޞާދަށް ބަލާއިރުވެސް، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ދެބައި މިއޮތީ ވަރަށްބޮޑަށް ކަނޑާ ގުޅިފައި. އާދެ، އެއީ މަސްވެރިކަމާއި، ފަތުރުވެރިކަން. އެހެންވީމާ، ކަނޑުގެ މާޙައުލަށް އަންނަ ކޮންމެ ނޭދެވޭ ބަދަލަކީ، އޭގެ ސަބަބުން އިންސާނުންނަށް ވަރަށް ނުރަނގަޅު އަސަރުތަކެއްކުރާނެ ބަދަލެއް. އަދި އަޅުގަނޑުމެންގެ ރާއްޖެފަދަ ޤައުމަކަށް އޭގެ ސަބަބުން ލިބޭނެ ގެއްލުންތައް އަޅުގަނޑުހިތުން، އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ވިސްނާލީމާ އެނގޭނެ. ކަނޑަށް ލިބޭ ގެއްލުމަކީ، އޭގެސަބަބުން މަސްވެރިކަމަށް ގެއްލުންލިބޭނެ ކަމެއް. ކަނޑުތަކަށް ލިބޭ ގެއްލުމަކީ، ކަނޑުތަކަށާއި، ފަރުތަކަށާއި މޫދަށް ލިބޭ ގެއްލުމަކީ، ފަތުރުވެރިކަމަށްވެސް ލިބޭނެ ވަރަށްބޮޑު ގެއްލުމެއް. އެހެންވީމާ، މި އަހަރުގެ މި ޝިޢާރު މިއީ އަޅުގަނޑުމެންގެ ރާއްޖެފަދަ ޤައުމަކަށް ވަރަށް ގުޅޭ، އަޅުގަނޑުމެންގެ މައްސަލަތަކަށް ވަރަށް ވަރުގަދަ އައްޔެއް އަޅުވާލަދޭ ޝިޢާރެއް.

އާދެ، ރާއްޖޭގެ މީހުން ޒަމާނުއްސުރެ އާމްދަނީ ހޯދުމަށް، ދިރިއުޅުން ތަރައްޤީ ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ މަސްވެރިކަން. އަޅުގަނޑުމެންގެ ކަނޑުތަކުގައި މިވަނީ މަސްވެރިކަމުގެ ޚަޒާނާ. އެހެންވީމާ، އެ ކަނޑުތައް ރައްކާތެރިކޮށް ދިރުވައި، އޭގެ ފުރިހަމަ ޞިއްޙަތުގައި ބޭއްވޭތޯ ބެލުމަކީ، އަޅުގަނޑުމެންގެ އަމިއްލަ އިޤްތިޞާދާއި، އަޅުގަނޑުމެންގެ ދިރިއުޅުމާއި، އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި ވަރަށް ބޭނުންތެރި، ވަރަށް މުހިންމު ކަމެއް.

ރާއްޖޭގައި ފަތުރުވެރިކަން ކާމިޔާބުގޮތެއްގައި ކުރިއަށް ގެންދިޔުމުގެ އަދި ފަތުރުވެރިކަން ކާމިޔާބުގޮތެއްގައި ދެމިއޮތުމުގެ އެންމެބޮޑު ސަބަބަކީ، ޤުދުރަތީގޮތުން އުފެދިފައިވާ މުރަކައިގެ މި ރަށްތަކުގެ ރީތިކަން. ފަތުރުވެރިން ރާއްޖެ ގެނައުމުގައި މައިގަނޑު ބައެއް އަދާކުރަނީ، ކަނޑާއި، ފަރުތަކާއި، ގޮނޑުދޮށްތަކުގެ ރީތިކަން. އެހެންވީމާ، މިއީވެސް އަޅުގަނޑުމެން މިފަދަ މުނާސަބަތެއްގައި ވަރަށްބޮޑަށް ހަނދާންކުރަންޖެހޭނެ ކަމެއް. ހަމައެކަނި މިފަދަ މުނާސަބަތެއްގައެއް ނޫން. އަޅުގަނޑުމެން ހަމަ ކޮންމެދުވަހަކުވެސް މި ކަންތައްތައްމަތިން ވިސްނައި ޚިޔާލުކޮށް، އެކަންކަން ރަނގަޅުކުރުމަށް ނުވަތަ އެއަށް ލިބޭ ގެއްލުންތަކުން އެތަންތަން ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަންޖެހޭނެ.

އާދެ، ކަނޑަކީ ދިރުންހުރި ތަނެއް. އަދި އަޅުގަނޑުމެންގެ ދިރިތިބުމުގެ ވާސިޠާއެއްކަމުގައި މާތްﷲ ލައްވާފައިވާ ތަނެއް. އާދެ، ކުރިންވެސް ދެންނެވިފަދައިން، މަސްވެރިކަމުގެ ޚަޒާނާ މިއޮތީ ކަނޑުގައި. ހަމައެހެންމެ، އަޅުގަނޑުމެންގެ ފަތުރުވެރިކަން ގުޅިފައިމިވަނީވެސް ކަނޑާ ގުޅިފައިވާ ތަންތަނާ. މިކަން މިހެން އޮތުމާ އެކުގައި، މަސްވެރިކަމާއި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ރާއްޖޭގެ ވަށައިގެންވާ ކަނޑުތަކާއި، މޫދާއި ފަރުތައް އަޅުގަނޑުމެން ރައްކާތެރިކޮށް ޙިމާޔަތްކުރަންޖެހޭނެކަމާމެދަކު ޝައްކެއްނެތް.

އާދެ، އަޅުގަނޑުމެންގެ މޫދުތަކާއި، ކަނޑުތަކާއި ފަރުތައް ފުރިހަމަ ޞިއްޙަތެއްގައި ބޭއްވުމަށް އަޅުގަނޑުމެން ކޮންމެ ފަރުދަކަށްވެސް މަސައްކަތް ކުރެވިދާނެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް އެކަމުގައި ކޮންމެވެސްވަރެއްގެ ހިއްސާއެއް އަދާކުރެވިދާނެ ކަމެއް. ދިވެހިންނަކީ، ރަށްތަކުގެ ވަށައިގެންވާ ފަރުތަކެއްގެ ޙިމާޔަތުގައި ދިރިއުޅެމުންދާ ރައްޔިތެއް. އެހެންވީމާ، އެފަރުތަކުގެ ޙިމާޔަތް، ރާއްޖޭގެ ރަށްތަކަށް ބޭނުންވޭ. އެފަރުތަކުގެ ދިރުން ދެމެހެއްޓުމަކީ، ރާއްޖޭގެ ރަށްތައް ދެމިއޮތުމުގެ ވަރަށްބޮޑު ބާރަކަށް ނުވަތަ ސިއްރަކަށްވޭ. އަޅުގަނޑުމެންނަކީ، ކަނޑުތަކާއި ފަރުތަކުގެ ތެރޭގައި އަދި އެތަންތާނގެ ޙިމާޔަތުގައި ދިރިއުޅެމުންދާ ބަޔަކަށްވީހިނދު، ކަނޑުތަކާއި، ފަރުތަކާއި މޫދާ، މި ހުރިހާ ތަނެއްގެ ދިރުމާއި ދެމިއޮތުމަށް މަސްއޫލުވުމަކީ ނުވަތަ ޒިންމާދާރުވުމަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއް އަދި ޒިންމާއެއް.

އާދެ، ކަނޑުތަކަކީ އަދި ފަރުތަކަކީ ދިވެހިންގެ ދިރުން. އެއީ، ދިވެހިންގެ ދެމިތިބުން. އެއީ، ދިވެހިރާއްޖޭގެ ދެމިއޮތުން. އަޅުގަނޑުމެން ކަނޑުތައް ބޭނުމީ ދިރުމާއެކީ. ކަނޑުތަކުގައި ފުރިހަމަ ދިރުންހުރި ތަނެއްގެގޮތުގައި ކަނޑުތައް އޮވެގެން، އޭގެސަބަބުން މާތްﷲ މިންވަރުކުރައްވާ ރިޒްޤު އަޅުގަނޑުމެންނަށް ލިބެންއޮތީ. އަދި އަޅުގަނޑުމެންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރިއަށް ދިޔުމުގެ މަގުފަހިވެގެންދާނީވެސް، އަޅުގަނޑުމެންގެ ކަނޑުތައް ސަލާމަތްކަންމަތީ އޮވެގެން. އެހެންވީމާ، މިއަހަރުގެ މި ދުވަހުގެ ޝިޢާރުގައި އެ ބުނާ ސުވާލަށް އަޅުގަނޑުމެންދޭ ޖަވާބަކީ، ވަރަށް ޞަރީޙަ، އެއްވެސް އޮޅުމެއްނެތް ޖަވާބެއް. އަޅުގަނޑުމެން ބޭނުންވަނީ، ކަނޑުތައް ދިރުމާއެކީގައި.

އާދެ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ވަރަށް ގިނަ. އެ މައްސަލަތަކުގެ ވާހަކަ ކޮންމެހެން މިއަދުގެ މި ބައްދަލުވުމުގައި އަޅުގަނޑު ދަންނަވާކަށްނެތިން. އެއީ، އެކަންކަމަކީ އަޅުގަނޑުމެން އެންމެންގެ ސަމާލުކަމަށް ވަރަށް ކުރިއްސުރެ ގެނެވިފައިވާ އަދި އެކަމާދޭތެރޭގައި ދިވެހިރާއްޖެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާ ކަންތައްތަކެއް.

މިއަދު ދަންނަވާލަން ބޭނުންވާ އެއްވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖެއާ ވަރަށްގުޅޭ ކަމެއް. އަޅުގަނޑުމެން އެ ޖަމާޢަތެއްގެ މެންބަރެއް ކަމުގައި ހިމެނިގެން މަސައްކަތްކުރަމުން މިގެންދާ ސާރކުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ރާއްޖޭގައި ފެށެން އުޅޭ ވާހަކަ. އާދެ، އެއީ ސާރކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް. އެމަސައްކަތް މިހާރު ކުރިއަށް އެބަދޭ. މި ސެންޓަރު ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރުމަށްޓަކައި، ސެންޓަރުގެ ގަވަރނިންގ ބޯޑުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ރާއްޖޭގައި ވަނީ ފެށިފައި. ސާރކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރަކީ، 1997 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުނު ސާރކުގެ އެންމެ އިސްވެރިންގެ ޖަލްސާގައި، ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން އުފައްދަން ސާރކުގެ ޖަމާޢަތުން ނިންމާފައިވާ ތަނެއް.

އާދެ، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ހިންގުމާއި، ޙިމާޔަތްކުރުމާއި، އެ ގޮނޑުދޮށްތައް ދިރުވުމާއި، އޭގެ ހިމާޔަތުގައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މިކަމާބެހޭ ހޯދުންތައް ހޯދައި، ރިސަރޗްކޮށް، މިކަމާބެހޭ މަޝްރޫޢުތައް ރާވައި، މިކަންތައްތައް ކުރުމަކީ، ސާރކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރުގެ މަސްއޫލިއްޔަތެއް ކަމުގައި އޮތީ ހަމަޖެހިފައި ނުވަތަ މަސްއޫލިއްޔަތެއް ކަމުގައިވާނެ. މިފަދަ ތަނެއް ސާރކް ޤައުމުތެރޭގައި ޤާއިމުކުރާނަމަ، ޤާއިމުކުރުމަށް އެންމެ އެކަށީގެންވާ ތަނަކީ، ދިވެހިރާއްޖެ ކަމަށް ސާރކުގެ މެންބަރު ޤައުމުތަކުން ވަނީ އެއްބަސްވަފައި. އެހެންވީމާ، މި ސެންޓަރު ރާއްޖޭގައި ޤާއިމުވީމާ، އިރާދަކުރެއްވިއްޔާ އޭގެސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާ މަޢުލޫމާތު އަދި ވަރަށް ގިނަ ފަންނީ އެހީތައް އެތަނުން ލިބެމުންދާނެ. އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ބަލަހައްޓައި، ސަލާމަތްކޮށް ދެމެހެއްޓުމުގައި މި ސެންޓަރުން ކުރާނެ ވަރަށް ގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ ހުންނާނެ. އާދެ، މި މުނާސަބަތުގައި މިވާހަކަ އަޅުގަނޑު މި ދަންނަވާލީ އެއީ، އިއްޔެ ގަވަރނިންގ ބޯޑުގެ ފުރަތަމަ ޖަލްސާ ނުވަތަ ޖަލްސާގެ ފެށުން، އަޅުގަނޑުމެންނަށް ރާއްޖޭގައި އެކަންވީތަން ފެނިފައިވާތީ.

އާދެ، މި މުނާސަބަތުގައި، މި ފުރުޞަތުގައި ރާއްޖޭގެ ތިމާވެށްޓަށް ޚިދުމަތްކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ޚާއްޞަގޮތެއްގައި ތިމާވެށްޓާބެހޭ ވުޒާރާ އާދެ، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް އެންވަޔަރަންމަންޓް. އަދި ޚާއްޞަކޮށް، އެ ވުޒާރާގެ މިނިސްޓަރ އަލްފާޟިލް އިސްމާޢީލް ޝަފީޢު. އެމަނިކުފާނަކީ ތިމާވެށީގެ ރޮނގުން ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާ ބޭފުޅެއް. އަދި އެމިނިސްޓްރީގެ މިދެންނެވި ދާއިރާގެ މަސައްކަތް ވަރަށް ރަނގަޅަށް ބަލަހައްޓަވައިދެއްވާ، ކުރިއަށް ގެންދަވާ ބޭފުޅެއް. އެހެންކަމުން، މިނިސްޓަރަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު މި މުނާސަބަތުގައި ދަންނަވަން. މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް އެންވަޔަރަންމަންޓުގެ ނާއިބުގެ މަގާމުގައި ތިއްބެވި އަލްފާޟިލް ޢަބްދުﷲ މަޖީދަށާއި، އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، އެ މިނިސްޓްރީގެ ތިމާވެށްޓާބެހޭ ސެކްޝަންގެ ވެރިންނަށާއި މުވައްޒަފުންނަށާއި، އެންވަޔަރަންމަންޓް ރިސަރޗް ސެންޓަރުގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް، އެބޭފުޅުން އެކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ޝުކުރު ދަންނަވަން.

އޭގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުންނަށްވެސް، އެބޭފުޅުން އެކުރައްވާ މަސައްކަތްތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މީގެއިތުރުން، ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް އާދެ، މީގެތެރޭގައި، ސަރުކާރުގެ ހަމަ ހުރިހާ ވުޒާރާއެއްވެސް ތިމާވެށްޓާ ބެހޭގޮތުން މަސައްކަތްކުރައްވާ. އަދި ތިމާވެށި ރައްކާތެރިކުރުމަށް ދެއްވަންޖެހޭ އެއްބާރުލެއްވުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް އެންވަޔަރަންމަންޓަށް ދެއްވާ. އެހެންވީމާ، ސަރުކާރުގެ ހުރިހާ ވުޒާރާތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް. އާދެ، އެ މިނިސްޓްރީގެ ދަށުން، ހިނގަމުންދާ ހުރިހާ އަތޮޅުތަކާއި، އަތޮޅު އޮފީސްތަކާއި، ރަށްރަށާއި، ރަށްރަށުގެ ރައްޔިތުން، ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ދެއްވާ އަހަންމިއްޔަތާއި އަދި ކުރައްވާ މަސައްކަތްތައް ކުރައްވަނީ އެ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ކަމަށްވާތީ، އެ މިނިސްޓްރީއަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެމިނިސްޓްރީ ހިންގަވާ މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ސްކޫލްތަކުގައި ތިމާވެށްޓާބެހޭ ހޭލުންތެރިކަން އުފައްދައި، ސްކޫލްތަކުގެ ހަރަކާތްތައް މިރޮނގުން ކުރިއަށް ގެންދަވާތީ، އެ ވުޒާރާއެއްގެ ދަށުން ސްކޫލްތައް ހިނގަމުންދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އަދި ޚާއްޞަކޮށް، އެވުޒާރާގެ މިނިސްޓަރ ޑޮކްޓަރ މަޙްމޫދު ޝައުޤީއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، ހުރިހާ ސްކޫލްތައް ހިންގަވާ ވެރިންނަށާއި، ޓީޗަރުންނަށާއި، އަދި ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެފަދައިން، ތިމާވެށްޓާބެހޭ ކަންތައްތައް ބެލެހެއްޓެވުމަކީ ނުވަތަ އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ތިމާވެށްޓާ ބެހޭގޮތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަކީ، މިނިސްޓްރީ އޮފް ޕްލޭނިންގގެ މަސައްކަތަކަށްވާތީ، އެ ވުޒާރާއަށާއި، އެ ވުޒާރާ ހިންގަވަން ހުންނެވި މިނިސްޓަރ އަލްފާޟިލް ޙަމްދޫން ޙަމީދަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެއާއެކީގައި، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ސަރުކާރުގެ ދާއިރާތަކުގެ ތެރެއިން މިކަމުގައި ބައިވެރިވެވަޑައިގެންދެއްވާ ހުރިހާ ފަރާތްތަކަކަށް މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

މީގެއިތުރުން، ތިމާވެށީގެ ރޮނގުން ޚިދުމަތްކުރައްވާ އަމިއްލަ ފަރުދުންނާއި، އަމިއްލަ ޖަމާޢަތްތަކަށްވެސް ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން އެކުރައްވާ ޚިދުމަތުގެ އަގު ވަޒަންކޮށް، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިމިވާ މި ޤުދްރަތީ ރީތިކަމުން ފުރިގެންވާ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތްލެއްވުން އެދި ދުޢާކުރަމުން.

އަޅުގަނޑުމެންގެ މި ހިތްގައިމު ރަށްތައް، މި ފެހި މުތީތައް، މި މުރަކައިގެ ބަގީޗާ، މިހާރު އޮތްގޮތުގެމަތިން އަދި މިއަށްވުރެވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމެހެއްޓުމުގެ ޤާބިލިއްޔަތާއި، ހުނަރުވެރިކަމާއި، ވިސްނުމާއި ކުޅަދާނަކަން އަޅުގަނޑުމެންނަށް މާތްﷲ ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން.

والسّلام عليكم ورحمـة اللّـه وبركاته.