ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑުއަތޮޅު މަރަދޫފޭދޫގައި ބަޔޯ ފިއުލް މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. ތިމާވެށްޓާ ރަށްޓެހި ގޮތަކަށް އުފައްދާފައިވާ މި ހަކަތަ އިފްތިތާޙު ކޮށްދެއްވުމަށް މަރަދޫފޭދޫ އިޖްތިމާޢީ މަރްކަޒުގައި މިއަދު މެންދުރުފަހު އޮތް މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ތެޔޮ ޕެޓްރޯލަށް އަޅަމުން ގެންދިޔައީމާ، މީގެ ސަބަބުން އިތުރު ފުރިހަމަކަމެއް އައިސް ޚަރަދު ކުޑަވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އިންޖީނުލީ އުޅަނދުފަހަރުގައި ބޭނުންކުރާ ހަކަތައިގެ ޚަރަދު ކުޑަކޮށްދޭ މި ޓެކްނޯލޮޖީ އަޅުގަނޑުމެންނަށް ތަޢާރުފުކޮށްދިނުމުގަޔާއި އަދި ވިއްކެވުމުގައި ޙަރަކާތްތެރިވާ މެލޭޝިޔާގެ ކުންފުންޏަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަޅުގަނޑުމެންގެ ބޭނުމަކީ، ބާވަތް ބާވަތުގެ އާ ޓެކްނޯލޮޖީގެ އެހީގައި ކުރިއަށްވުރެ ރަނގަޅު ގޮތްތަކެއް ހޯދުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަރަދޫފޭދުއިން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ މަރަދުއަށެވެ. މަރަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހިންގަވާ ތަރައްޤީގެ މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެރަށު ރައްޔިތުންނަށް ދެއްވިއެވެ. އަދި ލާމަރްކަޒީ އުޞޫލުން ރަށްރަށް ހިންގައިގެން ނޫނީ ބޭނުންވާ ތަރައްޤީއެއް ނުގެނެވޭނެ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އައްޑުއަތޮޅަށް މިކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު، ހިތަދޫގެ ބައެއް ގޭގެއަށް ވަޑައިގެން، އެގޭގޭގެ މީހުންނާ ބައްދަލުކުރައްވައި ހާލު ބައްލަވާލެއްވިއެވެ.