ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް އަދި އެ މަރުކަޒު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ހޮސްޕިޓަލުގެ އިސް ވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މި ގޮތުން، އެ މަރުކަޒު ޤާއިމުކުރުގެ ޢަމަލީ މަސައްކަތާއެކު، އެ ތަނަށް ބޭނުންވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުމާއި، އަންނަ އަހަރު މަރުކަޒު ހުޅުވުމަށް ކުރަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ތައްޔާރުކުރެވިފައިވާ ޓައިމްލައިންއާ އެއްގޮތަށް މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ކަމާގުޅޭ އިދާރާތަކުން ހޯއްދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ފަދަ މަރުކަޒެއް ބިނާކުރުމުގައި ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭ ވަށާޖެހޭ އޮނިގަނޑެއް ތައްޔާރުކުރުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އައު މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވާލައްވާފައެވެ. މިއަދުގެ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑޮކްޓަރ ޢަބްދުލްމަލިކާއި، ހުޅުމާލޭ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.