ހެރެތެރޭގެ މައްސަލައަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރު އައްޑުއަތޮޅު މީދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ހެރެތެރޭގެ މައްސަލަ ޙައްލު ކުރެއްވުމުގެ މަސައްކަތް ހުއްޓަވާނުލައްވާނެ ކަމަށާއި، އެކަމަށް މަގެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހުއްޓުމެއްނެތި ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މިގޮތުން، ދަތުރުފަތުރު ކުރުމުގެ ނިޒާމު ޤާއިމު ކުރެއްވުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައި ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކާއި، ނަރުދަމާ ޤާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައްވެސް މިއަހަރު ނިމުމުގެ ކުރީގައި ފެށޭނެ ކަމުގައި ވިދާޅުވިއެވެ. މިކަންކަން ކުރެއްވޭނެ ކަމުގެ އުންމީދު ކުރިއަށްވުރެ ބޮޑު ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް، އިރާދަކުރެއްވިއްޔާ ފުއްދަވައިދެއްވޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީދުއަށް ވަޑައިގަތުމުގެ ކުރިން ހުޅުދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އައްޑުއަތޮޅުގެ ތަރައްޤީއަށް މިކުރައްވަމުން ގެންދަވާ މަސައްކަތްތައް ގޮސްފައިވާ ހިސާބު، ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވިއެވެ. އަދި ހެރެތެރޭގެ މައްސަލަ ވަކިގޮތަކަށް ނުނިމޭތީ، ހުޅުދޫ ރައްޔިތުންވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެމައްސަލަ އޮތްގޮތް ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވައި، މިކަން ޙައްލު ކުރެއްވުމަށް ސަރުކާރުން ކުރެއްވެން ހުރި ކަންތައްތައް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.