ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހަންމަލުކުރަންޖެހޭނެ ފަދަ ނާޒުކު ފައްތަރެއްގައިވާ ޤައުމަކަށް ވުމާއެކު، ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ޕެރިސް އެއްބަސްވުމަށް ފަސްވަނަ އަހަރުފުރުން ފާހަގަކުރުމަށް އ.ދ އިން އޮންލައިންކޮށް ބޭއްވެވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓަކީ މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން، ޤައުމުތަކުން ނިންމަވާފައިވާ މުހިންމު ނިންމެވުންތަކާއި އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މުސްތަޤްބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ޙިއްޞާކުރުމަށް ފުރުޞަތުފަހިވެގެންދާނެ ސަމިޓެކެވެ. އަދި މި ސަމިޓަކީ އިނގިރޭސިވާލާތާއި، ފްރާންސް އަދި އ.ދ. އިން އިސްނަގައިގެން ޗިލީ އަދި އިޓަލީގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ސަމިޓެކެވެ. މި ސަމިޓް މަގުފައިވެގެންދާނީ ޔޫ.އެން ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އިން 2021 ވަނަ އަހަރުގެ ނޮވެންބަރު 1-12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދި ކޮންފަރެންސް އޮފް ދަ ޕަރޓީސް (ސީ.އޯ.ޕީ) ގެ 26 ވަނަ ސެޝަނަށެވެ.

މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަބަދަލުތައް ދެނެގަނެ އެކަން ކުޑަކުރުމަށް ކުރާމަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމަ ތައްޔާރުވެގެންކަމުގައި ވިދާޅުފައެވެ. އަދި އެހެން ޤައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ޤައުމަކަށްވާތީ އެކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުއެޅުއްވުމަށް ރާއްޖެއަށް ވަނީ މަޖުބޫވެފައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި މީހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލެވޭނެކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރަނގަޅު ފެށުމެއްކަމުގައި ދެކިގެން މުސްތަޤްބަލުގައި މިއަށްވުރެ ބޮޑު ތަސައްވަރަކާއިއެކު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާއި ހަމައަށް ވާޞިލުވެވިދާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ލަނޑުދަނޑިއެއް ޙާޞިލުކުރާއިރު ބޭރުގެ ފަރާތްތަކުން މީގެ ކުރިން ރާއްޖެފަދަ ޤައުމުތަކަށް ދެއްވުމަށް ކަނޑައަޅާފައިވާ ފަންނީ އަދި މާލީ އެހީތެރިކަން ބޭނުންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ރާއްޖެއިން ކުރެވެންހުރި މަސައްކަތްތައް ކުރަމުގެންދާނެކަން ހާމަކުރައްވައި އެހެން ޤައުމުތަކުންވެސް މިކަމުގައި އެ ޤައުމުތަކުން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ހުރިހާ ޤައުމަތައް ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ދުނިޔެ ހޫނުވަމުންދާ މިންވަރު މައްޗަށް ނުގޮސް ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ނުހިފެހެއްޓޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.