ދަތުރުފަތުރުގެ ނިޒާމްގެ ކޮންޓްރެކްޓް އަންނަ އޯގަސްޓްމަހުގެ 7 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ހޯރަފުއްޓަށް މިއަދު އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޯރަފުށީ ކުޑަކުދިންގެ ޕާކް ހުޅުވުމުގެ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި މި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށް މިކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އަދި އެކަންކަން ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްދެއްވިއެވެ. ބަނދަރުގެ ކަންތައްތައްވެސް ސަރުކާރަށް މުހިންމު ކަމަށާއި، އެހެންނަމަވެސް އެންމެ މުހިންމު ކަމެއްގެގޮތުގައި އެކަން ސަރުކާރުން ދެކެވަޑައިނުގަތީ، ރާއްޖޭގެ އާދައިގެ ގޭގެއަށް ސަރުކާރުން މަސައްކަތް ކޮށްގެން ފައިސާ ދެވޭތޯ ބަލަންޖެހޭތީ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދާ ހަމައަށް ސަރުކާރުން 170 މިލިޔަން ރުފިޔާ، ރާއްޖޭގެ 18 ހާސް ގެއަކަށް އެބަދެއްވޭކަމަށް ވިދާޅުވެ، އޭގެތެރޭގައި ހޯރަފުށީގެ 300 ގެ ހިމެނޭކަން ހާމަކުރެއްވިއެވެ. އަދި، މި ފައިސާއަކީ، އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ދެއްވަމުން ގެންދަވާ ފައިސާ ކަމަށާއި، މިކަމުގެ އިންތިޒާމްތައް މިހާރުވަނީ ހަމަޖެހިފައިވާކަމުގައި ވިދާޅުވިއެވެ. ބަނދަރަކީވެސް ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ ތަނަކަށް ހަދަންވެއްޖެނަމަ، ފުރަތަމަ ކަމަކީ، ޖީބަށް ވަންނަ އެއްޗެއް އިތުރުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މިއަދާ ހަމައަށް އައިއިރު، ވޭތުވެދިޔަ 30 އަހަރު ކަންހިނގާފައިވާގޮތް އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭކަމަށާއި، ފައިސާ އިސްރާފްކުރެވުނު ގޮތްތަކާއި، ފައިސާއިން ނުކުރެވިފައިހުރި ކަންކަން އެނގޭކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ތަރައްޤީއަށް މިކުރައްވަމުން ގެންދަވާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ތަރުތީބުން ގެންދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހޯރަފުށީގެ ނަރުދަމާގެ ޓެންޑަރުގެ މުއްދަތު، އޯގަސްޓްމަހުގެ ތެރޭގައި ހަމަވާ ކަމަށާއި، ހަމަވީމާ، ހޯރަފުށީ ނަރުދާ ހެދުމަށް ސަރުކާރާ ގުޅުމަށް ބޭނުންވަނީ ކޮންބައެއްތޯ ފާހަގަކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހޯރަފުށީގެ ކުޑަކުދިންގެ ޕާކް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީއެވެ.