بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި އިންސާނީ ޙައްޤުތަކަށްޓަކައި ވަކާލާތުކުރާ އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށާއި ވަކިވަކި ފަރުދުންނަށްވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.

މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް އަޅުގަނޑުމެންނާ މިބައްދަލުކުރީ، މުޅި ދުނިޔެއަށް ވަރަށް ބޮޑު ޤުދުރަތީ ކާރިޘާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައެވެ. މިހާރު ފެތުރިފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް ވަނީ، އިންސާނީ އެތައް ޙައްޤަކުން މަޙްރޫމްވެފައެވެ. ރަނގަޅު ކާނާއާއި ސާފު ބޯފެން ލިބުމާއި، ބޭސްފަރުވާ ކުރުންފަދަ، ދިރިހުރުމުގެ ޙައްޤާ ގުޅިފައިވާ އިންސާނީ ޙައްޤުތަކުން މަޙްރޫމްވެފައިވާ އެތައް މިލިޔަން ބަޔަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އެބައުޅެއެވެ. އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުންފަދަ އަސާސީ ޙައްޤުތަކުން މަޙްރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެ ޙައްޤުތައް ލިބިފައި ނެތް އެތައް ބަޔަކު، އަޅުގަނޑުމެންގެ މި ރާއްޖޭގައިވެސް އެބަތިއްބެވެ.

ކޯވިޑް-19އާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނަ މިދަނޑިވަޅުގައި، މުޅި ދުނިޔެވެސް މިއަދު ރާވަމުން އަންނަނީ، މި ބަލީގެ ސަބަބުން ލިބެމުންދާ ޞިއްޙީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގެއްލުންތަކުން އަރައިގަންނާނެ ގޮތުގެ ރޭވުންތަކެވެ. ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެފަދަ ރޭވުންތައް ރާވައި ތަންފީޒުކުރާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިންސާނީ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢު އިހު އޮތް ޢާންމު ޙާލަތަށް އެނބުރި ދިޔުމަށްޓަކައި، ކޯވިޑް ނައްތައިލުމަށް ކުރާ މަސައްކަތުގައި، ދޭދޭ ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރަންޖެހެއެވެ. ކޯވިޑާ ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭސްވެސް، ފަޤީރު ޤައުމުތަކާއި، ކުރިއަރާފައިވާ ޤައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ، ހަމަހަމަ އުޞޫލެއް ޤާއިމުކުރެވެންޖެހެއެވެ.

ދިވެހިރާއްޖޭގައި ކޯވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެކަމާ ދެކޮޅަށް މަސައްކަތްކުރަމުން މި އަންނަނީ، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތިއެވެ. ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް، ދިވެހި ދައުލަތުގެ ފަރާތުން ޢަމަލުކުރަމުން މި އަންނަނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތިއެވެ. އިންސާނަކަށް ވީތީ ލިބެންޖެހޭ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދެމުންނެވެ.

ކޯވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައިވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުމެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް، ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރުމަކީ، މިހާރު އެކުލަވައިލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެކެވެ.

މިއަދު އަޅުގަނޑުމެން އެންމެންވެސް މިތިބީ، އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައެވެ. މިއީ ޢާއިލާގެ މެންބަރުންގެ މެދުގައިވެސް، އެކަކު އަނެކަކަށް އޯގާތެރިވުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ ދުވަސްވަރެކެވެ. ކޯވިޑްގެ ސަބަބުން ޢާއިލާތަކަށާއި މުޖުތަމަޢަށް ކުރިމަތިވެފައިވާ، ޞިއްޙީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި، އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވެއެވެ. މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި، ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޯވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި އިންސާނީ ޙައްޤުތައް ދިރުވައި އާލާކުރުމަށް، ސަރުކާރާއި އަމިއްލަ ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބު މިންވަރު ކުރައްވާށިއެވެ. ކޯވިޑްގެ ބަލިމަޑުކަމުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައި، އެކަލާނގެ މަދަދާއި ހެޔޮ ތައުފީޤް، ދިވެހީންނަށް ލިބިގެންދާނެކަމުގެ ހިތްހަމަޖެހުމާއެކު، އެމަސައްކަތުގައި ކާމިޔާބު ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.