بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، ދިވެހިރާއްޖޭގެ ގައިޑުންނަށްދޭ އެންމެ މަތީ އަދި އެންމެ ޝަރަފްވެރި ބެޖް މިއަދު ހާސިލުކުރި ދެ ގައިޑުންނަށާއި، ސްކައުޓް ސެޓްފިކެޓާއި ބެޖް ހާސިލުކުރި އެގާރަ ސްކައުޓުންނަށާއި، ބޭޑްން ޕަވަލް ސެޓްފިކެޓް ހާސިލުކުރި ދެ ސްކައުޓުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. އަދި ގައިޑުންނާއި، ސްކައުޓުން ބެޖާއި، ސެޓްފިކެޓް ހާސިލުކުރުމުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން. އޭގެތެރޭގައި އެ ދެ އެސޯސިއޭޝަންގެ ވެރިންނާއި، މިކުދިންގެ މައިންބަފައިންނާއި، ބެލެނިވެރިންނާއި، އަދި މިކުދިން ތަޢުލީމު ހާސިލުކުރި އަދި ކުރަމުންދާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ވެރިން ހިމަނަން.

އާދެ، މި ގައިޑުންނާއި، ސްކައުޓުން މި ބެޖްތަކާއި، މި ސެޓްފިކެޓްތައް ހާސިލުކުރީ ވަރަށް ހިންމަތާއެކު މަސައްކަތްކޮށްގެން. ދެންމެ އަޅުގަނޑުމެންނަށް އެކުދިންގެ ތަޢާރުފުގައި އިވިގެންދިޔަފަދައިން، އެކުދިންނަކީ، އެކުދިންގެ މި ދެ އެސޯސިއޭޝަންގެ ފަރާތުން ހިންގެވި ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެ، ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކޮށް، ވަރަށް ގިނަ ހުނަރުތަކެއް ހާސިލުކޮށްފައިވާ، އަދި ވަރަށް ގިނަ ބެޖްތަކެއް ހާސިލުކޮށްފައިވާ ކުދިން. އެހެންވީމާ، އެކުދިން އެކުރި އިޚްލާޞްތެރި މަސައްކަތް މިއަދު އަޅުގަނޑުމެން އެންމެން ހަނދާންކޮށް، އެކުދިންނަށް މަރްޙަބާޔާއި ތަހުނިޔާކިޔައި، ޝުކުރު އަދާކުރަންޖެހޭ.

އާދެ، މިތާނގައި ދެންމެ ވާހަކަފުޅުދެއްކެވި ބޭފުޅުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުޢޫރުތަކެއް ފާޅުކުރައްވައިފި. އެހެންވީމާ، އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވާލަން. އެންމެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރު. ދެން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީ. އަދި އަލްފާޟިލާ މަރްޔަމް ވަޙީދާ. މި ހުރިހާ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުގައި ދިވެހި ޒުވާނުންނަށް އިތުރު ގޮތްތައް ހޯދައިދިނުމަށާއި، ތަޢުލީމު ހާސިލުކުރުމަށާއި، އަދި ޚާއްޞަކޮށް މިފަދަ މުހިންމު ހަރަކާތްތަކުގައި އެކުދިން ކުރިޔަށްދިއުމުގައި މި އޮފީހުން ކޮށްދެމުންގެންދާ މަސައްކަތްތަކުގެ ވާހަކަ ވިދާޅުވި. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް، އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ވަރަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭފަދައިން، ގައިޑް ހަރަކާތާއި، ސްކައުޓް ހަރަކާތަކީ ވަރަށް މުހިންމު ދެ ހަރަކާތެއް. އެއީ ޖަމާޢަތުގެ ފައިދާއަށްޓަކައި ކޮށްދޭ ޚިދުމަތްތަކެއް އެކުލެވިގެންވާ ދެ ހަރަކާތް. އަދި އެކަންތައްތައް ކުރުމުގައި ހިލޭ ސާބަހަށްކުރުމާއި، އަމިއްލަ ވިސްނުމާއި، އަމިއްލަ ޤާބިލިއްޔަތުން އެކިއެކި މައްސަލަތައް ޙައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުން މި ދެ ހަރަކާތުގައި ހިމެނިފައިވޭ. އެހެންވީމާ، މި ދެ ހަރަކާތަކީވެސް ވަރަށް ފައިދާކުރަނިވި މަސައްކަތްތަކެއް، ހުނަރުތަކެއް އެކުލެވިގެންވާ ދެ ހަރަކާތް. އެހެންވީމާ، އެ ހަރަކާތްތައް ދަސްކޮށްދެއްވާ ފަރާތްތަކަށާއި، އަދި މި ހުނަރުތަކާއި ޤާބިލިއްޔަތު ހާސިލުކުރާ ކުދިންނަށްޓަކައި، އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންގެ ހިތުގައި ވަރަށް ޚާއްޞަ ތަޢުރީފަކާއި، ސާބަހުގެ ޝުޢޫރުތަކެއް އުފެދިގެންދޭ.

ރާއްޖޭގެ ގާރލްގައިޑް އެސޯސިއޭޝަނާއި، ސްކައުޓް އެސޯސިޝަނަކީ، މިދެންނެވި މުހިންމު ހަރަކާތްތައް ހިންގަވާ، އަދި މިދެންނެވި މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި އުފައްދާފައިވާ ދެ ޖަމުޢިއްޔާ. ރާއްޖޭގައި މި ދެ ޖަމުޢިއްޔާގެ ފަރާތުން އެ ދެ ޖަމުޢިއްޔާއިން ކުރައްވާ ކަންތައްތައް ކުރިޔަށް ގެންދިއުމަށްޓަކައި ކުރައްވާ މަސައްކަތްތަކަށްޓަކައި، އެ ދެ އެސޯސިއޭޝަންގެ ހީވާގި ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ސްކައުޓް ކައުންސިލުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި، ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އަލްފާޟިލް އަޙްމަދު ޢަލިމަނިކާއި، ގާރލްގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އަލްފާޟިލާ މަރްޔަމް ވަޙީދާއާއި، މި ދެ ހަރަކާތުގައި، އެކަންކަމުގައި އިރުޝާދުދެއްވައި، އެހީތެރިވެދެއްވައި، އަދި އެކަންކަމުގައި ބައިވެރިވުމުގެ މަގުފަހިކޮށްދެއްވާ ހުރިހާ ބޭފުޅުން އަޅުގަނޑުގެ މި ޝުކުރުގައި ޝާމިލުކުރަން.

މިއަދު މި ބެޖާއި ސެޓްފިކެޓް ހާސިލުކުރި ކުދިންވެސް ޖަމާޢަތަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދިނުމަށް އަޅުގަނޑު ގޮވާލަން. ޝައްކެއްނެތް، އެކުދިން އެ ދަސްކުރި ހުނަރުތަކާއި ޤާބިލިއްޔަތުތަކަކީ ޤައުމަށް ވަރަށް ފައިދާކުރަނިވި ހުނަރުތަކަކާއި ޤާބިލިއްޔަތުތަކެއް. އެހެންވީމާ، އެކުދިންގެ ފަރާތުން ދިވެހި ޤައުމަށާއި، މުޖުތަމަޢަށް ފައިދާކުރަނިވި ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން. އަދި އެކަމަށް ގޮވާލައި، އެކުދިންނަށް ނަޞޭޙަތްތެރިވެ އިރުޝާދުދެން. ހަމައެހެންމެ، ހިލޭސާބަހަށް މަސައްކަތްކުރުމުގެ ރޫޙު އަޅުގަނޑުމެންގެތެރޭގައި މިހާރަށްވުރެ އިތުރުވަމުން ދިއުމަކީވެސް އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ކޮންމެ ޤައުމެއްގައިވެސް ހިލޭސާބަހަށް މަސައްކަތްކުރާ ބަޔަކު ތިބޭ. ތިބެންވެސްޖެހޭ. އެމީހުން އެކުރާ މަސައްކަތަކީ ޤައުމުގެ ތަރައްޤީގައި ވަރަށް މުހިންމު ހިއްސާއެއް އަދާކުރާ ކަމެއް.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހިލޭސާބަހަށް މަސައްކަތްކުރުމުގެ ރޫޙު އިތުރުވެގެން ދިއުމަކީ، ޝައްކެއްނެތްގޮތުގައި، މުޅި ޤައުމަށް ފައިދާކުރާނެކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންގެތެރޭގައި މިހާރުވެސް ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ ފަރާތްތަކެއްވޭ. އެފަރާތްތަކުން އެކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެއާއެކީގައި، އަޅުގަނޑުމެން ހިލޭސާބަހަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށާއި، އެކަމުގެ ރޫޙު އަޅުގަނޑުމެންގެތެރޭގައި އިތުރަށް އާލާކޮށް، ދެމެހެއްޓުމަށް އަޅުގަނޑު އިލްތިމާސްކޮށް ގޮވާލަން.

އާދެ، ކޮންމެ ކުއްޖަކީވެސް އަޚްލާޤު ރަނގަޅު ހަރުދަނާ ތަރުބިއްޔަތު ލިބިފައިވާ ކުއްޖަކަށް ވާނީ، އެކުއްޖެއްގެ މައިންބަފައިންނާއި، ބެލެނިވެރިންނާއި، ޢާއިލާގެ ފަރާތުން އެކުއްޖަކުދެކެ ލޯބިވެ، އެ ކުއްޖަކަށް އަޅާލައި، އެކުއްޖަކަށް އެހީތެރިވެދީ ހަދައިގެން. ހަމަ އެހެންމެ، އެކުއްޖަކަށް އިރުޝާދުދީ، ރަނގަޅުގޮތްތައް ދަސްކޮށްދީ، އެކުދިން ދާންވީމަގު އެކުދިންނަށް އަންގައިދީގެން. މި ފުރުޞަތުގައި، ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެއްވައި، ރީތި އަޚްލާޤު ދަސްކޮށްދެއްވައި، އެކުދިންނަކީ ޤައުމަށް ފައިދާހުރި ބޭނުންތެރި ބަޔަކަށް ހެއްދެވުމަށް، މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ސްކޫލްތައް ހިންގަވާ ބޭފުޅުންނާއި، ޓީޗަރުންނާއި، އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑު އިލްތިމާސްކުރަން. ޝައްކެއްނެތް، އެ ހުރިހާ ފަރާތްތަކަކުން އެކޮށްދެއްވާ މަސައްކަތުގެ ނަތީޖާ ފެނިގެންދާނީ އެކުދިންގެ ފަރާތުން. އެކުދިން ޤައުމަށް ކޮށްދޭ ޚިދުމަތުން. އެކުދިންގައި ހުންނަ ރީތި އަޚްލާޤުން. އެކުދިން އެހެން މީހުންނަށް އަޅާލައި، ކަމޭހިތައި، އެހެން މީހުންނަށް އެކޮށްދޭ ޚިދުމަތްތަކުން.

އާދެ، ސްކައުޓް ހަރަކާތާއި، ގައިޑް ހަރަކާތަކީ ވަކި ދެ ހަރަކާތެއް. އަދި ރާއްޖޭގައި މިހާރު އެކަން ކުރިޔަށް މިދަނީ، ރާއްޖޭގެ ޘަޤާފަތާއި، އަޅުގަނޑުމެންގެ މާޙައުލާ ގުޅޭގޮތުން، ދެޖިންސަށް ވަކިން. އެހެންވީމާ މި ދެ ހަރަކާތް މިގޮތަށް ދެޖިންސަށް ވަކިން ހިންގައިގެން މިހާރަށްވުރެ ބޮޑަށް ތަރައްޤީކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުދެކޭގޮތުގައި ވަރަށް ބޭނުންތެރިކަމެއް. ރާއްޖޭގައި ސްކައުޓް ހަރަކާތާއި، ގައިޑް ހަރަކާތް ކުރިއަށް ގެންދިއުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ އެހީތެރިކަމަށްޓަކައި، މިނިސްޓަރ އަލްފާޟިލާ ޒާހިޔާ ޒަރީރަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، ކުރިންވެސް ދެންނެވިފަދައިން، ސްކައުޓް އެސޯސިއޭޝަނުންނާއި އަދި ގާރލްގައިޑް އެސޯސިއޭޝަނުން އެކޮށްދެއްވާ ޚިދުމަތްތަކަށްވެސް، އެ ދެ އެސޯސިއޭޝަން ހިންގަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބެގެން، އަޅުގަނޑުމެންގެ ޤައުމަށް ފައިދާހުރި ގޮތްތައް ހޯދުމުގެ ވިސްނުމާއި، ކެރުމާއި، ޤާބިލިއްޔަތު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން. އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ ޒުވާނުންނަކީ، ޤައުމަށް ފައިދާކުރާ، ދީންދެކެ ލޯބިވާ ދީނަށް ޙުރްމަތްތެރިކޮށްހިތައި، ޤައުމަށް ޚިދުމަތްކުރާ އަޚްލާޤު ރަނގަޅު ހަރުދަނާ ބަޔަކުކަމުގައި ވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހެޔޮ ތައުފީޤު މާތްﷲ އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި އެޒުވާނުންގެ ފަރާތުން ޤައުމަށް އެއްދުވަހުން އަނެއްދުވަހަށް އެކަށީގެންވާ ޚިދުމަތާއި އެހީތެރިކަން ލިބެމުންދިއުން.

والسّلام عليكم ورحمـة اللّـه وبركاته.