ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. މިކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ، މައްޗަންގޮޅި ބޯގަންވިލާ އަލްފާޟިލާ ޝަހިންދާ އިސްމާޢީލާއި، ހެންވޭރު ފަޅަގަޑިގޭ ޑޮކްޓަރ ޢަބްދުﷲ ވަޙީދާއި، ހެންވޭރު މީނާޒް ޑޮކްޓަރ ހާލާ ޙަމީދާއި، ހެންވޭރު މާދޫ އަލްއުސްތާޛު އަޙްމަދު އަސްލަމާއި، ހެންވޭރު ގްލޯރިއޯސާ އަލްފާޟިލް ޢަލީ ނަދީމެވެ. މިބޭފުޅުންގެ ތެރެއިން ކޮމިޝަންގެ ރައީސާކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ އަލްފާޟިލާ ޝަހިންދާ އިސްމާޢީލެވެ. ނައިބު ރައީސަކަށް ހަމަޖެއްސެވީ ޑޮކްޓަރ ޢަބްދުﷲ ވަޙީދެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިކޮމިޝަނަކީ ވަރަށް މަތިވެރި ދައުރެއް އަދާކުރާނެ ކޮމިޝަނެއް ކަމަށް ވިދާޅުވިއެވެ. އަދި ކޮމިޝަންގެ ބެއްލެވުމުގެ ދަށުން ފުލުހުންނާ ގުޅޭ ކަންތައްތައް ރިވެތި ގޮތުގައި ހިނގަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.