بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمعـين.

އާދެ، ރާއްޖޭގެ ކުދިން ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރި ކުރުމަށް ވެކްސިން ދިނުމަށް ރާއްޖޭގައި ހިންގާ ޤައުމީ ކެމްޕެއިން ފަށައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މިއަދު މި ފެށުނު ކެމްޕެއިނަކީ، މި ދެބަލިން ރައްކާތެރިވުމަށް ހިންގޭ ވަރަށް މުހިންމު ކެމްޕެއިނެއް. މި ދެބަލީގެ ނުރައްކާތެރިކަމުގެ މައްޗަށް ދެންމެ މިނިސްޓަރ އޮފް ހެލްތުގެ ނައިބު ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފް ވާހަކަފުޅު ދައްކަވައިފި. އެހެންވީމާ، އެކަމާ ބެހޭގޮތުން އަޅުގަނޑު އިތުރު އެއްޗެއް ދަންނަވާކަށް ނެތިން. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ދެ ފިޔަވައްސަކަށް ބަހާލައިގެން ހިންގާ މި ކެމްޕެއިނަކީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއާއި، ޔުނިސެފާއި، އެމެރިކާގެ ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓުގެ އެހީގައި ހިންގާ ޕްރޮގްރާމެއް ކަމުގެ ވާހަކަ. އެހެންކަމުން، މި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

I would like to join Dr. Abdul Azeez Yoosuf in thanking the WHO, UNICEF and the American Red Cross and Red Crescent for their valuable contribution in this campaign.

ރާއްޖޭގެ ކުޑަކުދިންނާއި، ޢާންމު ރައްޔިތުން އެކިއެކި ނުރައްކާތެރި ބަލިބަލިން ސަލާމަތްކުރުމަކީ، ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދެމުން އަންނަ ކަމެއް. ޚާއްޞަކޮށް، އެ ބަލިބަލިން ދިފާޢުވުމަށް ދޭންޖެހޭ ވެކްސިން ދިނުމުގެ ޕްރޮގްރާމަކީ ވަރަށްބޮޑު އަހަންމިއްޔަތެއް ދީގެން، މެދުނުކެނޑި ސަރުކާރުން ހިންގަމުން ގެންދާ ޕްރޮގްރާމެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ވެކްސިންގ ދެވުނު ނިސްބަތްވަނީ 90 އިންސައްތައަށްވުރެ މަތީގައި. މިއީ މި ސަރަޙައްދަށް ބަލާއިރު ވަރަށް މަތީ އިންސައްތައެއް. އަދި މިއީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވެސް ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއް. މި މަސައްކަތުގެ ސަބަބުން ވެކްސިންދީގެން ރައްކާތެރިވެވޭ ބަލިތައް ރާއްޖޭގައިވަނީ މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން ވަރަށް ބޮޑުތަން މަދުވެފައި. އަދި އުފަންވާ ކުދިން މަރުވާ ނިސްބަތް، އާދެ، މި ދެންނެވީ އެއް އަހަރުން ދަށުގެ ޢުމުރުގެ ކުދިން މަރުވާ ނިސްބަތްވަނީ ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑުތަން ދަށްވެފައި. އޭރު ކޮންމެ އެއްހާސް ކުއްޖެއްގެ ތެރެއިން 120 ކުދިން މަރުވޭ، އަހަރަކު. މި އަދަދު މިހާރު މިވަނީ އެއްހާސް ކުދިންގެ ތެރެއިން 14 އަށް ތިރިކުރެވިފައި. މިއީ ދުނިޔޭގެ ނިސްބަތުގައިވެސް ހާސިލުކުރެވިފައިވާ، ވަރަށް މަތިވެރި ކާމިޔާބީއެއް. މިކަން މިހެން އޮތް ނަމަވެސް، ހިމަބިހީގެ ރޯގާ ފެންނަމުންދާތީއާއި، އަދި ނުކުޅެދޭ ކުދިން އުފަންވަމުންދާތީ، ހިމަބިއްސާއި ރުބެއްލާއިން އަޅުގަނޑުމެންގެ ކުދިންނާއި، މާބަނޑުއަންހެނުން ރައްކާތެރިކުރުމަކީ މިވަގުތު ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއް. އެހެންވީމާ، އެ ސަބަބަށްޓަކައި، މިއަދު މި މުހިންމު ޤައުމީ ކެމްޕެއިން މި ފެށުނީ.

އަޅުގަނޑު އުންމީދު ކުރަނީ މާތް ﷲގެ ވާގިފުޅާއެކު މި ކެމްޕެނަކީ ވަރަށް ކާމިޔާބު ކެމްޕޭނަކަށް ވެގެންދާނެ ކަމުގައި.

އާދެ، އެކި ރޮނގުރޮނގުން ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކުން ތަފާތު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. އޭގެތެރޭގައި، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއި، ޞިއްޙީ ޚިދްމަތްތެރިންނާއި، އަމިއްލަ ޖަމުޢިއްޔާތަކާއި، ޖަމާޢަތްތަކާއި، ޚަބަރުފަތުރާ ވަސީލަތްތައް ހިމެނޭ. މި ހުރިހާ ފަރާތްތަކަކުން މި ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރަމުން، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މި ފުރުޞަތުގައިވެސް ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވެދެއްވާ ހިއްސާއަށްޓަކައި އަޅުގަނޑު އެ ޖަމުޢިއްޔާއަށްވެސް ޝުކުރު ދަންނަވަން.

ރާއްޖޭގެ ޞިއްޙީ ޚިދްމަތްތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރައްވައި އަދި އެ ޚިދްމަތްތަކުގެ ބޭނުން ވީހާ ގިނަ ބަޔަކަށް ފޯރުވައިދެއްވޭތޯ މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމް މިހާރު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށްޓަކައި އެ މަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ކުރީގައި މިނިސްޓަރ އޮފް ހެލްތް ކަމުގެ މަގާމު ފުރުއްވާފައިވާ ބޭބޭފުޅުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެމަތިން ހަނދާންކުރަމުން، އެ ހުރިހާ ބޭފުޅުންނަށްވެސް މި ފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އިލްތިމާސަކީ، މިއަދު މި ފެށުނު، ހިމަބިއްސާއި ރުބެއްލާއިން، ދިވެހިން ސަލާމަތް ކުރުމަށް މި ފެށުނު ކެމްޕެއިނުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވައި، މިއީ ކާމިޔާބު ކަމެއް ކަމުގައި ހައްދަވައި ދެއްވުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތުގެ ނިޢުމަތް ދެއްވުން. އަޅުގަނޑުމެންގެ ކުދިންނާއި، ޒުވާނުންނާއި، މާބަނޑު އަންހެނުންނާއި އެންމެންނަކީ، ޞިއްޙީގޮތުން ދުޅަހެޔޮ އަދި ހުރިހާ ގޮތަކުންވެސް އުފާފާގަތިކަން ލިބިގެންވާ ބަޔަކު ކަމުގައި އެކަލާނގެ ލެއްވުން. ރާއްޖޭގެ ތަރައްޤީއަށްޓަކައި، އަދި ޚާއްޞަކޮށް، ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި، މާތް ﷲ ބަރަކާތްލައްވައި، ދިވެހިރައްޔިތުންނަށް އުފާފާގަތިކަމާއި، އިތުރު ހެޔޮގޮތްތައް މާތް ﷲ މެދުވެރިކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.