بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمعـين.

އާދެ، މިއަދު އަޅުގަނޑު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިކުރާ ޒިޔާރަތުގައި އުނގޫފާރަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުވުމުގެ މި އުފާވެރި ފުރުޞަތުގެ ތެރޭގައި، ވަރަށް މަތިވެރި މާތް މަޤްޞަދެއްގައި ބިނާކުރެވިފައިވާ އިމާރާތެއް ރަސްމީގޮތުން ހުޅުވައިދިނުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި، ޖަމުޢިއްޔަތުއްސައިފުގެ މަސްއޫލުވެރިންނަށާއި، ހުރިހާ މެންބަރުންނަށް އަދި މާޅޮސްމަޑުލު އުތުރުބުރީގެ ޢިއްޒަތްތެރި އަތޮޅުވެރިޔާއަށާއި، އަތޮޅުއޮފީހުގެ ވެރިންނަށާއި، އުނގޫފާރުގެ ވެރިންނަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއަދު ރަސްމީގޮތުން މިހުޅުވޭ "މަސްޖިދުއްތަޤްވާ" އަކީ އަޅުގަނޑަށް އެނގިފައިވާގޮތުގައި، އަމިއްލަ ޖަމުޢިއްޔާއަކުން ރަށުގެ ރައްޔިތުންގެ ޚިދުމަތަށްޓަކައި ބިނާކޮށްދެއްވާފައިވާ މިސްކިތެއް. މި މިސްކިތް ބިނާކޮށްނިމި، މިހާރު މި މިސްކިތުގައި ވަނީ ނަމާދުކުރަން ފަށާފައި.

ޝައްކެއްނެތް، މިސްކިތްތައް ޢިމާރާތް ކުރުމަކީ، ވަރަށް މަތިވެރި ކަމެއް. ވަރަށްގިނަ ދަރުމަޔާއި ޘަވާބު ލިބޭ ކަމެއް. އެހެންވީމާ، ޖަމުޢިއްޔަތުއްސައިފުގެ ފަރާތުން މިރަށުގެ ރައްޔިތުންނަށް މި ކޮށްދެއްވި ބޮޑު ޚިދުމަތަށްޓަކައި އަދި ރައްޔިތުންނަށް މި ދެއްވި އަގު ބޮޑު ހަދިޔާއަށްޓަކައި، އަޅުގަނޑު އެ ޖަމުޢިއްޔާގެ މަސްއޫލުވެރިންނަށާއި، ޖަމުޢިއްޔާގެ ހިންގުންތެރިންނަށާއި، ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވަން. މި މިސްކިތް ރަސްމީގޮތުން ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު އަޅުގަނޑަށް ދެއްވިކަމަށްޓަކައިވެސް، ޖަމުޢިއްޔާގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ޝައްކެއްނެތްގޮތުގައި، މިސްކިތަކީ އިސްލާމީ މުޖުތަމަޢެއްގައި ވަރަށް މަތިވެރި މަޤާމެއް ދެވޭ ތަނެއް. އެއީ، މާތް ﷲގެ އިސްމުފުޅަށް ނިސްބަތްވާ ތަނެއް. މާތް ﷲގެ ގެއެއް. ކޮންމެ މިސްކިތަކީ އެފަދަ ތަނެއް. އެހެންވީމާ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ރާވައި ހިންގާއިރު، މިސްކިތަށް ދޭންޖެހޭ އަހަންމިއްޔަތު އަބަދުވެސް ދިނުމަކީ، ވަރަށް ބޭނުންތެރި ކަމެއް.

އާދެ، މިސްކިތުގެ އެންމެ މުހިންމު ބޭނުމަކީ، އެ މިސްކިތުގައި ފަރުޟު ފަސްނަމާދު ޤާއިމުކުރުމާއި، އެހެނިހެން ނަމާދުތައް ޤާއިމުކުރުން. ހަމައެއާއެކީގައި، އެކިއެކި ހެޔޮދުޢާ ކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ޤުރްއާން ކިޔަވަން ދަސްކޮށްދިނުމާއި، ކީރިތި ރަސޫލާގެ ޙަދީޘް ކިޔެވުމާއި، ޙަދީޘް ދަސްކޮށްދިނުމާއި އަދި މިފަދަ ބޭނުންތެރި ޢިލްމުތައް އުނގަންނައިދިނުމަކީވެސް، މިސްކިތުގެ ރިސާލަތުގެ ތެރޭގައި ހިމެނޭ ކަމެއް. ހަމައެއާއެކީގައި، މިސްކިތަކީ ރަށުގެ އެންމެން އެއްވާތަނަކަށް ވީހިނދު، އެންމެންގެ މެދުގައި އޮންނަންވާ ގުޅުމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށްދޭ ތަނަކަށްވެސް މިސްކިތް އޮންނަނީ ވެފައި. އެއީވެސް މިސްކިތުގެ ރިސާލަތުގެ ތެރެއިންވާ ކަމެއް.

އާދެ، ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި މާތް ﷲ ބަޔާންކުރައްވާފައި އެވަނީ، މިސްކިތުގެ މާތްކަން. އާދެ، މާތް ﷲގެ އިސްމުފުޅު ނަންގަތުމަށާއި އަދި ނަމާދު ޤާއިމުކުރުމަށް އެތަންތަން ޢިމާރާތްކޮށް އުފުލުމަށް މާތް ﷲ އިޒުނަދެއްވާފައިވާ ތަންތަނޭ މިސްކިތްތަކަކީ. އެތަންތާނގައި އެބައެއްގެ ވިޔަފާރިއާއި ނުވަތަ އެހެން ވިއްކުންތައް މިސްކިތުގައި ނަމާދު ޤާއިމުކުރުމަށާއި، މާތް ﷲ ހަނދުމަކުޅައުމަށާއި އަދި ޒަކާތް ދިނުމަށާއި، މިފަދަ މާތް ކަންތައްތައް ކުރުމަށް ހުރަސްނާޅާ ބަޔަކު މިސްކިތްތަކުގައި ހެނދުނާއި ހަވީރު اللّـه سبحـانـه وتعـالى ގެ އިސްމުފުޅަށް ތަސްބީޙަކިޔައި ތަކުބީރުކޮށް ހަދައޭ. އެބައިމީހުންނަކީ މުސްތަޤްބަލުގައި އަންނާނެ ދުވަހަކަށް ބިރުވެތިވާ ބައެކޭ. އާދެ، ޤިޔާމަތް ދުވަހަށް ބިރުވެތިވާ ބައެކޭ. ޤިޔާމަތް ދުވަހަކީ އެދުވަހެއްގައި އެބައިމީހުންގެ ހިތްތަކާއި ނަޒަރުތައް އެގޮތް މިގޮތަށް ފުރޮޅިގެންދާ ދުވަހެކޭ. އެފަދަ ދުވަހެއްގެ ބިރުވެރިކަމަށްޓަކައި މިސްކިތްތަކަށް އަހަންމިއްޔަތުދީ، މިސްކިތްތަކުގައި މާތް ﷲ ހަނދުމަކޮށް، ޒިކުރުކޮށް، ފަރުޟު ފަސްނަމާދު ޤާއިމުކޮށް، ހެޔޮ ޢަމަލުކުރާ މީހުންނަށް ހުރީ، ވަރަށް މަތިވެރި ޘަވާބެކޭ. އާދެ، މިކަމުންވެސް އަޅުގަނޑުމެންނަށް އެބަ ދޭހަވޭ، މިސްކިތުގެ މުހިންމުކަމާއި މާތްކަން.

މިސްކިތެއް ބިނާކުރުމަކުން އެހިސާބުން އެކަންތައް ނިމުނީއަކީނޫން. އަޅުގަނޑުމެން އެބަޖެހޭ މިސްކިތް ޒީނަތްތެރި ކުރަން. މިސްކިތް ޒީނަތްތެރި ކުރުމަކީ، އެތަނަށް އަޅުގަނޑުމެން ގޮސް ނަމާދުކުރުން. މިސްކިތް ފަޅުފިލުވުން. ކޮންމެ ނަމާދެއްގެ ވަގުތުގައިވެސް ޖަމާޢަތުގެ އެންމެން މިސްކިތަށް ޖަމާވެ، ޖަމާޢަތުގެ ނަމާދުކުރުމަކީ ވަރަށް މަތިވެރި އަޅުކަމެއް. އަދި އެނޫން ވަގުތުތަކުގައިވެސް މިސްކިތަށް އަރައި ނަމާދު ކުރުމާއި، ދުޢާ ކުރުމާއި، ޤުރްއާން ކިޔެވުމާއި، މިފަދަ ހެޔޮ ޢަމަލުތައް ކުރުމަކީ، މާތް ﷲ ވަރަށް މަތިވެރި ޘަވާބު ދެއްވާ ކަމެއް. އެހެންވީމާ، ކުރުކޮށް ދަންނަވަންޏާ، މިސްކިތަކީ އިސްލާމީ ޖަމާޢަތެއްގައި ވަރަށް މުހިންމު މަޤާމެއް ދެވޭ ތަނެއް. އެތަނުގެ ބޭނުން އަޅުގަނޑުމެން ހެޔޮގޮތުގައި ކޮށްފިއްޔާ، މާތް ﷲގެ ރަޙްމަތާއި ދަރުމަޔާއި ޘަވާބު އަޅުގަނޑުމެންނާ އެކުގައި ވާނެ. އަދި އަޅުގަނޑުމެން ކުރާ ކަންތައްތަކުގައި އެކަލާނގެ ބަރަކާތް ލައްވާނެ.

އާދެ މިކުރު ވާހަކަކޮޅަށްފަހު، އުނގޫފާރު ޖަމުޢިއްޔަތުއްސައިފުގެ ފަރާތުން އިމާރާތް ކުރެއްވި "މަސްޖިދުއްތަޤްވާ" ރަސްމީގޮތުން ހުޅުވައިދިނުމަކީ، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން މި މިސްކިތް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލަކާއި ޝަރަފެއް.

والسّلام عليكم ورحمـة اللّـه وبركاته.