بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މިއަދުގެ މިބައްދަލުކޮށްލުމަކީ ވަރަށް އުފާވެރި ބައްދަލުކޮށްލުމެއް. މިބައްދަލުކޮށްލުމަކީ، ދެންމެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެ ވިދާޅުވިފަދައިން، އަދި އަޅުގަނޑުމެންނަށް މިތާ އިވިގެންމިދިޔަ ގޮތުގެމަތިން، ރާއްޖޭގެ ޒުވާނުންގެތެރެއިން، ޒުވާނުންގެ ޤައުމީ އިނާމަށް ހުށަހެޅުނު ފަރާތްތަކުގެ ތެރެއިން ހޮވުނު ފަސް ބޭފުޅަކަށް ޒުވާނުންގެ ޤައުމީ އިނާމު އެރުވުމުގެ ބައްދަލުވުން. މި އުފާވެރި މުނާސަބަތުގައި، މިއަދު އެ އިނާމު ހާސިލުކުރެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު މަރުޙަބާއާއި މުބާރަކްބާދީއާއި، ތަހުނިޔާ ދަންނަވަން.

އާދެ، ޒުވާނުންގެ ޤައުމީ އިނާމަކީ، 1999 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދެމުންގެންދާ އިނާމެއް. އަދި މި އިނާމު ދިނުމުގެ ޙަފްލާތަކުގައި، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑަށްވަނީ ވަރަށްގިނަފަހަރަށް ބައިވެރިވެވިފައި. މާލޭގައިވެސް އަދި އަތޮޅުތަކުގައިވެސް. ދިމާވި ބައެއް ސަބަބުތަކާހުރެ ދެފަހަރަކު އަޅުގަނޑަށް ބައިވެރިނުވެވުނު. އެއީ 2001 ވަނަ އަހަރާއި، 2002 ވަނަ އަހަރު. އެހެންނަމަވެސް، 1999ން ފެށިގެން މިހާތަނަށް ޖެހެންދެން، މިއިން ކޮންމެ ބައްދަލުވުމެއްގައިވެސް ބައިވެރިވުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި.

އާދެ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ. އަދި ހަނދުމަފުޅުނެތުންވެސް އެކަށީގެންވޭ. ނުވަތަ އެނގިވަޑައިގެންފައި ނެތުންވެސް އެކަށީގެންވޭ. މިއަދަކީ ނުވަތަ މާދަމައަކީ، ރާއްޖޭގެ ޒުވާނުންގެ ކަންތައްތައް ތަރައްޤީކުރުމުގައި ވަރަށް މުހިންމު ދުވަހެއް. އެއީ، [ޒުވާނުންގެ މަޖިލިސް] މިނަމުގައި އެންމެ ފުރަތަމަ މަޖިލީހެއް ސަރުކާރުން އުފެއްދީ 1980 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 23 ވަނަ ދުވަހު. މިއަދަކީ 2005 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 22 ވަނަ ދުވަސް. އެހެންވީމާ، މާދަމާއަކީ ރާއްޖޭގައި ޒުވާނުންގެ މަޖިލީހުގެ ނަމުގައި މަޖިލީހެއް އުފެދުނުތާ 25 އަހަރު ހަމަވާދުވަސް. އޭގެ ރިހިޔޫބިލް ދުވަސް. އެހެންވީމާ، އިއްތިފާޤުންނަމަވެސް އަޅުގަނޑުމެންނަށް މިއަދު މި ބައްދަލުމިވެވުނީ މިދެންނެވި އުފާވެރި ރިހިޔޫބިލް ދުވަހުގެ އެއްދުވަސް ކުރިން.

އާދެ، މި އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމު މި ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، އަލްފާޟިލް ޙުސައިން ޢަރީފް، އެއީ ކުޅިވަރުގެ ރޮނގުން. އަލްފާޟިލް އިބްރާހީމް ޢާރިފް، އަލްފާޟިލާ އާޝިޔާ ސަޢީދު، އިޖުތިމާޢީ ރޮނގުން. އަލްފާޟިލް ޢަލީ ސަލީމް، އިޖުތިމާޢީ ރޮނގުންނާއި ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން. އަލްފާޟިލާ ޝާޢިރާ ބާނޫ، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން. މިއިން ކޮންމެ ބޭފުޅަކީވެސް އެ ބޭފުޅެއްގެ ރޮނގުން ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އަޅުގަނޑު އެދެނީ، ތިޔައިން ކޮންމެ ބޭފުޅަކީވެސް އެބޭފުޅެއްގެ ރޮނގުގައި ރާއްޖޭގެ ޒުވާނުންނަށް ރީތި ނަމޫނާއެއް ދައްކަވައި، އަދި ރާއްޖޭގެ ޒުވާނުންނަށް ކުރިޔަށްދިއުމުގައި މަގުފަހިކޮށްދެއްވައި، މަގުދައްކަވައިދެއްވައި، އެހީތެރިވެދެއްވާ ބޭފުޅަކަށް ވެވަޑައިގަތުން. އަދި ތިޔަބޭފުޅުންގެ މަސައްކަތްޕުޅުގައި ހީވާގިކަމާއެކު ކުރިއަށްވަޑައިގެން، ތަފާތު ރޮނގުރޮނގުން ޒުވާނުން ބިނާކުރެއްވުމުގައި އެހީތެރިވެވަޑައިގެންދެއްވުން.

އާދެ، ކޮންމެ އިންސާނަކަށްވެސް އެމީހުންގެ ޙަޔާތުގައި ލިބޭ އަގުހުރި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރަންޖެހޭނެ. އަދި ހެޔޮގޮތުގައި ކުރުމަށް ވަރަށް ވަރުގަދަ ޢަޒުމެއްވެސް ކަނޑައަޅަންޖެހޭނެ. ކޮންމެ އިންސާނަކަށްވެސް ދުނިޔޭގައި މާތްﷲގެ ރަޙްމަތްފުޅުން ތަފާތު ގިނަގުނަ އަގުހުރި ފުރުޞަތުތައް ލިބެމުންދޭ. އެ ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އެމީހެއްގެ އަމިއްލަ ނަފްސަށްވެސް، އެމީހެއްގެ ޢާއިލާއަށްވެސް، އެމީހެއްގެ މުޖުތަމަޢަށްވެސް ފައިދާކުރާނެކަމެއް.

މިގޮތުން ތަޢުލީމުގެ ފުރުޞަތު. ޝައްކެއްނެތް އެއީ އަޅުގަނޑުމެންނަށް، ނުވަތަ އަޅުގަނޑުމެންގެ ޅަކުދިންނަށާއި، ޒުވާނުންނަށް ލިބޭ އެންމެ މުހިންމު ފުރުޞަތު. އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރަންޖެހޭނެ. ފުރުޞަތުގެ ބޭނުން ނުހިފުމުން، އޭގެ ހިތާމަކުރަންޖެހެނީ މާފަހުން. ހިތާމަ އިޙްސާސްކުރެވެނީ މާފަހުން. ފުރުޞަތު ގެއްލޭފަހުން. އެހެންވީމާ، ކޮންމެ މީހަކުވެސް، ކޮންމެ ކުއްޖަކުވެސް، ކޮންމެ ޒުވާނަކުވެސް، އެ ލިބޭ ފުރުޞަތުގެ ބޭނުން، އެފުރުޞަތު އެމީހަކަށް، ނުވަތަ އެކުއްޖަކަށް ލިބިފައި އޮއްވައި، ހެޔޮގޮތުގައި އޭގެ ބޭނުންކުރުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ. ހަމައެހެން، ވަޒީފާ އަދާކުރުމުގެ ފުރުޞަތު. މިއީވެސް ކޮންމެ އިންސާނަކަށްވެސް ވަރަށް އަގުހުރި ފުރުޞަތެއް. އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރަންޖެހޭނެ. ވަޒީފާއަށް ފަރުވާތެރިކަން ބަހައްޓަންޖެހޭނެ. އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރެވޭތޯ ބަލަންޖެހޭނެ. ހަމައެހެންމެ އެހެން މީހުންނަށް އެހީތެރިވެދީ، އެހެން މީހުންނަށް ކަމޭހިތައި، އެހެން މީހުން ގޮވައިގެން އުޅުމަށް އެ ފުރުޞަތުގެ ބޭނުންކުރަންޖެހޭނެ.

ހަމައެފަދައިން، ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު. އެއީވެސް ވަކި މީހަކަށް ޚާއްޞަވެފައި އޮތް ފުރުޞަތެއްނޫން. ޤައުމުގެ ކޮންމެ ފަރުދަކީ، ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު އެމީހަކަށް ލިބިފައިވާ މީހެއް. އެއީ ކޮންމެ ރޮނގެއްގައި، ކޮންމެ ދާއިރާއެއްގައި، ކޮންމެ ފެންވަރެއްގައި މަސައްކަތް ކުރަމުންދާ މީހަކަށްވިޔަސް، އެއީ އެމީހަކަށް ލިބިފައި އޮތް ފުރުޞަތެއް. އެއީ ސަރުކާރުގެ ވަޒީފާ އަދާކުރުން ކަމުގައިވިޔަސް، ނުވަތަ އަމިއްލަ ވިޔަފާރި ނުވަތަ ފަތުރުވެރިކަން ނުވަތަ މަސްވެރިކަން، ދަނޑުވެރިކަން، ޢިމާރާތްކުރުން، އެނޫންވެސް އަދި އެއްވެސް ރޮނގަކުން ފުރުޞަތެއް ލިބިފައިވާނަމަ، އެއީ ޤައުމަށް ޚިދުމަތްކުރުމަށް ލިބިފައިވާ ފުރުޞަތެއް ކަމުގައި ބަލައިގެން، އޭގެ ބޭނުން ހެޔޮގޮތުގައި ކުރުމަކީ އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް.

ދެން ދަންނަވަން އޮތީ އެންމެ މުހިންމު ވާހަކަ. އެއީ ޒުވާންކަމުގެ ފުރުޞަތުގެ ވާހަކަ. މިއަދު ޒުވާނުންގެ ޤައުމީ އިނާމު ޙާޞިލުކުރެއްވި ތިޔަބޭފުޅުންނަކީ ވަރަށް ޒުވާން ބޭފުޅުންކޮޅެއް. އަދި މިތާ ތިއްބެވި ގިނަ ބޭފުޅުންނަކީވެސް ހަމަ ވަރަށް ޒުވާން ބޭފުޅުން. އެހެންވީމާ، ޒުވާންކަމަކީވެސް މާތްﷲ އިންސާނާއަށް ދެއްވާ، ވަރަށް އަގުހުރި ފުރުޞަތެއް. އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރަންޖެހޭނެ. އެ ފުރުޞަތުގެ ބޭނުންނުކުރެވުނުކަން އެނގެނީ މާފަހުން. އޭރުން ދެން ކުރާނެކަމެއް ނޯވޭ. އެހެންވީމާ، ޒުވާންކަމުގެ ފުރުޞަތަކީ، މީހެއްގެ ހަށިގަނޑާއި، ޞިއްޙަތު ފުރިހަމައަށްހުރެ، ޤާބިލިއްޔަތާއި އަދި ކަންތައްތައް ކުރުމުގެ ހުނަރުވެރިކަމާއި އޭގެ ކުޅަދާނަކަށް ލިބިފައިވާ ފުރުޞަތެއް. އެ ފުރުޞަތުގެ ބޭނުން ކޮންމެ މީހަކުވެސް ރަނގަޅަށް ކުރަންޖެހޭނެ. އެމީހެއްގެ ދާއިރާގައި އަދި ޤައުމަށް ޚިދުމަތްކުރުމުގައި އަދި މުޖުތަމަޢުގައި އެމީހާގެ ދައުރު ފުރިހަމައަށް އަދާކުރުމުގައި.

އާދެ، އެހެން މިދެންނެވީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ޒަމާނުއްސުރެ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ މެދުގައި އިޖުތިމާއީ ރޫޙު ފެތުރިފައިވާ ތަނެއް. ޖަމާޢަތުގެ ރޫޙު. އެހެންނަމަވެސް، ފަހަކަށްއައިސް އަޅުގަނޑުމެންނަށް މި ވިސްނެނީ، މި ރޫޙު މިދަނީ މަޑުމަޑުން ހުލިވަމުންކަމަށް. އަޅުގަނޑުމެންގެ ރާއްޖޭގައި އޮތް ޖަމާޢަތުގެ ރޫޙު މަޑުމަޑުން ނަމަވެސް ފިލައިގެންދާކަމުގެ އަސަރުތަކެއް އަޅުގަނޑުމެންނަށް އެބަފެނޭ. އެއީ ވަރަށްދެރަ ކަމެއް. އެހެން އެކަން ވިޔަދީގެނެއްނުވާނެ. އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކޮށްގެން، އަޅުގަނޑުމެންގެތެރޭގައި މި ޖަމާޢަތުގެ ރޫޙު އުފެއްދޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ. ރަށުފެންވަރުގައިވެސް، އަވަށުފެންވަރުގައިވެސް، އަދި އެނޫން ފެންވަރުތަކުގައިވެސް އަދި ޤައުމީ ފެންވަރުގައިވެސް. އެއީ އަޅުގަނޑުހިތުން ޚާއްޞަކޮށް، އަޅުގަނޑުމެންކަހަލަ އާބާދީމަދު، އަދި މުއްސަނދިކަމުގެ ވަސީލަތްތައް ކުޑަ ޤައުމެއްގައި ވަރަށް މުހިންމުކަމެއް. ދުނިޔޭގައި އަޅުގަނޑުމެންނަށްވުރެ މުއްސަނދި ނުވަތަ ތަރައްޤީގެގޮތުން މާކުރިޔަށް ގޮސްފައިވާ ތަންތާނގައި، ފަހަރެއްގައި މިދެންނެވި ޖަމާޢަތުގެ ރޫޙު އެވަރަށްނެތަކަސް، އެމީހުންނަށް ކަންތައް ކުރެވިދާނެކަންނޭނގެ. އެކަމަކު އަޅުގަނޑުމެންނަކަށް އެހެނެއް ކަންތަކެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި މިކަން ރަނގަޅަށް އަޅުގަނޑުމެން ވިލަރެސްކޮށްފިއްޔާ، އަޅުގަނޑުހިތުން އޭގެފައިދާ އަޅުގަނޑުމެންނަށް ލިބޭނެ.

މިސާލެއް ދަންނަވަންޏާ، އަޅުގަނޑުމެންނަށް މި ދިމާވި ސުނާމީ ކާރިސާގެ ކަންތައް. އެދުވަހުވެސް އަދި އޭގެފަހުންވެސް ޖަމާއަތުގެ ރޫޙު ވަރަށްމަތީ ފެންވަރަކަށް ރާއްޖެއިން ފެނިގެންދިޔަ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުގެ ހިތްހަމަޖެހުން ލިބުނު. އެކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ، އެއްރަށެއްގެ މީހުން އަނެއް ރަށެއްގެ މީހުންނަށް އެހީތެރިވެ، މިކަންތައްތައް ކުރުމުން، އަޅުގަނޑުމެންނަށް އެ ލިބުނު ހިތި ތަޖުރިބާގެ އަސަރު އަޅުގަނޑުމެންނަށް އިޙްސާސްކުރެވުނީ ވަރަށް ކުޑަކޮށް. އިޙްސާސްކުރަންވީ ވަރަށްވުރެ މާކުޑަކޮށް. އެހެންނަމަވެސް، މިހާރު ސުނާމީ ކާރިސާއަށްފަހު ދުވަސްތަކެއް ވޭތުވެގެން ދިއުމަށްފަހުގައި، ކުޑަކޮށްނަމަވެސް އެއަސަރު ފިލައިގެންދަނީކަމަށްވެދާނެ. އެހެންވިޔަނުދީ، އަނެއްކާވެސް އަޅުގަނޑުމެން އެންމެން ގުޅިގެން އެކުވެރިކަމާ އެކީގައި މަސައްކަތްކޮށް، އެންމެންގެ މަސައްކަތް ވިލަރެސްކޮށްގެން، ޖަމާޢަތުގެ ރޫޙު އިތުރަށް އުފައްދައިގެން މަސައްކަތްކުރުމަކީ، އަޅުގަނޑުހިތުން މިހާރު އަޅުގަނޑުމެންގެ ރާއްޖެ މިއޮތް ފެންވަރުން މައްޗަށްދިއުމަށް ވަރަށް ބޭނުންވާ ކަމެއް.

މިހާރު އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ސުނާމީ ކާރިސާގެ ސަބަބުން އަޅުގަނޑުމެން ވަރަށް ބޭނުންނުވާ ހިސާބަކަށް ގޮސްފައި. އިޤްތިޞާދީގޮތުން ވަރަށް ދަށުފެންވަރަކަށް ގޮސްފައި. މިއިން ޒަމާނަކު ރާއްޖެ ނުދާހާ ދަށަށް މިހާރުވަނީ ގޮސްފައި. އަޅުގަނޑުމެންގެ ޤައުމުގެ އުފެއްދުންތެރިކަން މިދިޔަ އަހަރު، އަޅުގަނޑުމެން ހީކޮށްގެންތިބީ، މިއަހަރަށް ހަ އިންސައްތަ މައްޗަށްދާނެކަމަށް. ސުނާމީ ކާރިސާ އައުމަށްފަހުގައި، ކަންތައްތައް ދިމާވިގޮތުން އަޅުގަނޑުމެން ހީކުރީ، އެ ތިރިވެގެންދާނެކަމަށް އެއް އިންސައްތައަށް. އެކަމަކު މިހާރުގެ ހިސާބުތަކުން ދައްކަނީ އެއަށްވުރެ މާގޯސްކޮށް. ނެގެޓިވް ރައުޒެއް، ނުވަތަ އޭގެ ދަށަށް ދިއުން. ދެ އިންސައްތައާއި، ފަސް އިންސައްތައާ ދޭތެރޭގެ މިންވަރަކަށް އަޅުގަނޑުމެންގެ އިޤްތިޞާދު ދަށަށްދާނެކަމަށް. މިދިޔަ އަހަރަށްވުރެ ދަށަށްދާނެކަމަށް. ވަރަށް ބޮޑު ހިތާމައެއް. ވަރަށް ބޮޑު މައްސަލައެއް. އެހެންވީމާ، މިކަހަލަ ކަންތައްތައް މިހެންއުޅޭއިރު، އަޅުގަނޑުމެންގެ މެދުގައި މިއޮންނަ އެކުވެރިކަމުގެ ރޫޙު އާލާކޮށް، އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރުމާއި، ޖަމާޢަތުގެރޫޙު އާލާކޮށް ދިރުވުމަކީ، އަޅުގަނޑުހިތުން މިކަހަލަ ދަނޑިވަޅެއްގައި އަދި ކުރިޔަށްވުރެވެސް މާ ބޮޑަށް ބޭނުންވެފައިވާކަމެއް.

އާދެ، ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ ޒުވާނުން. ޒުވާނުންކަމަށް މިހާރު ބަލަމުންމިގެންދާ އުމުރު، 18 އަހަރާއި 35 އަހަރާ ދޭތެރޭގެ މީހުންގެ އަދަދު، މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ޕްލޭނިންގ މިނިސްޓްރީން ދެއްވާފައި އޮންނަ ތަފާސްހިސާބަށް ބަލާއިރު އެއީ، ސަތޭކައަކުން 31.8 ގާތްގަނޑަކަށް 32 ޕަސެންޓް. މުޅި އާބާދީގެ ތިންބައިކުޅައެއްބަޔަކީ، މިދެންނެވި އުމުރުގެ ޒުވާނުން. އެހެންވީމާ، އެއީ ވަރަށްބޮޑު އެއްޗެއް. އެހެންވީމާ، އެ ޒުވާނުންގެ ބޭނުން ހެޔޮގޮތުގައި ކުރުމަކީ އަޅުގަނޑުހިތުން މުޅި ޤައުމަށްވެސް ވަރަށް ފައިދާކުރާނެ ކަމެއް.

އެހެންވީމާ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިހެން، ވަޒީފާ ނުލިބިފައި ތިބޭ ޒުވާނުން ތިބުން، ނުވަތަ ވަޒީފާއަށް ކުރިމަތިނުލާ ޒުވާނުން ތިބުން އެއީ ވަރަށް ބޮޑު މައްސަލައަކަށް މިހާރު އަޅުގަނޑުމެން ދެކެންޖެހޭނެކަމެއް. އެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި މިހާރުވެސް މަސައްކަތް ކުރަމުން މިގެންދަނީ. އަދި އަޅުގަނޑުހިތުން ހުރިހާ އެންމެން އިތުރަށް އެމަސައްކަތް ކުރަމުންވެސް ދާންޖެހޭނެ.

އާދެ، ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށްވާތީ، އެމީހުންނަކީ ޤައުމުގެ ތަރައްޤީގައި މައިގަނޑު ހިއްސާއެއް އަދާކުރަމުންދާ އަދި ކުރަންޖެހޭނެ ބައެއް. މިހާރުވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، ވަރަށް ފައިދާހުރި މަސައްކަތްތަކެއް ކުރަމުންގެންދޭ، ތަފާތު ދާއިރާތަކުގައި. ސަރުކާރުގެ ދާއިރާގައިވެސް، އަމިއްލަ ވިޔަފާރި، ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން އަދި އެނޫންވެސް، އިމާރާތްކުރުން، މިހެންގޮސް ވަރަށް ގިނަ ދާއިރާތަކުގައި. އަދި ހަމަ އިޖުތިމާޢީ ރޮނގުން، މިސާލަކަށް، ކުޅިވަރުގެ ރޮނގުން، ނުވަތަ މުނިފޫހިފިލުވުމުގެ ރޮނގުން ވަރަށް ގިނަ ތަފާތު، ހަމަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުންގެންދޭ. އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެން އުފާކުރަންޖެހޭނެކަމެއް. އެހެންނަމަވެސް، އޭގެ މުޤާބިލުގައި އެއްވެސް މަސައްކަތެއްނުކޮށް ތިބޭބަޔަކު ތިބޭކަންވެސް އަޅުގަނޑުމެންނަށް މިހާރު އެބަ ފެނޭ. އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރެއް ނޫން. ކޮންމެ ޒުވާނަކީވެސް އުފެއްދުންތެރި މަސައްކަތްކުރާ މީހަކަށްވާންޖެހޭނެ. އެމީހެއްގެ އަމިއްލަ ކުރިއެރުމަށްޓަކައިވެސް، އެމީހެއްގެ ޢާއިލާއަށްޓަކައިވެސް އަދި މުޅި މުޖުތަމަޢަށްޓަކައިވެސް.

އެހެންވީމާ، އަޅުގަނޑުގެ މިއަދުގެ އެންމެ ބޮޑު އިލްތިމާސަކީ، ރާއްޖޭގެ ހުރިހާ ޒުވާނުންގެތެރެއިން ހަމަ ކޮންމެ ޒުވާނަކީވެސް ބޭނުންތެރި މަސައްކަތެއްކުރާ މީހަކަށްވުން. ވަޒީފާގެ ފުރުޞަތު ލިބޭތޯ މަސައްކަތްކުރުން. ވަޒީފާގެ ފުރުޞަތު ހޯދައިދެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތްކުރަމުން. އަދި ސަރުކާރު ފިޔަވައި އަމިއްލަ ފަރާތްތަކުންވެސް އެ މަސައްކަތްތައް ކުރަމުންގެންދޭ. ހަމަ އެއާއެކީގައި، ވަޒީފާގެ ފުރުޞަތު ލިބިފައިވާ އެއްވެސް ޒުވާނަކު ނުވަތަ އެއްވެސް މީހަކު އެ ފުރުޞަތު ދޫކޮށްލައިގެނެއްނުވާނެ. އެ ފުރުޞަތުގެ ބޭނުންކުރަންޖެހޭނެ.

އާދެ، ޤައުމު ކުރިޔަށްދާނީ، ޤައުމުގެ ތަފާތު ދާއިރާތަކުގެ މީހުންނެކޭ އެއްފަދައިން، ޒުވާނުންވެސް ހުރިހާ ދާއިރާތަކެއްގައި ޙަރަކާތްތެރިވެގެން. އަދި އަޅުގަނޑު ދެކޭގޮތުގައި، ކޮންމެ ޒުވާނަކީވެސް ޤައުމަށް ރީތި ނަމޫނާއެއް ދައްކާ ޒުވާނަކަށްވެގެން. އަދި މުޖުތަމަޢަށް ފައިދާހުރި ރަނގަޅު ސިފަތަކެއްހުރި ޒުވާނަކަށްވެސްވެގެން. އާދެ، ޒުވާނުންނަށް އެކި ރޮނގުތަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހޯދައިދީ، ތަފާތު ދާއިރާތަކުން ކުރިޔަށްދިއުމުގެ މަގު ތަނަވަސްކޮށްދީ އަދި އެމީހުންނަށް ވަޒީފާގެ ފުރުޞަތު ލިބޭނެގޮތްތައް ހޯދައިދިނުމަކީ، ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެމުންއަންނަ ކަމެއް. މިކަމުގައި ހުރިހާ ދާއިރާތަކެއްގެ އެއްބާރުލެއްވުން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެކުރިން، ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރުކަމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި އަލްފާޟިލް ޙުސައިން ޙިލްމީ، އެމަގާމާ ހަވާލުވެވަޑައިގަތުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަން. އަދި ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރުގެ ކަންތައް ތަރައްޤީކުރައްވައި ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދެން. އަދި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން، ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާގެ އެހެން ވެރިންނާއި، މުވައްޒަފުން ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެހެންމެ، ޒުވާނުންގެ ޤައުމީ މަޖިލީހުގެ މެންބަރުންވެސް، ޒުވާނުންގެ ކަންތައްތައް ތަރައްޤީކުރައްވައި، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވައި، ކަންތައްތައް ކުރުމުގެ މަގުފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، ޒުވާނުންގެ ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި ސަރުކާރުގެ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސީދާ ޒުވާނުންގެ ވުޒާރާކަމުގައިނުވިޔަސް، ޒުވާނުންނާ ގުޅުންހުރި ވަރަށް ގިނަ ކަންތައްތަކެއް ކުރައްވާ މިނިސްޓްރީތަކެއް އެބަހުރި. މިސާލަކަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން. ނޫނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ. އަދި މިނޫންވެސް ސަރުކާރުގެ ތަފާތު ދާއިރާތައް އެބަހުރި. އެދާއިރާތަކުންވެސް ޒުވާނުންނަށް ތަޢުލީމު ޙާޞިލުކޮށްދެއްވުމަށާއި، އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށާއި، ވަޒީފާ ތަނަވަސްކޮށްދެއްވުމަށް އެކުރައްވާ މަސައްކަތްތަކަށްޓަކައި، އަޅުގަނޑު އެ ހުރިހާ ފަރާތްތަކަށާއި، ސަރުކާރުގެ އެހުރިހާ ދާއިރާތަކަށާއި، ހުރިހާ ވަޒީރުންނަށާއި، އެކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް ހެޔޮވިސްނުމާއި އަދި ކަންތައްތައް ރަނގަޅަށް ކުރުމުގެ ތައުފީޤު ދެއްވުން. އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ މީހަކީވެސް ޤައުމަށް ފައިދާކުރަނިވި މީހެއްކަމުގައި އެކަލާނގެ ލެއްވުން. އަދި ޚާއްޞަކޮށް، ޒުވާނުންނަކީ އެމީހުންގެ ހޫނުލެޔާއި، ޖޯޝާއި، އެމީހުންގެ ޝައުޤުވެރިކަން ހުރި މިންވަރުން ހުރިހާ ރޮނގަކުންވެސް ޤައުމަށް ވަރަށް ފައިދާކުރާނެ، ޚިދުމަތް ކުރާނެ ބަޔަކުކަމުގައި މާތް ﷲ ލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.