އަލްފާޟިލް އިބްރާހީމް ޚަލީލު - ޓެލެވިޜަން މޯލްޑިވްސް:

އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި މިއޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަނިކުފާނުގެ މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ ދާއިރާތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު އިންޑިޔާއަށް މިފަހަރު މިކުރާ ރަސްމީ ދަތުރުގައި، ޢާންމުގޮތެއްގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި މިއޮންނަ ގުޅުމުގެ ކަންތައްތައް ދެފަރާތުން މުރާޖަޢާކޮށް މުޠާލިޢާކޮށް ހަދާނެ. އޭގެތެރޭގައި ވަރަށް ގިނަ ކަންތައްތައް ހުންނާނެ. ވަރަށް ކުރީއްސުރެ އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި ވަރަށް ގިނަ ރޮނގުރޮނގުން މިއަންނަނީ ގުޅުން ބަދަހިކުރަމުން އަދި އެއްބާރުލުން އިތުރުކުރަމުން. އޭގެތެރޭގައި، ތަޢުލީމީ ދާއިރާގެ ކަންތައްތަކާއި، ޞިއްޙީ ދާއިރާގެ ކަންތައްތަކާއި އަދި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ދާއިރާގެ ކަންތައްތަކާއި، ތިމާވެށްޓާބެހޭ ކަންތައްތަކާއި އަދި ދެޤައުމުގެ ދޭތެރޭގައި ސިފައިން ތަމްރީނު ކުރުމުގެ ކަންތައްތަކާއި، މިހެންގޮސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އެހެންވީމާ، މި ހުރިހާ ކަންތައްތަކާ ދޭތެރޭގައި އިރާދަކުރެއްވިއްޔާ ވާހަކަދައްކައި އަދި މިގުޅުން އިތުރަށް ބަދަހިކުރުމަށް ފިޔަވަޅުތަކެއް އެޅޭނެ.

އަލްފާޟިލާ މޫނިސާ ޢީސާ - ދުވަހުނޫސް "އާފަތިސް":

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރައްވާކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި މިވަނީ. އެއީ ކޮން ކަހަލަ އެއްބަސްވުމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މި ދަތުރުގައި އަޅުގަނޑުމެން އުންމީދުކުރީ، ސައެންސް އެންޑް ޓެކްނޮލޮޖީއާބެހޭ އެއްބަސްވުމެއްގައި އިންޑިޔާ ސަރުކާރާއި، ދިވެހި ސަރުކާރާ ދޭތެރޭގައި ސޮއިކުރެވޭނެކަމަށް. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ، މަސައްކަތް ކިތަންމެ ބާރަށް ކުރިކަމުގައިވިޔަސް އަދި އެކޮޅުން ހަމަޖައްސަވަންޖެހޭ ހުރިހާ ކަމެއް ހަމައެއްނުޖެހޭހެން. އެހެންވީމާ، ފަހަރެއްގައި މިފަހަރުގެ މިދަތުރުގައި އެ އެގްރީމެންޓުގައި ސޮއިނުކުރެވޭގޮތްވުމަކީ އެކަށީގެންވާ ކަމެއް.

އަލްފާޟިލް މިދުޙަތު އާދަމް - ދުވަހުނޫސް "މިއަދު":

އިންޑިޔާއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮންނަ ޤައުމެއް. ދެން، ވަރަށް ގިނަ އެހީތައްވެސް އިންޑިޔާއިން ރާއްޖެއަށް މިދަނީ ލިބެމުން. މަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް މުސްތަޤްބަލުގައި ކުރާނީ ކޮންކަހަލަ ފައިދާތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި މިއޮންނަ ގުޅުމަކީ، ވަރަށް ގިނަ ރޮނގުރޮނގުން އެއްބާރުލުން އުފެދިފައިވާ ގުޅުމެއް. ވަރަށް ޒަމާނުއްސުރެ އަޅުގަނޑުމެންގެ ދެ ޤައުމަކީ ވަރަށް ރަޙްމަތްތެރި، ވަރަށް އެކުވެރި ދެ ޤައުމު. ވަރަށްގިނަ ފަހަރުފަހަރަށް ރާއްޖެއަށް ބޭނުންވާ ކަންތައްތައް ވަރަށް ކުއްލިގޮތެއްގައިވެސް އިންޑިޔާއިން މިއަންނަނީ ކޮށްދެމުން. އޭގެތެރޭގައި، 1988 ވަނަ އަހަރުގެ ޢުދުވާނީ ޙަމަލާގައި، އިންޑިޔާއިން ވެދިން އެހީ ފާހަގަކޮށްލެވޭ. ހަމައެހެންމެ، އަޅުގަނޑުމެންނަށް މި ދިމާވި ސުނާމީ ކާރިސާގައި، ސުނާމީ ކާރިސާގައި އިންޑިޔާގެވެސް ވަރަށް ގިނަ މީހުން މަރުވެ، އިންޑިޔާއަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު. އެހެންނަމަވެސް، އެމީހުން ހަމަ އަޅުގަނޑުމެން އެދުނުހާ އަވަހަކަށް، ވަރަށް އަވަހަށް އިންޑިޔާގެ މަނަވަރުތަކާއި އަދި ހެލިކޮޕްޓަރާއި އެއްޗެހި ފޮނުވައިގެން އަދި ކުއްލި އެހީތައްވެސް ވަރަށް ގިނަ އަދަދަކަށް ދިން. އެހެންވީމާ، މި ހުރިހާ ރޮނގުރޮނގުން އަޅުގަނޑުމެން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަށް ގެންދިޔުން މި ދަތުރުގެ މަޤްޞަދަކީ. ވަކި ޚާއްޞަ ދާއިރާއަކުންނޫން. ހަމަ ހުރިހާ ދާއިރާއަކުންވެސް ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ގޮތެއްގެމަތިން އަޅުގަނޑުމެންގެ މި އެއްބާރުލުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރުން.

އަލްފާޟިލް އަޙްމަދު ޝިޔާމް - މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ:

ރާއްޖޭގައި ދެވޭ ބައިނަލްއަޤްވާމީ މުވާސަލާތުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ފުޅާކުރުމަށްޓަކައި ސަބްމެރީން ކޭބަލްގެ ޒަރީޢާއިން ޤައުމުތަކާއި ގުޅާލައްވާނެ ކަމަށް ވަނީ މިއަހަރުގެ ރިޔާސީބަޔާނުގައި ވިދާޅުވެފައި. މިކަމާބެހޭގޮތުން އެއްވެސް މަޝްވަރާއެއް މިފަހަރު އިންޑިޔާ ސަރުކާރާ ކުރެވޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ކުރިންވެސް ދެންނެވި ފަދައިން، ހުރިހާ ރޮނގަކާ ބެހޭގޮތުންވެސް އިރާދަކުރެއްވިއްޔާ މަޝްވަރާ ކުރެވޭނެ. އަޅުގަނޑާއެކީގައި މި ވަޑައިގަންނަވާ ވަފުދުގައި އެހެން މިނިސްޓަރަކުވެސް އެބަ ހުންނެވި. އަދި އެހެން އިސްބޭފުޅުންވެސް އެބަ ތިއްބެވި އެހެންވީމާ، އަޅުގަނޑު އެކަނިނޫނަސް، އެހެން ބޭފުޅުންވެސް އެކިއެކި ފެންވަރުތަކުގައި ވާހަކަފުޅުދައްކަވައިގެން ހުރިހާ ކަމަކާ ބެހޭގޮތުން ވާހަކަދެކެވޭނެ. ދެން، މި ދަތުރުގައި އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީ ބައިވެރިވެވަޑައިނުގަންނަވާތީ، މާ ތަފުޞީލުކޮށް ތިޔަ ވާހަކައެއް ނުދެކެވޭނެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އެބައޮތް، މި ސަބްމެރީން ކޭބަލް އެޅުމުގައި އިންޑިޔާގެ ފަރާތަކުން އެކަމާ އުޅޭނެކަމުގެ.

އަލްފާޟިލް ޢަބްދުﷲ ރަމީޒު - ދިވެހިރާއްޖޭގެ އަޑު:

ސުނާމީއަށްފަހު ސާކް ސަމިޓު މިއޮތީ ފަސްވެގެން ގޮސްފައި. ދެން ވަކި ތާރީޚެއް ކަނޑައެއްނޭޅޭ. އެހެންވީމާ، މި ދަތުރުފުޅުގައި އެކަމާގުޅޭ މަސައްކަތްތަކެއް އެއްވެސްވަރަކަށް މި ދަތުރުފުޅުގައި އިންޑިޔާ ސަރުކާރާއެކު ކުރެވުން އެކަށީގެންވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ސާކުގެ ދެން އަންނަ ޖަލްސާ (ސަމިޓް) ލަސްވެފައި މިއޮތީ، ސުނާމީގެ ސަބަބަކުންނޫން. އެހެން ބައެއް ކަންތައްތައް ދިމާވެގެން ލަސްވެފައި މިއޮތީ. އެހެންވީމާ، މި ހުރިހާ ޤައުމަކުންވެސް މަސައްކަތް މި ކުރަނީ، ވީ އެންމެ އަވަހަކަށް ސަމިޓެއް ބޭއްވޭތޯ. އެހެންވީމާ، އެކަމާ ބެހޭގޮތުންވެސް އިރާދަކުރެއްވިއްޔާ މިދަތުރުގައި މަޝްވަރާ ކުރެވޭނެ.