بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

ދިވެހިރާއްޖެ ހާސިލުކޮށްފައިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިއުމަށްޓަކައި އަދި އަޅުގަނޑު މިހާރު ފަށާފައިވާ އިޞްލާޙީ ޕްރޮގްރާމް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރިޔަށްގެންދިއުމަށްޓަކައި ވަޒީރުންގެ މަޖިލީހަށް އަޅުގަނޑު މިއަދު މުހިންމު ބަދަލުތަކެއް ގެނެސްފިން.

އާދެ، އެ ބަދަލުތަކުގެ ބޭނުމަކީ، މިހާރު އަޅުގަނޑުމެން ކުރިޔަށްމިގެންދާ މަރުޙަލާގައި އާ ޢަޒުމަކާއި، އާ ހިތްވަރަކާއި، އާ ޚިޔާލުތަކަކާ އެކީގައި، ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި ހަލުއިކަމާއެކު ކަންތައްތައް ކުރިޔަށް ގެންދިއުން.

އެ މަޤްޞަދުގައި އަޅުގަނޑު ވަޒީރުންގެ މަޖިލީހަށް މިއަދު މިގެނައި ބަދަލުތަކުގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުގައި ކުރިން ހިމެނިވަޑައިގެންނެވި ބައެއް ބޭފުޅުން، ވަޒީރުންގެ މަޖިލީހުން ބޭރުން ސަރުކާރުގެ އެހެން މަގާމުތަކަށް ބަދަލުކުރުން ހިމެނޭ. ހަމައެޔާއެކީގައި، ވަޒީރުންގެ މަޖިލީހުގައި ،މިހާރުވެސް ތިއްބެވި ބައެއް މެންބަރުން އެބޭފުޅުން އެހެން މަގާމުތަކަކަށް، ވަޒީރުންގެ މަޖިލީހުގެ އެހެން މަގާމުތަކަކަށް ބަދަލުވެވަޑައިގަތުން ހިމެނޭ. މީގެއިތުރުން، މުޅިން އަލަށް ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގަންނަވާ ބޭފުޅުންކޮޅެއްވެސް އެބަތިއްބެވި. އެހެންވީމާ، މިއަދު އަޅުގަނޑު މި ބައްދަލުކޮށްލީ، ވަޒީރުންގެ މަޖިލީހާ މުޅިން އަލަށް މިއަދު ގުޅިވަޑައިގެންނެވި ބޭފުޅުން ކުޑަކޮށް ތަޢާރުފުކޮށް އެރުވުމަށްޓަކައި.

އާދެ، މިގޮތުން ނުވަބޭފުޅަކު މިތާނގައި މިއަދު އެބަތިއްބެވި. އެބޭފުޅުންގެ ނަންފުޅުތަކާއި، އެބޭފުޅުން ހަވާލުވެވަޑައިގެންނެވި މިނިސްޓްރީތައް އަޅުގަނޑު ދަންނަވާލާނަން.

އާދެ، އެންމެ ފުރަތަމަ މިހުންނެވީ، އަލްފާޟިލް މުޙައްމަދު ސަޢީދު. އޭނާ ހުންނަވާނީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްގެ މަގާމުގައި.

ދެން އެހުންނެވީ، ޑޮކްޓަރ އަޙްމަދު ޝަހީދު. އޭނާ ހުންނަވާނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒުކަމުގެ މަގާމުގައި.

ދެން އެހުންނެވީ، އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލު. އޭނާ ހުންނަވާނީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ މަގާމުގައި.

ދެން ހުންނެވީ، އަލްއުސްތާޛު މުޙައްމަދު ނަޝީދު. އޭނާ ހުންނަވާނީ، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުގައި.

ދެން ހުންނެވީ، އަޅުގަނޑުގެ ވާތްފަރާތުގައި މިހުންނެވީ، އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ. އޭނާ ހުންނަވާނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ މަގާމުގައި.

ދެން އެހުންނެވީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު އަޙްމަދު. އޭނާ ހުންނަވާނީ، މިނިސްޓަރ އޮފް ޖަސްޓިސްކަމުގެ މަގާމުގައި.

ދެން އެހުންނެވީ، އަލްފާޟިލް މުޙައްމަދު ވަޙީދުއްދީން. އޭނާ ހުންނަވާނީ، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ މަގާމުގައި.

ދެން އެހުންނެވީ، އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ. އޭނާ ހުންނަވާނީ، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީކަމުގެ މަގާމުގައި.

ދެން އެހުންނެވީ، އަލްފާޟިލް އިބްރާހީމް ރަފީޤު. އޭނާ ހުންނަވާނީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ މަގާމުގައި.

މި ހުރިހާ ބޭފުޅުންނަކީވެސް އެބޭފުޅުންގެ ދާއިރާތަކުގައި ވަރަށް ކާމިޔާބުކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅުންކޮޅެއް. އަދި އެބޭފުޅުންނަކީ ޢިލްމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި އެބޭފުޅުންގެ ދާއިރާ ހިންގެވުމުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅުންކޮޅެއް. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ، މިބޭފުޅުން މިއަދު ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގަތުމުން، އަޅުގަނޑުމެން މިހާރު ކުރަމުންމިގެންދާ މަސައްކަތަށް އިތުރު ހަލުއިކަމާއި އިތުރު ފުރިހަމަކަން އަންނާނެކަމަށް.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖެ މިހާތަނަށްވެސް ހާސިލުކޮށްފައިމިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ހަލުއިކޮށް ކުރިޔަށްގެންދިއުމަށްޓަކައި އަޅުގަނޑުމެންނަށް އާ ޚިޔާލާއި، އާ ވިސްނުމާއި، އަދި ޒުވާން ލޭ ބޭނުންވާތީ، އަޅުގަނޑު މިއަދު މި ބަދަލުތައް މިގެނައީ.

އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ވަނީ ވަރަށް ގިނަ ކަންތައްތަކެއް ހާސިލުކޮށްފައި. އަދި އަޅުގަނޑުމެން މިހާރު މިވަނީ ވަރަށް ގިނަ ކަންތައްތަކެއް ހާސިލުކުރަންޖެހިފައި. އަދި ހަމައެޔާއެކީގައި، އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކެއް ހާސިލުނުކޮށްފިނަމަ، އަޅުގަނޑުމެންނަށް ދެރަގޮތްތަކެއް ދިމާވުމަކީ އެކަށީގެންވާކަމެއް. އެހެންވީމާ، މިދެންނެވި މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހަށް އަޅުގަނޑު މިއަދު މި ބަދަލުގެނައީ. މާތްﷲގެ ވާގިފުޅާއެކު އިރާދަކުރެއްވިއްޔާ، ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި ހުރިހާ ކަމެއްވެސް ދާނީ ވަރަށް ރަނގަޅަށް ހަމަޖެހިގެން ކުރިޔަށް.

އަދި މި ފުރުޞަތުގައި، ވަޒީރުންގެ މަޖިލީހުގައި މީގެކުރިން ޚިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންވެސް، ވަރަށް ދިގުމުއްދަތެއްގައި އެ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިއަދު ސަރުކާރުގެ އޮނިގަނޑަށް މި ގެނެވުނު ބަދަލާ ގުޅިގެން، މިނިސްޓްރީތައް ބަދަލުވެވަޑައިގެންނެވި ބޭފުޅުންވެސް މިހާތަނަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އަދި ހަވާލުވެވަޑައިގެންނެވި އާ މިނިސްޓްރީތަކުގެ މަސައްކަތްވެސް ވަރަށް ޤާބިލުގޮތެއްގައި އެބޭފުޅުން ގެންދަވާނެކަމުގެ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އޮތްވާހަކަ ދަންނަވާލަން.

އާދެ، އަޅުގަނޑުގެ އަބަދުގެވެސް ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި އަޅުގަނޑުމެން ފައިތިލަ ސާބިތުކޮށްގެން ތިބެގެން، ދިވެހިރާއްޖޭގެ މަޞްލަޙަތު އޮތްގޮތެއްގެމަތިން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭ ގޮތެއްގެމަތިން އަދި އަޅުގަނޑުމެންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން މި ޒަމާނާ ފައިހަމަވާގޮތެއްގައި ކުރިޔަށްގެންދިއުމުގެ ހެޔޮތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.