بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمعـين.

އާދެ، ނޭޝަނަލް އާޓް ގެލެރީ ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމަކީ، މިރޭ އަޅުގަނޑަށް ލިބޭ، ވަރަށް ބޮޑު އުފަލެއް. ހަމައެހެންމެ، ނޭޝަނަލް އާޓް ގެލެރީގެ ފުރަތަމަ ދިވެހި މަޢުރަޒު "ދިވެހިންގެ ޒަމާންތައް - ދިވެހިންގެ ފިހިން" މި މަޢުރަޒު ހުޅުވައިދިނުމަކީވެސް، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙައްމަދު ނަޝީދަށާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް އަލްފާޟިލް ޙުސައިން ޝިހާބަށާއި، އާޓް ގެލެރީގެ އިސްބޭފުޅުންނަށާއި، އެތާނގެ މުވައްޒަފުންނަށާއި، އިންފޮމޭޝަން މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށާއި އަދި ރާއްޖޭގައި ތިއްބެވި ކުރެހުމުގެ ރޮނގުން ކުޅަދާނަ ފަންނުވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން.

އާދެ، މިރޭގެ މި އުފާވެރި އިޙްތިފާލުގައި، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ބޭފުޅުން، އަލްފާޟިލް މުޙައްމަދު ޙިލްމީއާއި، އަލްއުސްތާޛު މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑަށް އިޝަރާތްކުރައްވައި ހަދިޔާކުރެއްވި ހެޔޮބަސްފުޅުތަކަށްޓަކައި، އެ ދެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިރޭގެ މި އިޙްތިފާލަކީ، ވަރަށް ގިނަ ބޭފުޅުން ކޮށްދެއްވި މަސައްކަތުގެ ނަތީޖާ ދައްކައިދޭ އިޙްތިފާލެއް. ދެންމެ، މިނިސްޓަރ ނަޝީދުގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، އާޓް ގެލެރީއެއް އުފެއްދުމުގެ ޚިޔާލަކީ، މީގެ ފަސް އަހަރު ކުރިން ކުރެވިފައިވާ ޚިޔާލެއް. އެ ޚިޔާލު ޙަޤީޤަތަކަށް ހެދުމަށްޓަކައި، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވަނީ ތަފާތު މަސައްކަތްތަކެއް ކުރެވިފައި. އެ މަސައްކަތްތަކުގައި އެކި ބޭފުޅުން އިސްވެ އުޅުއްވައިދެއްވި.

އާދެ، މި ޚިޔާލު ފެށިގެން އައީ، ކުރީގެ މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ އަލްފާޟިލް އިބްރާހީމް މަނިކު، މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ކަމަށްވާތީއާއި، އޭނާ މިކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ، އޭނާއަށް މިރޭގެ މިއިޙްތިފާލުގައި ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވާލަން ބޭނުން. ހަމައެއާއެކީގައި، އޭނާގެ ފަހުން އެ މިނިސްޓްރީ ހަވާލުވެވަޑައިގަތް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲވެސް ކުރެއްވި މަސައްކަތްޕުޅުތަކަށް، އެމަނިކުފާނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެފަހުން، އަލްއުސްތާޛު މުޙައްމަދު ނަޝީދު މިކަމާ ހަވާލުވެވަޑައިގެން، މިހާތަނާޖެހެންދެން ކުރައްވާފައިވާ މަސައްކަތްޕުޅުތައް، މި އިޙްތިފާލުންވެސް އަޅުގަނޑުމެންނަށް ރަނގަޅަށް ފެންނަންހުރީތީ، އެމަނިކުފާނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި ބޭބޭފުޅުންގެ އިތުރަށް، މި އާޓް ގެލެރީގެ މަސައްކަތުގައި ޢަމަލީގޮތުން ވަރަށް ގިނަ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންދެއްވާފައި. އެ ހުރިހާ ބޭފުޅުންނަށްވެސް، މިރޭގެ މި އުފާވެރި މުނާސަބަތުގައި އަޅުގަނޑު މަރުޙަބާ ދަންނަވައި، ތަހުނިޔާ ދަންނަވައި، ޝުކުރު އަދާކުރަން.

އާދެ، ސަރުކާރުން ނޭޝަނަލް އާޓް ގެލެރީއެއް އުފެއްދުމުގެ މަޤްޞަދާ ބެހޭގޮތުން ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލަދެއްވައިފި. އެހެންވީމާ، އެކަމާ ބެހޭގޮތުން މާދިގު ވާހަކައެއް އަޅުގަނޑު ދަންނަވާކަށްނެތިން. އެހެންނަމަވެސް، ވަރަށް ކުރުކޮށް ދަންނަވަންޏާ، މިފަދަ އާޓް ގެލެރީއެއް ހުޅުވުމުގެ މަޤްޞަދަކީ، ފަންނުވެރި ކުރެހުންތެރިންނަށާއި، އުފެއްދުންތެރި ފަންނުވެރިންނަށް އެހީތެރިވެދިނުންކަމުގައި ދަންނަވާލަންޖެހޭ. އަދި އެމީހުންނަށް ހިތްވަރުދިނުމާއި، އެމީހުންގެ މަސައްކަތްތައް، ވީހާގިނަ ބަޔަކާ ހަމައަށް ގެންގޮސްދިނުމާއި، އެމީހުންގެ އުފެއްދުންތަކަށް ޙައްޤު ޖާގަ ހޯދައިދިނުމަށް މަސައްކަތްކުރުން ކަމުގައި ދަންނަވާލަންޖެހޭ.

އާދެ، މި އާޓް ގެލެރީގެ އިތުރުން، އަދި އެހެން ތަނެއް އުފެއްދުމުގެ ޚިޔާލުވެސް ސަރުކާރުން މިހާރު ދަނީ ކުރަމުން. އާދެ، އެއީ "ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް" އެނަން ކިޔާ ޤައުމީ މަރުކަޒެއް. އެ މަރުކަޒަށް ތައްޔާރުވުމުގެ މަސައްކަތްތައް މިހާރު ހިނގަމުން އެބަދޭ. މި ސެންޓަރުގެ މަޤްޞަދަކީ، ދިވެހިންގެ ހުނަރުވެރި ފަންނުތަކަށް ޝައުޤުވެރިވާ ދިވެހި ޒުވާނުންނަށް، އެ ފަންނުތަކުގެ ހުނަރުތައް އުނގެނުމުގެ ހަމަހަމަ ފުރުޞަތު ލިބިދިނުން. އަދި އެހުނަރުތައް ބޭނުންކޮށްގެން، އާމްދަނީ ހޯދުމުގެ މަގު، އެ ފަންނާނުންނަށް، އެ ޒުވާން ކުރެހުންތެރިންނަށް ހޯދައިދިނުން.

އާދެ، މިކަމަކީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޘަޤާފީ ޙަޔާތުގައި، ވަރަށް މުހިންމު ކަމަކަށްވެގެންދާނެ. ޤައުމެއްގެ ޘަޤާފަތަކީ، ވަރަށް މުއްސަނދި އެއްޗެއް. އެކި ޤައުމުގައި ހުންނާނީ، އެކިކަހަލަ ޘަޤާފަތު. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ ޘަޤާފަތުގައި ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެންވޭ. އަޅުގަނޑުމެން ފަޚުރުވެރިވާ ތަރިކައެއް، އޭގެތެރޭގައި ހިމެނިފައިވޭ. އަޅުގަނޑުމެންގެ ޅެންވެރިންނާއި، އަދީބުންނާއި، ކުރެހުންތެރިންނާއި، ލަވަކިޔާ މީހުންނާއި، މިޔުޒިކް ހަދާ މީހުންނާއި، އަދި އެ ނޫންވެސް އެކި ފަންނުތަކުގެ މީހުން، އަޅުގަނޑުމެންގެ ޘަޤާފަތު ވަނީ ވޭތުވެދިޔަތާނގައި ވަރަށް ބޮޑަށް މުއްސަނދިކޮށްދީފައި. އެ މުއްސަނދިކަން އަޅުގަނޑުމެންނާ ހަމައަށް ވާސިލުވުމުން، އަޅުގަނޑުމެންގެ ވާޖިބަކަށްމިވަނީ، އެއަށްވުރެ އެ މުއްސަނދިކަން އިތުރުކުރުން. މިހާރާ ގުޅޭގޮތުން ކަންތައްތައް ބަދަލުކޮށް، އަޅުގަނޑުމެންގެ އުފެއްދުންތެރި އަދި ފަންނުވެރި އުފެއްދުންތަކުން އަޅުގަނޑުމެންގެ މި މުއްސަނދި ޘަޤާފަތު ދައްކައިދިނުން. އަދި އެ ޘަޤާފަތު، އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުން. އެހެންވީމާ، އެ މަޤްޞަދު ހާސިލުކުރުމަށްޓަކައި ނޭޝަނަލް އާޓް ގެލެރީއާއި އަދި އަޅުގަނޑު މި ދެންނެވި ޤައުމީ މަރުކަޒު ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް އެއްދުވަހުން އަނެއްދުވަހަށް މި އަންނަ ބަދަލުތައް، ވަރަށް ފުރިހަމަކޮށް ދައްކައިދޭ ކަމެއްކަންނޭނގެ، މިތަނަށް މި ކިޔާ ނަން. "ނޭޝަނަލް އާޓް ގެލެރީ". މީގައި މި ހިމެނޭ އެންމެފަހު ބަސް "ގެލެރީ" އެ ބަހަކީ، އަޅުގަނޑު ކުޑައިރު، ވަރަށް އެހެންކަހަލަ މާނައެއްގައި ބޭނުންކުރަމުން އައި ބަހެއް. މިތާ ތިއްބެވި ބޭފުޅުންނަކަށް އެނގިވަޑައެއްނުގަންނަވާނެކަންނޭނގެ، މާ ޒުވާން ބޭފުޅުން ތިއްބެވީމާ. އެހެންނަމަވެސް، އަޅުގަނޑުމެން ކުޑައިރު ގެލެރީ ކިޔަނީ، ވަރަށް އާދައިގެ، އެންމެ ދަށުފެންވަރުގެ އެއްޗިއްސަށް ނުވަތަ ތަންތަނަށް. އެކަންވީގޮތަކީ، އެޒަމާނުގައި އެންމެ ފުރަތަމަ ރާއްޖޭގައި ފުޓްބޯޅައާއި ކްރިކެޓާއި އަދި އެނޫން ކުޅިވަރުތައް ކުޅެމުން އައިއިރު، އޭރު ކުޅިބަލާމީހުން ތިބެން ހަދާފައި ހުރި ތަންތަން، އެންމެ ޢިއްޒަތްތެރި ބޭފުޅުން ތިއްބަވާ ބަޔާއި، އެއާޖެހުނު ބޭފުޅުން ތިއްބަވާ ބަޔާއި، ޢާންމުކޮށް އެހެންމީހުން ތިބޭ ބަޔާ، ތިންބައި އޮންނަނީ. އޭގެތެރެއިން، ޢާންމުކޮށް އެންމެން ބަލަން ތިބޭ ބަޔަށް އޭރު (އިނގިރޭސި ބަހެއް ދޮގެއްތޯ ގެލެރީ) އެ ނަން ކިޔުނީ. ކިޔުނީމާ، މާނަވެގެން މިދިޔައީ، އެއީ އެންމެ އާދައިގެ ފެންވަރުގެ، އެންމެ ދަށު ފެންވަރުގެ ތަން ކަމުގައި. އެހެންވީމާ، ގެލެރީ އެއްޗެކޭ ބުނެފިއްޔާ އޭގެ މާނައަކީ، ވަރަށް ދަށް އެއްޗެކޭ އޭރު. ދެން މިހާރު މިއޮތީ ބަދަލުވެފައި. އެކަމަކު މިހާރު މި ދައްކައިދެނީ ނޭޝަނަލް އާޓް ގެލެރީ. އެއީކީ އެއްގޮތަކަށްވެސް އެ މާނައިގައި ބޭނުންކުރާ އެއްޗެއްނޫން. މިހާރު މި ބޭނުންކުރަނީ، އޭގެ ޙަޤީޤީ މާނައިގައި. މީހުންނަށް ކަންތައްތައް ދައްކައިދޭ ތަނެއްގެ ގޮތުގައި. މީހުން އެކި ކަންތައްތައް ބަލަން ގޮސް ތިބޭ ތަނެއްގެ ގޮތުގައި، ގެލެރީ މި ބޭނުންކުރަނީ، އޭގެ ޙައްޤު މާނައިގައި. އެހެންވީމާ، މިއައި ބަދަލުންވެސް އަޅުގަނޑުމެންގެ ދިރިއުޅުމަށާއި، ޙަޔާތަށާއި، ވިސްނުމަށް މި އަންނަ ބަދަލުތައް އެބަ ދައްކައިދޭކަމަށް އަޅުގަނޑު ދެކެން.

އާދެ، ދެން ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، މިހާރު ރާއްޖެ މިދަނީ ސިޔާސީގޮތުން ވަރަށް ބޮޑަށް ހުޅުވައިލެވެމުންނޭ. ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮވެގެން، ހަރުދަނާ އަދި ޒިންމާދާރުގޮތެއްގައި ސަރުކާރު ހިންގުމަށްޓަކައި އިޞްލާޙީ މަސައްކަތްތަކެއް މިދަނީ ކުރެވެމުންނޭ ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. މީގެ ސަބަބުން، ނޫސްވެރިކަމުގެ ދާއިރާއަށްވެސް މީގެކުރިން ނުގެނެވޭފަދަ މިނިވަން ހުޅުވައިލުމެއް މިހާރު ވަނީ ގެނެވިފައި. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަންޖެހޭ، މިނިވަން ނޫސްވެރިކަމެއް ވާންޖެހޭނީ ޒިންމާދާރު އަދި ޙަޤީޤަތް ހާމަކޮށްދޭ ތިލަފަތް ހަމަ ނޫސްވެރިކަމަކަށް. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ނޫސްވެރިކަން ބިނާވެފައި އޮންނަ ބިންގާ.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިނިވަން ނޫސްވެރިކަމެއް އޮންނައިރު، އެ ނޫސްވެރިކަމަކީ ޒިންމާދާރު މަސްއޫލުވެރި ނޫސްވެރިކަމަކަށް ވާންޖެހޭ. އަދި ރައްޔިތުންނަށް ޙަޤީޤަތް ގެނެސްދޭ، ތެދު މަޢުލޫމާތުދޭ ނޫސްވެރިކަމަކަށް ވާންޖެހޭ. ހަމައެހެންމެ، ތިލަފަތް ހަމަގޮތެއްގައި އެކިއެކި މަޒުމޫނުތަކާއި ވާހަކަތައް ލިޔާ އެއްޗަކަށްވެސް ވާންޖެހޭ. މިކަންތައްތައް މިހެން ހުރެއްޖެނަމަ، މިނިވަން ނޫސްވެރިކަމަކުން ޤައުމަށް ކުރާނެ ފައިދާ، ވަރަށް ބޮޑުވާނެ.

އާދެ، މިނިވަނޭ ބުނީމާ އެއާ ދޭތެރޭގައި ވިސްނާލާއިރު، މިނިވަންވުމަކީ ބުނެވިދާނެކަންނޭނގެ، ކަންތައްތަކުން ވީއްލުމޭ. އެއްވެސްކަހަލަ ހުރަހެއްނެތި، އެއްވެސްކަހަލަ ބަންދެއްނެތި، ކަސްތޮޅުއެޅުމެއްނެތި ވީއްލިފައި ހުރުން އެއީ، މިނިވަންކަން ކަމުގައި ބުނެވިދާނެ. އެހެންވީމާ، އެ މިނިވަންކަން ޤައުމަށް ފައިދާހުރިގޮތެއްގައި ގެންދެވޭނީ، ހަމަ ހުރިހާ ކަމަކުން މިނިވަންވެގެންތޯ މިއީ ސުވާލަކީ. އެހެން ބަލާއިރު، އަޅުގަނޑުހިތުން ހަރުދަނާ ވިސްނުމުގެ އެއްވެސް އަހުލުވެރިޔަކު ނުބުނާނެ، މިނިވަންކަމަކީ ހުރިހާ ކަމަކުން ވީއްލިގެން ހުރުމެކޭ. އެއީ، ކޮންމެ އިންސާނަކުވެސް ގަބޫލުކުރާ އުސޫލުތަކެއް ހުންނާނެ. ކޮންމެ މުޖުތަމަޢެއްގައިވެސް، އެބަޔަކު ޤަދަރުކުރާ ހަމަތަކެއް ހުންނާނެ. އެބައެއްގެ ރީތި އާދަކާދަތަކެއް ހުންނާނެ. އެކަންތައްތަކުން ވީއްލިގެން ދިޔުމަކީ އެއީކީ މިނިވަންކަމެކޭ އަޅުގަނޑުހިތުން، ހަރުދަނާ ވިސްނުންތެރިޔަކު ނުބުނާނެ.

މިނިވަންކަން އެއީ ވަރަށް މުހިންމު ކަމެއް، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔުމުގައި. އެހެންނަމަވެސް، މިނިވަންކަންވެސް މި އޮންނަންޖެހެނީ ވަކި ޙުދޫދެއްގެ ތެރޭގައި. އަޅުގަނޑުމެންނަކީ އިސްލާމީ މުޖުތަމަޢެއްގެ އަހުލުވެރިން ކަމަށްވާތީ، އަޅުގަނޑުމެންގެ މިނިވަންކަން އޮންނަންޖެހޭނީ، އިސްލާމްދީން ހުއްދަކުރާ ދާއިރާއެއްގެ ތެރޭގައި. އަދި އަޅުގަނޑުމެންނަކީ ވަރަށް ފަޚުރުވެރި ޘަޤާފަތެއްގެ އަހުލުވެރި ބަޔަކަށްވާތީ، އަޅުގަނޑުމެންގެ މިނިވަންކަންވެސް އޮންނަންޖެހޭނީ، އަޅުގަނޑުމެންގެ ޘަޤާފަތުގެ ތެރޭގައި. އަޅުގަނޑުމެންގެ ރާއްޖޭގައި މި ގަބޫލުކުރާ އާންމު އުސޫލުތަކާއި، ރީތި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން. އެއިން ބޭރުވުމުން، އެއަކަށް އަޅުގަނޑުހިތުން މިނިވަންކަމެކޭ ކިޔައިގެނެއްނުވާނެ.

އާދެ، މިއަދު އަޅުގަނޑުމެންގެ ނޫސްވެރިކަމަށް އޮތް ހުރަހަކީ، ޤާނޫނެއް ގަވާއިދެއް ނޫން. އަޅުގަނޑުމެންގެ މިއަދުގެ ނޫސްވެރިކަމަށް އޮތް ހުރަހަކީ، ކުރިން މި އިޝާރާތްކުރި، ފަނޑުވަމުން ނެތެމުންދާ އަޚުލާޤުގެ ރީތި ސިފަތައް. އަދަބުވެރި ގޮތްތައް. ދިވެހިބަހުގެ ހަމަތައް. މިކަން ރަނގަޅުގޮތުގައި ކުރުމުގައި، އަޅުގަނޑުމެންގެ ހަމަ ކޮންމެ މީހެއްގެވެސް ދައުރެއް އެބައޮތް. އާދެ، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓޭނީ، އެ މިނިވަންކަން ތަޢުލީމުގެ ނިޒާމުގެ ތެރެއިން ދަސްކޮށްގެން ތިބި ބަޔަކު ތިބެގެންކަން ކަށަވަރު. އެހެންވީމާ، ޖާނަލިޒަމްގެ ޑިގްރީ ޕްރޮގްރާމެއް ރާއްޖޭގައި ފެށުމަށް ސަރުކާރުން މިހާރު މިގެންދަނީ މަސައްކަތް ކުރަމުން. އެނގިވަޑައިގަންނަވާނެ ފަދައިން، ކޮންމެ ފަންނެއްވެސް، އަދި ކޮންމެ ޞިނާޢަތެއްވެސް، ކޮންމެ މަސައްކަތެއްވެސް އެކަށީގެންވާގޮތުގައި ތަރައްޤީކޮށް ކުރިއަށް ގެންދެވޭނީ، އެ ފަންނެއްގެ ނުވަތަ އެ ޞިނާޢަތެއްގެ ނުވަތަ އެ މަސައްކަތެއްގެ އުސޫލުތައް ދަސްކޮށްގެން.

އެހެންވީމާ، ނޫސްވެރިކަމަކީވެސް އެފަދަ ކަމެއް. ނޫސްވެރިކަމުގެ އުސޫލުތަކާއި ހަމަތަކާއި ގޮތްތައް އަޅުގަނޑުމެން އެބަޖެހޭ ދަސްކުރަން. ދަސްކޮށްގެން، ނޫސްވެރިކަންވެސް ތަރައްޤީ ކުރެވޭނީ. އޭގެ ފައިދާ، ރައްޔިތުންނަށާއި ޤައުމަށް ލިބޭގޮތަށް ނޫސްވެރިކަން ކުރިއަށް ގެންދެވޭނީ. މިކަން މިހެން އޮތުމާ އެކީގައި، ސަރުކާރުން މިހާރު ގަސްތުކޮށްފައި މިއޮތީ، އިރާދަކުރެއްވިއްޔާ، ލަހެއްނުވެ ޖާނަލިޒަމްގެ ޑިގްރީ ކޯހެއް ދިވެހިރާއްޖޭގައި ހިންގަން. އޭރުން އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން ނުވަތަ އެހެން މީހުންގެ ތެރެއިންވެސް ނޫސްވެރިކަމުގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ބަޔަކަށް، އެކަމުގެ ޢިލްމު އުނގެނިގަތުމުގެ މަގު ތަނަވަސްވެގެންދާނެ. އަޅުގަނޑުހިތުން އެއީ، ރާއްޖޭގެ ނޫސްވެރިކަން ތަރައްޤީކުރުމަށް ވަރަށް ބޭނުންވެފައިވާ ކަމެއް.

އާދެ، މިރޭގެ ވާހަކަކޮޅު އަޅުގަނޑު ނިންމާލާނީ، މިރޭ މި އިފްތިތާޙުކުރެވުނު ނޭޝަނަލް އާޓް ގެލެރީއަކީ، އޭގެ މުހިންމު މަޤްޞަދުތައް ހާސިލުވަމުންދާ އާޓް ގެލެރީއަކަށްވުމުގެ ތައުފީޤު، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދި ދުޢާ ދަންނަވަމުން. ހަމައެހެންމެ، ރާއްޖޭގެ ފަންނުވެރި ކުރެހުންތެރިންނަށް، އެމީހުން އެކުރާ މަސައްކަތުގެ އަގު، ދިވެހި މުޖުތަމަޢުން ވަޒަންކޮށް، އަދި އެމީހުންނަށް އިތުރު ހިތްވަރާއި ކުރިއެރުން ލިބޭނެ ގޮތްތަކުގެމަތިން ކަންތައް ގެންދިޔުމުގެ މަގު، މާތް ﷲ ފަހިކޮށްދެއްވުން އެދި ދުޢާކުރަމުން.

އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ ހުރިހާ ފަންނާނުންނަށް، ހުރިހާ ކުރެހުންތެރިންނަށް، ވަރަށް ބާއްޖަވެރި އުފާވެރި މުސްތަޤްބަލެއް. އަދި އެމީހުން އެކުރާ ޚިދުމަތުގެ އަގު ދިވެހި ރައްޔިތުން، ދިވެހި މުޖުތަމަޢު ވަޒަންކުރާ ދުވަހެއް ފެނިގެން ދިޔުން. އަދި އެމީހުންގެ ކުރެހުންތަކަށާއި އުފެއްދުންތަކަށް، ރާއްޖޭގައިވެސް އަދި ރާއްޖެއިން ބޭރުގައިވެސް އެކަށީގެންވާ ތަރުޙީބު ލިބެމުން ދިއުން.

والسّلام عليكم ورحمـة اللّـه وبركاته.