بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين، والصّـلاة والسّـلام على أشرف المرسلين، سيّدنا محـمّدٍ وَعلـى آلـه وأصحابـــه أجمـعـين.

އާދެ، ދުވަސްވަމުންދާ މީހުންނަށް ޚިދުމަތް ދެއްވުމަށްޓަކައި އުފައްދަވާފައިމިވާ "މަންފާ ސެންޓަރ އޮން އޭޖިންގ"ގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ މަރުކަޒުގެ ބާނީ އަދި އެގްޒެކެޓިވް ޑިރެކްޓަރ ޑޮކްޓަރ އާމިނަތު ޖަމީލަށާއި، އެ މަރުކަޒުގެ އެހެން ވެރިންނަށާއި، މުވައްޒަފުންނަށާއި އަދި މި މަރުކަޒުން ޚިދުމަތް ހޯއްދަވަމުންގެންދަވާ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، މިފަދަ މަރުކަޒެއް ރާއްޖޭގައި ޤާއިމުވުމަކީ، ވަރަށް ގިނަ ބަޔަކަށް އޭގެ މަންފާކުރާނެ ކަމެއް. "މަންފާ"ގެ ނަމުންވެސް އެކަން އަޅުގަނޑުމެންނަށް އެބަ ދޭހަކޮށްދޭ. މަންފާއަކީ ފައިދާ. އެހެންވީމާ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ މިފަދަ ޚިދުމަތްތަކަށް ބޭނުންވެފައިވާ މީހުންނަށް، ފައިދާކުރަނިވި ގޮތެއްގައި މި މަރުކަޒު ހިނގަމުންދާކަން އެއީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް. އަދި ދެންމެ މި މަރުކަޒުގެ ފުރަތަމަ އަހަރީ ރިޕޯޓުގައި އެ ވިދާޅުވި ކަންތައްތަކަށް ބަލާއިރު، އަޅުގަނޑަށް ދެންނެވޭނީ، ވަރަށް އެކަށީގެންވާގޮތެއްގައި މި ބޭފުޅުން އާދެ، މި މަރުކަޒުން އެ ޚިދުމަތްތައް މިވޭތުވެދިޔަ އަހަރުދުވަހުގެ ތެރޭގައިވަނީ ދެއްވާފައޭ. އަދި މިހާރުވެސް އެ ގެންދަވަނީ ދެއްވަމުންނޭ.

އެހެންވީމާ، މިފަދަ މަރުކަޒެއް ޤާއިމުކުރެއްވުމުގެ ޚިޔާލުކުރައްވައި އަދި މިމަރުކަޒުގެ ޚިދުމަތްތައް ފަށްޓަވައިގެން، ވަރަށް ހީވާގިކަމާއި މުރާލިކަމާއެކީގައި އަދި ކިތަންމެ ދަތިތަކެއް ހުރިކަމުގައިވިޔަސް، އެ ދަތިތައް ގިރާކުރައްވައިގެން، އަޅުގަނޑުމެންގެ ތެރެއިން މި ޚިދުމަތް ލިބިގަންނަން އެދޭ ފަރާތްތަކަށް ޚިދުމަތް ދެއްވަމުން ގެންދަވާކަމަށްޓަކައި އަދިވެސް އެއްފަހަރު، މިމަރުކަޒުގެ ބާނީ އާދެ، ޑޮކްޓަރ އާމިނަތު ޖަމީލަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އޭނާ އެ ކުރައްވާ މަސައްކަތްތަކަށް މާތް ﷲ އިތުރު ތައުފީޤާއި ވާގިވެރިކަން ދެއްވައި، އެ މަސައްކަތްޕުޅުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް، އިތުރު އެހީތެރިކަމާއި މަންފާ ލިބޭނެކަމުގެ ޔަޤީންކަން އޮތް ވާހަކަ މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން.

އާދެ، މި މަރުކަޒަކީ، ދެންމެ އާމިނަތު ޖަމީލުގެ ވާހަކަފުޅުގައިވެސް އަދި އަޅުގަނޑުމެންނަށް އިވިގެންދިޔަ ރިޕޯޓުގައިވެސް މި އެނގުނު ފަދައިން، ޢުމުރުން ދުވަސްވަމުންދާ މީހުންނާއި އަދި ޢުމުރުން ދުވަސްވެފައިވާ މީހުން ރަނގަޅު ޞިއްޙަތެއްގައި ބައިތިއްބުމަށްޓަކައި ބޭނުންވާ އެކިއެކި ޚިދުމަތްތައް ދެއްވުމުގެ މަޤްޞަދުގައި އުފެއްދި މަރުކަޒެއް. އެހެންވީމާ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް މި މަރުކަޒުގެ ނުވަތަ ހަމަގައިމުވެސް އަޅުގަނޑަކީ މި މަރުކަޒުގެ ޚިދުމަތަށް ބޭނުންވެފައިވާ މީހެއްކަންނޭނގެ، ނޫނީ ވަރަށް އަވަހަށް ބޭނުންވާނެކަންނޭނގެ، ޢުމުރުގެގޮތުން ބަލާއިރު. އެހެންވީމާ، ކޮންމެގޮތެއްގައިވެސް، އަޅުގަނޑުމެން އެންމެންވެސް އަދި ތިޔަތާނގައި ވަރަށް ގިނަ ޒުވާން ބޭފުޅުން ތިއްބެވިނަމަވެސް، ކޮންމެވެސް ދުވަހަކުން، ދުވަސްވީ ބޭފުޅުންނަށް ނުވަތަ ވަމުންދާ ބޭފުޅުންނަށް ވެވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑުމެން އެންމެންގެ މަޞްލަޙަތެއްކަންނޭނގެ، މިކަހަލަ މަރުކަޒުތައް ރާއްޖޭގައި އިތުރުވަމުންދިޔުމަކީ، އަދި އޭގެ ޚިދުމަތްތައް ވީހާ ފުޅާ ދާއިރާއެއްގައި ލިބެމުން ދިޔުމަކީ.

ޝައްކެއްނެތްގޮތުގައި، މިކަހަލަ ކަންތައްތައް، އިޖުތިމާޢީ ޚިދުމަތްތައް ރާއްޖޭގައި ތަރައްޤީވެ އަދި އެ ޚިދުމަތްތަކުގެ އަސަރު މާލޭގައި އެކަންޏެއްނޫން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެންނަމުންދިއުމަކީ ވަރަށް މުހިންމު ކަމެއް. މިހާތަނާޖެހެންދެން އަދި ފުރަތަމަ މިވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، މި މަރުކަޒުގެ މަސައްކަތްތައް ހަމައެކަނި މާލޭގައި ދެއްވޭގޮތަށް އޮތް ނަމަވެސް، އަޅުގަނޑު އުންމީދުކުރަނީ، މާލަހެއްނުވެ ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް މި މަރުކަޒުގެ ޚިދުމަތްތައް ނުވަތަ މިފަދަ އެހެން މަރުކަޒުތަކުގެ ޚިދުމަތްތައް، އެތަންތާނގެ މި ޚިދުމަތްތަކަށް ބޭނުންވާ ރައްޔިތުންނަށް ލިބެމުންދާނެ ކަމަށް.

އާދެ، މި މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި ބާނީ ޑޮކްޓަރ އާމިނަތު ޖަމީލަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ދިގު މުއްދަތެއްގެ ތެރޭގައި، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ގަވަރންމަންޓް ހޮސްޕިޓަލާއި، އެލައިޑް ހެލްތު ސަރވިސަސް ޓްރެއިނިންގ ސެންޓަރާއި އަދި މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރގެ އިސް މަގާމުތަކެއް އޭނާ ވަނީ ފުރުއްވާފައި. އަދި މި ދާއިރާތަކުގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއްވެސް އޭނާ ވަނީ ކޮށްދެއްވާފައި. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، މި މަރުކަޒު މި ޤާއިމުކުރެއްވީ އަދި ޚިދުމަތް ދެއްވަމުން އެ ގެންދަވަނީ، މިކަމަށް ވަރަށް ޤާބިލު ބޭފުޅެއް. ހުރިހާ ގޮތަކުންވެސް، މަޢުލޫމާތާއި އަދި އޭނާ ހޯއްދެވި ޢިލްމާއި އަދި އޭނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެގޮތުންވެސް، މިކަމަށް ވަރަށް އެކަށީގެންވާ ބޭފުޅެއް. އެހެންވީމާ، ޑޮކްޓަރ އާމިނަތު ޖަމީލް އެ ކުރައްވާ މަސައްކަތްޕުޅުތަކަށް އިތުރު ކުރިއެރުމާއި ތައުފީޤާއި ކާމިޔާބީއަށް އަޅުގަނޑު އެދޭ ވާހަކަ ދަންނަވާލަން.

އާދެ، ދުވަސްވަމުންދާ މީހުން ބެލެހެއްޓުމަކީ، ޢާއިލާތަކުންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭ ކަމެއް. އެމީހުންނަށް އޯގާތެރިކަމާއި، ލޯތްބާއި އަޅާލުމާއެކު ކަންތައްތައް ކޮށްދިނުމަކީ، އެމީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވާނެ. ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ. ހަމައެހެންމެ، މުޅި ޢާއިލާއަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލަކަށްވާނެ.

ދުވަސްވަމުންދާ މީހުންނަކީ، އަދި ދުވަސްވީ މީހުންނަކީ، މުޖުތަމަޢުގައި ބޭނުންތެރި ބަޔަކަށްވާކަމުގެ އިޙްސާސް އެމީހުންނަށް ލިބިދިނުމަކީވެސް އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް. މިގޮތުން، އެމީހުންނަކީ އެމީހުންގެ ފަރާތުން އެހެން ބަޔަކަށްވެސް ޚިދުމަތް ލިބޭ، އެހެން ބަޔަކަށްވެސް އެހީތެރިކަން ލިބޭ ބައެއްގެ ގޮތުގައި އެމީހުންގެ އަމިއްލަ ނަފްސަށް އިޙްސާސްވެއްޖެނަމަ، އަޅުގަނޑުހިތުން، އެ ވާނީ އެމީހުންގެ ދިރިއުޅުމަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް، ވަރަށް ބޮޑު ކުރިއެރުމަކަށް އަދި އެމީހުން ދުޅަހެޔޮ ޞިއްޙަތެއްގައި ގިނަ ދުވަހު ދެމިތިބުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް. ހަމައެއާއެކީގައި، ހުސްވަގުތު ކޮންމެވެސް ފައިދާކުރަނިވި ކަމެއްގައި ހޭދަކުރެވޭގޮތް އެމީހުންނަށް ހަދައިދިނުމަކީވެސް، އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް. އެއީ ދުވަސްވަމުންދާއިރު، ކަމެއްނެތި ހުސްކޮށް ހުންނަންޖެހިއްޖެއްޔާ، ނަފްސާނީގޮތުންވެސް ވަރަށް ގިނަ އިޙްސާސްތަކެއް ކުރަންޖެހޭނެ. އަދި އެމީހާއަކީ އޭނާގެ ޢާއިލާއަށްވެސް އަދި މުޖުތަމަޢަށްވެސް ބޭނުން މީހެއް ނޫންކަމުގެ ޝުޢޫރު ހިތަށްވަންނަން ފަށާނެ. އެހެން ދިމާވެއްޖެއްޔާ، ވަރަށް އަވަހަށް އެމީހެއްގެ ޞިއްޙަތު ދެރަވެ، އެމީހާގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ނުރަނގަޅުގޮތަކަށް ބަދަލުވެގެން ހިނގައިދާނެ.

އާދެ، ރާއްޖޭގައި މިހާރު ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މާތް ﷲގެ ވާގިފުޅާއެކު، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވެ ފުޅާވަމުންދިޔުމާއެކު، ދިވެހިން ދުނިޔޭގައި ތިބޭނެކަމަށް ބެލޭ ޢުމުރު މިހާރު ވަނީ ކުރިއަށްވުރެ ވަރަށް ބޮޑުތަން އިތުރުވެފައި. އާދެ، މީގެ ފަންސަވީހަކަށް އަހަރު ކުރިން ނުވަތަ ހަތާވީސް، އަށާވީސް ނުވަތަ ތިރީސް އަހަރު ކުރިން، މީހަކު ދިރިހުންނާނެކަމަށް ބެލޭވޭ ޢުމުރު ރާއްޖޭގައި އޮތީ، ގާތްގަނޑަކަށް 46 އަހަރުގައި. މިހާރު އެ ޢުމުރު 72 އަހަރަށް މައްޗަށް ހިނގައްޖެ. އެހެންވީމާ، މިއިން އެނގޭ އެއްޗަކީ، ދުވަސްވަމުންދާ މީހުންގެ އަދަދުވެސް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދާނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެގެންކަން. އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެއް. މުޖުތަމަޢުގެ ކޮންމެ ޢުމުރެއްގެ މީހުންނަށްވެސް، އެ ޢުމުރަކާ އެކަށީގެންވާ ޚިދުމަތް ލިބިދޭންޖެހޭ. ކުޑަކުދިންނަށް، ބޮޑެތިވަމުން އަންނަ ޒުވާނުންނަށް، ހަރުމީހުންނަށް އަދި ދުވަސްވަމުންދާ ނުވަތަ ދުވަސްވެފައިވާ މީހުންނަށް. މިއިން ކޮންމެ ބަޔަކަށްވެސް އަޅުގަނޑުމެންނަށް ދެވެންއޮތް ޚިދުމަތެއްދީ، އެބައިމީހުންގެ ޙަޔާތަކީ އުފެއްދުންތެރި ނުވަތަ އުފާވެރި ޙަޔާތެއްކަމުގައި ހެދޭތޯ، މުޅި މުޖުތަމަޢުން ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުހިތުން އަޅުގަނޑުމެން ކުރަންޖެހޭނެ.

ޚާއްޞަކޮށް، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވާތީ، މިކަމަށް އަޅުގަނޑުމެން ދޭންޖެހޭ ސަމާލުކަން ވަރަށް ބޮޑު. މާތްވެގެންވާ އިސްލާމްދީނުގައި، ހަމަ ކޮންމެ އިންސާނަކަށްވެސް، އަޅާލުމާއި، އޯގާތެރިކަމާއި، ލޯތްބާއި، އިޙްސާންތެރިކަން ދިނުމަށް ވަނީ އަންގަވާފައި. އެމީހަކީ ކިތަންމެ ކުޑަކުއްޖަކު ކަމުގައިވިޔަސް، އަދި ބޮޑުވަމުން އަންނަ ޒުވާނަކު ކަމުގައިވިޔަސް، އަދި ޒުވާނުންގެ މަރުޙަލާއިން ދުވަސްވީ މީހުންގެ މަރުޙަލާއަށް ދަތުރުކުރާ މީހަކު ކަމުގައިވިޔަސް ނުވަތަ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މީހަކު ކަމުގައިވިޔަސް، މިއިން ކޮންމެ އިންސާނަކަށްވެސް، ދޭންޖެހޭ ލޯތްބާއި، އަޅާލުމާއި، އެހީތެރިކަމަކީ، އަޅުގަނޑުމެންގެ ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް.

އާދެ، ދެންމެ މި ޖަލްސާ އިފްތިތާޙުކުރުމުގެގޮތުން، ޤާރިޔާ އެ ވިދާޅުވި އާޔަތްތަކުންވެސް އަޅުގަނޑުމެންނަށް އެކަން އެބަ އެނގޭ. މާތް ﷲ އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތް ކުރައްވާފައިވާ ވާހަކަ. މައިންބަފައިންނަށް ހެޔޮކޮށްހިތައި، މައިންބަފައިން ދުވަސްވަމުންދިޔަކަމުގައިވިޔަސް، އެމީހުންނަށް ޙައްޤުވާ ލޯތްބާއި، އެހީތެރިކަމާއި، އަޅާލުން ދޭންޖެހޭނެ ވާހަކަ، އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުގައި އަންގަވާފައިވޭ. އަދި ހަމައެފަދައިން، އަޅުގަނޑުމެންގެ މާތް ރަސޫލާ ކަންތައްތައް ކުރައްވާފައިވާ ގޮތުންވެސް އަދި އެކަލޭގެފާނު އަޅުގަނޑުމެންނަށް ދެއްވާފައިވާ ތަފާތު ގިނަގުނަ ނަބަވީ އިރުޝާދުތަކުންވެސް، އަޅުގަނޑުމެން އެންމެން އެކަކު އަނެކަކަށް އަޅާލުމާއި، އިޙްސާންތެރިވުމާއި އަދި ޚާއްޞަކޮށް، އެކިއެކި އެހީއަށް ބޭނުންވާ މީހުންނަށް އާދެ، ކުޑަކުދިން ނުވަތަ ދުވަސްވަމުންދާމީހުން ނުވަތަ ނިކަމެތިން ނުވަތަ ނުކުޅެދޭމީހުން، މިހެންގޮސް އިތުރު އެހީއާއި އެއްބާރުލުމަށް ބޭނުންވާ ހުރިހާ އެންމެންނަށް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއްދީގެން،
އެ އެންމެންގެ ބޭނުންތައް ފުއްދައިދެވޭތޯ، މަސައްކަތްކުރުމަށް ވަނީ އެކަލޭގެފާނު އަންގަވައި އިރުޝާދު ދެއްވާފައި.

އާދެ، ޢުމުރުން ދުވަސްވަމުންދިޔަކަމުގައިވިޔަސް، ދުޅަހެޔޮ ޞިއްޙަތެއްގައި ޙަރަކާތްތެރިކަންމަތީ ކޮންމެ މީހަކުވެސް ހުރުމަކީ، ވަރަށް މުހިންމު ކަމެއް. އެހެންނަމަވެސް، ޢުމުރުން ދުވަސްވަމުންދާއިރު ޞިއްޙީ ދުޅަހެޔޮކަންމަތީގައި ތިބެވޭނީ، އަޅުގަނޑުހިތުން ކުރިއްސުރެ އެކަމާ ވިސްނައިގެން މަސައްކަތްކޮށްގެން. އެއީ އަންނާނެ ދުވަހެއްކަން ހިތަށްގެނެސްގެން، އެކަމަށް ތައްޔާރުވެގެން. އާދެ، އޭގެތެރޭގައި ޒުވާން ޢުމުރުން ފެށިގެންވެސް، ޞިއްޙަތާމެދު ސަމާލުކަންދިނުން ވަރަށްބޭނުން. ޞިއްޙަތާއި ހަށިގަނޑަށް ގެއްލުން ލިބޭ ކަންތައްތަކުން ދުރުހެލިވެ، ދިރިއުޅުން ކުރިއަށް ގެންދިޔުން ވަރަށްބޭނުން. އަދި ޖިސްމާނީ ބާރުތަކާއި، ސިކުނޑީގެ ބާރުތައް ވަރުގަދަކުރުމަށް މަސައްކަތްކުރުންވެސް ވަރަށްބޭނުން. އެހެންވީމާ، ކޮންމެ މީހަކުވެސް، އެމީހާ ދުނިޔޭގައި ހުރެއްޖެނަމަ، މިއީ އަންނާނެ ދުވަހެއް ކަމަށް ވިސްނައިގެން، ކުޑައިރުއްސުރެ ނުވަތަ ޒުވާން ދައުރުން ފެށިގެން، މިކަމަށް މަސައްކަތްކޮށް ތައްޔާރުވުމަކީ، އަޅުގަނޑުހިތުން ވަރަށްބޭނުން ކަމެއް.

އަޅުގަނޑުހިތުން، އަޅުގަނޑުމެން ދަސްކުރަންވީ، ޢުމުރުގެ ކޮންމެ މަރުޙަލާއަކަށްވެސް މަރުޙަބާ ކިޔުމަށް. ހިތްހަމަޖެހުމާއެކު، ކޮންމެ މަރުޙަލާއަކަށްވެސް ކުރިމަތިލުމަށް. އެއީ ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް މި ދުވަސްތަކަކީ އޭނާ ދުނިޔޭގައި ހުރިނަމަ އަންނާނެ ދުވަސްތަކެއް ކަމަށްވާތީ. އަޅުގަނޑުމެން މުސްލިމުންނަށް މިކަމުގައިވެސް އަޅުގަނޑަށް ހީވަނީ ވަރަށް ފަސޭހަގޮތްތަކެއް މެދުވެރިވެފައިވާހެން. އަދި ދުވަސްވަމުންދާ ދިޔުމުން އަޅުގަނޑުމެންގެ ޞިއްޙަތަށާއި އަދި އަޅުގަނޑުމެންނަށް ނަފްސާނީގޮތުން ލިބޭ އެކިއެކި ހިތްދަތި ކަންތައްތަކަށާއި، އެނޫންވެސް ކަންތައްތަކަށް ފަރުވާލިބޭފަދަ ގޮތަކަށް އަޅުގަނޑުމެންގެ ދީނުގައި ކަންތައްތައް ހަމަޖައްސަވާފައިވަނީ.

އާދެ، ރޫޙާނީ ކަންކަމަށް އިތުރު ވަގުތު ލިބުމަކީ، އޭގެތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ޒުވާންކަމުގެ ދުވަސްވަރު ނުވަތަ މަސައްކަތުގައި އަވަދިނެތި އުޅޭ ދުވަސްވަރު ލިބޭވަރަށްވުރެ މާގިނަ ވަގުތު، ދުވަސްވަމުންދާ މީހުންނަށް، ރޫޙާނީ ކަންކަމަށް ލިބޭނެ. އަޅުގަނޑުހިތުން، އެއީ ވަރަށް މުހިންމު ކަމެއް. ރޫޙާނީ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރުމުން، ހިތަށް ލިބޭ ފިނިކަމާއި ހިތްހަމަޖެހުން އެއީ އަޅުގަނޑުހިތުން ހަމަ އެއްވެސް މީހަކަށް ވަންހަނާވެގެންވާނެ ކަމެއްނޫން. އަދި ޚާއްޞަކޮށް، އަންހެނުންނަށް، ވަކި ޢުމުރަކަށް ދިޔުމުން ލިބޭ ހިތްދަތިކަން ފިރިހެނުންނަށްވުރެވެސް ބޮޑކަންނޭނގެ.

އެހެންވީމާ، އެމީހުންނަށްވެސް މި ދަންނަވާ ދުވަސްވަރު އައުމުން، ގިނަ ވަގުތު ރޫޙާނީ ކަންކަމުގައި، ކީރިތި ޤުރްއާން ކިޔެވުމުގައި، ނަމާދު ކުރުމުގައި، ދުޢާ ކުރުމުގައި، ރޯދަހިފައި، އެނޫންވެސް ކަންތައްތައް ކުރުމުގައި، ގިނަ ވަގުތު ހޭދަކުރުމަކީ، އެމީހުންގެ ހިތްތަކަށް ވަރަށް ބޮޑެތި ހަމަޖެހުންތަކެއް ލިބިގެންދާނެ ކަމެއް. އެއީ، އަޅުގަނޑުމެންގެ ދީނުގައި އެކަން އޮތްގޮތުން އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއްހެން. ހަމައެހެންމެ، ދީނުގައި އަންގަވާފައިވާ އެންގެވުންތަކަށް ތަބާވުމުގައި، ކޮންމެ މީހަކުވެސް އެމީހަކު އެހުރި ތަނަކާއި، ވަގުތަކާއި ގަޑިއެއް އެނގެން އެބަޖެހޭ އެމީހަކަށް. އެއީ ނަމާދުވަގުތު އަންނައިރު، ކޮންދުވަހެއްކަން، މިއީ ކޮންގަޑިއެއްކަން، ކޮންކަމެއްކަން ކުރަންވީ، އެ އިޙްސާސް އެބަ ދަމަހައްޓަންޖެހޭ. އެ އިޙްސާސް ދެމެހެއްޓުމަކީ، ޝައްކެއްނެތް، ތިމާގެ އަމިއްލަ ނަފްސާ ދޭތެރޭގައި ތިމާގެ އޮންނަ ހޭލުންތެރިކަން އަބަދުވެސް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ ކަމެއް. އެ އިޙްސާސް ތިމާޔަށް ވަރަށް ބޮޑަށް ކުރެވޭނެ ކަމެއް. އެހެން ދީންތަކުގެ މީހުންނަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް މި ފުރުޞަތު މިވަނީ ލިބިފައި. އަޅުގަނޑުހިތުން، ތިމާ އުޅޭ މާޙައުލާއި، ތިމާ އެއުޅޭ ތަނަކާއި ގަޑިއަކާއި އަދި ތިމާ ބޭނުންވާ ކަމަކާ، މި ހުރިހާ ކަމެއްގެ އިޙްސާސް އަބަދު ލިބެމުންދާ ކަމަށްވަންޏާ، އެއީ ސިކުނޑި އަދި ވިސްނުން ތާޒާކަންމަތީ ދެމެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެއް. މިކަމުންވެސް، އަޅުގަނޑުމެންގެ މާތް ދީނުގައި އަޅުގަނޑުމެންނަށް ޝަރްޢު ކުރައްވާފައިވާ ކަންތައްތަކުން، އަޅުގަނޑުމެން ދުވަސްވަމުންދާ ދިޔުމުގައިވެސް، ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށް އަދި ޚާއްޞަކޮށް، ސިކުނޑީގެ ޞިއްޙަތު އެއީ މެންޓަލް ހެލްތު، މި ދެންނެވީ، ވިސްނުމާއި، ނަފްސާނީގޮތުންނާއި އަދި ސިކުނޑީގެ ކަންތައްތައް މި ދެންނެވީ، ޞިއްޙަތުގެ ދުޅަހެޔޮކަމާއި، ލިބޭ އެހީތެރިކަން އަޅުގަނޑުހިތުން ވަރަށް ބޮޑުވާނެ. އެހެންވީމާ، އެކަމަކީ އަޅުގަނޑުމެން މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން.

އާދެ، ކޮންމެއަކަސް ޢުމުރުން ދުވަސްވަމުންދާ މީހުންނަށް އެހީތެރިކަން ދިނުމަކީ، ހަމަ ކޮންމެހެންވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. މިކަމަށްޓަކައި މަންފާ ސެންޓަރ އޮން އޭޖިންގ އިސްނެންގެވިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި އެ ސެންޓަރުގެ މަސައްކަތަށް ހަމަ ވަރަށް ބޮޑު ކާމިޔާބީއަކަށް އެދެން. އަދި ދެންމެ ޑޮކްޓަރ އާމިނަތު ޖަމީލުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މިފަދަ ކަންތައްތައް ފަށްޓަވަމުން ގެންދަވާއިރު، ވަރަށް ގިނަ ދަތިތަކެއް ހުންނާނެކަން އަޅުގަނޑުވެސް ގަބޫލުކުރަން. އަދި އޭގެތެރޭގައި އެބޭފުޅުން އަމިއްލަފުޅަށް ޙައްލުނުކުރެއްވޭވަރުގެ ކަންތައްތައްވެސް ހުންނާނެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެބޭފުޅުންނަށް އެހީތެރިވާންވެސްޖެހޭނެ. އަޅުގަނޑުހިތުން، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާބެހޭ ޤާނޫނު މިހާރު އޮތްގޮތުން، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެ އުފައްދަވާ އަމިއްލަ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކުން ކުރައްވާ މަސައްކަތަށް، ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން ވެދެއްވެންއޮތް އެހީއެއް ވެދެއްވާގޮތަށް، އެ ޤާނޫނުގައި ހަމަޖެހިފައިވަނީ. އެހެންވީމާ، މި ރޮނގުންވެސް އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ސަރުކާރުގެ ކަމާބެހޭ ފަރާތުންވެސް މިފަދަ މަރުކަޒުތަކަށް އަދި މިފަދަ ޚިދުމަތްތައް ދެއްވާ ފަރާތްތަކަށް ދެއްވަންޖެހޭ އެހީ ގަވާއިދުން ދެއްވަމުން ގެންދަވަންވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށްނެތިން. އަދިވެސް އެއްފަހަރު މި ސެންޓަރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ސެންޓަރު ހިންގަވާ ބޭފުޅުންނަށާއި، ސެންޓަރުގެ ޚިދުމަތް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. އަދި އެބޭފުޅުން މި ސެންޓަރުގެ ފަރާތުން އެ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގައި، މާތް ﷲ ބަރަކާތްލައްވައި، އެބޭފުޅުންނަށާއި، ދިވެހި މުޖުތަމަޢުގައި މިފަދަ އެހީތަކަށް ބޭނުންވާ މީހުންނަށް އިތުރު ހަމަޖެހުމާއި، އިތުރު ދުޅަހެޔޮކަމާއި، އިތުރު އުފާފާގަތިކަން ލިބިގަނެވޭނެ މަގު މާތް ﷲ ތަނަވަސްކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

والسّلام عليكم ورحمـة اللّـه وبركاته.