އަލްފާޟިލް ޙުސައިން މުޙައްމަދު - ޓެލެވިޜަން މޯލްޑިވްސް:

السّلام عليــكم

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

وعليـكم السّلام ورحـمــة اللّـه.

އަލްފާޟިލް ޙުސައިން މުޙައްމަދު - ޓެލެވިޜަން މޯލްޑިވްސް:

އާދެ، މިހާރު މިރޭ އަޅުގަނޑުމެންނަށް މި ލިބިގެންއުޅޭ، ބިންހެލުމުގެ ޚަބަރާއި އަދި ސުނާމީ ވޯނިންގއާ ގުޅިގެން، ރާއްޖޭގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި މަނިކުފާނު ވިދާޅުވާނެ ވާހަކަފުޅެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އެ ޚަބަރު ހަމަ ލިބުމާ ގުޅިގެން، މިކޮޅުން އަޅުގަނޑު ވަރަށް މަސައްކަތް ކުރަމުންނޭ މިގެންދަނީ. އަޅުގަނޑާ އަދި މިތާނގައި ހުންނަވާ ހައިކޮމިޝަނަރާއި، އަޅުގަނޑުމެންނާއެކީ އުޅުއްވާ ހުރިހާ ބޭފުޅުން. އެއީ ދުނިޔޭގެ އެކިތަންތަނާ ގުޅައިގެން، މިކަމާބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ.

އެންމެ ފުރަތަމަ އަޅުގަނޑުމެން ގުޅީ، އިންޑިޔާގެ ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ. އެތާނގެ ސެކްރެޓަރީ ޕްރޮފެސަރ ރާމަ މުރުތީއާ ގުޅުނު. އޭނާ ވިދާޅުވީ، އިންޑިޔާއަކަށް އެއްވެސްކަހަލަ އަސަރެއް ނުކުރެޔޭ. އަދި ނިކޮބާ އަންޑަމަން އައިލެންޑްސް ހިސާބުގައި އާދަޔާ ޚިލާފު އެއްވެސް ރާޅެއް އެއްޗެއް ނޫޅެޔޭ. އެކަމަކު އަދިވެސް ބައްލަވަމުންނޭ މިގެންދަވަނީ.

ދެން އަޅުގަނޑުމެން ގުޅިން، ސިންގަޕޯރގެ އެންވަޔަރަންމަންޓް މިނިސްޓްރީއާވެސް. އެތަނުންވެސް ވިދާޅުވަނީ، އެކަހަލަ ރާޅެއްގެ އެއްވެސް އަސަރެއް ފެންނާކަށްނެތޭ. ތިމަންނާމެން ބަލަމުންނޭ މިގެންދަނީ.

ދެން ޔޫ.އެން.ގައި ހުންނަވާ އަޅުގަނޑުމެންގެ ސަފީރު ޑޮކްޓަރ ލަޠީފާ އަޅުގަނޑު ގުޅާފައި ދެންނެވިން، އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ގުޅުއްވައިގެން، މަޢުލޫމާތު އޮޅުންފިލުއްވާފައި، ވަރަށް އަވަހަށް އަޅުގަނޑަށް އަންގަވައިދެއްވާށޭ. އޭނާ ވަރަށް އަވަހަށް އެމަސައްކަތް ކުރައްވައި، އަޅުގަނޑަށް އަންގަވައިދެއްވި. އޭނާ ގުޅުއްވި އެންމެ މުހިންމު އެއްފަރާތަކީ، ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރ. އެތަނާ ގުޅީމާ އެމީހުންވެސް ބުނީ، ސުނާމީ އައުމުގެ ފުރުޞަތު އެބައޮތޭ. އެހެންނަމަވެސް، އެއްވެސްކަހަލަ ކަމެއް އަދި ވީކަމެއް އެނގިފައެއްނެތޭ. ދެން އޭރު ބުނިގޮތުންވިއްޔާ އަދި ކުރިއަށް އޮތް ގަޑިއެއްހާއިރު ފަހުންނޭ އަހަރެމެންނަށް ކަނޑައެޅިގެން އެއްޗެއް ބުނަން އެނގޭނީ. މިހާރު އޭގެފަހުން ގަޑިއެއްހާއިރު މިވީ. ދެން އަޅުގަނޑަށް ހީވަނީ، އިތުރު މަޢުލޫމާތު އެމީހުން ނުދޭހެން. ދިންނަމަ، ޑޮކްޓަރ ލަޠީފު އަޅުގަނޑަށް އެންގެވީސް.

ދެން މިހާރު އިންޑޮނީޝިޔާ ތަންތަނުންވެސް މިބުނަނީ، އަދި މިހާތަނަކަށް ރާޅުގެ އެއްވެސް އަސަރެއް ނުފެނެޔޭ. ކުރީފަހަރުވެސް އެ ބިންހެލުން އައިތާ ތިންގަޑިއިރުގެ ތެރޭގައި ރާއްޖެއަށްވެސް އައި ސުނާމީ. އަދި އިންޑޮނޭޝިޔާ، ތައިލެންޑް ތަންތަނަށް އެއަށްވުރެ މާކުރިން އައި. އެތަންތަނުންވެސް މިހާރު ވޯނިންގ ދީފައިވަނީ. އެކަމަކު އެއިން އެއްވެސްތާކަށް ރާޅެއްގެ އެއްވެސް އަސަރެއް ނުފެނޭ އަދި މިހާތަނަކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހަމަ އެއްގޮތަކަށްވެސް މިފަހަރު އެކަހަލަ ކަމެއް ނުވާނެ. އަޅުގަނޑުމެން ހަމަ ﷲގެ ޙަޟްރަތުގައި ދުޢާ މި ދަންނަވަނީ، ރާއްޖެއާއި، ރާއްޖޭގެ ރައްޔިތުންނާއި، އަޅުގަނޑުމެންގެ ސަރަޙައްދުގެ އެންމެން މިކަހަލަ ނުރައްކާތަކުން ސަލާމަތް ކޮށްދެއްވުމަށް. އިރާދަކުރެއްވިއްޔާ މިހާތަނަކަށް އެއްވެސްކަހަލަ ރާޅެއްގެ އަސަރެއް ނުފެނޭ. އިރާދަކުރެއްވިއްޔާ މިފަހަރު އެކަހަލަ ކަމެއް ދިމައެއްނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް މިތިބީ، މިހާރުވެސް މިތިބީ، މިކަމުގެ ހަމަ އެކިފަރާތްފަރާތާ ގުޅައިގެން މަޢުލޫމާތު ހޯދުމުގައި.

އެހެންވީމާ، ހަމަ ކިރިޔާވެސް މަޢުލޫމާތެއް ލިބިއްޖެއްޔާ އަދި މިތަނުން ދިއްލީގައި މިހިރަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މާލެއަށްވެސް އަންގަވާނެ. އެހެންވީމާ، އެކަމުގައި އަޅުގަނޑުމެން ތިބި ވާހަކަ ދަންނަވާލަން. އިރާދަކުރެއްވިއްޔާ ކަންބޮޑުވެވަޑައިނުގަންނަވާށޭ. އިރާދަކުރެއްވިއްޔާ މިރޭ ހަމަ އެއްވެސް ކަހަލަ ގޯހެއް ނުވާނޭ. އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދުކޮށްގެންނޭ މިތިބީ. އަދި އެއްވެސް ގޯހެއް، މި ދެންނެވީ ސުނާމީގެ އެއްވެސް އަސަރެއް އެއްވެސްތާކަށް ފެނުނުކަމުގެ ޚަބަރެއް އަދި ނުލިބެޔޭ. އެހެންވީމާ، އެގޮތަށްވާނެކަމަށް އަޅުގަނޑުމެން އުންމީދުކުރާ ވާހަކަ، އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ.

އަލްފާޟިލް ޙުސައިން މުޙައްމަދު - ޓެލެވިޜަން މޯލްޑިވްސް:

އާދެ، ދެންމެ އެ ވާހަކަފުޅުދެއްކެވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރަސްމީ ދަތުރުފުޅެއްގައި ނިއުދިއްލީގައި ހުންނަވައިގެން. އެމަނިކުފާނު ދިވެހިރައްޔިތުންނާ މުޚާޠަބުކުރައްވައި، މި ވާހަކަފުޅު ހިއްސާކޮށްލައްވަން އެދިވަޑައިގަންނަވައިގެން، ބޭނުންފުޅުވެގެން، އަޅުގަނޑުމެންގެ ސްޓޫޑިއޯއާ ގުޅުއްވީ. އެވާހަކަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ.

އަޅުގަނޑު ހިތަށްއަރާ އާދެ، އަޅުގަނޑަކަށް ޔަޤީނެއްނޫން މިވަގުތު ލައިން ހުރިގޮތެއް. މިކަމާ ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި އަދި މިކޮޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންވެސް އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް ތިއްބެވިކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، ސަރުކާރުގެ އެކިއެކި އިދާރާތަކާއި، އިސްބޭފުޅުންނާއި، އަދި ރާއްޖެތެރޭގައި މަސައްކަތްކުރައްވާ އެކިފަރާތްތަކާއި މި ބޭފުޅުންނާ މި ވަގުތުގައި ރައްކާތެރިކަމުގެގޮތުން ނުވަތަ މި ދަނޑިވަޅަށް އަޅަން ބޭނުންފުޅުވާ ފިޔަވަޅުތަކާ ބެހޭގޮތުން ދެއްވާނެ ވަކި އިރުޝާދެއް އޮތްތޯ ދަންނަވާލާހިތްވޭ އަޅުގަނޑު.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑު ހަމަ ޚަބަރު ލިބުމާ ގުޅިގެން، މާލެއާ ގުޅަމުން ގެންދިޔައިން. އަޅުގަނޑު ގުޅިން، މިނިސްޓަރ އިސްމާޢީލް ޝަފީޢާ. އެއީ ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރުގެ އިސްބޭފުޅަކަށް އުޅުއްވަނީ އިސްމާޢީލް ޝަފީޢު. އަދި އެހެން މިނިސްޓަރުންނާވެސް އަޅުގަނޑު ގުޅިން. އެ ބޭފުޅުންނަށް ދަންނަވާލިން، ވަގުތުން ހަމަ ރާއްޖޭގެ ރައްޔިތުންނަށް މި ޚަބަރު ދެއްވާށޭ. އަދި އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުންވެސް އެއްޗެއް ވިދާޅުވާށޭ. ދެން އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެންނަށް އެޅެން އޮންނާނެ ފިޔަވަޅަކީ، ރާއްޖޭގެ ކަންތައްތައް ހުރިގޮތުން، ހަމަ ރައްކާތެރިކަމުގެގޮތުން އަޅުގަނޑުމެން ތައްޔާރަށް ތިބުން. ރަށްރަށުގައި ހިސާބަކަށްނަމަވެސް އުސްތަންތަން ހުރިއްޔާ، އުސްތަންތަނަށް މީހުން ގޮސް، ދެން ގޮނޑުދޮށާ ދުރު ތަންތާނގައި ތިބުން. ދެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅެންއޮތްގޮތަކަށް އަޅައިގެން ވިސްނައިގެން ތިބުން. އެއީ، ކުރީފަހަރުވެސް އަޅުގަނޑުމެން ނުވެސް ދެނެހުރެ ތިއްބާ އެފަހަރު ސުނާމީ އައިމާވެސް، ބައެއް ރަށްރަށުން ހަމަ އެގޮތަށް ޢަމަލުކުރެއްވީމާ، ވަރަށް ގިނަ މީހުންނަށް ސަލާމަތްކަން ލިބުނު. އެކަހަލަ ގޮތެއް އަޅުގަނޑުމެންނަށް ހެދެން އޮންނާނީ. އެހެންވެ އެކަމަށް އެންމެން ރައްކާތެރިވެގެން ހޭލާތިބުން. ހަމަ ކިރިޔާވެސް މިކަހަލަ ކަމެއް ފެށޭކަމުގެ އަސަރެއް ނުވަތަ ޚަބަރެއް ވެއްޖެއްޔާ، ސަރުކާރުން މީހުންނަށް އަންގާނެ. ޓީ.ވީ، ރޭޑިއޯ މިރޭ ހަމަ ހުންނާނީ ހުޅުވާފައި. ބަންދެއްނުކުރާނެ. އެހެންވީމާ، އެގޮތުން ހަމަ ޚަބަރު ދެމުންގެންދާނީ. އިރާދަކުރެއްވިއްޔާ، ހަމަ އެކަހަލަ ކަމެއް ދިމައެއްނުވާނެ.

އަލްފާޟިލް ޙުސައިން މުޙައްމަދު - ޓެލެވިޜަން މޯލްޑިވްސް:

އާދެ، ދެންމެ އެ ވާހަކަފުޅު ދެއްކެވީ، ފޯނުން ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް.