بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

މި ބަރަކާތްތެރި ފިޠުރުޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މި މުނާސަބަތުގެ ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ އުޚުއްވަތްތެރި ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކަށްވެސް ފޮނުވަން.

މި ޢީދުގެ އުފާ، އަޅުގަނޑުމެން މި ލިބިގަންނަނީ، ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން މި ހިފި ރޯދައާއި، އަޅުގަނޑުމެން ކުރި އެހެނިހެން ހެޔޮ ޢަމަލުތައް، މާތް ﷲ ގަބޫލުކުރައްވައި، އެކަންކަމުގެ ހެޔޮ ދަރުމައާއި ޘަވާބު ދެއްވުންއެދި، އެކަލާނގެ ޙަޟްރަތަށް ދުޢާކުރަމުން.

އާދެ، ފިޠުރުޢީދު ދުވަހަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި އުފާވެރިކަމުގެ ޝުޢޫރުތައް އާވެ އާލާވަމުންދާ ދުވަހެއް. މުސްލިމުން، އެކަކު އަނެކަކާ ބައްދަލުކޮށް، ޢީދުގެ ތަހުނިޔާ ކިޔައި، ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަހެއް. އަޅުގަނޑުމެންގެ ތެރޭގައި ތިބި، އެހީއާއި މަދަދަށް ބޭނުންވާ މީހުންނަށް އެހީ ފޯރުވައިދިނުމަކީ، މި ޢީދުގެ މަތިވެރި ރޫޙު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް.

މިއަދު ބަރަކާތްތެރި ފިޠުރު ޢީދުގެ އުފާ އަޅުގަނޑުމެން ފާޅުކުރަމުންދާއިރު، ހަމަ މިއަދު، ވަރަށް މުހިންމު އެހެން ޤައުމީ މުނާސަބަތެއްގެ ހަނދާންތައްވެސް، އަޅުގަނޑުމެން މިގެންދަނީ އާކުރަމުން. އާދެ، މިއަދަކީ، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އަދި ބިރުވެރި ޢުދުވާނީ ޙަމަލާއިން މި ލޮބުވެތި ޤައުމާއި ރައްޔިތުން، މާތް ﷲ ސަލާމަތްކޮށްދެއްވައި، ޤައުމަށް މަތިވެރި ނަޞްރަކާއި ކާމިޔާބީއެއް މިންވަރުކުރެއްވި ދުވަސް. ދިވެހި ޤައުމާއި، މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ޖިހާދުކުރައްވައި، ފުރާނައިން ޤުރުބާންވެވަޑައިގެންނެވި، ހިތްވަރުގަދަ ދިވެހި ދަރިންގެ ޒިކުރާ އާކުރުމުގެ ދުވަސް. އެ އަގުހުރި ބަޠަލުންނަށް، މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި!

ނޮވެންބަރު ތިނެއްގެ ހާދިސާއަށް މިއަދު 17 އަހަރު ފުރޭއިރު، އެ ބިރުވެރި ހާދިސާގެ ހަނދާންތައް، އިއްޔެވީ ކަމެއްގެ ގޮތުގައި އަދިވެސް އަޅުގަނޑުމެންގެ ހިތްތަކަށް ސިފަކުރެވެމުންދޭ. މިއީ، ދިވެހިންގެ މަދުބަޔަކު އެކަމުގެ އަޑީގައި ތިބެގެން، ބޭރުބަޔަކު ލައްވާ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރުވަން ކުރި މަސައްކަތެއް.

އެދުވަހު ބޭރުބައެއްގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ނުދިޔައީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއި، އެކަލާނގެ މިންވަރުފުޅުން، ދިވެހިރައްޔިތުން އެދުވަހު ސާބިތުކޮށްދެއްވި ވަރުގަދަ ޤައުމީ ރޫޙާއި އެއްބައިވަންތަކަމުގެ ސަބަބުން. ދިވެހިރައްޔިތުންގެ މަތިވެރި ޢަޒުމާއި، ދިވެހިސިފައިންގެ ހިތްވަރުގަދަކަމުން. އެހެންކަމުން، މިފަދަ ކަންކަމުންނާއި، މިފަދަ ހާދިސާތަކުން މިއަދުވެސް އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރަންވާނެ.

މިއަދު އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިވަނީ ބޭރުދުނިޔެއަށް ވަރަށް ބޮޑަށް ހުޅުވާލެވިފައި. ދިވެހިރާއްޖެއާއި ބޭރުގެ ފަރާތްތަކާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން ގޯސްކުރުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު މި ދަނޑިވަޅުގައި މަސައްކަތްކުރަމުން ގެންދާކަން އެއީ، ވަރަށް ހިތާމަހުރި ކަމެއް. އެގޮތަށް މަސައްކަތްކުރުމަކީ، ދިވެހިންގެ އިޤްތިޞާދަށާއި އަދި ދިވެހިންނަށް ނިކަމެތިކަން ލިބިދާނެ ކަމެއް. އަދި އެކަމުގެ ނޭދެވޭ އަސަރު، ރާއްޖޭގެ މިނިވަންކަމަށާއި ސިޔާދަތަށް ކުރުންވެސް އެކަށީގެންވޭ.

ދިވެހިރާއްޖޭގެ ކަންތައްތައް އިޞްލާޙުކުރަމުން ގެންދާނީ، އަޅުގަނޑުމެން ދިވެހިން. އެކަން ކުރުމުގެ ވިސްނުމާއި ޤާބިލިއްޔަތާއި، ހިތްވަރާއި ޢަޒުމް ދިވެހިންގައި އެބަހުރި. މި ބަދަލުތައް ގެނައުމަށްޓަކައި، އަޅުގަނޑުމެން މިތިބީ، ސާބިތުކަމާއެކު ނުގުޑާފަދަ ޢަޒުމެއްގައި.

އެނގިވަޑައިގަންނަވާނެ ފަދައިން، 2004 ޖޫން 9 ވަނަ ދުވަހުގެރޭ އަޅުގަނޑު އިޢުލާނުކުރި އިޞްލާޙީ އެޖެންޑާގެ ދަށުން، ޤައުމުގެ ކަންތައްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަޅުގަނޑު މިދަނީ ގެންނަމުން. އަޅުގަނޑު ހުށަހަޅާފައިވާ އިޞްލާޙީ އެޖެންޑާ ފުރިހަމަވެގެންދާނީ، ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މުޅިން ނިންމެވީމާ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އެއްކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން، އެ މަޖިލީހުގެ ގަވާއިދު ފާސްކުރައްވާ ނިންމަވައި، ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެށްޓެވީ، މި ހުސްވި ރަމަޟާންމަހުގެ 27 ވަނަ ދުވަހު. މިފަދަ ބަރަކާތްތެރި މުނާސަބަތަކާ ދިމާވާގޮތަށް މި މަސައްކަތް ފެށުނުކަން އެއީ، ވަރަށް ހެޔޮ ފާލެއްކަމުގައި އަޅުގަނޑު ދެކެން.

އަދި ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމުގެ މަސައްކަތް، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަރަށް އަވަހަށް ކުރިއަށް ގެންގޮސްދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް.

ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ކުރިންވެސް ގެންނަމުން މިގެންދާ އިޞްލާޙީ ބަދަލުތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ބަދަލަކީ، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން.

މިއީ، ރާއްޖޭގެ ދީމުޤްރާޠީ ނިޒާމަށް އައި ވަރަށް ބޮޑު ކުރިއެރުމެއް. ސިޔާސީ ޕާޓީގެ ނިޒާމު ތަޢާރުފުކުރުމުގެ ބޭނުމަކީ، ރާއްޖޭގެ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުން. ރައްޔިތުން، ޤައުމުގެ އެކި ކަންކަމުގައި ޚިޔާލުފާޅުކޮށް ބައިވެރިވުމުގެ ފުރުޞަތު، ވީހާވެސް ފުޅާ ދާއިރާއެއްގައި ހުޅުވާލަދިނުން. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ އަލީގައި، ޤައުމުގެ ކަންތައްތައް އިޞްލާޙުކުރުމުގެ މަގު ތަނަވަސްކުރުން.

ސިޔާސީ ޕާޓީގެ ނިޒާމަކީ، ރާއްޖެއަށް މުޅިން އާ ނިޒާމަކަށްވާތީ، އަޅުގަނޑުމެންވީ އެހެން ޤައުމުތަކުގައި ޕާޓީ ނިޒާމު ހިނގަމުންދާގޮތް ދަސްކުރަން. އާދެ، ސިޔާސީ ޕާޓީގެ ނިޒާމު ތަޢާރުފުކުރުމަކީ، ޤައުމީ މަޞްލަޙަތު ނަގާލުމެއް ނޫން. ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމެއްވެސް ނޫން. އަދި ޙަޤީޤަތް އޮޅުވާލައި، ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމެއްވެސް ނޫން. އަދި ހަމަޖެހުން ނަގާލައި، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެއްދުމެއްވެސް ނޫން. ހަމައެހެންމެ، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމެއްވެސް ނުމެނޫންމެ. އެ މުއައްސަސާތަކަށް އުނިކަމެއް އަތުވެއްޖެނަމަ، އެއީ އަޅުގަނޑުމެންގެ މިހާރަށާއި، ކުރިއަށް އޮތް ތަނަށާއި، އެތައް ޒަމާނަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާނެ ކަމެއް.

ރާއްޖޭގައި އެކިއެކި ހަމަނުޖެހުންތައް އުފެދި، ޤައުމުގެ މަޞްލަޙަތަށް ބުރޫއެރުމަކީ، ރާއްޖޭގެ ތަރައްޤީގެ މަގުގައި ހަލުވިކަމާއެކު ކުރިއަށް އަޅުމުންމިދާ ފިޔަވަޅުތަކަށް އޮތް، ވަރަށް ބޮޑު ނުރައްކަލެއް. އަދި އެކަމުގެ އަސަރު، ވަރަށް ނޭދެވޭގޮތެއްގައި ރާއްޖޭގެ އިޤްތިޞާދަށް ފޯރާނެ ކަމެއްވެސްމެ.

މިކަންކަން މިހެން ހުރުމާއެކު، މިއަދު ކޮންމެ ދިވެހި ދަރިއެއްގެވެސް، އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެވެސް ޢަޒުމަކަށްވާންވީ، ޤައުމުގެ ސަފުތައް ބަދަހިކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުން. އަދި ރާއްޖެއަށް ގެންނަން ބޭނުންވާ އިޞްލާޙީ ބަދަލުތައް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ޞުލްޙަވެރިކަމާއި ހަމަޖެހުމާއި އޮމާންކަމާއެކު ގެނައުމަށް މަސައްކަތްކުރުން.

މި ފުރުޞަތުގައި އަޅުގަނޑުމެން ހަނދާންކުރަންވީ، ބަރަކާތްތެރި ރަމަޟާންމަސް ވަކިވެގެން އެދިޔައީ، ވަރަށް އަގުހުރި ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ދަސްކޮށްދީފައިކަން. އެއީ ތަޤުވާވެރިކަމާއި، ކެތްތެރިކަމުގެ ފިލާވަޅު. އެކުވެރިކަމާއި، އެއްބަނޑުއެއްބަފާކަން އާލާކުރުމާއި، އެކަކު އަނެކަކަށް ކަމޭހިތުމާއި، އިޙްސާންތެރިވުމުގެ ފިލާވަޅު.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، މި އުފާވެރި ޢީދުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ތަކުރާރުކުރަން.

މާތް ﷲ، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި، މިނިވަން ޤައުމެއްގެގޮތުގައި ލަހައްޓަވާށި! އެންމެހައި ނުރައްކާތަކުން، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވާށި! އަދި ޤައުމުގެ އިޞްލާޙަށްޓަކައި އަޅުގަނޑުމެން އެންމެން ކުރަމުން މިގެންދާ އިޚްލާޞްތެރި މަސައްކަތްތަކުގައި ބަރަކާތް ލައްވާށި! އާމީން.

والسّلام عليكم ورحمـة اللّـه وبركاته.