އަލްފާޟިލް އިބްރާހީމް ޚަލީލު - ޓެލެވިޜަން މޯލްޑިވްސް:

އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ކާމިޔާބުކުރުމަށް އިންޑިޔާއިން މިކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން މިހާރު މިވަނީ ހާމަކުރައްވާފައި. އަޅުގަނޑުގެ ސުވާލަކީ، ދިވެހި ސަރުކާރުން އިންޑިޔާއަށް މިކަމުގައި މި ތާއީދުކުރައްވާ ސަބަބަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޙަޤީޤަތުގައި، އ.ދ. މަޖިލީހުގެ ސަލާމަތީ މަޖިލީހަކީ، މިހާރު ބޮޑުކުރަން ޖެހިފައިވާ މަޖިލީހެއް. ދާދިފަހުން އ.ދ. މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކޯފީ އަނާން ހުށަހެޅުއްވި ހުށަހެޅުމުގައިވެސް އެ ވާހަކަވަނީ ވިދާޅުވެފައި. ދުނިޔޭގައި ވަރަށް ގިނަ ޤައުމުތަކުން އެބަ ގަބޫލުކުރޭ (ސަލާމަތީ މަޖިލިސް އުފެދިފައި މިއޮތީ ދެވަނަ ބޮޑު ހަނގުރާމައަށްފަހުގައި. އެހެންވީމާ، މިހާރު ދުނިޔޭގެ ކަންތައްތަކަށް މިއައި ބޮޑެތި ބަދަލުތަކުގެ ސަބަބުން) އެ މަޖިލިސް އިތުރަށް ފުޅާކުރަންޖެހޭނެ ކަމަށް. މިހާރު ތިބެނީ، 15 މެންބަރުން. އެއަށްވުރެ ގިނަ އަދަދެއްގެ މެންބަރުން ތިބެންޖެހޭނެކަމަށް ވަރަށް ގިނަ ޤައުމުތަކުން ގަބޫލުކުރޭ. އަދި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްވެސް އެހެން ވިދާޅުވެފައި އޮންނަނީ. އެހެންވީމާ، އިތުރުކުރަން ބޭނުންވާ މެންބަރުންނާ ދޭތެރޭގައި ވިސްނާލާއިރު، އެކި ސަރަޙައްދުތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ޤައުމުތައް އޭގެތެރޭގައި ހިމެނުމަކީ، ވަރަށް ބޭނުންކަމެއް.

އެގޮތުން ބަލާއިރު، އިންޑިޔާއަކީ މި ސަރަޙައްދުގައި، އޭޝިޔާގައި އޮތް އެންމެ މުހިންމު އެއްޤައުމު. އަދި ޒަމާނުއްސުރެ އ.ދ. މަޖިލީހުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޤައުމެއް. އެހެންވީމާ، އަޅުގަނޑުހިތުން އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް. ސާކް ޤައުމުތަކުގެ ތެރެއިންވެސް މިހާރު ހަތަރު ޤައުމަކުން އިންޑިޔާއަށް ދާއިމީ ގޮނޑިއެއް ލިބުމަށް ވަނީ ތާއީދުކޮށްފައި. އެއީ ޝްރީލަންކާއާއި، ނޭޕާލާއި، ބޫޓާނާ، މިހާރު ދިވެހިރާއްޖެ. އެހެންވީމާ، މިއީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އެކަން ކުރަމުން އަންނަގޮތް.

އަޅުގަނޑުމެން އ.ދ. މަޖިލިސް ބޮޑުކުރާއިރު މި ތާއީދުކުރަނީ ހަމައެކަނި އިންޑިޔާއަކަށް ނޫން. އިންޑިޔާ ފިޔަވައި އެހެން ބައެއް ޤައުމުތަކަށްވެސް އަޅުގަނޑުމެން ތާއީދުކުރާނެ ވާހަކަ މިހާރު އެޤައުމުތަކަށް ވާނީ އެނގިފައި. މިސާލަކަށް ޖަޕާނު. ޖަޕާނަށްވެސް ތާއީދުކުރާނެ ވާހަކަ އަޅުގަނޑު އޮންނާނީ ބުނެފައި. އަދި އިތުރު އެހެން ދެ ޤައުމެއްވެސް އެބައުޅޭ.

އަލްފާޟިލް އަޙްމަދު ޝިޔާމް - މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ:

ހައިކޮމިޝަނުގެ އިތުރު ގޮތްޕެއް ޓްރިވެންޑްރަމުގައި މިހާރު ހުޅުވުމަށް މިއޮތީ އިންޑިޔާ ސަރުކާރުން ހުއްދަ ދެއްވާފައި. އެހެންވީމާ، ދެން ކިހާތަނެއްގައި އެ މަސައްކަތް ފެށޭވަރުވާނެތޯ؟ މި އަހަރުތެރޭ ހުޅުވޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އިރާދަކުރެއްވިއްޔާ، މާ އަވަހަށް، އިރާދަކުރެއްވިއްޔާ، ހަމަ މަހެއްހައި ދުވަހުގެ ތެރޭގައިވެސް ހުޅުވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އެކަމަކު މިހެން ދަންނަވާއިރު ދަންނަވާލަންޖެހޭ، އިންޑިޔާ ސަރުކާރުން އެކަމަށް ހުއްދަދެއްވާނެކަމަށް ވިދާޅުވެފައިއޮތް ނަމަވެސް، އަދި ލިޔުމަކުން އެ ހުއްދައެއް ނުލިބޭ. އެ ހުއްދަ ލިބުނުހާ އަވަހަކަށް އަޅުގަނޑުމެންނަށް ރަސްމީގޮތުން ހުޅުވޭނީ. އެހެންނަމަވެސް، އަޅުގަނޑު ލަފާކުރާގޮތުގައި، މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ހަމަޖެހިގެންދާނެ.

އަލްފާޟިލާ މޫނިސާ ޢީސާ - ދުވަހުނޫސް "އާފަތިސް":

ޓްރިވެންޑްރަމުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އޮތް ދީނީ ޢަޤީދާ ފުނޑުފުނޑުކޮށްލަން ދިވެހިބަޔަކު މަސައްކަތްކުރާކަމަށް އަޅުގަނޑުމެންނަށް އޮތީ މަޢުލޫމާތު ލިބިފައި. މިކަމާގުޅިގެން ސަރުކާރުން އެމީހުންނާ ދޭތެރޭގައި ވަކި ޚާއްޞަ ފިޔަވަޅެއް، އެކަން ހުއްޓުވުމަށް ފިޔަވަޅެއް އަޅަން ގަސްދުކުރައްވާފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ތިޔަވިދާޅުވި މަޢުލޫމާތު ތިޔަގޮތަކަށް އަޅުގަނޑަކަށް ލިބިފައެއްނެތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެ މިހާރު މުޅި ދުނިޔެއަށް ހުޅުވިފައިއޮތްވަރުންނާއި އަދި ވަރަށް ގިނަ އަދަދެއްގެ ދިވެހިން ބޭރުގައި އުޅޭތީ، ބައެއްކަހަލަ، އަޅުގަނޑުމެން ބޭނުންނުވާކަހަލަ ނުފޫޒުތައް ދިވެހިންގެ ތެރެއަށް އައިސް އޮތުމަކީ ނުވަތަ އައުމަކީ އެކަށީގެންވާކަމެއް. އެހެންވީމާ، އަޅުގަނޑު ހުރިހާ ތަނެއްގައިވެސް ދިވެހިރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރު މި ދަންނަވަމުން ގެންދަނީ، އަޅުގަނޑުމެންނަކީ މުސްލިމުންކަމާއި، ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްކަމާއި، އަޅުގަނޑުމެންގެ އަމިއްލަ ޘަޤާފަތަކާއި ތާރީޚެއް އޮތްކަން ހަނދާންކުރައްވާށޭ. އަޅުގަނޑުމެންގެ ތެރެއަށް އެކި ވައްތަރުވައްތަރުގެ ތަފާތު ގޮތްތައް އައުމުން، އަޅުގަނޑުމެންގެ ރާއްޖޭގައި އުފެދޭނީ ހަމަނުޖެހުމާއި ފިތުނަވެރިކަމޭ. އެހެންވީމާ، އަޅުގަނޑުހިތުން އެގޮތަށް މަސައްކަތްކުރުން އޮތީ. ކަނޑައެޅިގެން ވަކިބަޔަކު ތިޔަވިދާޅުވާގޮތަށް މަސައްކަތް ކުރާކަމެއް އެނގިފައެއްނެތް.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ތިޔަވިދާޅުވާކަހަލަ މަސައްކަތްކުރުމަކީ، ދިވެހި ސަރުކާރުން އެއްވެސްއިރެއްގައި ހުއްދަކުރާކަމެއްނޫން. މީގެކުރިންވެސް އެކަހަލަ މަސައްކަތްކުރި ބަޔަކާ ދޭތެރޭގައި ފިޔަވަޅުއަޅައި، އެމީހުން ވަނީ ރާއްޖެއިން ބޭރަށް ފޮނުވާލާފައި.

އަލްފާޟިލް ޢަބްދުﷲ ރަމީޒު - ދިވެހިރާއްޖޭގެ އަޑު:

މަނިކުފާނު، އިންޑިޔާއަށް ތިޔަކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައި، މަޝްވަރާތައްކުރައްވައި ހައްދަވާފައިވަނީ. ދެން މިކުރެއްވި މަޝްވަރާތަކާއެކު ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ގާތްކަން އިތުރުވެ، ގުޅުން އިތުރަށް ބަދަހިވި މިންވަރު ސިފަކުރައްވާނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑުމެންގެ ދެ ޤައުމަކީ ވަރަށް ކުރިއްސުރެ، ވަރަށް އެކުވެރި ރަޙްމަތްތެރި ގުޅުމެއް އޮންނަ ދެ ޤައުމު. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ، މި ދަތުރުގެ ސަބަބުން އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި މި އޮންނަ ގުޅުން އެތައްގުނައަކަށް ބަދަހިވެގެން ހިނގައްޖެހެން. ވަރަށްގިނަ ކަންތައްތަކުގައި މަޝްވަރާކުރެވި، ދެ ޤައުމު ދެކޭގޮތް ވަނީ އެއްގޮތްކުރެވިފައި. އަދި އަޅުގަނޑުމެންގެ ތަރައްޤީގެ މި މަރުޙަލާގައި ބޭނުންވާ ހުރިހާ ރޮނގަކުން އިންޑިޔާ ސަރުކާރުން އެހީވެދެއްވާނެކަމަށްވަނީ ވިދާޅުވެފައި. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އެބޭފުޅުން އަޅުގަނޑުމެންނާ ދޭތެރޭގައި ބެހެއްޓެވި ގާތްގޮތާއި، މި ދަތުރުގައި މި ދެކެވުނު ވާހަކަތަކާއި، ކުރެވުނު މަޝްވަރާތަކަށް ބަލާއިރު، އަޅުގަނޑު ދަންނަވަންޖެހޭނީ، އަޅުގަނޑުމެންގެ ގުޅުން އެތައް ގުނައަކަށް ބަދަހިވެގެން ހިނގައްޖެއޭ.

އަލްފާޟިލް މިދްޙަތު އާދަމް - ދުވަހުނޫސް "މިއަދު":

މަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިޔަން، މޯލްޑިވްސް ޖޮއިންޓް ކޮމިޝަނެއް އުފެއްދެވުމަށް މަޝްވަރާކުރެއްވި. ދެން މި ކޮމިޝަން ކިހާތާކު އުފެދޭނެތޯ؟ ނޫނީ މީގެން ރާއްޖެއަށް ނޫނީ ދެ ޤައުމަށް ކުރާނީ ކޮންކަހަލަ ފައިދާތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޙަޤީޤަތުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ޖޮއިންޓް ކޮމިޝަނަކީ، އުފެދިގެން ހިނގަމުންދާ ތަނެއް އިނގޭތޯ!

މީގެކުރިންވެސް ބައްދަލުވުމެއް ބާއްވައިފި. މިހާރު ބައްދަލުވުމެއް ނުބޭއްވޭތާ ދުވަސްކޮޅެއްވެފައިވާތީ، އަޅުގަނޑުމެން މަޝްވަރާކުރިކުރުމުގައި އެއްބަސްވެވުނީ، ވަރަށް އަވަހަށް ޖޮއިންޓް ކޮމިޝަނުގެ އިތުރު ބައްދަލުވުމެއް ބޭއްވުމަށް.

ޖޮއިންޓް ކޮމިޝަނުގެ މަސައްކަތަކީ، ހަމަ ހުރިހާ ދާއިރާއެއްގައިވެސް ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް ކުރެވެންއޮތް މަސައްކަތްތައް ދެނެގަނެ، އެގޮތަށް ދެ ޤައުމުގެ ސަރުކާރަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުން.

އަލްފާޟިލް އިސްމާޢީލް ނަޞީރު - ދުވަހުނޫސް "ހަވީރު":

އިންޑިޔާ ސަރުކާރާއެކު މިފަހަރު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި އަތޮޅުތަކުގައި މީޑިޔާ ސެންޓަރުތަކެއް ހެދުމުގެ ވާހަކަ ދައްކަވާފައިވާތީ، އެއީ ކޮންގޮތަކަށް ކުރައްވާ ކަމެއްތޯ؟ ދެން އިންޑިޔާ ސަރުކާރުން ކޮންކޮން އެހީތަކެއްތޯ އެކަމަށް ވެދެއްވަނީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މި ޕްރޮޖެކްޓަކީ ވަރަށް ކުރީއްސުރެ އަޅުގަނޑުމެން ހުށަހަޅައިގެން ހިނގަމުންދާ ޕްރޮޖެކްޓެއް. އެކަމުގައި އިންޑިޔާ ސަރުކާރުގެ އެހީ ލިބޭނެކަން މިފަހަރު އަންގަވާފައި މިއޮތީ.

އެނގިވަޑައިގަންނަވާނެ ފަދައިން، މީޑިޔާއަކީ މިހާރު ވަރަށް މުހިންމު ވަސީލަތެއް. މާލޭގައި ހުންނަ އެ މަރުކަޒުތަކުގެ އިތުރަށް، އަތޮޅުތަކުގައިވެސް މީޑިޔާއާބެހޭ މަރުކަޒުތަކެއް ހުރުމަކީ، މިވަގުތަށް ވަރަށް ބޭނުންވެފައިވާކަމެއް.

އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރަން. އަދި ފަންނީގޮތުންވެސް އިތުރު ކަންތައްތައް ބޭނުންވޭ. މި ދެންނެވީ، މީޑިޔާގެ ރޮނގުން. އެ ހުރިހާ ކަމަކަށް އިންޑިޔާ ސަރުކާރުން އެހީވެދެއްވާގޮތަށް ޕްރޮޖެކްޓް ހިނގަމުންދާނީ، އިރާދަކުރެއްވިއްޔާ.

ނޫސްވެރިން:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ!

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ޝުކުރިއްޔާ.