بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّد المرسلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، އަޅުގަނޑަކަށް ނޯޅޭ، އަޅުގަނޑަށް މިހުރެވެނީ އުތުރުކަރައިގެ ބިމެއްގައި. އެހެންނަމަވެސް، މިތަނަށް އައިސް ވަނުމުން، އަޅުގަނޑަށް ހީވީ، އަޅުގަނޑު މިހުރީ ރާއްޖޭގައިހެން. އަޅުގަނޑުގެ ކުރިމަތީގައި ތިޔަ ތިއްބެވި ޢިއްޒަތްތެރި ދިވެހި ރައްޔިތުންގެ އުފާވެރި މޫނުފުޅުތައް ފެނުމުން، އަޅުގަނޑުގެހިތަށް ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ހާސިލުވެގެން ހިނގައްޖެ.

އާދެ، އަޅުގަނޑު މިރޭ މިތަނަށް އައުމަށް ހަމަޖެހިފައިވާތީ އަދި އަޅުގަނޑު އިންޑިޔާއަށް މިކުރާ ރަސްމީ ދަތުރުގައި، ދިވެހިން ދިރިއުޅުއްވާ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ދިވެހިންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު މަޤްޞަދަކަށްވެފައިވާތީ، އެކަން އިންޑިޔާއަށް ކަނޑައެޅިފައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން ތިޔަބޭފުޅުންނަށް އަންގަވައިލެއްވުމުން، ތިޔަބޭފުޅުން މިތަނަށް ވަޑައިގެންދެއްވިކަމަށްޓަކައި ތިޔަހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ތިޔައިގެތެރެއިން ބައެއް ބޭފުޅުންނަކީ، އަޅުގަނޑުހިތުން މިތާނގައި ތިއްބަވާތާ އިރުތަކެއްވެއްޖެ ބޭފުޅުން. ތިޔަބޭފުޅުން މާކުރިންކަންނޭނގެ، ގިނަބޭފުޅުން މިތަނަށް ވަޑައިގެން ތިޔަ ތިއްބެވީ. އަޅުގަނޑުމެންނަށް މިއާދެވުނީ، އަޅުގަނޑުމެން އަންނަން ގަސްތުކޮށްފައިއޮތް ވަރަށްވުރެ މާލަހުން. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ އުފުއްލަވަން ޖެހިވަޑައިގެންނެވި ބުރައަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް މަޢާފުކޮށްދެއްވުން އެދެން.

އާދެ، އެކަން އެހެން އެ ދިމާވީ، އަޅުގަނޑުމެންގެ ދަތުރު ހަމަޖެހިފައި އޮތްގޮތުން. ޗެންނާއިން ފުރައިގެން މިރަށަށް އާދެ، ތިރިވަނަންތަޕޫރަމަށް އަންނަންއޮތް ފްލައިޓްވެސް ތަންކޮޅެއް ލަސްވީ. ގާތްގަނޑަކަށް ގަޑިއެއްހާއިރު ލަހުން ފުރުނީ އެކޮޅުން. މިތަނަށް އަޅުގަނޑުމެންނަށް އާދެވުނީވެސް އެހެންވީމާ ލަސްވެގެން. އާދެ، އަޅުގަނޑުމެން ތިބެން ހަމަޖެހިފައިވާ ތަން ހުރީވެސް މިތަނާ ވަރަށް ދުރުގައި. އެހެންވެގެން ތަންކޮޅެއް ލަސްވީ. އެހެންނަމަވެސް، ލަސްވުމަށްފަހުގައި ނަމަވެސް މިތަނަށް އާދެވުމުން، ކުރިންވެސް ދެންނެވިހެން، އަޅުގަނޑަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެން ހިނގައްޖެ.

އާދެ، އަޅުގަނޑު އިންޑިޔާއަށް، އުތުރުކަރައަށް މިކުރާ ރަސްމީ ދަތުރަކީ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖެއަށް އިންޑިޔާގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭ ރޮނގުތަކާ ބެހޭގޮތުން މަޝްވަރާކޮށް، އިތުރަށް ތަރައްޤީގެ މަގުގައި އިންޑިޔާގެ އެހީ ލިބޭގޮތްވޭތޯ މަސައްކަތްކުރުން. އާދެ، މިގޮތުން އަޅުގަނޑު މިދަތުރު މިކުރީ، އިންޑިޔާގެ ރައީސްގެ ދަޢުވަތަކަށް.

އަޅުގަނޑު އިންޑިޔާގެ ރައީސާ ނިއުދިއްލީގައި ބައްދަލުކުރިން. އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރިން. އިންޑިޔާގެ އެހެން ބައެއް މުހިންމު ވަޒީރުންނާވެސް ބައްދަލުކުރިން. އަދި އެނޫންވެސް ޢިއްޒަތްތެރިންނާ ބައްދަލުކުރިން. މި ހުރިހާ ބޭފުޅުންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގެ ތެރޭގައި، އަޅުގަނޑުމެންނާ އިންޑިޔާއާ ދޭތެރޭގައި މިއޮންނަ ގުޅުމުގެ ވާހަކައާއި، އަޅުގަނޑުމެންގެ ދެ ޤައުމަކީ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމެއް ޤާއިމުވެފައިވާ ދެ ޤައުމުކަމާއި، އަޅުގަނޑުމެން ދިވެހިންނަކީ ވަރަށްގިނަ ބޭނުންތަކުގައި އިންޑިޔާއަށް އަންނަންޖެހޭ ބައެއްކަމާއި އަދި އިންޑިޔާގެ ވަރަށްގިނަ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރަމުން ގެންދާކަމާއި އަދި ޤައުމު އޮތް ސަރަޙައްދުގެ ގޮތުންނާއި އަދި ދުނިޔޭގައި ކަންތައްތައް ހިނގަމުންދާ ގޮތުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި ވަރަށް ހަރުދަނާ ރަޙްމަތްތެރިކަމުގެ އެކުވެރިކަމުގެ ގުޅުމެއް އޮތުމުގެ މުހިންމުކަމާ، މިހުރިހާ ކަމެއްގެ މައްޗަށް އަޅުގަނޑުމެން ވާހަކަދައްކައި މަޝްވަރާކޮށް ހެދިން.

ޝައްކެއްނެތްގޮތުގައި، އިންޑިޔާއިން ދިވެހިރާއްޖެއަށް ބަހައްޓަވަނީ، ވަރަށް ޚާއްޞަގޮތެއް. މީގެ ހެކިތައް އަޅުގަނޑުމެން ކިތަންމެ ކުޑަކޮށް ވިސްނާލިޔަސް، އަޅުގަނޑުމެންގެ ހިތަށްގެނެވޭނެ. އާދެ، ތިޔަބޭފުޅުންގެ ތެރެއިން ވަރަށްގިނަ ބޭފުޅުން 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހުގެ ކަންތައްތައް ހަނދުމަފުޅު ހުންނާނެ. އާދެ، އެދުވަހުވެސް އަޅުގަނޑުމެންނަށް އެންމެ ކަންތައްބޮޑުވި ވަގުތު އަޅުގަނޑުމެން އެދުނު އެދުމެއްގެމަތިން، އަޅުގަނޑުމެންނަށް އެހީތެރިވާން، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށްދޭން، ދިވެހިޤައުމާއި، ދިވެހިރައްޔިތުން ސަލާމަތްކޮށްދޭން، ވަރަށް އަވަހަށް އަޅުގަނޑުމެންގެ ޤައުމަށް އައިސްދިނީ އިންޑިޔާ ސިފައިން. އަދި އޭގެފަހުންވެސް ދިމާވާ ކޮންމެ ކަމެއްގައި އަޅުގަނޑުމެންނަށް އިންޑިޔާގެ އެހީތެރިކަން ވަރަށްބޮޑު. އެންމެފަހުން މިދިޔަ ޑިސެންބަރުމަހު މިދިމާވި ސުނާމީ ކާރިސާގެ ކަންތަކުގައިވެސް، އެންމެ ފުރަތަމަ އެހީވެދިން ޤައުމަކީ އިންޑިޔާ. ހަމަ އެދުވަހު އިންޑިޔާގެ މަތިންދާބޯޓެއް އަޅުގަނޑުމެންގެ ރާއްޖޭގެމަތިން ދަތުރުކުރި، އަޅުގަނޑުމެން އެދުނު އެދުމުގެމަތިން. އެއީ، ހުރިހާ ރަށްރަށެއްގެ މަތިން ދަތުރުކޮށް، ކިހިނެއްތޯ ކަންތައްތައް ވެފައިވަނީ މަތިން ބަލައިލުމަށްޓަކައި. އޭގެ އަނެއް ދުވަހު، އިންޑިޔާގެ އިތުރު މަތިންދާ ބޯޓެއް އައި. ވަރަށް އަވަހަށް އިންޑިޔާގެ މަނަވަރުތައް އައި. އަދި އިންޑިޔާގެ އެހީ، ކާބޯތަކެތީގެ އެހީއާއި، ބޭހާއި، ފެނާއި، މިނޫންވެސް ކުއްލި އެހީއަށް ބޭނުންވާ ހުރިހާ އެއްޗެއް އިންޑިޔާ ސަރުކާރުން ފޮނުއްވައިދެއްވި. އަދި އޭގެ އިތުރުންވެސް، ވަރަށްގިނަ ކަންތައްތައް ވަރަށްގިނަ ދުވަސްވަންދެން އެތާނގައި އިންޑިޔާގެ މީހުން އަޅުގަނޑުމެންނަށް އެހީވުމުގެގޮތުގައި ދެމިތިބި. އެހެންވީމާ، މިކަމުންވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މި ދެ ޤައުމުގެ ދޭތެރޭގައި މިއޮންނަ ގުޅުން ހަރުދަނާވިވަރަކަށް އަޅުގަނޑުމެންނަށް ދިމާވާ ކަންތައްތަކުގައި އިންޑިޔާގެ އެހީ ލިބޭލެއް ބޮޑުވާނެކަން، އަވަސްވާނެކަން.

އާދެ، އަޅުގަނޑުމެންގެ ޤައުމަކީ އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް ކުޑަކުޑަ ޤައުމެއް. މީސްކޮޅު މަދު ޤައުމެއް. އަޅުގަނޑުމެންގެ ވަސީލަތްތައްވެސް ވަރަށްމަދު. މިކަން މިހެން އޮއްވައި، އަޅުގަނޑުމެންނަށް ދިމާވާ އެކިއެކި ކަންތައްތަކުގައި ބޭރުޤައުމުތަކުގެ އެހީއަށް ބޭނުންވޭ. އިހަކަށްރެއަކުވެސް، އެކަހަލަ ބިރުވެރިކަމެއް ދިމާވާންއުޅުނު. ދިމާވި. އާދެ، އެއީ މިމަހުގެ އަށާވީސް. މީގެ ތިންދުވަސް ކުރިން. ހަމަ ސުމާޓްރާގެ ކުރީފަހަރުވެސް އެ ބިންހެލުން އައިހިސާބަށް، ގާތްގަނޑަކަށް އެތާކައިރި ހިސާބަކަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައިސްގެން، އަނެއްކާވެސް ސުނާމީއެއް އަތުވެދާނެކަމުގެ ބިރު މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ. ވަގުތުން އަޅުގަނޑުމެން އިންޑިޔާގެ ކަމާބެހޭ ވުޒާރާއާ ގުޅައި، މަޢުލޫމާތު އޮޅުންފިލުވައިހެދިން. އަދި ދުނިޔޭގެ އެހެންތަންތަނާ ގުޅައިގެން މަޢުލޫމާތު އޮޅުންފިލުވައި އަދި މާލެއާ ގުޅައިގެން މާލޭގެ ކަންތައްތައް ކިހިނެއްތޯ، މާލެއާ މުޅިރާއްޖޭގެ ކަންތައްތައް ކިހިނެއްތޯ ބަލައި، އެތާނގައި ތިއްބެވި ބޭފުޅުންވެސް ވަރަށް ރަނގަޅަށް ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި. މާތްﷲގެ ހެޔޮރަޙްމަތްފުޅުން މިފަހަރު ސުނާމީއެއް ނާދޭ. އާދެ، ބޮޑުރާޅެއް ނުވަތަ ބޮޑުބާންޏެއް ކުރީފަހަރު އައިހެން ނާދޭ. ވަރަށް ކުޑަކުޑަ މިންވަރަކަށް ވަކިވަގުތެއްގައި ކަނޑުގެ ލޮނުގަނޑު އުފުލިލި. އާދެ، ހަނިމާދުއަށް 20 ސެންޓިމީޓަރު، މާލެއަށް 10 ސެންޓިމީޓަރު، އައްޑުއަތޮޅަށް 5 ސެންޓިމީޓަރު. ވަރަށް ކުޑަކުޑަ މިންވަރެއް. އެއްވެސްމީހަކަށް އެކަމުގެ އިޙްސާސެއްވެސްނުވޭ. އެއްވެސް ރަށެއްގެ އެތެރެއަކަށް ރާޅެއްނަރާ. އެކަން އައިކަންވެސް އެއްވެސް މީހަކަށް އިޙްސާސްވެސް ނުކުރެވޭ.

އެހެންވީމާ، އެހާ ރަނގަޅު ގޮތަކަށް މާތްﷲގެ ރަޙްމަތްފުޅުން އެކަންތައް ނިމިގެންދިޔައީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން މިއުޅުނު ވާހަކައަކީ، އެރޭވެސް ކަމެއްދަމެއް ބޮޑުވިނަމަ، އަޅުގަނޑުމެންނަށް ހަމަ ޖެހޭނީ، އެންމެ ފުރަތަމަވެސް އިންޑިޔާގެ އެހީއަށް އެދޭށޭ. އެހެންވީމާ، މިއީ އަޅުގަނޑުމެން މިވަގުތު ވަރަށްބޮޑަށް ވިސްނަންވެއްޖެކަމެއް. އަޅުގަނޑުމެންނާއި އިންޑިޔާއާ ދޭތެރޭގައި މިއޮންނަ ގުޅުމަކީ، ވަރަށް އެކުވެރި، ރަޙްމަތްތެރި، ހަރުދަނާ ގުޅުމެއްކަމުގައި ވާންއެބަޖެހޭ. މިހާރުވެސް އަޅުގަނޑުމެންގެ މެދުގައި މިއޮތީ އެފަދަ ގުޅުމެއް. އަދި މުސްތަޤްބަލުގައި އޮންނަންޖެހޭނީވެސް ހަމަ އެފަދަ ގުޅުމެއް.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، ދިވެހިރައްޔިތުންގެ ވަރަށް ގިނަބަޔަކު އިންޑިޔާގައި އެކިބޭނުންތަކުގައި ދިރިއުޅުއްވަމުން އެބަގެންދަވައޭ. އާދެ، ތިޔަބޭފުޅުން ތިޔަތިއްބެވީ މިހާރު މިރަށުގައި. އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި ޞިއްޙީ ފަރުވާގެ ބޭނުމުގައި އިންޑިޔާއަށް ދަތުރުކުރަންޖެހޭ މީހުންނާއި، ތަޢުލީމު ހާސިލުކުރަން އަންނަ މީހުންނާއި، ވިޔަފާރިއަށް އަންނަ މީހުންނާއި، ޗުއްޓީއަށް އަންނަ މީހުންނާއި އަދި އެނޫންވެސް ކިތަންމެ ބޭނުމެއްގައި އަންނަ މީހުންތައް ވަރަށްގިނަ. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ދިވެހިން ރާއްޖެއިންބޭރުގައި އުޅޭއުޅުމުގައި އަޅުގަނޑުމެންގެ ކަންތައްތައް ހުންނަންވާގޮތާ ދޭތެރޭގައި ވިސްނާލަންޖެހޭކަހަލަ ކަމެއް.

އާދެ، އަޅުގަނޑުމެންނަކީ އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް އިހުގެ ތާރީޚެއް އޮތް ފަޚުރުވެރި ޤައުމެއް. އަޅުގަނޑުމެންގެ ޢަޤީދާއެއް އެބައޮތް. އަޅުގަނޑުމެންގެ ޘަޤާފަތެއް އެބައޮތް. އަޅުގަނޑުމެންގެ އަމިއްލަ ބަހެއް އެބައޮތް. އަޅުގަނޑުމެންގެ ރީތި އާދަކާދަތަކެއް އެބަހުރި. އަޅުގަނޑުމެންނަކީ ދުނިޔޭގެ ނަޒަރުގައި ތަހުޒީބުވެފައިވާ ޤައުމެއް. އެހެންވީމާ، މިކަންތައް އަޅުގަނޑުމެން ބޭރުގައި އުޅޭއުޅުމުގައި އަޅުގަނޑުމެންގެ ފަރާތުން އެހެންމީހުންނަށް ފެންނަންވާނެ، އިޙްސާސްކުރެވެންވާނެ. އަޅުގަނޑުމެން ރާއްޖެއިންބޭރުގައި އުޅޭއުޅުމުގައި ކަންތައްކުރާ ގޮތަކުން ނުވަތަ ބުނާއެއްޗަކުން ނުވަތަ ދިމާވާކަމެއްގެ ސަބަބުންވެސް، އެހެންމީހުންގެ ހިތުގައި ރާއްޖެއާ ދޭތެރޭގައި ނަފްރަތްތެރިކަމުގެ ޝުޢޫރެއް އުފެދުނަދީގެންނުވާނެ. ރާއްޖެއާ ދޭތެރޭގައި އެމީހުންގެ ހިތްނުބައިވާގޮތް ވެގެންނުވާނެ. އެހެންވެއްޖިއްޔާ، އެއީ އަޅުގަނޑުމެންނަށް ވާނީ ވަރަށްދެރަ ކަމަކަށް.

އާދެ، އަޅުގަނޑަށް އެނގޭ، ރާއްޖޭގެ ރައްޔިތުން ރާއްޖެއިން ބޭރުގައި އުޅުއްވާއިރުވެސް އުޅުއްވަނީ، ވަރަށް ރަނގަޅަށްކަން. އާދެ، އެއުޅުއްވާ ތަނެއްގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތްތަވާކަން. އަދި އެބޭފުޅުންގެ ޢަމަލުތަކާއި ކަންތައްތައްވެސް ބަހައްޓަވަނީ ވަރަށް ރަނގަޅަށްކަން. އެހެންނަމަވެސް، ބައެއްފަހަރަށް ދިމާވާ ކަމެއްގެ ސަބަބުން ނަމަވެސް، ބައެއް މީހުންނަށް މަގުއޮޅިގެންދާގޮތް ދިމާވެދާނެ. ބައެއްފަހަރަށް އަޅުގަނޑުމެންގެ ފުށުން އަޅުގަނޑުމެން ބޭނުންނުވާކަހަލަ ކަމެއްވެދާނެ. އެކަހަލަކަމެއް ވުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް އެދޭނެގޮތެއްނޫން. އަޅުގަނޑުމެން ކުރާކަމެއްގެ ސަބަބުން، ރާއްޖޭގެ ރީތިނަމަށް ބުރުލެއްއެރުމަކީ، އެއްވެސް ދިވެހިރައްޔިތަކު ބޭނުންވާނެ ކަމެއްނޫން. އެހެންވީމާ، އެ ނުކުތާގެމަތިން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރުމަކީ، ވަރަށް މުހިންމުކަމެއް.

އާދެ، ދެން ދަންނަވާލަންއޮތީ، އަޅުގަނޑުމެންގެ ދަރިންގެ ތެރެއިން ވަރަށް ގިނަބަޔަކު ރާއްޖެއިންބޭރުގެ އެތަންމިތާނގައި ތަޢުލީމު ހާސިލުކުރަމުން ގެންދެޔޭ. އެކި އުމުރުގައި އަޅުގަނޑުމެންގެ މައިންބަފައިން އެކުދިން ރާއްޖެއިންބޭރަށް އެ ފޮނުވަނީ، ވަރަށް މާތް މަޤްޞަދެއްގައި، އެކުދިންނަށް ކިޔަވައިދޭން. އެކުދިންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދޭން. މިމާތް މަތިވެރި މަޤްޞަދުގައި ރާއްޖެއިންބޭރަށް އަޅުގަނޑުމެންގެ މައިންބަފައިން އެމީހުންގެ ދަރިން އެފޮނުވަނީ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދަރިން ފޮނުވާއިރުވެސް، އަޅުގަނޑުމެންގެ ގޮތްތައް އެކުދިންނަށް އޮންނަންޖެހޭނީ އެނގިފައޭ. އަޅުގަނޑުމެން މިއީ ކޮންބައެއްކަން، އަޅުގަނޑުމެންނަކީ ދިވެހިންކަން، އަޅުގަނޑުމެންނަކީ މުސްލިމުންކަން، އަޅުގަނޑުމެންނަކީ ވަރަށް ފަޚުރުވެރި ތާރީޚެއް، ޘަޤާފަތެއް އޮތް ބަޔެއްކަން، މިކަންކަން އަޅުގަނޑުމެންގެ ދަރިންނަށް ވަރަށް ރަނގަޅަށް އޮންނަންޖެހޭނީ ވިސްނިފައި. އެހެންނޫނީވިއްޔާ، އެކުދިންގެ ލޯތައް ދުނިޔޭގެ ކަންކަމަށް ހުޅުވިގެންދާއިރު، ފަހަރެއްގައި އެކުދިންނަށް އޮޅުންއަރާގޮތް ދިމާވެދާނެ. ނުބައިމަގަކުން ދެވޭގޮތްވެދާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ކުދިން ރާއްޖެއިންބޭރަށް ފޮނުވާއިރު، އެކުދިންގެ ހިތުގައި، ވަރަށް ވަރުގަދަ ބިންގަލެއް އޮންނަންޖެހޭނީ އަޅައިދެވިފައި. ޢަޤީދާގެ ބިންގާ، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާގެ ބިންގާ، ދިވެހި ޤައުމިއްޔަތުގެ ބިންގާ. އެހެންވީމާ، މިކަންތައްތައް މިގޮތަށް އޮތުމަކީ، އަޅުގަނޑުމެން ޢަމަލުކުރުމަކީ އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް.
ޝައްކެއްނެތްގޮތުގައި، އިސްލާމްދީނަކީ މާތްﷲ މުޅި އިންސާނިއްޔަތަށް ހަދިޔާކުރެއްވި އެންމެބޮޑު ނިޢުމަތް. އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވިކަން އެއީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެބޮޑު ރަޙްމަތް. ދުނިޔޭގެ ބާއްޖަވެރިކަމާއި، އާޚިރަތުގެ ދިންނެވުމާއި، އާޚިރަތުގެ ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގައި. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ކުއްޖަކަށް މިކަން އޮޅިގެނެއްނުވާނެ.

ހަމަ އެހެންމެ، އަޅުގަނޑުމެންގެ ކުދިން ރާއްޖެއިންބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާއިރު ނުވަތަ އެނޫން ބޭނުންތަކުގައިވެސް އަޅުގަނޑުމެންގެ ޅަކުދިންނާއި، ޒުވާނުންނާއި، ބޮޑެތިމީހުން ރާއްޖެއިންބޭރުގައި އުޅެމުންދާއިރު، އެމީހުންނާ އެމީހުންގެ ރާއްޖޭގައި ތިބި ޢާއިލާތަކުގެ މެންބަރުންނާ އޮންނަ ގުޅުންވެސް އޮންނަންޖެހޭނީ ބަދަހިވެފައި. އެ ގުޅުން އެއްވެސް ޙާލެއްގައި ކެނޑިގެން ގޮސްގެނެއް ނުވާނެ. އެއީ އަޅުގަނޑުމެންނަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކީ، އަޅުގަނޑުމެންގެ ޢާއިލާތަކާ އޮންނަ ގުޅުން. އެއިން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަމަކީ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ނަގާލައިގެންވާނެ އެއްޗެއްނޫން.

ޙަޤީޤަތުގައި ތަޢުލީމު ހާސިލުކޮށްދިނުމުގެ ބޭނުމަކީވެސް ހަމަޖެހުން ހޯދައިދިނުން. ކުދިންނަށް ދުނިޔޭގައި އުޅެވޭނެ ހަމަޖެހޭގޮތްތަކެއް ދަސްކޮށްދިނުން. އެހެންވީމާ، އެބޭނުމުގައި ފޮނުވާއިރު، އަޅުގަނޑު މިދެންނެވިހެން، އަޅުގަނޑުމެންގެ ޤައުމީ އަދި ދީނީ ބިންގަލެއްގެމަތީގައި އެކުދިން ތަރުބިއްޔަތުކުރުމަށްފަހުގައި ބޭރަށް ފޮނުވުމަކީ، ވަރަށް މުހިންމު ކަމެއް. ހަމަ އެޔާއެކީގައި، އެކުދިންނާ އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިއުޅޭ އެމީހުންގެ ތިމާގެ މީހުންނާއި، ޢާއިލާގެ މީހުންނާ އޮންނަ ގުޅުންވެސް އެއްވެސްޙާލެއްގައި ކެނޑިގެންނުދާ ކަހަލަ ގޮތަކަށް އަޅުގަނޑުމެން އެކުދިންގެ ދިރިއުޅުމުގެ ކަންތައްތައް ރާވައިދީ ބައްޓަންކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ، ދެން ދަންނަވާލަން އޮތް ވާހަކައަކީ، މިތާނގައި އާދެ، ޓްރިވެންޑްރަމުގައި، ނުވަތަ ތިރުވަނަންތަޕޫރަމުގައި ދިވެހިރައްޔިތުންގެ ވަރަށްގިނަ ބަޔަކު ދިރިއުޅުއްވަމުން ގެންދަވާތީ، ދިވެހި ސަރުކާރުގެ ކޮންމެވެސް އޮފީހެއް މިރަށުގައި ހުރުމަކީ، ވަރަށް ބޭނުންތެރި ކަމަކަށް މިހާރު ވެއްޖެޔޭ. އެހެންވީމާ، ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް މިހާރު ނިއުދިއްލީގައި ޤާއިމުކުރެވިފައި އޮތުމާއެކީގައި އަދި ހައިކޮމިޝަނަރަކަށް ނުވަތަ ސަފީރަކަށް ލެފްޓިނެންޓް ޖެނެރަލް ރިޓައަރޑް ޢަންބަރީ ޢަބްދުއްސައްތާރު ދިވެހި ސަރުކާރުން ހަމަޖައްސާފައިވުމާއެކު، އޭނާގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ އޮފީހެއް، ހައިކޮމިޝަނުގެ އޮފީހެއް މިރަށުގައި ހުރުމަކީ، މިހާރު ވަރަށް ބޭނުންވެފައިވާ ކަމެއްކަމުގައި ސަރުކާރަށް ގަބޫލުކުރެވޭ.

އެހެންވީމާ، މިފަދަ އޮފީހެއް އުފެއްދުމުގެ ވާހަކަ އަޅުގަނޑުމެން އިންޑިޔާ ސަރުކާރަށް ހުށަހަޅައިގެން، މިހާރު އިންޑިޔާ ސަރުކާރުން އެކަން ވަނީ ގަބޫލުކުރައްވާފައި. އާދެ، މިކަމުގައިވެސް އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް ޚާއްޞަގޮތެއް ބަހައްޓަވައިދެއްވި. އާދެ، އެއީ އެހެން ކޮންސިއުލަރ އޮފީސްތައް، އެހެން ޤައުމުތަކުގެ ހުންނަ ވަކި އިންޑިޔާގެ ތަންތަންހުރޭ. އޭގެތެރެއިން ޓްރިވެންޑްރަމް އެއީ އޭގެތެރޭގައި ހިމެނޭ ތަނެއްނޫން. އެހެންނަމަވެސް، އިންޑިޔާ ސަރުކާރުން ގަބޫލުކުރެއްވި، ރާއްޖޭގެ މިހާ ގިނަޢަދަދެއްގެ މީހުން، ދިވެހިރައްޔިތުން މިރަށުގައި ދިރިއުޅުއްވާތީ، އަޅުގަނޑުމެންގެ ހަމަ ޙަޤީޤީ ބޭނުމެއް އޮންނާނެކަމަށް މިރަށުގައި ރާއްޖޭގެ ސަރުކާރުގެ އޮފީހެއް ހުރުން. އެއީ، އޭރުން އެ އޮފީހުން ތިޔަބޭފުޅުންނަށް ބޭނުންވެފައިވާ ޚިދުމަތްތައް ކޮށްދެވެން އޮންނާނެ. ކަމެއްދަމެއް ބޮޑުވެއްޖެއްޔާ، ތިޔަބޭފުޅުން ވަޑައިގަންނަވާނެ ތަނެއް ހުންނާނެ. އެކަންކަމުގައި ތިޔަބޭފުޅުންނަށް އެހީތެރިވެދެއްވާނެ ބޭފުޅުން މިތާނގައި ތިއްބަވާނެ. އަޅުގަނޑުހިތުން އެއީ ވަރަށް މުހިންމުކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ޓްރިވެންޑްރަމުގައި ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކޮންސިއުލަރ ރެޕްރެޒެންޓޭޓިވް އޮފީހެއް ޤާއިމުކުރެވޭނެ.

އާދެ، ދެން ދަންނަވާލަންއޮތީ، އަޅުގަނޑުމެންގެ ރާއްޖެ މި ކުރިމަތިލާ އިޞްލާޙީ ބަދަލުތަކާބެހޭ ވާހަކަ. އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖެއަށް ސިޔާސީގޮތުންނާއި ދުސްތޫރީގޮތުން އިޞްލާޙީ ބަދަލުތަކެއް އަންނަންވެއްޖެކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރޭ. އަޅުގަނޑުވެސް 2003 ވަނަ އަހަރު، ރިޔާސީ އާދައުރަކަށް ހޮވުމާ ގުޅިގެން، އެދައުރަށް ހުވާކުރުމާ ވިދިގެން، ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި، ދިވެހިރާއްޖެއަށް އިޞްލާޙީ ބަދަލުތަކެއް އަންނަންވެއްޖެކަމަށް ވާނީ ދަންނަވާފައި. އެ އިޞްލާޙީ ބަދަލުތައް ގެނެވެންއޮތީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން ކަމަށްވާތީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމާބެހޭ މަސައްކަތްތައް މިހާރުވަނީ ފެށިފައި.

އާދެ، އެކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަނީ، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އިންތިޚާބުކޮށް، އެއްކޮށް، އެ މަޖިލީހުން އެކަންތައް ކުރައްވާގޮތަށް. އެހެންވީމާ، މިދިޔަ އަހަރު އިންތިޚާބު ބާއްވައިގެން ރައްޔިތުންގެ ޚާއްޞަ މަޖިލިހަށް މެންބަރުން ހޮވައި، އެ މަޖިލިސް ވަނީ އެއްކުރެވިފައި. މިހާރު އެ މަޖިލީހުގެ ޖަލްސާތައް ބާއްވަވަމުން އެބަގެންދަވާ.

މިދިޔަ މަހު އަޅުގަނޑު ވާނީ ރަސްމީގޮތުން އަޅުގަނޑަށް ފެންނަ ޚިޔާލުތަކެއް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހަޅާފައި. އަދި އަޅުގަނޑު ވާނެ، އެ ހުށަހެޅުމާއެކީގައި ސިޓީއެއް ފޮނުވާފައި. އެ ސިޓީގައި އަޅުގަނޑު ދަންނަވާފައި އޮންނާނީ، މި ޚިޔާލުތައް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެމަތިން ވީ އެންމެ އަވަހަކަށް އެކަންތައްތައް ނިންމަވައިދެއްވުން އެދެމޭ. އަދި އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ކުރިއަށްއޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި އެކަންތައްތައް ނިންމަވައިފިއްޔާ، އެކަމުން ޤައުމަށް ވަރަށްބޮޑު ފައިދާކުރާނެ.

އާދެ، ރައްޔިތުންގެ ޚާއްޞަ މަޖިލިސް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް، ޚުދު ރައީސުލްޖުމްހޫރިއްޔާއަށްވެސް އަދި އެހެން އެއްވެސް ފަރާތަކަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ނުވަތަ ބަދަލުކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް ނެތް. އެ ޤާނޫނީ ބާރު އޮންނަނީ، ހަމައެކަނި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަތްޕުޅުމަތީގައި. އެހެންވީމާ، އަޅުގަނޑު ހުށަހެޅި ޚިޔާލުތަކަށް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ އިޞްލާޙީ ހެޔޮބަދަލުތަކެއް ގެންނަވައިގެން ނަމަވެސް، އެކަން ނިންމަވައިދެއްވުމަކީ، ހަމައެކަނި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ކުރެއްވޭނެކަމެއް. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ރައްޔިތުން މިފަދަ އިޞްލާޙީ ބަދަލުތަކަކަށް ބޭނުންވެފައިވާތީ، އަޅުގަނޑު އެ އިޞްލާޙުތައް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހަޅައި، ވެވަޑައިގަތް އެންމެއަވަހަކަށް އެކަންތައްތައް ނިންމަވައިދެއްވުމަށް ވާނީ ދަންނަވާފައި. އަދި ކުރިންވެސް ދެންނެވިފަދައިން، އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ނިންމަވައިދެއްވުމަކީ އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއްކަމުގައި އޮންނާނީ ދަންނަވާފައި.

އެހެން މިދެންނެވީ، ކުރިން އަޅުގަނޑުމެން ޤާނޫނުއަސާސީ އިޞްލާޙުކުރި ދުވަސްވަރު، އެކަމުގައި ވަރަށްގިނަ އަހަރުތަކެއް ހޭދަވެގެންދިޔަ. އެއީކީ އަޅުގަނޑުހިތުން މިހާރު އަޅުގަނޑުމެން ބޭނުންވާނެގޮތެއްނޫން. ކޮންމެއަކަސް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން، އަޅުގަނޑު މި ހުށަހެޅި ހުށަހެޅުންތަކާ ބެހޭގޮތުން ވަރަށް ރަނގަޅަށް ވާހަކަފުޅުދައްކަވައި، ބަޙުޘްކުރައްވައި، ޤައުމަށާއި ދިވެހިރައްޔިތުންނަށް ފައިދާހުރި ގޮތެއްގެމަތިން އެކަން ނިންމަވައިދެއްވާނެ. އަޅުގަނޑު އެދެނީ، މާތްﷲ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކުރައްވާ މަސައްކަތްޕުޅުތަކުގައި ބަރަކާތްލެއްވުން. އަދި އެބޭފުޅުން ނިންމަވައިދެއްވާގޮތަކީ، ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ހުރިހާ ގޮތަކުންވެސް އެންމެ ފައިދާހުރި، އެންމެ ރަނގަޅުގޮތް ކަމުގައި އެކަލާނގެ ލެއްވުން.

އާދެ، މިރޭގެ މި ޕްރޮގްރާމަށްފަހުގައި އަދިވެސް އަޅުގަނޑުގެ އެހެން ޕްރޮގްރާމެއް އެބައޮތް. މި ސްޓޭޓްގެ ގަވަރނަރ އަޅުގަނޑުމެންނަށް ބާއްވަވާ ކެއުމެއް އެބައޮތް. އެތަނަށް ދާންއެބަޖެހޭ އޭނައާ ބައްދަލުކުރުމަށްޓަކައި. އެހެންވުމާއެކީގައި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

އަޅުގަނޑު އަދިވެސް އެއްފަހަރު ދަންނަވާލަން، ތިޔަބޭފުޅުން ވަޑައިގެންދެއްވިކަމަށްޓަކައި ވަރަށް އުފާކުރާ ވާހަކަ. މި ބައްދަލުވުމަކީ، އަޅުގަނޑާއި ނަސްރީނާއަށް ލިބުނު ވަރަށްބޮޑު އުފަލެއް. އެހެންވީމާ، އެ އުފާ ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދެއްވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ތިޔަ ހުރިހާ ބޭފުޅުންނަށް މާތް ﷲ ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވައި، ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގައި ތައުފީޤު ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

والسّلام عليكم ورحمـة اللّـه وبركاته.