بســم اللّـه الرّحمـن الرّحيــم

ތުރުކީވިލާތުގެ ޢިއްޒަތްތެރި ބޮޑުވަޒީރު ރަޖަބް ޠައްޔިބް އެރުދޯޣާން، ޢިއްޒަތްތެރި ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

އާނާންދަ މަހާސިރި މަނިކުފާނަށް އަނެއްކާވެސް މަރުޙަބާ ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މިރޭ އަޅުގަނޑުމެން ހިޖްރީ އާ އަހަރަކަށް މަރުޙަބާ ކިޔާއިރު، މި ފެށޭ އާ އަހަރަކީ، މަނިކުފާނަށާއި، މަނިކުފާނުގެ ވަފްދުގެ ބޭފުޅުންނަށާއި، ތުރުކީވިލާތާއި ދިވެހިރާއްޖޭގެ އުޚުއްވަތްތެރި ރައްޔިތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމުންނަށް ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުން އެދި ދުޢާކުރަން.

މީގެ ކުޑަވަގުތުކޮޅެއް ކުރިން އަޅުގަނޑުމެން ބޭއްވި ބައްދަލުވުމުގެ ސަބަބުން، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަރަށް ހަރުދަނާ ބިންގަލެއް އެޅިގެން ހިނގައްޖެކަމަށް އަޅުގަނޑު ދެކެން.

ރާއްޖޭގެ ތާރީޚުގައި ކުރިމަތިވި އެންމެބޮޑު ޤުދުރަތީ ކާރިސާއަށްފަހު، އަޅުގަނޑުމެންނަށް އެކިގޮތްގޮތުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަކަށް، އަޅުގަނޑުމެންގެ ހިތްތައް ވަނީ ޝުކުރުން ފުރިފައި. އެ ކާރިސާއަށްފަހު ދިވެހިރައްޔިތުންގެ ހާލުއަހުވާލު ބައްލަވައިލެއްވުމަށް، ރާއްޖެއަށް ތިޔަކުރެއްވި ދަތުރުފުޅަށްޓަކައި ޢިއްޒަތްތެރި މަނިކުފާނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ބޮޑުރާޅު އެރުމުގެ ކާރިސާއަށްފަހު، ތުރުކީވިލާތުން ރާއްޖެއަށް ވެދެއްވި އަވަސް އެހީއަށްޓަކައި އަދި ބެހެއްޓެވި ގާތް، އެއްބަނޑުއެއްބަފާކަމުގެ ގުޅުމަށްޓަކައި، މަނިކުފާނަށާއި ތުރުކީވިލާތުގެ ސަރުކާރަށާއި، ރައްޔިތުންނަށްވެސް ޝުކުރު ދަންނަވަން.

މަނިކުފާނުގެ މި ދަތުރުފުޅަކީ، އިންސާނީވަންތަކަމުގެ ރީތި ނަމޫނާއަކަށްވުމުގެ އިތުރުން، އެއީ ދިވެހިރާއްޖެއާއި، ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ނިޝާނެއްވެސްމެ.

މަހާސިރި ބޮޑުވަޒީރު!

ތުރުކީވިލާތަކީ، އެ ޤައުމަކަށް އަޅުގަނޑުމެން ދިވެހިންގެ ހިތްތަކުގައި ވަރަށް މަތިވެރި ދަރަޖައެއް ދެވިފައިވާ ޤައުމެއް. އެހެނީ، ތުރުކީވިލާތަކީ ތާރީޚުގެ ވަރަށް މުހިންމު ޞަފްޙާތަކެއް ލިޔެފައިވާ ޤައުމެއް. އަދި ޒަމާނީ ތަހުޒީބުގެ އުސްމިންތައްވެސް ހާސިލުކުރަމުންދާ ޤައުމެއް. ޢުޘްމާނީ ދައުލަތަށްފަހު، ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރައި، ތަރައްޤީވަމުން އަންނަ ޤައުމެއް. އެހެންކަމުން، ތުރުކީވިލާތާއި އެ ޤައުމުގެ ރައްޔިތުންނަށް، އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ، ޚާއްޞަ ޤަދަރެއް ދެވިފައި.

1976 ވަނަ އަހަރު، ތުރުކީގައި ބޭއްވުނު އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޖަލްސާގައި ބައިވެރިވުމަށްޓަކައި، އިސްތަންބޫލަށް ޒިޔާރަތްކުރުމުގެ އުފާ، ޚުދު އަޅުގަނޑަށްވެސް ވަނީ ލިބިފައި. މި ދަތުރަށްފަހު، 30 އަހަރު ވޭތުވެގެންދިޔައިރުވެސް، އާޔާ ސޯފިޔާ މިސްކިތާއި، ޓޮޕްކާޕީ ދާރުލްއާޘާރާއި، މަނިކުފާނު އުފަންވެވަޑައިގަތް އިސްތަންބޫލުގެ މުހިންމު އެހެނިހެން ބިނާތަކުގެ ކުލަގަދަ ހަނދާންތައް އަޅުގަނޑުގެ ހިތުގައި ވަނީ ބިންވަޅު ނެގިފައި.

އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި މި އޮންނަ ގުޅުން، ޢުޘްމާނީ ދައުރާ ހަމައަށްވެސް ދެމިގެން ގޮސްފައިވާކަމުގެ ހެކިތައް ފެންނަން އެބަހުރި. އާދެ، 19 ވަނަ ޤަރުނުގެ ފަހުކޮޅުގައި، ދިވެހިރާއްޖޭގެ ވަރަށް ޢިއްޒަތްތެރި ބޭފުޅެއް ކަމުގައިވާ، ރާއްޖޭގެ ފުރަތަމަ ރައީސް އަލްއަމީރު މުޙަންމަދު އަމީންގެ ކާފާފުޅު، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު، ޝްރީލަންކާގެ ގާލީގައި ހުންނަވާ ތުރުކީ ކޮންސަލްކަމުގެ މަގާމު ފުރުއްވާފައިވޭ.

ތުރުކީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޮނަރަރީ ކޮންސަލުގެ މަގާމު މިވަގުތު ފުރުއްވަމުން ގެންދަވާ އަލްފާޟިލް އިސްމާޢީލް ޙިލްމީއަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ މުނިކާފަ ދަރިކަލަކަށްވީކަމީ، ވަރަށް އުފާވެރި އިއްތިފާޤެއްކަމަށް އަޅުގަނޑު ދެކެން. އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ، 20 ވަނަ ޤަރުނުގެ ކުރީކޮޅުގައި، ވަރަށް ޤާބިލުކަމާއެކު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް.

ޝައްކެއްނެތްގޮތުގައި، ތުރުކީވިލާތް އޮންނަނީ، ދުނިޔޭގައި ހިނގަމުންދާ ތަފާތު އޮއިވަރުތަކަށް ބަލާލައިފިނަމަ، ވަރަށް މުހިންމު މަގާމެއްގައި. އާދެ، ތުރުކީއަކީ ޘަޤާފީގޮތުން ހުޅަނގާއި، އިރުމަތީ ޤައުމުތައް ގުޅުވައިދޭ ފާލަމަކަށްވުމުގެ އިތުރުން، އިސްލާމީ ޤައުމުތަކާއި، ޔޫރަޕާ ގުޅުވައިދޭ ޤައުމެއްވެސްމެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ތަރައްޤީވެފައިވާ ޤައުމުތައް ގުޅުވައިދޭ ޤައުމެއްވެސްމެ. ޔޫރަޕުގެ އިއްތިހާދުގައި ތުރުކީވިލާތް ހިމެނުމުގެ ވާހަކަތައް، މި އަހަރުގެ ތެރޭގައި ފެށޭކަމީ، މަނިކުފާނުގެ ޒަޢާމަތުގެ ދަށުގައި ތުރުކީވިލާތް ފަހަކަށްއައިސް ހޯދަމުންދާ ކުރިއެރުމުގެ ރަމްޒެއް. މި މުހިންމު މަސައްކަތުގައި ތުރުކީވިލާތަށް ކާމިޔާބު ލިބިގެންދިޔުމަކީ، އަޅުގަނޑުމެންގެ އެދުމެއް.

އާނާންދަ ބޮޑުވަޒީރު!

މަނިކުފާނު ރާއްޖެއަށް ތިޔަ ޒިޔާރަތްކުރެއްވީ، ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު މަސައްކަތްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި. ރާއްޖެ ކުރިއަރަމުންދާ ދުވެލި، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އިތުރަށް ވަނީ ހަލުވިކުރެވިފައި. ރާއްޖޭގެ ސިޔާސީ ނިޒާމު، މި ޒަމާނުގެ ދީމުޤްރާޠީ ނިޒާމަކަށް ބަދަލުކުރުމަށް އަޅުގަނޑުމެން މިގެންދަނީ މަސައްކަތް ކުރަމުން.

މި ސަރަޙައްދުގައި އެންމެ ހަލުވިކަމާއެކު އިޤްތިޞާދީ ކުރިއެރުން ހާސިލުކުރަމުންދާ އެއްޤައުމުގެ މަގާމު، ރާއްޖެއަށް ހޯދައިދިނުމުގައި އެހީތެރިވެދެމުންދާ އަޅުގަނޑުމެންގެ ތަރައްޤީގެ ބައިވެރިން ވަނީ، މި ދެންނެވި މުހިންމު މަސައްކަތުގައިވެސް ވަރަށް ބޮޑަށް އަޅުގަނޑުމެންނާ އެއްބާރުލައިދީފައި. އަޅުގަނޑުމެންގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެންމެ ބޮޑު އެއް ހިއްސާއަކަށް ވެގެން ގޮސްފައިވަނީ، ތުރުކީވިލާތްފަދަ އެކުވެރި ޤައުމުތަކުން ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، އަޅުގަނޑުމެންގެ ކިޔަވާކުދިންނަށް، މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމުގެ މުހިންމު މަސައްކަތް.

މަހާސިރި ބޮޑުވަޒީރު!

ތުރުކީވިލާތާއި ރާއްޖެއާ ދެމެދު މި އޮންނަ އެކުވެރި ގުޅުމަކީ، އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ގުޅުމެއް. ދިވެހިރާއްޖޭގެ އެދުމަކީ، މި ގުޅުން ކުރިއަށްއޮތްތާނގައި އިތުރަށް ބަދަހިވެގެންދިޔުން. ބޮޑުރާޅު އެރުމުގެ ކާރިސާއަށްފަހު، ޤައުމު އާރާސްތުކުރުމުގެ މަސައްކަތައިގެން އަޅުގަނޑުމެން ކުރިއަށްދާ މިފަދަ ދަނޑިވަޅެއްގައި، ތުރުކީވިލާތާއި ރާއްޖޭގެ އެކުވެރި އެހެން ޤައުމުތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ތުރުކީވިލާތުގެ އާނާންދަ ރައީސް އަޙްމަދު ނަޖުދަތު ސައިޒަރަށާއި، ޢިއްޒަތްތެރި މަނިކުފާނަށް ދުޅަހެޔޮކަމާއި ބާއްޖަވެރިކަން ދެއްވުން އެދި މާތް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން. އަދި ތުރުކީވިލާތުގެ އެއްބަނޑުއެއްބަފާ ރައްޔިތުންނަށް ދެމިގެންވާ ޞުލްޙަމަސަލަސްކަން މިންވަރު ކުރެއްވުންއެދިވެސް ދުޢާކުރަން.

މާތް ﷲ، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު މި އޮންނަ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކުރައްވާށި! އާމީން.

والسّلام عليكم ورحمـة اللّـه وبركاته.