بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين، والصّـلاة والسّـلام على أشرف المرسلين، سيّدنا محـمّدٍ وَعلـى آلـه وأصحابـــه أجمـعـين.

އާދެ، މިއަދު އަޅުގަނޑު އިންޑިޔާގެ ވެރިކަންކުރާ ރަށް، ނިއުދިއްލީއަށް އައުމާއެކީގައި، ނިއުދިއްލީގައި މިވަގުތު ދިރިއުޅުއްވާ ދިވެހިބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އަދި ވަރަށް ޚާއްޞަ އުފަލެއް.

ދެންމެ، ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، އިންޑިޔާއަށް އަޅުގަނޑު މިކުރާ ދަތުރުގައި، އިންޑިޔާގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރުމުގެ ރަސްމީ ކަންތައްތައް ފެށުމުގެ ކުރިން، ދިއްލީގައި ތިއްބެވި ދިވެހިބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވި ކަމެއް.

އާދެ، އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރު އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އަދި ތިޔަބޭފުޅުންގެ ނަންފުޅުގައި އޭނާ އަޅުގަނޑަށާއި ނަސްރީނާއަށް އެވިދާޅުވި މަރުޙަބާއަށްޓަކައި، އޭނާއަށާއި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ނިއުދިއްލީއަށް މިއައީ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި މިއޮންނަ ގުޅުމާ ބެހޭގޮތުން އެންމެ މަތީ ފެންވަރުގައި ވާހަކަދައްކައި، އެ ގުޅުން އިތުރަށް ބަދަހިކޮށް، ތަރައްޤީ ކުރުމުގެ ބޭނުމުގައި. މި ދަތުރަކީ، އިންޑިޔާގެ ރައީސް، އަޅުގަނޑަށާއި ނަސްރީނާއަށް ދެއްވި ދަޢުވަތަކަށް ކުރާ ދަތުރެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން އިންޑިޔާއަށް ވަރަށްގިނަފަހަރު ޒިޔާރަތްކޮށްފިން. އަޅުގަނޑު އަދަދު ދަންނަވާލިޔަސް، ބައެއް ބޭފުޅުން ހައިރާންފުޅުވާނެކަންނޭނގެ. ކުރީކީ ފަސް ދަތުރެއް، ހަ ދަތުރެއް، ހަތް ދަތުރެއް ނޫން. މިއީ އަޅުގަނޑު މި މަގާމުގައި ހުރެގެން، އަޅުގަނޑު ރައީސް ކަމުގެ މަގާމުގައި ހުރެގެން އިންޑިޔާއަށް ކުރާ ރަސްމީ 16 ވަނަ ދަތުރު. އެހެންވީމާ، ވަރަށްގިނަފަހަރު އަޅުގަނޑަށް އިންޑިޔާއަށް ދަތުރުކުރެވިއްޖެ. ޒިޔާރަތް ކުރެވިއްޖެ. އަދި މިވޭތުވެދިޔަ 26 އަހަރު ދުވަހުގެ ތެރޭގައި އިންޑިޔާގެ ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނާ ބައްދަލުވުމުގެ އުފާވެސް އަޅުގަނޑަށް ވަނީ ލިބިފައި. ރައީސުންނާއި، ބޮޑުވަޒީރުންނާއި، ޚާރިޖީ ވަޒީރުންނާއި އަދި އެނޫން މިނިސްޓަރުން.

ހަމައެހެންމެ، މިވޭތުވެދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި އިންޑިޔާގެ 7 ބޮޑުވަޒީރަކު ރާއްޖެއަށް ވަނީ ޒިޔާރަތް ކުރައްވާފައި. އެކިފަހަރުމަތިން އެކި ބޭފުޅުން. އެހެންވީމާ، މިކަމުންވެސް އެނގޭގޮތުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި މިއޮންނަނީ ވަރަށް ގާތް، ވަރަށް އެކުވެރި ގުޅުމެއް. މި ގުޅުން އިތުރަށް ބަދަހިކޮށް ތަރައްޤީކުރުމަކީ، ހަމަގައިމުވެސް ދިވެހިސަރުކާރާއި، ދިވެހިރައްޔިތުންނާއި، ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އެދޭނެކަމެއް. ހަމައެއާއެކީގައި، އަޅުގަނޑުހިތުން އިންޑިޔާ ސަރުކާރުންވެސް އަދި އިންޑިޔާގެ ރައްޔިތުންވެސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް.

އާދެ، މިވަގުތު ނިއުދިއްލީގައި ރާއްޖޭގެ ވަރަށް ގިނަ ޢިއްޒަތްތެރި ބޭފުޅުން އެބަތިއްބެވި. އެންމެ ފުރަތަމަ އަޅުގަނޑުމެންގެ އާ ހައިކޮމިޝަނަރ އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރާއި، އެމަނިކުފާނުގެ އަނބިކަނބަލުން. އެބޭފުޅުން ވަޑައިގެން އެތިއްބެވީ، ވަރަށް މުހިންމު ޤައުމީ ޚިދުމަތެއްގައި. ވަރަށްފަހުން ވަޑައިގަތީ. އެހެންނަމަވެސް، އެބޭފުޅުންގެ މަސައްކަތްޕުޅުން އަޅުގަނޑުމެންގެ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރަޙްމަތްތެރިކަން މިދަނީ އިތުރުވަމުން. ހަމައެހެންމެ، އެބޭފުޅުންގެ ޚިދުމަތް އިންޑިޔާގައި ތިއްބެވި ދިވެހިންނަށް ލިބިވަޑައިގަންނަވަމުން ގެންދަވާނެކަމީ ޝައްކެއްއޮތްކަމެއްނޫން. އެގޮތުން، އިންޑިޔާއަށް އެކި ބޭނުންތަކުގައި ދަތުރުކުރައްވާ ދިވެހިންނަށާއި، އިންޑިޔާގައި ދުވަސްކޮޅެއްވަންދެންނަމަވެސް ތިއްބަވާ ދިވެހިންނަށާއި، ދިވެހި ޢާއިލާތަކަށް، އެބޭފުޅުން ތިއްބެވުމުން ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ޢިއްޒަތްތެރި އެހެން ބައެއް ބޭފުޅުންވެސް ނިއުދިއްލީގައި މިވަގުތު އެބަ ތިއްބެވި. އަޅުގަނޑުގެ ކުރިމަތީގައި އޭގެ ބައެއް ބޭފުޅުން ފެންނަން މިތިއްބެވީ. ޑޮކްޓަރ ޢަބްދުއްސައްތާރު ޔޫސުފާއި، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އާއި، ޑޮކްޓަރ ޢަބްދުﷲ ވަޙީދު، މިހެންގޮސް އަޅުގަނޑުމެންގެ ޢިއްޒަތްތެރި ވަރަށްގިނަ ބޭފުޅުން މިވަގުތު އިންޑިޔާގައި އެބަ ތިއްބެވި. އެކި ބޭފުޅުން އެކި ބޭނުންފުޅުގައި. ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ވަޒީފާގައި. ހަމައެހެންމެ، ދިވެހި ޤައުމަށް ރީތިނަމާއި ޝަރަފާއި ފަޚުރު ހޯއްދަވައިދެއްވުމުގެ މުހިންމު މަސައްކަތްޕުޅުގައި.

އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަދި މިރޭ މިތަނަށް ވަޑައިގެންދެއްވިކަމަށްޓަކައި ޝުކުރު ދަންނަވަން. މީގެއިތުރުން، އަޅުގަނޑުމެންގެ ހައިކޮމިޝަނުގެ އެހެން މުވައްޒަފުންނާއި، އެބޭބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުންވެސް ވަޑައިގެން އެބަ ތިއްބެވި. އެބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މިވަގުތު ދިއްލީގައި ކިޔަވަން ތިބި ދިވެހި ޠާލިބުންނާއި، ޠާލިބާއިންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ކުދިން މިތާނގައި އެބަތިބި. އެ ހުރިހާ ކުދިންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔައި، ޝުކުރު އަދާކުރަން.

އާދެ، މިހާރު އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވެފައިވާ ބައެއް ކަންތައްތަކުގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއްކަމަކީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށާއި އަދި މި ސަރަޙައްދުގެ ބައެއް އެހެން ޤައުމުތަކަށް މި ކުރިމަތިވި ސުނާމީގެ މައްސަލަ. ޝައްކެއްނެތް، އެއީ ވަރަށް ބޮޑު ޤުދްރަތީ ކާރިސާއެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ތާރީޚުން ފެންނަންނެތްވަރުގެ ވަރަށް ބޮޑު ކަމެއް. ވަރަށް ބޮޑެތި ގެއްލުންތަކެއް އޭގެސަބަބުން ރާއްޖެއަށް ވަނީ ލިބިފައި. ވަރަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ވަނީ މީގެތެރޭގައި އަޅުގަނޑުމެންނާ ވަކިވެގެންގޮސްފައި. އަދި އެހެންނުދާ މީހުންނަށްވެސް، ބޮޑެތި ގެއްލުންތައް ވަނީ ލިބިފައި. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ އާބާދީއަށް މިކުރި އަސަރު، އެއްގޮތަކަށްވެސް ހަމަ ދަންނަވާލަންވެސް ނޭނގޭ. އަދި ރަށްރަށަށް ލިބުނު ގެއްލުން ބޮޑުކަމުގެ ސަބަބުން، ބައެއް ރަށްރަށުން މީހުން އެހެން ރަށްރަށަށް މިއޮތީ ބަދަލުކުރަންޖެހިފައި. އަޅުގަނޑުމެންގެ އާބާދީގެ ހަތެއް އިންސައްތަ ވަނީ މިވަގުތު ގެދޮރުނެތިފައި ނުވަތަ އެހެންގޮތްގޮތް ހޯދަންޖެހިފައި.

އެހެންވީމާ، މި ބޮޑު ކާރިސާ ރާއްޖެއަށް ކުރިމަތިވި ވަގުތު އަޅުގަނޑުމެން މަސައްކަތް ކުރަންޖެހިފައި މިވަނީ މި ގެއްލުންތަކުން އަޅުގަނޑުމެން ސަލާމަތްވުމަށް. މި ކާރިސާ ރާއްޖެއަށް ކުރިމަތިވުމުގެ ކުރިން ރާއްޖެ އޮތް ޙާލަތަށް ނުވަތަ އެއަށްވުރެވެސް ރަނގަޅު ޙާލަތަކަށް ގެންދެވޭތޯ މަސައްކަތްކުރުމަށް. މިކަމުގައި ދިވެހިރައްޔިތުން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރައްވާ. ދިވެހިރައްޔިތުންގެ ހުރިހާ އަފްރާދުން، ރައްޔިތުންގެ ޖަމާޢަތްތައް، ޖަމުޢިއްޔާތައް، ވިޔަފާރިވެރިން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އަދި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އަދި އަމިއްލަ ޖަމުޢިއްޔާތަކާއި މި ހުރިހާ އެންމެން މި މަސައްކަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް ހިންމަތާއެކު މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. ދިވެހި ސަރުކާރުންވެސް، ސަރުކާރުގެ ހުރިހާ ދާއިރާތަކަކުންވެސް އެ މަސައްކަތުގައި މިހާރުވަނީ ވަރަށް ބޮޑަށް މަޝްޣޫލުވެ އަވަދިނެތިފައި.

ހަމައެހެންމެ، އަޅުގަނޑުމެންނަށް ހެޔޮއެދިވަޑައިގަންނަވާ ޤައުމުތަކުން ވަރަށް ބޮޑެތި އެހީތައް އަޅުގަނޑުމެންނަށް ވެދެއްވަމުން އެބަ ގެންދަވާ. އޭގެތެރޭގައި އެންމެ ފުރަތަމަވެސް ދަންނަވާލަންއޮތީ އިންޑިޔާގެ ވާހަކަ. އަޅުގަނޑުމެން އެހީއަށް އެދުނު ވަގުތުން ފެށިގެން އިންޑިޔާ ސަރުކާރުން ވަރަށް ދީލަތި އެހީތަކެއް، ކުއްލި އެހީތަކެއް ދިވެހިރާއްޖެއަށް، ދިވެހިރައްޔިތުންނަށް ވެދެއްވަމުން ގެންދަވައިފި. ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި އަދި ދުރު ހިސާބުތަކުންވެސް ރަޙްމަތްތެރި ޤައުމުތަކުން އަޅުގަނޑުމެންނަށް ތަފާތު އެހީތައް ވަނީ ލިބެމުންގޮސްފައި. އަދި މިހާރުވެސް ލިބެމުންދޭ. މީގެއިތުރުން، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ގިނަގުނަ އެހީތައް ލިބެމުންދަނީ. އަދި ލިބޭނެކަމުގެ ޔަޤީންކަންވެސް އެޖަމާޢަތްތަކުން އަޅުގަނޑުމެންނަށް ވަނީ ދެއްވާފައި.

އާދެ، އ.ދ.ގެ ސެކްރެޓެރީ ޖެނެރަލް މިސްޓަރ ކޯފީ އަނާން ރާއްޖެއަށް ޒިޔާރަތް ކުރެއްވި. ހަމަ އެހެންމެ، ވަރލްޑް ބޭންކުގެ ރައީސްވެސް ޒިޔާރަތް ކުރެއްވި. އަދި އެމެރިކާގެ ކުރީގެ ދެ ރައީސުން ރާއްޖެއަށް ޒިޔާރަތް ކުރެއްވި. އަދި އޭގެ އިތުރުން، ބައެއް ޤައުމުތަކުގެ ބޮޑުވަޒީރުންނާއި އެނޫން ބޭފުޅުން، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، ރާއްޖެއަށް ވަނީ ޒިޔާރަތް ކުރައްވާފައި. އެހެންވީމާ، މިކަމުންވެސް ދޭހަވަނީ، މިފަދަ ކާރިސާއެއް ދިމާވީމާ، އަޅުގަނޑުމެންގެ ރާއްޖެއަކީ ކިތަންމެ ކުޑަކުޑަ ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އަޅައިލާ، އަޅުގަނޑުމެންނަށްވެސް އެހީތެރިކަމުގެ އަތެއް ފޯރުވައިދޭ، ވަރަށް ގިނަ ފަރާތްތައް ދުނިޔޭގެ އެބަތިބިކަން. އެކަމަށްޓަކައި އަޅުގަނޑުމެން اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ. އަދި އަޅުގަނޑުމެންނަށް މި އެހީތެރިވެދެއްވާ ޤައުމުތަކަށާއި، ޖަމާޢަތްތަކަށްވެސް ޝުކުރު އަދާކުރަންޖެހޭ.

އާދެ، ވީ ގެއްލުމުގެ އަދަދަށް ބަލާއިރު، ތިޔަބޭފުޅުން ފަހަރެއްގައި އައްސަވާފައި އޮވެދާނެކަންނޭނގެ، އަޅުގަނޑުމެން ހެދި ދިރާސާއެއް. އެއީ، ދިވެހިސަރުކާރާއި، ވަރލްޑް ބޭންކާއި، އޭ.ޑީ.ބީ.އާއި، އ.ދ. މަޖިލީހުގެ ފަރާތްތަކާ ގުޅިގެން ރާއްޖެއިން ތައްޔާރުކުރި ދިރާސާ ދައްކާގޮތުން، މިވީ ގެއްލުން ފައިސާއިން އަދަދުކުރާނަމަ، އެއީ 470 މިލިއަން ޔޫ.އެސް.ޑޮލަރު. އެއީ ރާއްޖޭގެ ނިސްބަތުގައި ވަރަށް ބޮޑު އެއްޗެއް. އަދި މީގެ ތެރޭގައި ރާއްޖޭގެ ފަސްގަނޑަށް ލިބުނު ގެއްލުމާއި، ރާއްޖޭގެ ފަރުތަކަށް ލިބުނު ގެއްލުމެއް ނުހިމެނޭ. އެބައިތައް ހިމަނައިފީވިއްޔާ، މި ދެންނެވި އަދަދަށްވުރެ އަޅުގަނޑުމެންނަށް ލިބުނު ގެއްލުމުގެ އަދަދު މާބޮޑުވެގެންދާނެ. އަދި އެއީ އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ.ގެ ސަތޭކައަކުން ފަސްދޮޅަސް ދޭއް. ވަރަށް ބޮޑު އެއްޗެއް ގެއްލިގެން އެދިޔައީ. އަޅުގަނޑުމެންގެ ޤައުމު މިވޭތުވެދިޔަ އަހަރުތަކުގައި ހޯދާފައިވާ ކާމިޔާބީތަކުގެ ވަރަށް ބޮޑު ބައެއް ގެއްލިގެން އެދިޔައީ. އެހެންނަމަވެސް، މިކަމަކީ ޤުދްރަތީ ކަމެއްކަމުން، އަޅުގަނޑުމެން އެބަޖެހޭ މިކަމާ ދޭތެރޭގައި، އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވީތީ، އެކަން ގަބޫލުކުރަން. މާތް ﷲ ތަދުބީރުކުރައްވައި މިންވަރު ކުރައްވާ ގޮތެއްގެމަތިން ހިނގަމުންދާ ކަންތައްތަކާ ދޭތެރޭގައި މުސްލިމުން ދެކޭގޮތަކީ، އެއީ އެކަންތައްތައް ގަބޫލުކުރަންޖެހޭނެ ކަމަށް. ﷲގެ ޙަޟްރަތަށް އީމާންވެ، ﷲގެ މިންވަރުފުޅުން ދިމާވާ ކޮންމެ ކަމަކަށް ކެތްކޮށް އަދި އެކަމުން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަކީ މުސްލިމުންގެ ހައިސިއްޔަތުން، އަޅުގަނޑުމެން އެކަން ކުރަންޖެހޭނެގޮތް. ރާއްޖޭގެ ރައްޔިތުންވެސް އެކަން ދެކެވަޑައިގަންނަވަނީވެސް އެގޮތުގައި. އެހެންވީމާ، އެ މަސައްކަތް މިހާރު ކުރަމުން މިގެންދަނީ. އެ މަސައްކަތުގައި އަޅުގަނޑުމެން ހުރިހާ ދިވެހިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުން. ރާއްޖޭގައި ތިބި މީހުންނާއި، ރާއްޖެއިން ބޭރުގައި ޚިދުމަތް ކުރައްވާ ދިވެހިންގެވެސް ޚިދުމަތް، ހިއްސާ، އަޅުގަނޑުމެންގެ ރާއްޖެއަށް މިވަގުތު މިދިމާވި ކަންތަކުގައި ވަރަށް ބޮޑަށް ބޭނުންވޭ.

އާދެ، ދެން ދަންނަވާލަން އޮތް ވާހަކައަކީ، މިވަގުތު ރާއްޖެ ކުރިމަތިލާފައި މިވަނީ ވަރަށް ބޮޑެތި އިޞްލާޙީ ބަދަލުތަކަކާއޭ. އެނގިވަޑައިގަންނަވާނެ ފަދައިން، 2003 ވަނަ އަހަރު، އަޅުގަނޑު މި މަގާމަށް އާ ދައުރަކަށް ހޮވުމާ ގުޅިގެން، އަޅުގަނޑު ރައީސްކަމުގެ ހުވާކޮށްފައި، ދެއްކި ވާހަކައިގައި އަޅުގަނޑުމެންގެ ޤައުމަށް އިޞްލާޙީ ބަދަލުތަކެއް އަންނަންވެއްޖެކަމުގެ ވާހަކަ ވާނީ ދަންނަވާފައި. އަދި އެ ބަދަލުތައް ގެނެވޭނީ ޤާނޫނުއަސާސީއަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްގެންކަމުގައިވެސް ވާނީ ދަންނަވާފައި. އެހެންވީމާ، ޤާނޫނުއަސާސީ ބަދަލުކުރުމަށްޓަކައި އެކަމާބެހޭ މަސައްކަތްތައް މިހާރު ހިނގަމުން އެދަނީ.

ރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން، ޤާނޫނުއަސާސީއަށް ބަދަލުގެނެވޭނީ ހަމައެކަނި އެންމެ ފަރާތަކަށް. އެއީ ރައްޔިތުންގެ ޚާއްޞަ މަޖިލިސް. އެހެންވީމާ، އެކަމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރަން އެބަޖެހޭ. ޚާއްޞަ މަޖިލީހަށް މެންބަރުން އިންތިޚާބުކުރަން އެބަޖެހޭ. މި އިންތިޚާބުގެ ކަންތައް މިދިޔަ އަހަރު ހިނގައި ނިމިގެންގޮސް، ރައްޔިތުންގެ ޚާއްޞަ މަޖިލިސް ވަނީ ޤާނޫނުގައިވާ ގޮތުގެމަތިން އެއްކުރެވިފައި. މިހާރު ޚާއްޞަ މަޖިލީހުގެ މަސައްކަތްތައް ކުރައްވަމުން އެގެންދަވަނީ. މިއަދުވެސް ޚާއްޞަ މަޖިލީހުގެ ޖަލްސާއެއް މާލޭގައި އޮތް.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މި އިޞްލާޙީ ބަދަލުތަކަކީ ރާއްޖޭގެ ހެވާއި ލާބަޔަށްޓަކައި އަދި ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށްޓަކައި ސަރުކާރުން ގެންނަން ބޭނުންވެގެންއުޅޭ އިޞްލާޙީ ބަދަލުތަކެކޭ. މިއީ އެއްވެސް ފަރާތަކުން ބުނެގެންނެއްނޫން. މިއީ އަޅުގަނޑުމެންނަށް ވިސްނުނީ، ދިވެހި ސަރުކާރަށް ވިސްނުނީ، އެއީ ދިވެހިރާއްޖެ މިހާރު އެހެންގޮތްގޮތުން ކުރިއަރާފައިވާ މިންވަރުން، އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ ނިޒާމުތަކަށްވެސް ބަދަލުތަކެއް އަންނަންވެއްޖެކަމަށް. އެ ވިސްނުމުގައި ސަރުކާރުން މި ބަދަލުތައް މި ހުށަހެޅީ.

އަޅުގަނޑު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުން އެދެނީ، ވީ އެންމެ އަވަހަކަށް މިކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނާވަޑައިގެން، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތެއްގެމަތިން ނިންމަވައި ދެއްވުމަށް. އަޅުގަނޑު ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި، ވަރަށް މުހިންމު 31 ބަދަލު ހިމެނޭ. އެ ބަދަލުތައް އެއީ ކޮންމެހެން އަޅުގަނޑު ހުށަހެޅިގޮތަށް ގެންނަވާށެކޭ ދަންނަވަނީކީނޫން. އަޅުގަނޑު މި ހުށަހެޅީ ޚިޔާލުތަކެއް. ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިއިން ކޮންމެ ކަމަކާ ދޭތެރޭގައި ވިސްނާވަޑައިގެންފައި، ރާއްޖޭގެ ރައްޔިތުންނަށް އަދި ރާއްޖޭގެ ކުރިމަގަށް އެންމެ މަޞްލަޙަތުހުރި، އެންމެ ފައިދާހުރި ގޮތެއްގެމަތިން ނިންމެވީމާ އެކަން އެއޮތީ ނިމިފައި. އެހެންނަމަވެސް، މިކަމަކީ ލަސްކުރުން ރަނގަޅު ކަމެއްނޫން. ވަރަށް އަވަހަށް ކުރަންޖެހޭ ކަމެއް. އެހެންވީމާ، އަޅުގަނޑު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފަރާތުން އެދެނީ، އެބޭފުޅުންގެ މަސައްކަތްޕުޅު ވީ އެންމެ އަވަހަކަށް ކުރައްވައި، އަޅުގަނޑުމެންނަށް ހެޔޮގޮތްތަކެއް ދެއްކެވުން.

އާދެ، ކިޔަވާކުދިންނާ މުޚާޠަބުކޮށް އަޅުގަނޑު އެއްޗެއް ބުނަން ބޭނުންނަމަ، ބުނަން ބޭނުންވާ ވާހަކައަކީ، ތިޔަކުދިންނަށް ތިޔަ ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރާށޭ. ޝައްކެއްނެތޭ ކިޔެވުމަކީ، ތަޢުލީމު ހާސިލުކުރުމަކީ ކުރިއަށް ދިޔުމަށް އޮތް އެންމެ މުހިންމު، އެންމެ މޮޅު މަގޭ. އެހެންވީމާ، އެ މަގު ތިޔަކުދިން ޚިޔާރުކޮށްގެން، ތިޔަކުދިންނަށް ތިޔަ ލިބުނު ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކޮށްފިއްޔާ، ތިޔަކުދިންނަށާއި، ތިޔަކުދިންގެ އާއިލާތަކަށާއި، ތިޔަކުދިންގެ ރާއްޖެއަށް، ތިޔަކުދިންގެ ގެދޮރު އެތަނެއްގައި ހިމެނިފައިވާ ޤައުމަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނޭ.

އެހެންވީމާ، އެގޮތަށް ތިޔަކުދިން އެ މަސައްކަތް ކޮށްފިއްޔާ، ޝައްކެއްނެތްގޮތުގައި، ތިޔަކުދިންގެ ފަރާތުން ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ. ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަދި އަޅުގަނޑުމެން ދިވެހިން ރާއްޖެއިންބޭރުގައި ތިބޭއިރު، އަޅުގަނޑުމެންގެ ރާއްޖޭގެމަތިން ހަނދާންކުރަންވާނެ. ރަނގަޅުގޮތުގައި ރާއްޖެ ތަމްސީލު ކުރެވޭތޯ ބަލަންވާނެ. އެހެން މި ދެންނެވީ، މިހާރަކަށްއައިސް ނުވަތަ ފަހަކަށްއައިސް، ރާއްޖޭގެ ވަރަށް ގިނަ މީހުން ރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދޭ. ނުވަތަ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށްހަދާ. އަޅުގަނޑުމެންގެ ރާއްޖެއަކީ، ބޭރު ދުނިޔެއަށް މުޅިން ހުޅުވައިލެވިފައިވާ ރާއްޖެއެއް.

އެހެންވީމާ، އަޅުގަނޑުމެން ރާއްޖެއިން ބޭރަށްގޮސްއުޅޭ އުޅުމުގައިވެސް، އަޅުގަނޑުމެންނަކީ، ކޮންބައެއްކަން އަބަދުވެސް ހަނދާންކުރަންވާނެ. އަޅުގަނޑުމެންނަކީ ދިވެހިންކަން، އަޅުގަނޑުމެންނަކީ މުސްލިމުންކަން، އަޅުގަނޑުމެންގެ ވަކިކަހަލަ ޘަޤާފަތަކާއި، ވަކިކަހަލަ ތާރީޚަކާ އެބައޮތްކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އަޅުގަނޑުމެން ޢަމަލުކުރާގޮތަކުން ރާއްޖެއަށް ކިލަނބުކަމެއް އައުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއްނޫން.

އެހެންވީމާ، ރާއްޖެއިންބޭރުގައި ދިރިއުޅުއްވާ ދިވެހިރައްޔިތުން މިކަންކަމާ ދޭތެރޭގައި ވިސްނެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަޅުގަނޑަށް އެނގޭ، މިހާރުވެސް ވިސްނަވައިގެންކަން ގެންދަވަނީ. އެހެންނަމަވެސް، މިއަދުގެ ދުނިޔޭގައި އެގޮތް މިގޮތަށް ކަންތައްތައް ހިނގަމުންދާއިރު، އަޅުގަނޑުމެންގެ ތެރެއިންވެސް ބަޔަކަށް މަގުއޮޅުމަކީ އެކަށީގެންވާކަމެއް. އެކަމަކު އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި ވިސްނައިގެން، ހަރުދަނާގޮތެއްގައި އަޅުގަނޑުމެންގެ ކަންތައްތައް ބަހައްޓައިފިއްޔާ، ތިބި މަގުން ކައްސާލައިގެން ނުދާގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށް ރީތިނަމާއި، އަދި އަޅުގަނޑުމެންގެ ޤައުމަށް އިތުރު ތަރައްޤީވެސް ލިބިގެންދާނެ.

އާދެ، ދެން މި ވާހަކަކޮޅު ދައްކާލުމަށްފަހުގައި، ތިޔަ ހުރިހާ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށާއި ނަސްރީނާއަށް މިރޭ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި އަދިވެސް އެއްފަހަރު ދަންނަވާލަން.

އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު މާތް ﷲ ދެއްވުން. އަދި ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، ތިޔަބޭފުޅުންނަށާއި ދިވެހި ޤައުމަށް، ތިޔަބޭފުޅުން ތިޔަ ކުރައްވާ ހިއްސާގެ ސަބަބުން އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދިޔުން.

والسّلام عليكم ورحمـة اللّـه وبركاته.