އަލްފާޟިލް އިބްރާހީމް ޚަލީލު - ޓެލެވިޜަން މޯލްޑިވްސް:

އާދެ، ސުމާޓްރާއަށް އިއްޔެ އައި ބިންހެލުމާ ގުޅިގެން، ސުނާމީ އުފެދިދާނެކަމުގެ އިންޒާރުތައް ދުނިޔޭގައި ފެތުރެމުން ދިޔުމާ ގުޅިގެން، ދިވެހި ސަރުކާރުން އެ ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ކޮންގޮތަކަށްތޯ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެންމެ ފުރަތަމަ، މިއަދަކީ ޓީ.ވީ. މޯލްޑިވްސްގެ އަހަރީ ދުވަސް ކަމަށްވާތީ، ދުވަހުގެ ތަހުނިޔާ ޓީ.ވީ. މޯލްޑިވްސްގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން. ހަމަ އެއާއެކީގައި، މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި އަދި ޓީ.ވީ މޯލްޑިވްސްގެ ހިންގުންތެރިންނަށާއި، ޕްރޮގްރާމުތައް އުފައްދަވާ ބޭފުޅުންނަށާއި، ޕްރެޒެންޓް ކުރައްވާ ބޭފުޅުންނަށާއި، ހުރިހާ ބޭފުޅުންނަށާއި އަދި ދިވެހިރައްޔިތުންނަށް އަޅުގަނޑު މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ ދަންނަވަން.

ދެން، ދެންމެ ތިޔަ ވިދާޅުވި ކަންތަކުގައި، ސުނާމީއެއް އުފެދިދާނެކަމުގެ ބިރު، ރޭގައި ހީވުމާ ގުޅިގެން، ވަރަށްގިނަ ފިޔަވަޅުތަކެއް އެޅޭތޯ، އަޅުގަނޑުމެން މިކޮޅުގައި ތިބެގެންވެސް މަސައްކަތްކުރިން.

އެންމެ ފުރަތަމަ އަޅުގަނޑަށް ލިބުނު ޚަބަރަކީ، މާލެއަށް ބިންހެލުމެއް އައި ވާހަކަ. ފުރަތަމަ އެޚަބަރު ލިބުނީ. އެވަގުތުން އަޅުގަނޑުމެންނަށް އެނގިއްޖެ، ސުމާޓްރާގައި ހަމަ ކުރީފަހަރުވެސް ބިންހެލުން އައި ހިސާބަށް، ގާތްގަނޑަކަށް އެ ހިސާބަށް، 8.2 ގެ ރެކްޓަރ ސްކޭލުގެ ބިންހެލުމެއް އައިކަމަށް. އެހެންނަމަވެސް، ފަހުން ސައިންޓިސްޓުން ދިޔައީ މައްޗަށް ޖައްސަމުން. 8.5 އެކޭ ބުނެފައި، އެންމެ ފަހުން ނިމުނުއިރު، 8.7 އަށް ވެފައިއޮތީ. އެހެންވީމާ، މިވަރުގެ ބިންހެލުމެއް އަތުވެއްޖިއްޔާ، ސުނާމީ އުފެދުމަކީ ހަމަ ވަރަށް ކައިރީގައި އޮންނާނެ ކަމެއް. އެހެންވީމާ، އެކަމުގެ ބިރު، ރޭގައި ވަރަށްބޮޑުވި. އެހެންވީމާ، ދުނިޔޭގެ ހުރިހާ ފަރާތްތަކަކުންވެސް އަދި ޚާއްޞަކޮށް، ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން އިޝޫކުރި ވޯނިންގއެއް، އިންޒާރެއް، ސުނާމީއެއް އަތުވެދާނެކަމުގެ ފުރުޞަތު ވަރަށް ބޮޑަށް އެބައޮތޭ.

ދެން، އެހިސާބުން ފެށިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ، މިކަމުގެ މަޢުލޫމާތު ހޯދުމަށްޓަކައި. އަޅުގަނޑު ރޭގައި ޓީ.ވީ. މޯލްޑިވްސް މެދުވެރިކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެންނެވިފަދައިން، ވަރަށް ގިނަ ފަރާތްތަކާ ގުޅައިގެން، އެ ފަރާތްތަކުން ލިބުނު މަޢުލޫމާތު، ވަގުތުން އަޅުގަނޑުމެން ދެމުން ގެންދިޔައިން. އަދި މާލޭގައި ތިއްބެވި ބޭފުޅުންވެސް، ޚާއްޞަކޮށް، މެޓް ޑިޕާޓްމަންޓުގެ ބޭފުޅުން، ހަމަ ދުނިޔޭގެ އެންމެ އިސް މިކަހަލަ ތަންތަނާ ގުޅުއްވައިގެން މަޢުލޫމާތު ހޯއްދަވައި، އަދި މަޢުލޫމާތު ޔަޤީން ކުރައްވަމުން ގެންދެވި.

އެހެންވީމާ، މިކަމުގައި އަޅުގަނޑު މިތާހުރެގެން، (ދިވެހި ހައިކޮމިޝަނަރުގެ ގޭގައި، އެވަގުތު ކަންދިމާކުރިގޮތުން ހުރެވުނީ) އަޅުގަނޑުމެން މިތާނގައި މަސައްކަތް ކުރިން. އަޅުގަނޑާއި، ހައިކޮމިޝަނަރާއި އަދި މިތާ ތިއްބެވި ދިވެހި ވަފުދުގެ ހުރިހާ ބޭފުޅުން މި މަސައްކަތުގައި އުޅުނިން ވަރަށް ގިނައިރު ވަންދެން. އަދި މާލެއާ ގުޅައި، ރާއްޖޭގެ ޚަބަރުތައްވެސް ބަލަމުން ގެންދިޔައީ.

އެހެން އެކަންތައް ކުރަމުން ގެންދިޔައިރު، މާލޭގައި ހަމަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ހުރިހާ ބޭފުޅުން ވަޑައިގެން، އިސްމާޢީލް ޝަފީޢާއި، ޙަމްދޫނާއި، ޢުމަރު ޒާހިރާ ހުރިހާ ބޭފުޅުން، ހުރިހާ މިނިސްޓަރުން އެތަނަށް ވަޑައިގެން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދެވި. މަޢުލޫމާތު އެއްކުރައްވައި، ރާއްޖޭގެ މީހުންނަށް އެކަން އަންގަވައިދެއްވުމަށް މަސައްކަތް ކުރެއްވި.

މިކަމުގައި ޓީ.ވީ. މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުންވެސް ވަރަށް ބޮޑު ހިއްސާއެއް އަދާކޮށްދެއްވި. އެހެންވީމާ، އިރާދަކުރެއްވީތީ، ސަރުކާރުންނާއި އާންމު ފަރާތްތަކާ ގުޅިގެން ރޭގައި ކުރި މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނު. އިރާދަކުރެއްވީތީ، ސުނާމީއެއް ނާދޭ. އެހެންނަމަވެސް، ފެނުގެ ކޮންމެވެސްކަހަލަ، ވަރަށް ކުޑަކުޑަ، މި ދެންނެވީ ލޮނުގަނޑު ކުޑަތަންފުކެއް ބޮޑުވެލި ވަގުތެއް އައި ރާއްޖެއަށްވެސް. އެއީ އަޅުގަނޑަށް ފަހުން އެނގުނުގޮތުގައި، ހަނިމާދުއަށް 20 ސެންޓިމީޓަރު. ވަރަށް ކުޑަކުޑަވަރެއް. މާލެއަށް 10 ސެންޓިމީޓަރު. އަދި އެއަށްވުރެވެސް ކުޑަ. އައްޑުއަތޮޅަށް 5 ސެންޓިމީޓަރު، ވަކި ގަޑިއެއްގައި ކުޑަކޮށް ރާޅު އުފުލިގެންދިޔަ. އެހެންނަމަވެސް، އެއީ ވަގުތީ ކަމެއް. އައިސްފައި ދިޔައީ ދިޔަގޮތަށް.

އެހެންވީމާ، އެއްވެސްކަހަލަ ގެއްލުމެއް އިރާދަކުރެއްވީތީވެ ރާއްޖެއަކަށް ނުލިބޭ. އަދި އެހެން އެއްވެސް ޤައުމަކަށްވެސް ސުނާމީއެއްގެ ގެއްލުމެއް ރެޔަކު ނުލިބޭ. އެހެންނަމަވެސް، އިންޑޮނީޝިޔާގެ މި ބިންހެލުން އައި ހިސާބުގައި ވަރަށްގިނަ މީހުން މަރުވި ވާހަކަ އަޅުގަނޑު އަހައިފިން. އެކަމާ އަޅުގަނޑު ވަރަށްހިތާމަކުރަން. މިއަދު އެހެންވީމާ، އިންޑޮނީޝިޔާގެ ރައީސަށް ތަޢުޒިޔާގެ މެސެޖެއްވެސް އަޅުގަނޑުވާނީ ފޮނުވާފައި.