އަލްފާޟިލް އިބްރާހީމް ޚަލީލު:

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުން ގުޅިގެން މިއަދު މިފަށާ އެހީގެ ޕްރޮގްރާމުގައި އެއްޗެއް ވިދާޅުވުމަށް، މި ފުރުޞަތު އަޅުގަނޑުމެންނަށް ދެއްވީތީ ވަރަށް ބޮޑަށް މިދުވަހުގެ މުނާސަބަތުގައި މަރުޙަބާ ދަންނަވަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަލްފާޟިލް އިބްރާހީމް ޚަލީލު:

ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އަދި ރާއްޖެއަށް މި ލިބުނު ބޮޑު ގެއްލުން ފޫބެއްދުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުންމިދާ މަސައްކަތްތަކަށް އެހީވުމަށް ދިވެހި ފަންނާނުން މިއަދު މިފަށާ ފައިސާ ހޯދުމުގެ ހަރަކާތް ފެށޭ ވަގުތު، މަނިކުފާނު ދެއްވަން ބޭނުންފުޅުވާ މެސެޖަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ، އެންމެ ފުރަތަމަވެސް އަޅުގަނޑު ދިވެހި ފަންނާނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމޭ ދަންނަވާލުން.

އާދެ، ޝައްކެއްނެތްގޮތުގައި އެބޭފުޅުން މިއަދު މި ފަށްޓަވާ އެހީގެ ޕްރޮގްރާމަކީ ވަރަށް މުހިންމު ޤައުމީ ޕްރޮގްރާމެއް. އެހެންވީމާ، އެ މުނާސަބަތުގައި އެބޭފުޅުންނަށް ޝުކުރު ދަންނަވައި، އެބޭފުޅުންގެ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށްވުމަށް އަޅުގަނޑު އެދޭ ވާހަކަ ދަންނަވާލުން، އަޅުގަނޑުގެ މެސެޖަކީ އިނގޭތޯ!

އަލްފާޟިލް އިބްރާހީމް ޚަލީލު:

މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންނަކީ ރައްޔިތުންގެ ވަރަށް ގާތް އެކުވެރިންތަކެއް. މިފަދަ ވަގުތެއްގައި ދިވެހި ފަންނާނުންނަށް އަދާކުރެވިދާނެ އެހެން ދައުރެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މުނިފޫހިފިލުވުމަކީ، ވަރަށް މުހިންމު މަސައްކަތެއް. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވަރަށް އުފެއްދުންތެރި ގޮތެއްގައި ކުރަމުންގެންދާ ކަމެއް. އަޅުގަނޑުމެންގެ ފަންނާނުންވެސް، އެ މަސައްކަތް ރާއްޖޭގައި އެބަ ކޮށްދެއްވަމުން ގެންދަވާ.

ތެދުފުޅެއް ތިޔަ ވިދާޅުވީ، ފަންނާނުންނަކީ ރައްޔިތުންގެ ވަރަށް ގާތް އެކުވެރިންތަކެއް. އެހެންވީމާ، އެގޮތުން ރައްޔިތުންގެ އެކުވެރިންގެ ގޮތުގައި މިކަހަލަ ކަންތައްތަކުގައި ފަންނާނުން ބައިވެރިވެވަޑައިގަތުމަކީ، އަޅުގަނޑު ދެކޭގޮތުގައި އެބޭފުޅުން ޤައުމަށް ކޮށްދެއްވާ ވަރަށް ބޮޑު ޚިދުމަތެއް. އަދި އެބޭފުޅުން ރައްޔިތުންނާ މި ބައްދަލުކުރައްވާއިރު ނުވަތަ މިކަހަލަ ކަންތައްތައް ކުރައްވާއިރު، އަޅުގަނޑުމެންގެ ޤައުމަށް ފައިދާހުރި އެކިކަންކަމުގެ މެސެޖު ދެއްވުން އެއީ އަޅުގަނޑަށް ހީވަނީ އެބޭފުޅުންނަށް ކުރެއްވިދާނެ ކަމެއްހެން. މިސާލެއް ދަންނަވަންޏާ، އަޅުގަނޑުމެންގެ ރާއްޖޭގެ ޒުވާނުންނަށް އަދާކުރެވޭނެ ދައުރަކީ ކޮބައިތޯ، ޒުވާނުންނަކީ ވަރަށް އުފެއްދުންތެރި ބަޔަކަށް ވާންޖެހޭކަމާއި، ވަޒީފާ އަދާކުރަންޖެހޭ ބަޔަކަށްވާކަމާއި، އަނެއްކާ އެމީހުންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ތިބި، ދީނަށް ޙުރުމަތްތެރިކޮށްހިތާ، އަޅުގަނޑުމެންގެ ޘަޤާފަތަށްވެސް ކަމޭހިތާ ބަޔަކަށްވާންޖެހޭނެކަމާއި، އެމީހުންގެ ދައުރު އެއީ ޤައުމު ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއްކަމާއި، މިގޮތުން ރައްޔިތުންނަށް ދެއްވޭނެ ވަރަށް ގިނަ މެސެޖު ހުންނާނެ، ފަންނާނުންނަށް މިކަހަލަ ފުރުޞަތެއްގައި. އެކަހަލަ މެސެޖުތަކެއް ދެއްވައި، އަޅުގަނޑުމެންގެ ހޭލުންތެރިކަން އެކި ރޮނގުރޮނގުން އިތުރުކުރެއްވުން އަޅުގަނޑުހިތުން އެއީ ފަންނާނުންނަށް ކުރެއްވިދާނެ ކަމެއް.

އަލްފާޟިލް އިބްރާހީމް ޚަލީލު:

ސުނާމީ ކާރިސާގައި ރާއްޖެއަށް މި ލިބުނު ބޮޑު ގެއްލުން ފޫބެއްދުމަށް ދިވެހިރައްޔިތުންގެ ކުދިބޮޑު ހުރިހާ އެންމެން ގުޅިގެން އަތުގުޅާލައިގެން، ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު މިދަނީ ކުރެވެމުން. އާދެ، މިއަދުގެ މި ހަރަކާތްތަކާ ގުޅިގެންވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް، ދިވެހިރައްޔިތުން ގުޅިގެން ކުރަމުންމިދާ މަސައްކަތްތަކާ ދޭތެރޭގައި ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު މި މަސައްކަތްތައް ދެކެނީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ކުރެވޭ، ވަރަށް ބޮޑެތި މަސައްކަތްތަކެއްގެ ގޮތުގައި. ޙަޤީޤަތުގައި، މި ކާރިސާއިން އަޅުގަނޑުމެންނަށް ފެނުނު އެއް މަންޒަރަކީ، ރާއްޖޭގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބާރުލުން އޮތް ބޮޑު މިންވަރު. ތިޔަ ވިދާޅުވިހެން، ޤައުމުގެ ހަމަ އެންމެން، ރައްޔިތުންގެ ކުދިބޮޑު އެންމެން، އަންހެން ފިރިހެން އެންމެން މި މަސައްކަތުގައި އެބަ ބައިވެރިވޭ. އަޅުގަނޑުމެން މުޅި ދުނިޔެއަށްވެސް ވަރަށް ރީތި މިސާލެއް މިކަމުގައި މި ދައްކައިދިނީ. އަޅުގަނޑުމެންގެ ޤައުމަށް ދިމާވާ މިކަހަލަ މައްސަލަތަކުގައި ރައްޔިތުންގެ އެންމެން ގުޅިގެން މަސައްކަތް ކުރާކަން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، މިއީ ވަރަށް މުހިންމު ޤައުމީ ޚިދުމަތެއްހެން، ރާއްޖޭގެ ރައްޔިތުން އެންމެން ކުރަމުން މި ގެންދަނީ. އަދި އަޅުގަނޑުމެން މުޅި ދުނިޔެއަށް މި ދައްކައިދެނީ، ވަރަށް ރީތި މިސާލެއް ކަމުގައި އަޅުގަނޑު ދެކެން.

އަލްފާޟިލް އިބްރާހީމް ޚަލީލު:

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް ބައިނަލްއަޤްވާމީ އެހީވެސް އެބަ ބޭނުންވޭ، ސުނާމީ ކާރިސާއާ ގުޅިގެން ޤައުމު އަލުން އާރާސްތުކުރުމަށް. ކުރީދުވަހެއްގައި، މުނާސަބަތެއްގައި މަނިކުފާނުވެސް އިޝާރާތްކުރައްވާފައިވަނީ، ބޭރުގެ އެހީއަށްވުރެބޮޑަށް ދިވެހިރައްޔިތުން ގުޅިގެން، ރައްޔިތުން ދިވެހި އިޤްތިޞާދު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް އަޅުގަނޑުމެންގެ އާރާސްތުކުރުން ބިނާވެފައިވާކަމަށް. މިއަދު ރައްޔިތުން ގުޅިގެން ވަރަށް މުހިންމު ހަރަކާތެއް މިފެށޭ މުނާސަބަތުގައި މަނިކުފާނު ވިދާޅުވާނީ ކޮންގޮތަކަށްތޯ އެ މެސެޖު؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑު އެދުވަހު ދެންނެވި ވާހަކައަކީ، ދާދިފަހުން ރިޔާސީބަޔާނުގައި އެހެން ބުނީ. އެއީ އަޅުގަނޑުމެންނަށް މިހާރު ބޭރުން މި ލިބޭ އެހީތަކަކީ، ވަގުތީ އެހީތަކެކޭ. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ޤައުމު އަލުން ބިނާކުރުމުގެ މަސައްކަތުގައި އެކަށީގެންވާ ގޮތެއްގައި ކުރިއަށްދެވޭނީ އަދި ޤައުމަށް ފައިދާހުރިގޮތަކަށް އެކަން ކުރެވޭނީ، އަޅުގަނޑުމެން އަމިއްލައަށް މަސައްކަތްކޮށްގެންނޭ. އެއީ، ރާއްޖޭގައި މިހާރު މިކުރާ ތަރައްޤީގެ ބޮޑެތި މަސައްކަތްތައް، ޚާއްޞަކޮށް، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާ، މިކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންގޮސްގެން، އޭގެ ފައިދާ ރައްޔިތުންނަށާއި ޤައުމަށް ލިބިގެންނޭ، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ރާއްޖެ އަލުން ބިނާކުރުމުގެ މަސައްކަތް ކުރެވޭނީ. އެއީ، އަޅުގަނޑު ބުނި ވާހަކައަކީ. އަޅުގަނޑުހިތުން އެއީ ހަމަ ވަރަށް ގިނަ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާނެ ވާހަކައެއް.

އަޅުގަނޑުމެންނަށް ބޭރުގެ އެހީ އަބަދަކު ނުލިބޭނެ. އަދި ލިބޭނެކަމަކަށް ބަލާކަށެއްވެސް ނުވާނެ. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެ، އަޅުގަނޑުމެން އަމިއްލައަށް ކުރާ މަސައްކަތަކުން އަޅުގަނޑުމެންގެ ޤައުމު ބިނާކުރަންވާނީ އަދި އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް ގެންދަންވާނީ. އަޅުގަނޑުހިތުން ރައްޔިތުން ގަބޫލުކުރައްވާނެ ޙަޤީޤަތެއް މިއީ.

އެހެންވީމާ، އެއީ އަޅުގަނޑު އެ ދެންނެވި ވާހަކައަކީ. އެގޮތަށް އަޅުގަނޑުމެން މިހާރުއްސުރެ ވިސްނައިގެން މަސައްކަތް ކުރަމާތޯއޭ. އަދި މިހާރު މަސައްކަތް ކުރަމުންމިދަނީވެސް އެހެން. މިދެންނެވީ، އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންވެސް އެ މަސައްކަތް ވަރަށް ބޮޑަށް އެބަ ކުރައްވާ. މަސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންވެސް އެބަ ކުރައްވާ. ވިޔަފާރީގެ ދާއިރާގައި އުޅުއްވާ ބޭފުޅުންވެސް އެބަ ކުރައްވާ. އަމިއްލަ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކުންވެސް އެ މަސައްކަތް އެބަ ކުރައްވާ.

އެހެންވީމާ، މި މަސައްކަތް މިއީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ. ބޭރުން ލިބޭ އެހީއަކީ ވަގުތީ އެހީއެއް. އެހެންނަމަވެސް، އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެ، އަޅުގަނޑުމެން ޤައުމު ބިނާކުރުމަށް ކުރާ މަސައްކަތް އެއީ ދެމިހުންނަނިވި ގޮތެއްގައި، މާތް ﷲގެ ވާގިފުޅާއެކީގައި އަޅުގަނޑުމެންނަށް ފައިދާހުރިގޮތެއްގައި ކުރެވޭނެ މަސައްކަތަކީ.

އަލްފާޟިލް އިބްރާހީމް ޚަލީލު:

މަނިކުފާނަކީވެސް، ދިވެހި ކުޅަދާނަ ފަންނުވެރިއެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން. ދިވެހި އަދަބިއްޔާތުގެ ތެރެއިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ދިރުން ގެނެސްދެއްވާ ބޭފުޅެއް މަނިކުފާނަކީ. ފަންނާނެއްގެ ހައިސިއްޔަތުން ފާޅުކުރައްވާނެ ޝުޢޫރަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑަކީ ފަންނާނެއް ކަމަކަށް އަޅުގަނޑު ބުނާކަށް ބޭނުމެއްނުވޭ އިނގޭތޯ! ދެން، ހިސާބަކަށް ބައެއްކަހަލަ ކުދިކުދި ކަންތައްތައް އެބަކޮށްލެވޭކަންނޭނގެ. އެހެންނަމަވެސް، ފަންނާނުން އެއުޅުއްވާގޮތަށް މި ފަންނުގެ ތެރޭގައި އުޅޭ މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑުގެ ވަގުތުވެސް އެކަހަލަ ކަމަކަށް ތަނެއްނުދޭ. އަދި އަޅުގަނޑުގެ ޤުދްރަތީ ކުޅަދާނަކަމެއްވެސް އެކަމަކަށް ނެތްކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ، މިއަދު އަޅުގަނޑަށް ރާއްޖޭގައި ހުރެވުނުނަމަ، ވަރަށް އުފާވީހޭ. އެއީ، އަޅުގަނޑުވެސް ކިތަންމެ ކުޑަގޮތަކަށްނަމަވެސް އެބޭފުޅުންގެ މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޭރުން އަޅުގަނޑަށް ލިބުނީހޭ. ނޫނީ އެންމެކުޑަމިނުން އެބޭފުޅުން އެކުރައްވާ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިނުވެވުނަސް، އެކަންތައްތައް ވަރަށް ކައިރިންދެކެ އަދި އެބޭފުޅުން ކުރައްވާ ކަންތައްތައް ދުށުމަށް އެކި ތަންތަނަށް ހާޒިރުވުން އެއީވެސް އަޅުގަނޑަށް ކުރެވިދާނެ ކަމެއް. އެހެންވީމާ، އެހެންވިނަމަ ވަރަށް ރަނގަޅުވީސް. އެހެންނަމަވެސް، މިވަގުތު ކަންތައް ދިމާވިގޮތުން، އަޅުގަނޑަށް މިހުންނަންޖެހުނީ، ރާއްޖެއިން ބޭރުގައި. އެހެންވީމާ، އެކަމާ އަޅުގަނޑު ވަރަށްދެރަވޭ. އެކަމަކު، އަޅުގަނޑުގެ ހަމަ ހިތާއި ރޫޙުން ފަންނާނުން އެ ކުރައްވާ މަސައްކަތުގައި އަޅުގަނޑު އެބަ ބައިވެރިވަން.

އަލްފާޟިލް އިބްރާހީމް ޚަލީލު:

އާދެ، އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، މަނިކުފާނު ރާއްޖެއާ އެތައްހާސް މޭލެއްގެ ދުރުގައި ހުންނެވި ކަމުގައިވިޔަސް، ދިވެހި ރައްޔިތުންނާއެކު ވަރަށް ގާތުގައި ފަންނާނުންނާއެކު މިއަދު ބައިވެރިވެވަޑައިގެންނެވި ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެކަމަށްޓަކައި ފަންނާނުންގެ ނަމުގައި އަދި ޓީ.ވީ. މޯލްޑިވްސްގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު މަނިކުފާނަށް ޝުކުރު ދަންނަވަން އިނގޭތޯ!

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މި ކަންތައްތައް ރާވައި ހިންގަވާ ފަރާތަކީ، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ ކަމަށްވާތީ، އެމިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲއަށާއި އަދި މިނިސްޓްރީގެ އިސްވެރިންނަށާއި އަދި ޚާއްޞަކޮށް، ޓީ.ވީ. މޯލްޑިވްސްގެ ވެރިންނަށާއި، ދިވެހިރާއްޖޭގެ އަޑުގެ ވެރިންނަށާއި މުވައްޒަފުންނަށް އަދި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިކަމަކީ ތިޔަ ހުރިހާ ބޭފުޅުންގެވެސް ވަރަށް އިޚްލާޞްތެރި ބައިވެރިވުމެއް ލިބިގެން، ފަންނާނުން ކުރިއަށްގެންދާ ކަމެއް. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.