بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭ ރައްޔިތުންގެ މަޖިލިސްކުރާ ގެޔަށްއައިސް، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަކުރައްވާ މެންބަރުންނާއި އަދި ކުރިޔަށްއޮތް ދައުރަށް ހޮވިވަޑައިގެންނެވި އާ މެންބަރުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، މިފަދަ ބައްދަލުވުންތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މި ބާއްވަވަމުންގެންދަވަނީ، ވަރަށް މުހިންމު ބޭނުމެއްގައި. އެހެންވީމާ، މީގެ ކުރީފަހަރުތަކުގައިވެސް މިފަދަ ބައްދަލުވުންތައް ބޭއްވުނުކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެގޮތުގެމަތިން، ބޭއްވޭ ބައްދަލުވުމެއް މިރޭގެ މި ބައްދަލުވުމަކީ.

މި ބައްދަލުވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް އަޙްމަދު ޒާހިރަށާއި، ޢިއްޒަތްތެރި ނައިބު ރައީސް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި، އަމީންޢާންމު އަލްއުސްތާޛު މުޙަންމަދު ނަޝީދަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެންދެއްވީތީ، ތިޔަބޭފުޅުންނަށްވެސް ވަރަށް އުފަލާއެކު ޝުކުރު ދަންނަވައި، މަރުޙަބާ ދަންނަވަން.

އާދެ، މި ހަމަވެގެންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި މެންބަރުކަން އަދާކޮށްދެއްވި، ހުރިހާ ބޭފުޅުން އެ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ޝައްކެއްނެތް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަކީ، ވަރަށް މުހިންމު ޤައުމީ މަސައްކަތެއް. އެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ. އަދި މި ވޭތުވެދިޔަތާނގައި ވަނީ ކޮށްދެއްވާފައި.

އެހެންވީމާ، މިރޭގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ދައުރު ހަމަކުރައްވައި ވަކިވެވަޑައިގަންނަވާ މެންބަރުން އެ ކޮށްދެއްވި މުހިންމު ޤައުމީ ޚިދުމަތަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެޔާއެކީގައި، އަޅުގަނޑާމެދު އެބޭފުޅުން ބެހެއްޓެވި ގާތްކަމާއި، އަޅުގަނޑަށް ދެއްވި އެހީތެރިކަމަށްޓަކައިވެސް އެހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ބޭފުޅުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގައި ވަރަށްގިނަ ދުވަހު ޚިދުމަތްކުރައްވާފައި ތިއްބެވި ޢިއްޒަތްތެރި މެންބަރުންތަކެއް އެބަ ތިއްބެވި. އާދެ، ކޮންމެހެން އަހަރުތައް ނުދެންނެވި ނަމަވެސް އަދި އެބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑު ނުދެންނެވިނަމަވެސް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެއީ ކޮންކޮން ބޭފުޅުންނެއްކަން އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެބޭފުޅުން އެހާ ދިގުމުއްދަތެއްގައި އެ ކޮށްދެއްވި ޚިދުމަތަކީ، އެއްގޮތަކަށްވެސް ދިވެހި ޤައުމު ހަނދާންނައްތާލާނެ ޚިދުމަތެއް ނޫންކަމުގައި އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލާހިތްވޭ.

ހަމަ އެޔާއެކީގައި، މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުންގެ ތެރޭގައި، މަޖިލީހަށް މުޅިން އާ މެންބަރުން އެބަ ހިމެނިވަޑައިގަންނަވާ. އޭގެތެރޭގައި، ވަރަށް ތަޢުލީމީ ބޭފުޅުންނާއި، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންތަކެއްވެސް އެބަ ހިމެނޭ. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، ވަރަށް އިޚްލާޞްތެރި ތަހުނިޔާއެއް އަދާކުރަން. ހަމަ އެޔާއެކީގައި، އެބޭފުޅުންގެ ފަރާތްޕުޅުން ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރާ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، ދެންމެ މަޖިލީހުގެ ރައީސް ވިދާޅުވިފަދައިން، މަޖިލީހުގެ ޙަޔާތުގައި ތަފާތު ގޮތްތައް އެބަ ދިމާވޭ. އެއީ ބައެއް މެންބަރުން އިންތިޚާބަށް ކުރިމަތިލެއްވިޔަސް، ބައެއްފަހަރަށް ކާމިޔާބުވެވަޑައިނުގެން އެބަދޭ. އެއީ ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަންވާގޮތް. އެކަމާ ދޭތެރޭގައި އަޅުގަނޑުހިތުން އެއްވެސް ބޭފުޅަކު ހިތްޕުޅުހަމަނުޖެހުމެއް ނުގެންގުޅުއްވާނެ. އެއީ ދެން ސިޔާސީ ޙަޔާތުގައި ކަންތައްތައް ވަމުންދާގޮތް. އެކަން އެހެންވިޔަސް، އަޅުގަނޑު ދެކޭގޮތުގައި، މަޖިލީހުގެ މެންބަރުންގެ ތެރޭގައި އަދި ވަކި ދާއިރާއަކަށް ވާދަކުރެއްވި ކަމުގައިވިޔަސް، އިންތިޚާބު ނިމުމާއެކީގައި އެކަންތައް އޮންނާނީ ނިމިގެން ގޮސްފައި. ހުރިހާ ބޭފުޅުންގެ މެދުގައިވެސް އޮންނާނީ، އުޚުއްވަތްތެރިކަމާއި ހިތްހެޔޮކަމާއި އެއްބާރުލެއްވުން. އެގޮތުގެމަތިން، ކުރިޔަށް ކަންތައްތައް ގެންދަވަންޏާ، އަޅުގަނޑުހިތުން އަޅުގަނޑުމެން ބޭނުންވާގޮތަށް ކަންތައްތައް ބައްޓަންކޮށްގެން ގެންދިއުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިގެންދާނެ.

އާދެ، މިފަހަރު އާ މެންބަރުންތަކެއް ހޮވިވަޑައިގެންކަން އަޅުގަނޑުހިތުން އެއީ މަޖިލީހުގެ މަސައްކަތަށް ލިބިގެންދާނެ އިތުރު ދިރުމެއް. އިތުރު މުއްސަނދިކަމެއް. ޚާއްޞަކޮށް، އަޅުގަނޑުމެން މިހާރު މި ކުރިމަތިލާ ދައުރަކީ ނުވަތަ ކުރިމަތިލާ ދުވަސްވަރަކީ، ޤައުމަށް ގެންނަންޖެހޭ ބޮޑެތި އިޞްލާޙުތަކެއްގެ ދައުރު ނުވަތަ ދުވަސްވަރު ކަމަށްވާތީ، އެކަމުގައިވެސް އެބޭފުޅުންނަށް އަދާކުރެއްވޭނެ، ވަރަށް މުހިންމު ބައެއް އޮންނާނެކަމަށް އަޅުގަނޑު ދެކެން.

އާދެ، ދެންމެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އެވިދާޅުވިފަދައިން، ޤާނޫނުއަސާސީއަށް ގެންނަން އަޅުގަނޑަށް ފެންނަ ޚިޔާލުތަކާއި އިޞްލާޙުތަކާއި، އެ އިޞްލާޙުތައް ގެނައުމަށް އަޅުގަނޑަށް ފެންނަ ސަބަބުތައް ބަޔާންކުރާ ލިޔުމެއް، އަޅުގަނޑު ތައްޔާރުކޮށް، މިއަދު ވާނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ އަތްޕުޅަށް އަރުވާފައި. އަދި އެ ލިޔުން ވާނީ ރަސްމީގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް މިއަދު ފޮނުވާފައި.

އެ ލިޔުން ބިނާވެފައި އޮންނާނީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުގެރޭ އަޅުގަނޑު ރައްޔިތުންނާ ހިއްސާކޮށްލި މައިގަނޑު ޚިޔާލުތަކުގެ މައްޗަށް. އޭގައި ހުރި ކަންތައްތައް ހުންނާނެ. އަދި އޭގެ އިތުރުންވެސް ކަންތައްތަކެއް ހުންނާނެ. ހަނދާންވާގޮތުގައި، ޤާނޫނުއަސާސީއަށް ގެންނަން އަޅުގަނޑަށް ފެންނަ ގާތްގަނޑަކަށް 36 އިޞްލާޙު، އެ ލިޔުމުގައި ވާނެ. ދެން މި އިޞްލާޙުތައް އަދި ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފައެއް ނޯންނާނެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކުރިޔަށްއޮތް ދެ ދުވަހެއްގެ ތެރޭގައި، ހުރިހާ މެންބަރުންނަށް، އެ އިޞްލާޙުތައް ލިބިވަޑައިގަންނަވާނެ. އެ މިހާރު ގެންދަނީ ޗާޕުކުރަމުން.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ކުރިޔަށް މިއޮތް ދައުރަކީ، ވަރަށް މުހިންމު ދައުރަކަށްވާނެޔޭ. ތިޔަބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައިސިއްޔަތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން ކަމަށްވާތީ، މި އިޞްލާޙީ ބަދަލުތައް ގެނައުމުގައި އަދާކުރައްވަންޖެހޭ، ވަރަށް މުހިންމު ބައެއް ތިޔަބޭފުޅުންނަށް އޮންނާނެޔޭ.

ހަމައެޔާއެކީގައި، ދެންމެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އެ ވިދާޅުވިފަދައިން، ރައްޔިތުންގެ މަޖިލީހަށް މި އަހަރު ސަރުކާރުން ހުށަހަޅާ، ވަރަށް ގިނަ ބިލުތަކެއް އެބަހުރި. އާދެ، އޭނާ ވިދާޅުވީ، ތިޔަބޭފުޅުންގެ މަސައްކަތްޕުޅު ބުރަވާނެތީ، އެކަމާ ފަހަރެއްގައި ބައެއް ބޭފުޅުން އެއްޗެއް ހިތްޕުޅަށްއަރާފަނެކަމަށް ދެކެވަޑައިގަންނަވާ ވާހަކަ. އަޅުގަނޑު ދަންނަވަން އޮތީ، އޭގެ އަނެއްކޮޅު. އަޅުގަނޑުހިތުން އެއީ ތިޔަބޭފުޅުން އުފާފުޅުކުރައްވާނެ ކަމެއް. މިހާ ބޮޑެތި މަސައްކަތްތަކެއް ތިޔަބޭފުޅުންނާ ހަވާލުވާކަން. އަދި ކުރިޔަށްއޮތްތާނގައި ތިޔަބޭފުޅުންނާ
މި ހަވާލުކުރެވެނީ، ވަރަށް މުހިންމު ބިލުތަކެއް. އެއީ ޤައުމުގެ ތަރައްޤީއާއި ހަމަޖެހުމާއި އަދި އަޅުގަނޑުމެން ވާސިލުވާން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް. އެހެންވީމާ، އެ ކަންތައްތައް އެ ގޮތުގެމަތިން ކުރިޔަށް ގެންގޮސްދެއްވުމުގައި އެއީ ކިތަންމެ ބުރަކޮށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް، އަޅުގަނޑުހިތުން އެއީ މަޖިލީހުގެ ހުރިހާ މެންބަރުންވެސް ހަމަ މަރުޙަބާ ވިދާޅުވާނެ މަސައްކަތްޕުޅެއް.

އާދެ، މި ދެންނެވި ކަންތައްތަކުގެ ތެރޭގައި ނުވަތަ އޭގެ އިތުރުން މިހާރުވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިޞްލާޙާބެހޭ ބައެއް ބިލު އެބަހުރި. އޭގެތެރެއިން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާބެހޭ ބިލެއްވެސް ވާނީ މަޖިލީހަށް ފޮނުވާފައި. ހަމައެޔާއެކީގައި، ވަޒީރުންނާ ސުވާލުކުރުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނާ ސުވާލުކުރުމާބެހޭ ބިލެއްވެސް ވާނީ މަޖިލީހަށް ފޮނުވާފައި. މި ބިލުތައްވެސް މިއީ މަޖިލީހުން ގޮތެއް ނިންމަވައިދެއްވަން ބޭނުންވާ ކަންތައްތަކެއް. އޭރުން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ އިތުރުން، ރާއްޖޭގެ ސިޔާސީ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި އަދި ސަރުކާރުން ކުރާ ކަންތައްތަކުގެ ހާމަކަމާއި، ސަރުކާރު ޒިންމާދާރުވާ ޒިންމާދާރުވުމާ، މިކަންކަން އާންމު ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ފާޅުކޮށް އެނގޭނެގޮތަކަށް ކަންތައްތައް ހަމަޖެހިގެންދާނީ، މި ދެންނެވިކަހަލަ ޤާނޫނުތަކެއް ހެދިގެން ކަމަށްވާތީ، އެ ޤާނޫނުތައް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ.

އެހެންވީމާ، އެއީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވާ މަސައްކަތްތަކުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑުހިތުން ހަމަ އުފަލާއެކު ކޮށްދެއްވާނެ މަސައްކަތްޕުޅެއް. މި ފޮނުވި ބިލުތަކާ ދޭތެރޭގައި މަޖިލީހުން ވިސްނަވާފައި، މަޖިލީހަށް ފެނިވަޑައިގަންނަވާ އިޞްލާޙުތަކެއް އެއަށް ގެންނަވަން ބޭނުންފުޅިއްޔާ ގެންނަވާފައި، އެ ބިލުތަކާ ދޭތެރޭގައި ގޮތްތަކެއް ނިންމަވައިދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް. އޭރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ކުރިމިއަރަމުންދާ ބާރުމިނަށް އިތުރު ހަލުވިކަމެއް އަންނާނެ. އަދި ރާއްޖެއަށް އިތުރު ހަމަޖެހުމާއި، ތަރައްޤީގެ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކޮށްދެވޭނެ.

އާދެ، މިރޭގެ މި ބައްދަލުވުމަކީ، މާ ދިގުކޮށް ވާހަކަދައްކާގޮތަށް އޮތް ބައްދަލުވުމެއްނޫން. އެހެންކަމާއެކު، މި ވާހަކަތައް ދަންނަވާލާފައި، އަޅުގަނޑު މި ހުރިތަނުން އެއްފަރާތަކަށް ޖެހިލާނަން.

އަޅުގަނޑު އެދެނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަކުރައްވާ މެންބަރުންނަށާއި އަދި އަލަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް މާތްﷲ ހެޔޮގޮތްތައް މިންވަރު ކޮށްދެއްވުން. ތިޔަބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން. ހަމަ އެހެންމެ، ތިޔަބޭފުޅުން ތިޔަ ކުރައްވާ ޤައުމީ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، ތިޔަ ބޭފުޅުންނަށް އަބަދުވެސް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެކަލާނގެ މިންވަރުކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.