بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މިއަދު އަޅުގަނޑަށް މިލަންދުއަށް މި އާދެވުނީ، އަދި ފުރަތަމަފަހަރަށް. އެހެންނަމަވެސް، މިލަންދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބިގެން މިދިޔައީ، ވަރަށް ހޫނު ތަރުޙީބެއް. އެހެންކަމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙައްމަދު މާހިރަށާއި އަދި އަތޮޅުއޮފީހުގެ އިސްވެރިންނަށާއި، މާކަނޑޫދޫ، މިލަންދޫ މި ދެ ރަށުގެ ވެރިންނާއި ރައްޔިތުންނަށް، އާދެ، ރައްޔިތުންގެ ތެރެއިން އަންހެން، ފިރިހެން ކުދިބޮޑު އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަ ފަށަމުން ދަންނަވާލަން ބޭނުންވަނީ، ދެންމެ ޢިއްޒަތްތެރި އަތޮޅުވެރިޔާގެ ވާހަކަފުޅު އަޅުގަނޑު އަހަންހުރިއިރު، މާގިނައިން މާކަނޑޫދޫ މިލަންދޫ މިހެން ވިދާޅުވާ އަޑުއިވުނު. ދެން ތަންކޮޅެއް އުނދަގޫގޮތެއްކަންނޭނގެ ދޮގެއްތޯ؟ އެހެންވީމާ، ކޮންމެވެސް އެއްނަމެއް ކިޔަމާތޯއޭ، އަޅުގަނޑު ހިތަށްއަރަނީ. މިރަށަކީ މިލަންދޫ. އެހެންވީމާ، މިރަށުގެ ރައްޔިތުންނަކީ، މިލަންދޫ ރައްޔިތުން މިހާރު. އަދި މިރަށަކީ ނުވަތަ މިރަށުގައި ހުންނަ އޮފީހުގެ ބަޔަކީ އެއީ މާކަނޑޫދޫ އޮފީހުގެ ސެކްޝަނެއްގެ ގޮތުގައި މިހާތަނަށް މިއޮތީ. އެކަމަކު އަޅުގަނޑުހިތުން މިހާރު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ހަމަޖައްސަވައިފި، މި ރަށުގެ އޮފީހަކީ ހަމަ "މިލަންދޫ އޮފީސް" އެނަމުގައި ހިނގަމުންދާ ތަނެއްގެ ގޮތުގައި. އެހެންވީމާ، ދެން މިރަށަކީ، މިލަންދުއަކީ ރާއްޖޭގެ އާބާދީއެއް އުޅޭ ހަމަ ވަކި ރަށެއް.

އާދެ، މިލަންދޫގައި މިހާތަނަށް ދިރިއުޅުއްވަމުން ގެންދަވާފައި މިވަނީ މާކަނޑޫދޫ ރައްޔިތުން. އެކަން އެހެންއޮތްނަމަވެސް، މިއީ ދެން ވަކި ރަށެއް. ދެން މުސްތަޤްބަލުގައި މާކަނޑޫދޫ އެންމެން އިރާދަކުރެއްވިއްޔާ މިރަށަށް ބަދަލުވާނެ. މިކަމަކީ ވަރަށް ކުރިއްސުރެ މާކަނޑޫދޫ ރައްޔިތުން އެދެމުން އަންނަ ކަމެއް. އެއީ މާކަނޑޫދުއަކީ، ދިރިއުޅެން ފަސޭހަނޫން ރަށަކަށްވެފައި، ވަރަށް ބޮޑެތި ދަތިތަކެއް ހުރީމާ، ވަރަށް ކުރިއްސުރެ މާކަނޑޫދޫ ރައްޔިތުން ބޭނުންވެގެންއުޅެނީ، ކޮންމެވެސް އެހެން ރަށަކަށް ބަދަލުވާން. މާކަނޑޫދޫ ރައްޔިތުންގެ ވަފުދެއް ވަޑައިގެން، އަޅުގަނޑާވެސް ބައްދަލުކުރެއްވި. ބައްދަލުކުރައްވާފައި، މިވާހަކަ ދެއްކެވި.

އެހެންވީމާ، އެ ގޮތުގެމަތިން މާކަނޑޫދޫ ރައްޔިތުންގެ އެންމެބޮޑު އެދުމަކީ، މާކަނޑޫދުއަށްވުރެ ދިރިއުޅެން ފަސޭހަ އަދި މުސްތަޤްބަލެއް އޮތް ރަށަކަށް ބަދަލުވުން ކަމަށްވާތީ، ސަރުކާރުން އެގޮތަށް ނިންމައި، މާކަނޑޫދޫ ރައްޔިތުން މިހާރު މިލަންދުއަށް ބަދަލުކުރަމުން މިގެންދަނީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު 137 ގެ އިމާރާތްކޮށް ނިމި، މީހުން އުޅެމުން އެބަދޭ. އަދި މާކަނޑޫދޫ ރައްޔިތުންގެ އާބާދީއަކީ، ގާތްގަނޑަކަށް އެއްހާސް ނުވަސަތޭކަ ކޮންމެވެސްވަރެއް. އޭގެތެރެއިން ފަނަރަސަތޭކައެއްހާ މީހުން މިހާރު މިއުޅެނީ މިލަންދޫގައި ކަމަށް އަޅުގަނޑަށް މިރަށުގެ ވެރިންގެ ފަރާތްޕުޅުން މަޢުލޫމާތު ލިބިފައި މިވަނީ. ދެންތިބި މީހުންވެސް އިރާދަކުރެއްވިއްޔާ، ދެންހުރި ގެތައް ނިމޭހާއިރަށް އަންނާނެ. އެހެންވީމާ، މުސްތަޤުބަލުގައި މިރަށަކީ، ހަމަ މާކަނޑޫދޫ އެންމެން ދިރިއުޅޭ ރަށަކަށް ވެގެންދާނެ.

އާދެ، މިއަދު އަޅުގަނޑު މިރަށަށް މިއައީ، ކޮންމެހެން 26 ޑިސެންބަރު 2004ގައި އަޅުގަނޑުމެންނަށް ކުރިމަތިވި "ސުނާމީ" ކާރިސާގެ ސަބަބުން ގެއްލުން ލިބުނު ރަށްރަށަށް ކުރާ ޒިޔާރަތެއްގައޭ ދެންނެވޭކަށް ނެތް. އެއީ މާތްﷲގެ ހެޔޮރަޙްމަތްފުޅުން މިރަށަށް ވަނީ، އެއްވެސް ގެއްލުމެއް ނުލިބި. މި ރަށުގެ ރައްޔިތުންގެ ތެރެއިން އެކަކަށްވެސް ގެއްލުމެއް ނުލިބޭ. ގެދޮރަކަށް ގެއްލުމެއް ނުލިބޭ. ފާލަމުން ދެން ކުޑަތަންކޮޅެއް ހަލާކުވިވާހަކަ އިވިފައި އޮތީ. އެހެންނަމަވެސް، ޖުމުލަކޮށް ދަންނަވަންޏާ، މިރަށަކީ ވަރަށް ނަސީބު ރަނގަޅު ރަށެކޭ ދަންނަވަންޖެހެނީ. މިރަށުގެ ރައްޔިތުންނަށް މާތްﷲގެ ރަޙްމަތްފުޅު ކިތަންމެހާވެސް ބޮޑު. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން މާތްﷲ އަށް ޙަމްދާއި ޝުކުރު ދަންނަވަންޖެހޭނެ.

އެހެންނަމަވެސް، ރާއްޖޭގައި އެބަހުރި، ވަރަށް ބަދުނަސީބު ރަށްރަށް. އާދެ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އެއައި ކާރިސާގައި އާދެ، އަޅުގަނޑުމެން މިހާތަނަށް ކިޔަމުން މިއަންނަނީ، ބޮޑުރާޅު އެރުމުގެ ހާދިސާއޭ. އެކަމަކު ވިސްނާލާއިރު، ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި، އެއެއްނޫންކަންނޭނގެ އެއަށް މުނާސިބު ނަމަކީ. ބޮޑުބާނިކަންނޭނގެ. އެއީ ބާންޏެއްގެ ގޮތުގައި އައިކަމަށް ގިނަބޭފުޅުން ވިދާޅުވަނީ. ރާޅެއްގެ ސިފަޔަކުނޫނޭ އައީކީ. ދެން ކޮންމެގޮތެއްގައިވެސް މިކަމެއް މިއައީ އެދުވަހުގެ ވަރަށް ހެނދުނާ، އިންޑޮނޭޝިޔާގެ ކައިރިއަށް އައި ބިންހެލުމެއްގެ ސަބަބުން. ކަނޑުގެ އަޑިއަށް އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު ވަރަށްބޮޑު ރާޅެއް ނުވަތަ ބާންޏެއް. މުޅި ސަރަޙައްދުގެ ހުރިހާ ޤައުމުތަކަށް އޭގެ އަސަރު ފޯރައި، ވަރަށް ގިނަ ގެއްލުންތަކެއް ވަނީ އޭގެ ސަބަބުން ލިބިފައި. ރާއްޖޭގެ ރައްޔިތުންގެ ތެރެއިންވެސް އަޅުގަނޑުމެންގެ ވަރަށް ލޮބުވެތި އަޚުންތަކަކާއި އުޚުތުންތަކެއް ވަނީ އެދުވަހު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. އަދި ވަރަށްގިނަ ބަޔަކަށް އެނޫން ގެއްލުންތައްވެސް ވަނީ ލިބިފައި. ރާއްޖޭގެ ބައެއް ރަށްރަށް މުޅިން ހަލާކުވެދިޔައީ. ޝައްކެއްނެތް، އެއީ އަޅުގަނޑުމެންނަށް ދިމާވި، ވަރަށް ބިރުވެރި އަދި ވަރަށް ގެއްލުންބޮޑު ޤުދްރަތީ ކާރިސާއެއް.

އެހެންވީމާ، އަޅުގަނޑުމެން މިކަހަލަ ކަންތައްތައް މެދުވެރިވަމުންދާއިރު، އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ޢަޒުމަކަށްވާންވާނީ، މާތްﷲގެ މިންވަރުފުޅުގައިވާ ކޮންމެ ކަމަކަށް އަޅުގަނޑުމެން ރުހިޤަބޫލުވުން. އެކަމަކީ އަޅުގަނޑުމެން އުފާކުރާ، ހިތްހަމަޖެހޭ ކަމެއްކަމުގައިވިޔަސް ނުވަތަ އަޅުގަނޑުމެންނަށް ހިތާމަލިބިދޭ ކަމެއްކަމުގައިވިޔަސް، މުއުމިނުންގެ ގޮތަކީ، މާތްﷲ އަށް އީމާންވެ ތިބުން. ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ހިތްނޭދޭކަހަލަ ކަމެއް ދިމާވެއްޖެނަމަ، އެކަމަށް ކެތްކުރުން. އަދި އީމާންކަންމަތީ ތިބެގެން، މާތްﷲ އަށް ބިރުވެތިވެ ތިބެގެން، އަޅުގަނޑުމެން އެއަށްވުރެ ރަނގަޅު ހާލަތަކަށް ދެވޭތޯ ގަދައަޅައި މަސައްކަތްކުރުން. އެއީ އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވީ ކަމަކީ.

އެހެންވީމާ، އެގޮތުގެމަތިން ދިވެހިރައްޔިތުން މަސައްކަތް ކުރައްވަމުން އެގެންދަވަނީ. ގެއްލުން ލިބުނު ރަށްރަށުގެ ރައްޔިތުންނާއި އަދި ކައިރި ރަށްރަށުގެ މީހުންނާއި، އެހެން އަތޮޅުތަކުގެ މީހުންވެސް އެދުވަހު ދައްކައިދިނީ، ވަރަށް ރީތި އެކުވެރިކަމުގެ މިސާލެއް. ޤައުމުގެ އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރީ، އެންމެން އެންމެންނަށް އެހީވުމަށް. އަޅުގަނޑުހިތުން އެއީ މުޅި ދުނިޔެއަށް ދިވެހިރައްޔިތުން ދައްކަވައިދެއްވި، ވަރަށް ރީތި، ވަރަށް ހަރުދަނާ މިސާލެއް.

އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެން ދިވެހިރައްޔިތުންނަކީ މިފަދަ ވަރުގަދަ އެކުވެރިކަމަކާއި އެއްބައިވަންތަކަމެއް އޮތް ބަޔަކަށްވާތީ، ކުރިއަށްއޮތްތާނގައިވެސް އަޅުގަނޑުމެން އަތުގުޅާލައިގެން، އެންމެން އެކުވެރިކަމާއި އެއްބާރުލުމާއެކުގައި މަސައްކަތްކޮށްފިނަމަ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މާތްﷲ ހެޔޮގޮތްތައް އަބަދުވެސް މިންވަރު ކުރައްވާނެ. އެއީ އަޅުގަނޑުމެން އެދުވަހުގެ ހާދިސާއިންވެސް ދަސްކުރަންވީ ފިލާވަޅަކީ.

އާދެ، ކޮންމެއަކަސް އަޅުގަނޑު މިއައީކީ އެކަމާ ބެހޭގޮތުން މާ ދިގުވާހަކައެއް ދައްކާކަށެއްނޫން. އަޅުގަނޑުގެ އުފަލަކީ، މިލަންދުއަށް އައިސް، މިލަންދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުން. އަދި މިއަދުން ފެށިގެން މިރަށަކީ ހަމަ ވަކި ރަށެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމާއެކު، މިލަންދޫގެ ރައްޔިތުންނަށް އެކަމުގެ ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى ސަލާމަތްކަން އަބަދުވެސް މިންވަރު ކުރެއްވުން. ދިވެހިރައްޔިތުންނަށް ކުރިއެރުމުގެ އަދި ތަރައްޤީގެ މަގުތައް ފަހިކޮށްދެއްވުން. ސަރުކާރާއި ރައްޔިތުންނާއި އަދި އަމިއްލަ ފަރުދުން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އަޅުގަނޑުމެން ބޭނުންވާ މަޤްޞަދުތަކާ ހަމައަށް ވާޞިލުވުމުގެ ހެޔޮތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން.

އާދެ، އަދިވެސް އެއްފަހަރު، މިލަންދޫގެ ވެރިންނަށާއި ރައްޔިތުންނަށް އަދި މިއަތޮޅުގެ އަތޮޅުވެރިޔާއަށާއި، އެހެން ވެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، އަޅުގަނޑު މި ފިޔަވަޅުމަތިން ވަކިވެލާނަން.

والسّلام عليكم ورحمـة اللّـه وبركاته.