بســم اللّـه الرّحمـن الرّحيــم

މިއަދު ހަވީރު، އަޅުގަނޑު ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް ފުނަދުއަށް އައުމުން، ތިޔަބޭފުޅުން ތިޔަވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، އަޅުގަނޑުގެ މި ޝުކުރުގައި، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިން އަލްފާޟިލް މުޙަންމަދު މާހިރާއި އަދި އަތޮޅުއޮފީހުގެ އިސްވެރިންނާއި، މުވައްޒަފުންނާއި އަދި ފުނަދޫގެ ލޮބުވެތި ރައްޔިތުން ހިމަނަން.

އާދެ، މިހާރު ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ ތެރޭގައި ތިން ރަށެއްގެ މީހުން އެބަ ހިމެނޭ. އެއީ އަސްލު ފުނަދޫ މީހުންނާއި، މާކަނޑޫދޫ މީހުންނާއި އަދި ފިރުނބައިދޫ މީހުންނާ. ފިރުނބައިދޫގެ އެންމެންހެން މިތިބީ މިހާރު ފުނަދުއަށް އައިސް މި ރަށުގައި ވަޒަންވެރިވެފައި.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިއުޅެންދަތި، ވަރަށް ކުދިކުދި ބައެއް ޖަޒީރާ އެބަހުރި. އެ ރަށްރަށުގެ ރައްޔިތުން ބޭނުންވަނީ، އެއަށްވުރެ ދިރިއުޅެން ފަސޭހަ އަދި އިތުރު ފުރުޞަތުތައް އޮންނަ ރަށްރަށަށް ބަދަލުވާން. އެގޮތުގެމަތިން ފިރުނބައިދޫގެ ރައްޔިތުންވެސް މިވަނީ މިހާރު ފުނަދުއަށް ބަދަލުވެފައި. އަދި މާކަނޑޫދޫގެ ބައެއް މީހުންވެސް މިރަށަށް ބަދަލުވެފައި މިވަނީ. އަދި މާކަނޑޫދޫގެ ވަރަށްގިނަ މީހުން މިއަތޮޅުގެ މިލަންދުއަށް މިހާރު ވަނީ ބަދަލުވެފައި. ދެންތިބި މީހުންވެސް، މިހާރު އިމާރާތްކުރެވެމުންދާ ގެތައް ނިމުމުން، މިލަންދުއަށް ބަދަލުވާނެ. އާދެ، މިއީ އަޅުގަނޑުމެން މުސްތަޤްބަލަށް ވިސްނާއިރު، ވަރަށް މުހިންމުކަމެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ ތިމާވެށްޓަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދޭ. އޭގެ ސަބަބުން އަޅުގަނޑުމެންކަހަލަ ފަސްގަނޑުތިރި ޤައުމުތަކަށް ކުރިމަތިވެދާނެ ނުރައްކާތައް ވަރަށްބޮޑު. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް މި ކުރަންޖެހެނީ، މުސްތަޤްބަލަށް ވިސްނައިގެން، ތިމާވެށީގެ ގޮތުންވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދެވޭތޯ. ރާއްޖޭގެ ރައްޔިތުންނަށް ޤުދްރަތީ އެކިއެކި ނުރައްކާތަކުން ސަލާމަތްވެތިބެގެން، އެބައިމީހުންގެ ދިރިއުޅުން ކުރިއަށްގެންދެވޭނެ ގޮތްތަކެއް ހޯދައިދެވޭތޯ.

އާދެ، ދެންމެ އަތޮޅުވެރިން އެ އިޝާރަތްކުރެއްވި ހާދިސާ، މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށާއި، މި ސަރަޙައްދުގެ އެހެން ވަރަށްގިނަ ޤައުމުތަކަށް މިއައި ބޮޑު ބާނި، އެ ހާދިސާއަކީ، ޝައްކެއްނެތްގޮތުގައި ވަރަށްބޮޑު ޤުދްރަތީ ކާރިސާއެއް. އަޅުގަނޑުމެންގެ ރާއްޖެއަށް މިއިންޒަމާނަކު ކުރިމަތިނުވާފަދަ ވަރަށްބޮޑު ކާރިސާއެއް. އޭގެ ގެއްލުންތައް ވަރަށް ބޮޑެތި. އަޅުގަނޑުމެންގެ ތެރެއިން ސަތޭކަ އެތައް މީހަކު ވަނީ ގެއްލިފައި. އާދެ، 108 މީހުން. އޭގެތެރެއިން އެއްބައިމީހުންގެ ހަށިތައް ފެނި، އެބައިމީހުންގެ ޖަނާޒާގެ ކަންތައްތައް ވަނީ ފުރިހަމަކުރެވިފައި. އަނެއްބައިމީހުންގެ ހަށިތައް ވަނީ ނުފެނި. އެހެންނަމަވެސް، އެމީހުން ދެން ފެންނާނެކަމުގެ އުންމީދު ވަރަށްކުޑަ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިކާރިސާގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައޭ. އެގެއްލުންތައް ފޫބައްދައި، އަޅުގަނޑުމެންގެ ދިރިއުޅުން އަލުން ބިނާކުރުމަށް މިހާރު މިވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައޭ. އެމަސައްކަތްތައް ދިވެހިރައްޔިތުން މިހާރު އެގެންދަވަނީ ކުރައްވަމުން.

އާދެ، މިކާރިސާގެ އަސަރުނުފޯރާ ރާއްޖޭގެ ވަރަށްމަދު ރަށެއްނޫނީ ނެތް. ފުނަދުއަށްވެސް އޭގެ އަސަރު ކޮންމެވެސްވަރަކަށް ފޯރި. އެހެންނަމަވެސް، މާތް ﷲގެ ހެޔޮރަޙްމަތްފުޅުން މިރަށުގެ މީހަކަށް ނުވަތަ ގެދޮރަކަށް ގެއްލުމެއް ނުލިބޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ހަމްދާއި ޝުކުރު ކުރަންވާނެ.

ހަމައެޔާއެކުގައި، އަޅުގަނޑުމެންގެ ރާއްޖެއިން ގެއްލުން ލިބުނު ފަރާތްތަކަށް އަޅުގަނޑުމެން އިޚްލާޞްތެރި ހަމްދަރުދީވެ އަދި އެފަރާތްތަކަށް އަޅުގަނޑުމެންނަށް ވެވެންއޮތް ހުރިހާ އެހީއެއްވެސް ވާންޖެހޭނެ. އެގޮތުން ދަންނަވާލަންޖެހެނީ، މިއަތޮޅުގެ ރައްޔިތުންވެސް އަދި މިރަށުގެ ރައްޔިތުންވެސް، އެ ގެއްލުން ލިބުނު ރަށްތަކަށް ވަރަށް ބޮޑެތި އެހީތައް ވަނީ ވެދެއްވާފައޭ. ވަރަށް އެކުވެރިކަމާއި އެއްބާރުލުމުގެ މަތިވެރި ރޫޙެއްގައި ވަނީ މަސައްކަތް ކޮށްދެއްވާފައޭ. އެއީ، އަޅުގަނޑު ވަރަށް އުފަލާއެކު، މިރަށުގެ ރައްޔިތުންނަށާއި، މިއަތޮޅުގެ ރައްޔިތުންނަށް އަދި ރާއްޖޭގެ މިނޫން ހުރިހާ އަތޮޅެއްގެ ރައްޔިތުންނަށްވެސް، ހުރިހާ ރަށްރަށެއްގެ ރައްޔިތުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމެއް.

އާދެ، އަޅުގަނޑުމެންގެ ޤައުމަކީ، ވަރަށް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންގެ އާބާދީވެސް، ދުނިޔޭގެ އެހެންތަންތަނާ އަޅައިބަލާއިރު، ވަރަށްމަދު. ކުރިއަށްދިއުމުގެ ވަސީލަތްތައްވެސް މަދު. އެހެންނަމަވެސް، މާތްﷲގެ ހެޔޮރަޙްމަތްފުޅުން، އަޅުގަނޑުމެންނަށް ވަރަށް މަތިވެރި ނިޢުމަތްތަކެއް ލިބިފައި އެބަވޭ. އޭގެތެރެއިން އެންމެ މުހިންމު ނިޢުމަތަކީ، މާތް ﷲގެ ހިދާޔަތު އަޅުގަނޑުމެންނަށް ލިބިފައިވާކަން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމުގައިވާކަން.

އިސްލާމްދީނަކީ، ރަޙްމަތުގެ ދީން. އިސްލާމްދީނަކީ ހެޔޮކަމުގެ ދީން. ތަޤްވާވެރިކަމުގެ ދީން. ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ ދީން. މިފަދަ މަތިވެރި ދީނެއްގެ ހިދާޔަތު އަޅުގަނޑުމެންނަށް ލިބިފައިވާކަމީ، ޝައްކެއްނެތްގޮތުގައި، މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެބޮޑު ނިޢުމަތް.

އޭގެއިތުރުން، އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ނިޢުމަތްތައް ގިނަގުނަ. އޭގެތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް އެކުވެރިކަމާއި، އެއްބަނޑުއެއްބަފާކަމާއި، ހަމަޖެހުން އެއީ ދުނިޔޭގެ ކުރިމަތީގައި އަޅުގަނޑުމެންނަށް ވަރަށް ރީތި ނަމެއް ލިބެމުންދާކަމެއް. އެހެން ޤައުމުތަކުގައި ހިނގަމުންދާކަހަލަ ހަމަނުޖެހުމާއި، އެކިއެކި ތަފާތު ބާވަތްތަކުގެ އުނދަގޫ މައްސަލަތައް ރާއްޖެއަކު އިރާދަކުރެއްވިއްޔަކާ ނެތް. އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކަށްވާންވީ، އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު އަދި ރައްޔިތުންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކުރެވޭތޯ މަސައްކަތްކުރަމުން ގެންދިޔުން.

އަޅުގަނޑުމެންގެ ކުރިއެރުން ބިނާވެފައި މިވަނީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހަމަޖެހުމުގެ މައްޗަށް. މިގޮތުން، މިރަށުގައި ދިރިއުޅުއްވާ ރައްޔިތުން އާދެ، އެއީ އަސްލުގައި ތަފާތު އެހެން ރަށްރަށުން މިރަށަށް ވަޑައިގެންނެވި ރައްޔިތުންކަމަށްވިޔަސް، އެންމެންގެ މެދުގައިވެސް އޮތީ ވަރަށްބޮޑު އެކުވެރިކަމެއްކަމަށް އަޅުގަނޑަށް އެނގޭ. ވަރަށްބޮޑު އެއްބާރުލުމެއް އެންމެންގެ ތެރޭގައި އޮތީ. އެއްވެސްކަހަލަ ބައިބައިވުމެއް، މައްސަލަތަކެއް ނެތް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އެކަމަށްޓަކައި މިރަށުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު އުތުރަށް މިކުރާ ދަތުރުގައި ފުނަދުއަށް އައުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެކުރިންވެސް އަޅުގަނޑު ވަނީ މިރަށަށް ޒިޔާރަތްކޮށްފައި. އެހެންނަމަވެސް، މިއަދު މިރަށަށް އައިސް، މިރަށުގެ ރައްޔިތުންގެ ފަރާތުން މިފެނުނު އުފާވެރި މޫނުތަކަށާއި އަދި ތިޔަބޭފުޅުން ތިޔަވިދާޅުވި ހޫނު ތަރުޙީބަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކުރެއްވުން. އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާނެ ގޮތްތައް އެކަލާނގެ މިންވަރުކުރައްވައި، އެކަލާނގެ ތައުފީޤާއި ބަރަކާތް އަޅުގަނޑުމެންނާ އެކީގައިވުން.

އާދެ، އަޅުގަނޑުގެ މި އިޚްލާޞްތެރި ދުޢާއަށްފަހުގައި އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّلام عليكم ورحمـة اللّـه وبركاته.