بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين، والصّـلاة والسّـلام على أشرف المرسلين، سيّدنا محـمّد، وَعلـى آلـه وأصحابـه أجمـعـين.

އާދެ، އެންމެ ފުރަތަމަވެސް ޕްރޮގްރާމްގައި ނެތް ނަންބަރެއް އަޅުގަނޑު އަމިއްލައަށް ލިބިގަތްކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން މަޢާފަށް އެދެން. އާދެ، މިއަދުގެ މިބައްދަލުވުމުގައި އަޅުގަނޑު އެއްޗެއް ބުނާގޮތަކަށް ހަމަޖެހިފައެއްނެތް. އެހެންނަމަވެސް، މިތަނަށް އައިސް އަޅުގަނޑު އިންއިނުމުގައި، މިލިބުނު މަޢުލޫމާތުތަކުން އަޅުގަނޑު ހިތަށްއެރީ ހަމަ ދެތިން އެއްޗެއް ދަންނަވާލުން ބޭނުމޭ. އެހެންވެގެން ތިޔަބޭފުޅުންގެ އިޒްނަފުޅާއެކީގައި އަޅުގަނޑު މިތަނަށް އައިސް މިހުއްޓުނީ.

އާދެ، އެންމެ ފުރަތަމަވެސް ރާއްޖޭގެ ޒުވާނުންގެ އަޑުން ޒުވާނުންގެ ޙާލަތު ދެނެގަތުމަށްޓަކައި މިފަދަ މުހިންމު ސާރވޭއެއް ކޮށްދެއްވިކަމަށްޓަކައި އެކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ. ޚާއްޞަކޮށް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، އަދި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް، ސަރުކާރުގެ ފަރާތްތަކެއް. އަދި އޭގެއިތުރުން، ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، ޔޫ.އެން.އެފް.ޕީ.އޭ، ޑަބްލިޔު.އެޗް.އޯ. ޔޫ.އެން.ގެ ޖަމުޢިއްޔާއިން އެކޮށްދެއްވި ކަންތައްތައް. މި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެއީ، ޙަޤީޤަތުގައި މި ސާރވޭގެ ނަތީޖާއިން އަޅުގަނޑުމެންނަށް ފައިދާކުރާނީ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް، ދިވެހި ޒުވާނުންނަށް، ދިވެހިރާއްޖޭގެ މުސްތަޤްބަލަށް. އެހެންވީމާ، އެކަމަށްޓަކައި މި ސާރވޭ ރާވައި، އިންތިޒާމުކުރެއްވި ފަރާތްތަކަށާއި، އަދި ސާރވޭގައި ހަރަކާތްތެރިވެވަޑައިގެންދެއްވި ހުރިހާ ޒުވާނުންނަށް، އަދި އެނޫން ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދެން އަޅުގަނޑު މިތަނަށް އައިއިރު، މި ސާރވޭއާބެހޭ މާބޮޑު މަޢުލޫމާތުތަކެއް އަޅުގަނޑަކަށް ލިބިފައެއްނެތް. އެހެންނަމަވެސް މިތާއިންއިރު ވަރަށް ގިނަ އަދަދުތަކެއް އިވިގެންދިޔަ. އަލްފާޟިލާ ޒިންދު ޞާލިޙު އަޅުގަނޑުމެންނަށް ކިޔައިދެއްވި ވަރަށްގިނަ ތަފާސް ހިސާބުތަކެއް. ދެން އޭގެމަތިން އަޅުގަނޑު ހަނދާނެއްނެތް. އެހެންނަމަވެސް އަޅުގަނޑުގެ ހިތަށްވަން ދެތިން ވާހަކައެއް ދަންނަވާލާނަން. އެއީ ތަފާސްހިސާބުތައް އަހަމުންދިޔައިރު، އަދި މި ސާރވޭގެ ނަތީޖާތައް އަޅުގަނޑުމެންނަށް އިވެމުންދިޔައިރު، އަޅުގަނޑު އުފާވި ވަރަށްގިނަ ކަންތައްތަކެއްވެސް އިވިގެންދިޔަ. ހަމައެއާއެކީގައި ހިތާމަކުރަންޖެހުނު ބައެއް ކަންތައްތައްވެސް އަޅުގަނޑަށް އިވިގެންދިޔަ.

އެންމެ ފުރަތަމަ ކަމަކަށް އުފާވިކަމަކީ، ދިވެހި ޒުވާނުންނަކީ މުޖުތަމަޢުގައި މަޤްބޫލު އަދި އެހެން މީހުން އެ މީހުންނަށް އިޙްތިރާމުކުރާ ބައެއްގެ ގޮތުގައި ގިނަ ޒުވާނުން ދެކޭކަން. ޝައްކެއްނެތް އެއީ ހަމަ ވަރަށް މުހިންމު ކަމެއް. އެއީ ވަރަށް އުފާކުރުން އެކަށީގެންވާ ކަމެއް. އަދި ޒުވާނުން އެކިއެކި ސުވާލުތަކަށް ޖަވާބު ދިނުމުގައި އަދި އެބަހުރި ޖަވާބުތަކަށް ބަލާއިރު، އަޅުގަނޑުމެންނަށް މި އިވޭހާ ގޯސްކޮށް، ހުރިހާ ކަންތައްތަކެއް ހުރި ކަމަކަށް ނުދައްކާ. އަޅުގަނޑުމެން މި ދިރިއުޅޭ އުޅުމުގައި، މީހަކާ ބައްދަލުކޮށްލައިފިއްޔާ އަބަދުވެސް ބުނާނީ ކޮންމެވެސް ކަމެއް ގޯސްކޮށްދާވާހަކަ. ސަރުކާރުންވެސް ގޯސްކޮށް ކަންތައްކުރަނީ. އަދި އެހެން ފަރާތްތަކުންވެސް ގޯސްކޮށް ކަންތައް ކުރަނީ. އަދި ޒުވާނުންނަކަށް އިޙްތިރާމެއް ނުލިބޭ. ޢާއިލާގައިވެސް ހުންނަނީ ގުޅުންތައް ކެނޑިފައި. ވަޒީފާއެއްވެސް ނުލިބޭ. ދެން މިހެންގޮސް ވަރަށް މާޔޫސްވާކަހަލަ ވާހަކަތަކެއް ގިނައިން އިވެނީ. އޭގައި ދެން ޙަޤީޤަތްތަކެއްވެސް ހުންނާނެ. އެހެންނަމަވެސް، މިއަދު މި ނަތީޖާ ދެއްކިގޮތުން ހުރިހާ ޒުވާނުންނަކީ އެހާ މާޔޫސްވެފައިވާ ބައެއްނޫން. ޙަޤީޤަތުގައި ގިނަ ޒުވާނުން ދެކެނީ އެމީހުންނަކީ މުޖުތަމަޢު އިޙްތިރާމުކުރާ ބައެއްގެ ގޮތުގައި އެމީހުންނަށް ފާހަގަވާކަމަށް. އެއީ އަޅުގަނޑު އުފާކުރި އެއް ކަންތައް.

އަނެއްކަމަކީ، ވަރަށް ގިނަ ޒުވާނުން ބުނެފައި އެބަހުރި، ތިމަންނާމެން ބޭނުމޭ، މަތީ ތަޢުލީމު ހާސިލުކުރަން. އެއީ ހަމަ ދެވުނު އެންމެ މައްޗަކަށްދާން. އަދި ބައެއް ޒުވާނުން އެބަބުނޭ، ހަމަ ޕީ.އެޗް.ޑީ.އާ ހަމައަށް، ނުވަތަ މާސްޓަރސް ޑިގްރީއާ ހަމައަށް ދާން ބޭނުމޭ. އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް ރަނގަޅު ކަމެއް. އެކަމާ އަޅުގަނޑު ވަރަށް އުފާވި. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ހުރިހާވެސް ތަރައްޤީއެއްގެ އަސާސަކަށްވާނީ ހަމަ ތަޢުލީމު. އަޅުގަނޑުމެންނަށް ތަންދޮރުފިލިވަރަކަށް، އަޅުގަނޑުމެންނަށް ކަންތައްތައް އެނގުނު މިންވަރަކަށް، އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ. އެހެންވީމާ، މިއީ، އަޅުގަނޑުމެންގެ އަސާސްކަމުގައި ހުރިހާ ޒުވާނުން ގަބޫލުކުރާތީ، އެކަމާ އަޅުގަނޑު ވަރަށް އުފާކުރާ ވާހަކަ ދަންނަވާލަން.

އަދި އިއްޔެގެ ބައްދަލުވުމުގައިވެސް ބައެއް ބޭފުޅުން ވިދާޅުވި ވިދާޅުވުމުގައި ނުވަތަ ބައްދަލުވުމުގައި ނިމުނު ކަމެއްގެ ގޮތުގައި މި ވިދާޅުވަނީ، ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މިހާރު މިތިބަ ޓީޗަރުންނަށްވުރެ މޮޅު ޓީޗަރުން ހޯދުމާއި، ސިލަބަސްތައްވެސް މި ޒަމާނާ އެއްގޮތަށް ބަދަލުކުރުމާއި، މިކަހަލަ ތަރައްޤީގެ ކަންތައްތަކެއް. އެއީ އަޅުގަނޑުހިތުން ވަރަށް ރަނގަޅު ޚިޔާލުތަކެއް.

ދެން އަޅުގަނޑު އުފާވި އަނެއްކަމަކީ ޢާއިލާއާ ދޭތެރޭގައި ޒުވާނުން ދެކޭގޮތް ރަނގަޅުކަން. މިއިން ފެނުނުގޮތުގައި ހަމަ ވަރަށްގިނަ އަދަދެއްގެ ޒުވާނުން ބުނަނީ، ތިމަންނާމެންނާއި މައިންބަފައިންނާ ދޭތެރޭގައި އޮންނަނީ ވަރަށް ރަނގަޅު ގުޅުމެކޭ. ޢާއިލާއިން ތިމަންނާމެންނަށް ވަރަށް އެހީތެރިވެދެއޭ. މައްސަލައެއް ދިމާވެއްޖިއްޔާ، އެމީހުންގެ މަޝްވަރާއާއި އެހީތެރިކަން ލިބެޔޭ. އަދި އެހެން ގޮތްގޮތުން ބަލާއިރުވެސް، ދިރިއުޅުމުގެ ކަންތައްތަކުގައި ހިޔާވަހިކަން ލިބިދިނުމާއި، ކެއުމުގެ ކަންތަކާއި އަދި ހެދުމުގެ ކަންތަކާ، މިކަހަލަ ވަރަށްގިނަ ކަންތައްތަކުގައިވެސް ޢާއިލާގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބޭކަމަށް ވަރަށްގިނަ ޒުވާނުން ބުނެފައި އެބަހުރި. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ޢާއިލީ ގުޅުން، މިހާރަނގަޅު ގޮތަކަށް އޮތްކަމަށް ޒުވާނުން ދެކޭކަން އެއީ، އަޅުގަނޑު ވަރަށް އުފާވި ކަމެއް. ޙަޤީޤަތުގައިވެސް މުޖުތަމަޢުގެ ބާއްޖަވެރިކަމާއި ކުރިއެރުން ބިނާވެފައި އޮންނާނީ ހަމަ ޢާއިލާގެ ތެރޭގައި އެ އޮންނަ ލޯތްބާއި، ކުލުނާއި، އެހީތެރިވުމުގެ ގުޅުމުގެ މައްޗަށް. އެހެންވީމާ، އެކަން އެހެން އޮތްކަމަށް، ގިނަ ޒުވާނުންތަކެއް ދެކޭކަން އެއީ އަޅުގަނޑުހިތުން ހަމަ އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާކުރާނެ ކަމެއް.

ދެން އަނެއްކަމަކަށް ދަންނަވާލަން އޮތީ، ދެން ދެރަވާކަހަލަ ކަމެއްގެ ވާހަކަ. އެއީ، މި ސާރވޭކުރެވުނު އަދި ސުވާލުކުރެވުނު ޒުވާނުންގެ ތެރެއިން އަދި ޒުވާނުން ކަމަށް މިސާރވޭގައި ބަލާފައިވާ އުމުރު، އެއީ 15 އަހަރާއި 24 އަހަރާ ދޭތެރޭގެ 10.5 އިންސައްތައަކީ، އެއްވެސް ވަޒީފާއެއް އަދާނުކުރާ، އަދި ތަޢުލީމުވެސް ހާސިލުނުކުރާ ބައެއްގެ ގޮތުގައި ފެނިގެން މިދިޔައީ. އުމުރުން 15 އަހަރާއި 24 އަހަރާ ދޭތެރޭގެ ޒުވާނުންގެ ތެރެއިން 10.5 އިންސައްތައަކީ ތަޢުލީމުވެސް ހާސިލުކުރާ ބައެއްނޫން. މަސައްކަތެއްގައި އުޅޭ ބައެއްވެސްނޫން. އަޅުގަނޑު ހިތުން އެއީ ވަރަށްދެރަ ކަމެއް. ވަރަށް ހިތާމަހުރި ކަމެއް. އެއީ ޙަޤީޤަތުގައި މި ގިނަ މައްސަލަތައް ފެށިގެން އަންނަ ތަނަކީ، ހުސްކޮށް ތިބޭ ޒުވާނުން، ޅައުމުރުގެ ޒުވާނުން، މިހާ ޅައުމުރުގެ ޒުވާނުން އެއްވެސް ކަމެއްގައި މަޝްޣޫލުނުވެ ހުސްކޮށް ތިބޭ ތިބުން، އޭގެޒާތުގައި އެއީ ވަރަށްބޮޑު ގޯހެއް. ވަރަށްގިނަ ގޯސް ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަމެއް. އެހެންވެގެންކަންނޭނގެ ޒުވާނުންގެ ތެރޭގައި އަޅުގަނޑުމެން ނޭދޭ ވަރަށްގިނަ ކަންތައްތަކެއް ހުރެގެން މި އަންނަނީ.

އެހެންވީމާ، އެކަންތައް އަޅުގަނޑު ހިތަށްއެރީ ހަމަ ދަންނަވާލާނަމޭ. މިއީ އަޅުގަނޑުމެން ހަމަ ވަރަށް ބޮޑު ސަމާލުކަން ދޭންވެއްޖެކަމެކޭ. އަޅުގަނޑުމެންގެ ތެރޭގައި، ޒުވާނުންގެ ތެރޭގައި ކަމެއްނުކުރާ އެކަކުވެސް ހުރެގެންނުވާނެ. އެއްގޮތަކީ ތަޢުލީމު ހާސިލުކުރަން މަސައްކަތްކުރަން. އަނެއްގޮތަކީ، ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއް ކުރުން. މި ދެގޮތުންކުރެ ގޮތެއްގައި މަޝްޣޫލުނުވެ ޒުވާނަކު ހުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް.

ދެން އަނެއްކަމަކީ، ގިނަ ޒުވާނުން ދެކޭގޮތުގައި މިހާރު ޒުވާނުންނަށް ކުރިމަތިވާ އެންމެބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ ނުރައްކާ. އެއީ ޙަޤީޤަތުގައިވެސް ހަމަ ތެދެއް. ޒުވާނުންނަށް އެކަންޏެއްނޫން، މުޅި ޤައުމަށްވެސް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ. އެކަމަކީ ހަމަ ހައްލެއް ހޯދަންޖެހިފައިވާ، ހައްލެއް އަދިވެސް ނުފެނި، ކިތަންމެ މަސައްކަތެއް ކުރިޔަސް އަދި މާބޮޑު ކާމިޔާބީއެއް ހާސިލުނުކުރެވި އޮތްކަމެއް. އެކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރަންވާނެ. އަދި މިކަމުގައި އަޅުގަނޑުހިތުން ޒުވާނުންގެ އެހީ ވަރަށް ބޮޑަށް ބޭނުން. ޒުވާނުންނާއި އަދި އެނޫން މީހުންގެ އެހީ، ޢާއިލާތަކާއި، ސްކޫލްތަކާއި، ސަރުކާރުގެ ދާއިރާތަކާ، ހުރިހާ ފަރާތްތަކެއް ގުޅިގެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްގެންނޫނީ، އަޅުގަނޑުމެންނަށް މިހާރު މި ކުރިމަތިވެފައިވާ ނުރައްކާތެރިކަމުން އާދެ، މަސްތުވާތަކެތީގެ ނުރައްކާތެރިކަމުން ސަލާމަތެއް ނުވެވޭނެ.

ދެން ހޭލުންތެރިކަން އިތުރުކުރުން. ވަރަށް ގިނަ ޒުވާނުން އެބަބުނޭ، ހަމަ ހުރިހާ ކަމެއްގައިވެސް ހޭލުންތެރިކަން އިތުރުކުރަންވީއޭ. އެއީ ހަމަ އަޅުގަނޑު ހިތުން ވަރަށް ރަނގަޅު ކަމެއް. ހޭލުންތެރިކަން އިތުރުކުރަންވީ އަޅުގަނޑުމެންގެ ހަމަ ހުރިހާ ކަމަކާ ބެހޭގޮތުން. ޙަޤީޤަތުގައި ބައެއް ޒުވާނުން ބުނާގޮތުގައި ދީނާބެހޭ މަޢުލޫމާތު އެމީހުންނަށް ފުދޭވަރަކަށް ނުލިބޭ. އެއީ އަޅުގަނޑު ވަރަށްދެރަވިކަމެއް. ވަރަށް ހިތާމަކުރިކަމެއް. ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމް ޤައުމަކަށްވެފައި، އަދި ރާއްޖޭގައި ވަރަށްގިނަ ދީނީ ޕްރޮގްރާމްތައް ހިންގަމުން ގެންދެވޭއިރުވެސް، މިދެންނެވީ ހަމަ ވަރަށްގިނަ ތަފާތު ފެންވަރުތަކުގައި ދިވެހިރާއްޖޭގެ އަޑުންވެސް ޕްރޮގްރާމްތައް ފޮނުއްވާ. ޓީ.ވީ.މޯލްޑިވްސް އިން ފޮނުއްވާ. ނޫސްތަކުގައި ލިޔޭ. އަދި ހުކުރު ޚުޠުބާތަކާއި، މިނޫން ގޮތްގޮތުން އަދި އެކިއެކި ބޭފުޅުންގެ ތަޤްރީރުތަކުންވެސް ދީނާބެހޭ މަޢުލޫމާތުތައް ލިބެމުންދޭ. އެހެންދާއިރުވެސް، ޒުވާނުން އެދޭ މިންވަރާ ގާތަށްވެސް ދީނީ މަޢުލޫމާތު ނުލިބޭ ވާހަކަ އެބައޮތް ބުނެފައި. އެއީ، ދެން ހަމަ ވަރަށްދެރަކަމެއް. އެއީ، ޙަޤީޤަތެއް ކަމަށްވަންޏާ، ހަމަ އެކަމަށްޓަކައި ވަރަށް ބޮޑު މަސައްކަތެއްކޮށްގެން، އެ އުނިކަން ފޫބެއްދޭތޯ ސަރުކާރުންވެސް އަދި އެހެނިހެން ފަރާތްތަކުންވެސް މަސައްކަތް ކުރަންޖެހޭނެ.

އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އަންގާގޮތުގައިވެސް ހޭލުންތެރިވުން މިއިއްޔޭ އެންމެ މުހިންމު ކަމަކީ. އަޅުގަނޑުމެންނަކީ ކޮންބައެއްކަން އެނގެން އެބަޖެހޭ. މި އުޅެނީ ކޮން މާހައުލެއްގައިކަން. އަޅުގަނޑުމެންގެ ވަށައިގެން މިވަނީ ކޮންކަހަލަ ކަންތައްތަކެއްކަން. މިއީ އަޅުގަނޑުމެން އަބަދުވެސް ހަމަ ކީރިތި ޤުރްއާނުގައިވެސް އަބަދުވެސް އަންގަވާފައި އޮންނަނީ، ތިޔަބައިމީހުން ވިސްނައި ހޯދާބަލާށޭ! ވިސްނާށޭ! ކަންކަމާ ދޭތެރޭގައި. ޣާފިލުވެ ނުތިބޭށޭ! އެއްވެސް މީހަކު އެމީހާގެ އަމިއްލަ ނަފްސާ ދޭތެރޭގައިވެސް ޣާފިލުވެގެނެއްނުވާނެ. އެމީހާ ދިރިއުޅޭ މުޖުތަމަޢާ ދޭތެރޭގައިވެސް ޣާފިލުވެގެނެއްނުވާނެ. ކުރިމަތިވާ ކަންތައްތަކާ ދޭތެރޭގައިވެސް ޣާފިލުވެގެނެއްނުވާނެ. އަބަދުވެސް އެ، އެވެއަރނެސް ނުވަތަ އެމީހާގެ އަމިއްލަ ނަފްސާއި، އަދި ވަށައިގެން މިއުޅޭ މާޙައުލާ ދޭތެރޭގައި މި އޮންނަ ގުޅުން ވަރަށް ބޮޑަށް ދެނެގަންނަންޖެހޭނެ. އަޅުގަނޑުމެން ދީނުގެ ކަންތައްތައް އޮންނަގޮތަށް ވިސްނާލާއިރު އެކަން އެނގޭނެ. ނަމާދުކުރާއިރުވެސް އަޅުގަނޑުމެންނަށް ވަގުތުވެސް އެނގެން އެބަޖެހޭ ނޫންތޯ؟ މިހާރު މިއީ ކޮން ގަޑިއެއްކަން މުސްލިމަކަށްވިއްޔާ އެނގެންވާނެ. މިހާރު މެންދުރު ވަގުތު ނަމާދު ގޮސްގެން ދެން މިއުޅެނީ އަޞުރު ނަމާދު ވަގުތު އަންނަންކަން. އެހެންވީމާ، އެ އެވެއަރނަސް، މި ދެންނެވީ އެ ހޭލުންތެރިކަން، ވަގުތާބެހޭ ހޭލުންތެރިކަންވެސް، ދުވަހާބެހޭ ހޭލުންތެރިކަންވެސް އިސްލާމްދީނުގައި އެބައޮތް. އެހެންވީމާ، މި ހޭލުންތެރިކަން އަޅުގަނޑުމެންގެ ތެރެއަށް އައުން މިއީ އެންމެ މުހިންމު އެއްކަމަކީ. ޒުވާނުންވެސް އެ ވާހަކަ އެހެން ބުނެފައި އެބައޮތް. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ މި ނަތީޖާ ހަމަ ވަރަށް ރަނގަޅޭ.

ދެން މިތަނަށް ވަޑައިގެންނެވި ޢަބްދުﷲ ޢަލީ ވިދާޅުވި ވާހަކަފުޅުތަކަށްވެސް އަޅުގަނޑު ވަރަށް މަރުޙަބާ ދަންނަވަން. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ. ތިޔަ ހުރިހާ ވާހަކަތަކެއް އަޅުގަނޑުމެންނަށް ކިޔައިދެއްވީތީ. ތިޔަ ދަތުރުފަތުރުގެ ދަތިކަންވެސް އެހެންވީމާ ކުޑަކަމެއްނޫނޭ އިނގޭތޯ. އަޅުގަނޑަށްވެސް ހުރީ ތިޔަކަހަލަ ކިތަންމެ ކަމެއް ދިމާވެފައި. ރާއްޖެތެރެއަށް ދަތުރުކުރިއިރު ވަރަށްގިނަފަހަރު ވިއްސާރައާ ދިމާވޭ. ވަރަށްބޮޑެތި ނުރައްކާތަކާވެސް ދިމާވެފައި އެބަހުރި. އެހެންނަމަވެސް ސަލާމަތުން އައިސް މިހިރީ، ދެން އިރާދަކުރެއްވިއްޔާ މާތް ﷲގެ ރަޙްމަތްފުޅުން ގޯސްގޮތެއް ދިމާނުވީމާ. އެކަމަކު އެހެންދިމާވޭ އިނގޭތޯ. އެއީ ދެން ހަމަ އަޅުގަނޑުމެންގެ ރާއްޖެ މި އޮންނަ ގޮތުން ވާނެކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މި އޮންނަ ކަނޑަކީ މީހުން ގުޅުވައިދޭ ވަރަށްބޮޑު ވަސީލަތަކަށްވާއިރު، އެއީ މީހުން ބައިބައިކުރާ ވަސީލަތަކަށްވެސް ބައެއްފަހަރު އެބަވޭ. ގުޅުވައިދެއޭ މި ދެންނެވީ، އަޅުގަނޑުމެން އެ ކަނޑުގެ ވަސީލަތް ބޭނުންކޮށްގެން ދަތުރުފަތުރުކޮށްފައި މިދަނީ، އެއްތަނުން އަނެއްތަނަށް. އެހެންވީމާ، ގުޅުވައިވެސް އެބަދޭ. އެކަމަކު ވިއްސާރަވެ، ނުވަތަ އެނޫންކަމެއް ދިމާވެގެން އަޅުގަނޑުމެންނަށް ނުރައްކާތަކެއްވެސް އެބަ ކުރިމަތިކުރޭ. އެހެންވީމާ، އެ ހުރިހާ ބުރަތަކެއް އުފުއްލަވައިގެންވެސް ޒުވާނުންގެ ބޭފުޅުން، މި ޢަބްދުﷲ ޢަލީ ކަހަލަ އަދި މިތަނުގައި ވާހަކަ ދެއްކެވި އީމާން ކަހަލަ ބޭފުޅުން އަދި އެނޫންވެސް މިތާ މި ތިއްބެވި ހުރިހާ ބޭފުޅުން އެ ކަންތަކުގައި އެހެން އުޅުއްވައިދެއްވިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، ދެން އަޅުގަނޑުމެންނަށް އަބަދުވެސް ނުވެފައި އޮންނަ ކަމަކީ، އެކިއެކި ދިރާސާތައްކޮށްފައި، އެކިއެކި ނަތީޖާތަކާއި، އެ ބޭނުންވާ، ކުރަންވާ ކަންތައްތައް ދެނެގެންފައި، ދެން އެހިސާބުން ކަންތައްތައް ހުއްޓައިލެވެނީ. އެހެންވީމާ، އެއީ ވެގެންވާނެގޮތެއް ނޫންކަންނޭނގެ ދޮގެއްތޯ؟ ހުރިހާ އެންމެންވެސް ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެން މި ވަރަށްބޮޑު މަސައްކަތެއް މިކުރީ. ކޮށްގެން އެއިން އަޅުގަނޑުމެން ދެނެގެންފިން ކަންތައްތަކެއް. ބޭނުންވާ ކަންތައްތަކެއްވެސް ހޯދައިފިން. އެހެންވީމާ، އެކަންތައްތައް ކުރަންޖެހޭނެ. އެކަންތައްތައް ހާސިލުކުރުމަށް މަސައްކަތްކުރުން އެއީ އެންމެ މުހިންމުބައި. ދެން މި ސާރވޭ ނިމުނީމާ، މި ހިސާބުން ހުއްޓާލާފައި ދެން އަނެއްކާ އެހެން ސާރވޭއަކަށް ދާންވީކީނޫން. މިއިން މިލިބުނު މަޢުލޫމާތުގެ އަލީގައި ކަންތައްތަކެއް ކުރަންވީ. ރަނގަޅުކުރަންހުރި ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އެ ކަންތައްތައް ރަނގަޅު ކުރުމަށް އެންމެންވެސް މަސައްކަތް ކުރަންވީ. އެއީކަންނޭނގެ ކުރަންވީ ކަމަކީ. ސަރުކާރުގެ ހަމަ ހުރިހާ ފަރާތްތަކުންވެސް، މިތާނގައިވެސް ޢިއްޒަތެރި ބައެއް މިނިސްޓަރުންވެސް އެބަތިއްބެވި. މިނިސްޓަރުންނާއި އަދި އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން މަސައްކަތްކުރާ އެހެން ބޭފުޅުންނާއި، އަދި އެކިއެކި އަމިއްލަ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކާއި އަދި އަމިއްލަ އަފްރާދުންނާ، މި ހުރިހާ ފަރާތެއް ގުޅިގެން އަޅުގަނޑުމެންވީ ޙައްލުތަކެއް ހޯދަން. މިހާރު ހައްލުތަކެއް ދެނެގަނެވިފައި މިވަނީ. އަދި އޭގެތެރެއިން ބައެއް ކަންތައްތަކަށް އެބަ ސަމާލުކަން ދޭންޖެހޭކަންނޭނގެ.

އެހެންވީމާ، އެ ކަންތައްތަކަށް ސަމާލުކަންދީގެން، މި ސާރވޭގެ ފުރިހަމަ ފައިދާ އަޅުގަނޑުމެންނަށް ލިބޭތޯ އަޅުގަނޑުހިތުން މަސައްކަތްތަކެއް ކުރަންޖެހޭނެ. ހަމަ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑު މިތަނަށް އައުމުން އަޅުގަނޑަށް ލިބުނު އުފަލާއި، އަދި ތިޔަބޭފުޅުން ތިޔަކުރެއްވި މަސައްކަތުގެ ބުރަކަމާއި، ދަތިކަމާއި، އަދި ތިޔަހޯއްދެވި ނަތީޖާތަކުގެ މުހިންމުކަމާ، މިކަންކަން އަޅުގަނޑަށް އެނގުނީތީ، ޝުކުރުގެ ބަހެއް ދަންނަވާލާނަމޭ.

އާދެ، އެހެންވީމާ، އަޅުގަނޑު މިތަނަށް އައިސް މި ހުއްޓުނީ. ދެން ޕްރޮގްރާމްގައި ނެތަކަސް، ތިޔަހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އަދި ކުރިއަށް އޮތްތާނގައި ހަމަ ތިޔަބޭފުޅުންގެ ތިޔަމަސައްކަތްޕުޅުން، އަދި މިހާރު ތިޔަކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުންވެސް އަޅުގަނޑުމެންނަށް އިތުރު ކުރިއެރުންތަކެއް ރާއްޖޭގެ ޒުވާނުންނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން.

އަދި މިއަދަކީ ޚާއްޞަ ދުވަހެއް. ވީމާ، ތިޔަބޭފުޅުންގެ މޭފުޅުމަތިން މި ފެންނަންހުރި ނިޝާންތައް އަދި އަޅުގަނޑުވެސް އެ ޖަހައިގެންކަންނޭނގެ މިއައީ. މި ގޮތަށް ހުރީމާވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއާ ބެހޭގޮތުން. މިއަދަކީ އެއިޑްސް ދުވަސް ދޮގެއްތޯ؟ އެއީ ވަރަށް ނުރައްކާތެރި ބައްޔެއްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަން. އަދި މި ސާރވޭ ދައްކާގޮތުން އެމީހުންނަށްވެސް އެނގޭ ނުރައްކާތެރި ބަލިބަލި. ވަރަށްގިނަ މީހުންނަށް އޭގެ ހޭލުންތެރިކަން ލިބިފައިވާކަމަށް ސާރވޭގެ ނަތީޖާ، ޒިންދު އަޅުގަނޑުމެންނަށް ވިދާޅުވެދެއްވި، ދޮގެއްތޯ؟ އެހެންވީމާ، އަޅުގަނޑުމެންގެ ޒުވާނުންގެ ވަރަށްގިނަ ބަޔަކަށް މި ހޭލުންތެރިކަން ލިބިފައި މިވަނީ. މި ނުރައްކާތެރި ބަލިބަލިން ސަލާމަތްވާންޖެހޭނެ ކަމަށް.

އެހެންވީމާ، އެކަން އެއީ އަޅުގަނޑުމެން ހަނދާން ނައްތާލައިގެންވާނެ ކަމެއްނޫން. ހަމައެކަނި އެއިޑްސްއެއްނޫން. އެއިޑްސްނޫން އެހެންވެސް ވަރަށް ނުރައްކާތެރި ބަލިބަލި އެބަހުރި. އެކަމަކު އެއިޑްސުން ސަލާމަތްވުމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް މުހިންމު ކަމެއް އެބައޮތް. ޙަޤީޤަތުގައި ހަމަ ވަރަށްބޮޑު ޙަޤީޤަތެއް އެއީ. އެއީ އަޅުގަނޑުމެން މުސްލިމް ޤައުމުތަކުގައި އެހެން ޤައުމުތަކާ އަޅައިބަލާއިރު އެއިޑްސް ފެތުރުން މަދު. އަޅުގަނޑުމެންގެ ކައިރީގައި އޮތް އަވަށްޓެރި އެންމެ ބޮޑު ދެ ޤައުމަށް ބައްލަވައިލައްވާ! ކޮންމެހެން ނަމެއް ނުދައްނަވާނަން. އެއީ އެތަނުން އެއްޤައުމަކީ މުސްލިމް ޤައުމެއް. އަނެއް ޤައުމަކީ މުސްލިމް ޤައުމެއް ނޫން. އެކަމަކު ދެތާނގައި ހާދަ ތަފާތޭ އިނގޭތޯ، އެއިޑްސްބަލި ފެތުރިގެންދާގޮތް. އެއްތަނެއްގައި ވަރަށް ބާރަށް ފެތުރޭ. އަނެއް ތަނެއްގައި އެހާބާރަކަށް ނުފެތުރޭ. އެއީ ހަމަ ދަންނަވާނީ އިސްލާމްދީނުގެ ސަބަބުންނޭ. އިސްލާމްދީނުގެ ސަބަބުން ކީއްވެތޯ. އިސްލާމްދީނުގައި ވަކި ކަންތައްތަކެއް ހުއްދަ. ވަކި ކަންތައްތަކެއް މަނާ. އެހެންވީމާ، އެ މަނާ ކަންތައްތަކަށް އަޅުގަނޑުމެން އަރައިނުގަންނަންޏާ، ހަމަ ވަރަށްބޮޑުތަން އެއިޑްސްބަލިން އަޅުގަނޑުމެންނަށް ސަލާމަތްވުމަށް މަގުފަހިވެގެންދާނެ.

އެހެންވީމާ، އަޅުގަނޑުހިތަށްއެރީ ހަމަ އެވާހަކަ ދަންނަވާލާނަމޭ. އަޅުގަނޑުމެން އެކަމަށް ސަމާލުކަންދެމާތޯއޭ. އެކަހަލަ ކަންތައްތަކަށް ސަމާލުކަންދީގެންނޭ އަޅުގަނޑުމެންނަށް ސަލާމަތުން ތިބެވޭނީ. ސަލާމަތުން ތިބެގެންނޭ އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ހާސިލުކުރެވޭނީ. އެހެންވީމާ، މި ވާހަކަވެސް ދަންނަވާލާހިތުން އަޅުގަނޑު މިތަނަށް މިއައީ.

އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމުން، ރާއްޖޭގެ ޒުވާނުންނަށް، ހަމަ ދެންމެ އީމާން އެ ވިދާޅުވިހެން، ހުރިހާވެސް ޤަދަރަކާއި ބާއްޖަވެރިކަމަކާއި، އުފާފާގަތިކަމަކާއި ކުރިއެރުމެއް މާތް ﷲ މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން އަޅުގަނޑު ވަކިވެލާނަން.

والسّلام عليكم ورحمـة اللّـه وبركاته.