އެންމެ ފުރަތަމަ މި މުހިންމު މަސްއޫލިއްޔަތާ ހުރިހާ ބޭފުޅުންވެސް ޙަވާލުވެވަޑައިގެންނެވުމުގެ މުނާސަބަތުގައި، ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން. އަދި ތިޔަބޭފުޅުން ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތިޔަބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކޮށްދެއްވަމުން ގެންދަވާނެކަމަށް އުންމީދުކުރާ ވާހަކަވެސް ދަންނަވާލަން.

އެނގިވަޑައިގަންނަވާނެ ފަދައިން، ކޮންމެ އަތޮޅެއްގެވެސް އަތޮޅުވެރިޔަކަށް ހުންނަވާ ބޭފުޅަކީ، އެ އަތޮޅެއްގައި ހުންނަވާ ސަރުކާރު ތަމްސީލުކުރައްވާ އެންމެ މަތީ ވެރިޔާ. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނާއި އަދި ރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ކަންތައްތައް ކުރައްވަމުން ގެންދެވުމަށް ހުރިހާ ބޭފުޅުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެ.

ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. މީގެތެރެއިން ވަރަށްބޮޑު ބަޔަކީ، އަތޮޅުތަކުގައި ހިންގާ ތަފާތު މަސައްކަތްތަކާއި މަޝްރޫޢުތައް. މި މަޝްރޫޢުތަކާއި މަސައްކަތްތައް ހިނގަމުން ދާންވާނީވެސް ކޮންމެ އަތޮޅެއްގައިވެސް ހުންނެވި އަތޮޅުވެރިއެއްގެ ބެއްލެވުމުގެ ދަށުން، އެ އަތޮޅުވެރިއެއްގެ މަޝްވަރާޔާއި، ޚިޔާލާއި، އެއްބާރުލެއްވުން ލިބިގެން. އަދި މި ކަންތައްތަކުގައި ކޮންމެ އަތޮޅެއްގައިވެސް އަތޮޅުގެ ރައްޔިތުންނާއި އަދި ރައްޔިތުން ތަމްސީލުކުރާ ކޮމިޓީތަކުގެވެސް މަޝްވަރާއާއި ޚިޔާލު ހޯއްދަވައިގެން. ސަރުކާރުގެ ފަރާތްތަކުން އެ ކަންތައް ކުރައްވަމުން ގެންދަވާނީވެސް އެހެން.

އަތޮޅުވެރިންނަކީ، ރައީސުލްޖުމްހޫރިއްޔާގެ ފަތަކުން އިސްކުރެވޭ ބޭފުޅުންކަމަށްވާތީ، އެ ހައިސިއްޔަތުން ތިޔަބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހަކު، ތިޔަބޭފުޅުންގެ މަޤާމުތައް ތިޔަބޭފުޅުންނާ ޙަވާލުކޮށްފައިވާ ބޭފުޅުން. ރައީސުލްޖުމްހޫރިއްޔާ އަންގާ އެންގުންތައް ތިޔަބޭފުޅުންނަށް ރައްދުކޮށްދެއްވާނީ، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ މަގާމުގައި ހުންނަވާ ބޭފުޅަކު. އަދި ތިޔަބޭފުޅުންނާ ޢަމަލީގޮތުން ގުޅުން އޮންނާނީ އެ މިނިސްޓްރީއާ. އެހެންނަމަވެސް، ތިޔަބޭފުޅުންވެސް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އަންގަވަން ބޭނުންފުޅުވާ ވާހަކައެއް އޮތިއްޔާ އެކަމުގެ މަގުވެސް އޮންނާނީ ތަނަވަސްވެފައި. އަދި މާލެވަޑައިގެން އުޅުއްވާ އުޅުއްވުމުގައި ރައީސާ ބައްދަލުކުރައްވަން ބޭނުންފުޅުވެއްޖިއްޔާ އެކަންވެސް ހަމަޖެހޭނެ.

ދެން ދަންނަވާލަންއޮތީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންނޭ. ރާއްޖޭގެ ރައްޔިތުންނަކީ ސައްތައިންސައްތަ މުސްލިމް ރައްޔިތެކޭ. އެހެންވީމާ، އިސްލާމްދީނުގެ ކަންތައްތަކަށް ފަރުވާތެރިކަން ބެހެއްޓެވުމަކީ ކޮންމެ އަތޮޅެއްގައިވެސް އަތޮޅުވެރިއަކު ކުރައްވަންޖެހޭނެ ކަމެކޭ. އަދި ޚާއްޞަކޮށް، މީހުންގެ ކުރިމަތީގައި ދީނަށް ޙުރްމަތްތެރިކޮށް ހިތްތެވުމާއި، ދީނުގެ ފަރުޟުތައް އަދާކުރެއްވުމުގައިވެސް މީހުންނަށް ނަމޫނާއަކަށް ވެވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް. އެކަން އެގޮތަށް ކުރައްވައިފީވިއްޔާ، ރައްޔިތުންގެ އިތުބާރާއި، ތާއީދާއި ލޯބި ލިބިވަޑައިގަންނަވާނެ. ދީނުގެ ކަންތައްތަކަށް ފަރުވާތެރިކަން ނުބަހައްޓަވަންޏާ، އެއާ ޚިލާފަށް ކަންތައްތައް ހިނގަމުންދާނީ. މީހުންގެ ކުރިމަތީގައި އަތޮޅުވެރިންގެ ޤަދަރާއި އަގު އޮންނަންވީ ވަރަކަށް ނޯންނާނެ.

ދެން ދަންނަވާލަންއޮތް ވާހަކައަކީ، ރާއްޖޭގައި އެކިއެކި ތަފާތު ބޮޑެތި މަޝްރޫޢުތަކާއި، މަސައްކަތްތައް ސަރުކާރުން ހިންގާތީ، ވަރަށް ގިނަ އަދަދަކަށް ފައިސާއާއި ތަކެތި، އަތޮޅުތަކަށާއި ރަށްރަށަށް ސަރުކާރުން ފޮނުވަންޖެހޭނެ. އެހެންވީމާ، އެ ފައިސާއާއި ތަކެތީގެ ބޭނުންކުރެވެނީ ގަވާއިދުން އެކަން ކުރަން އޮންނަ ގޮތަށްތޯ ބެއްލެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭނެ. އެއީ ވަރަށްގިނަފަހަރަށް ބައެއް އަތޮޅުތަކަށްދާ އެއްޗެތީގެ ބޭނުން، އެ ނޫންގޮތަކަށް ކުރެވޭކަމުގެ ޝަކުވާ އަޅުގަނޑާ ހަމައަށްވެސް އާދޭ. އެހެންވީމާ، އަތޮޅުވެރިން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަން ބޭނުންވާކަމެއް އެކަމަކީ. އަދި އެހެންނޫނަސް ބަޖެޓުން އެ ކުރެވޭ ޚަރަދާއި، އެ ޚަރަދު ކުރެވެމުންދަނީ ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ނުވަތަ ނޫންތޯ ބެއްލެވުން އެއީވެސް އަތޮޅުވެރިން ކުރައްވަންޖެހޭނެ ކަމެއް.

ދެން އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ރާއްޖެ މި ވޭތުކުރަނީ، ސުނާމީ ކާރިސާއަށްފަހުގައި ވަރަށް ހިތްދަތި ދުވަސްވަރެއް. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެކަމުގެ ގެއްލުންވަނީ ލިބިފައި. އެ ގެއްލުން ފޫބެއްދޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތްކުރަމުން. އޭގެތެރޭގައި ގެދޮރުނެތިފައި ތިބި މީހުންނާއި، ހާލުގައިޖެހުނު މީހުން ބައެއް ރަށްރަށުގައި، ބައެއް އަތޮޅުތަކުގައި އެބަތިބި. ވަގުތީ ހިޔާވަހިކަމެއް ސަރުކާރުން ހަމަޖައްސައިދިނީމާ، އެ ތަންތާނގައި ތިބެނީ. އެހެންނަމަވެސް އެމީހުންގެ ގެދޮރު ބިނާކުރުމަށާއި، އަދި ރަށްރަށަށް ލިބުނު ގެއްލުން ފޫބެއްދުމަށް ބޭރުގެ އެހީއާ އެކީގައި ސަރުކާރުން މިދަނީ މަސައްކަތްކުރަމުން. އެ މަސައްކަތްތައް ކުރުމުގައިވެސް އަތޮޅުވެރިންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާނެ. އަތޮޅުވެރިން ރަށްރަށުގެ ވެރިންނާ މަޝްވަރާކުރައްވައިގެން އަދި ކުރިންވެސް ދެންނެވިހެން، އަތޮޅު ކޮމިޓީއާއި، ރަށްރަށުގެ ކޮމިޓީގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން އެންމެން ގުޅިގެން އެ މަސައްކަތް ކުރައްވައިފިއްޔާ އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ފެނިގެންދާނެހެން.

ބައެއް ފަހަރަށް، މި ސުނާމީ ކާރިސާއާ ގުޅިގެން އަތޮޅުތަކަށް ފޮނުވޭ ތަކެތީގެ ބޭނުން، ރަނގަޅުނޫންގޮތުގައި ބޭނުންކުރެވޭކަމުގެ ޝަކުވާވެސް އާދޭ. އެއީވެސް އަތޮޅުވެރިން ބައްލަވަންޖެހޭނެކަމެއް. އަދި އަތޮޅުވެރިން ވީހާގިނައެއްކޮށް އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގައިހުރި މައްސަލަތައް ބައްލަވައި، ވަގުތުން ފިޔަވަޅު އަޅުއްވައިދެއްވެންހުރި ކަންތައްތަކުގައި ފިޔަވަޅު އަޅުއްވައިދެއްވައި، އެނޫން ކަންތައްތައްވެސް ކަމާބެހޭ މިނިސްޓްރީއަށް، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް ފޮނުއްވައި، އެ މިނިސްޓްރީން ދެއްވާ މަޝްވަރާއާ އެއްގޮތްވާ ގޮތުގެމަތިން ކުރައްވަމުން ގެންދެވުމުން ވަރަށް ރަނގަޅުވާނެ. އަދި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ އެއްބާރުލެއްވުމާއި، ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާ ހޯއްދެވުން ވަރަށް މުހިންމު. އަދި ޚާއްޞަކޮށް، މިކަހަލަ ދަނޑިވަޅެއްގައި އަޅުގަނޑުމެން، ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް ހިންގާ ވަގުތެއްގައި، ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތު އެނގުމަކީ ވަރަށް މުހިންމު ކަމެއް.

ރާއްޖޭގައި މިވަގުތު މިވަނީ ސިޔާސީ ޕާޓީގެ ނިޒާމެއް އުފެދިފައި. އެ ސިޔާސީ ޕާޓީގެ ނިޒާމުގެ ބޭނުމަކީ ކޮބައިކަމާއި، ކިހިނެއްކަން ކަންތައް ގެންދަންވާނީ ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވުމަކީ، އަތޮޅުވެރިން ކުރައްވަންޖެހޭނެ ކަމެއް. އަދި ހަމައެއާއެކީގައި އަތޮޅުގެ ރަށްރަށުގެ ވެރިންވެސް އެކަންތައް ކުރައްވަންޖެހޭނެ. ޕާޓީ ސިޔާސަތު އައުމުގެ ބޭނުމަކީ، ބައިބައިވުން އުފެއްދުމެއްނޫން. ހަމަ ނުޖެހުމާއި ފިތުނަ ރައްޔިތުންގެ ތެރޭގައި އުފެއްދުމެއްނޫން. ބައިބައިވުން އުފެއްދުމެއްނޫން. މީހުންނުކުމެ ތަފާތު ހަމަނުޖެހުންތައް ހިންގައި މިގޮތަށް ކަންތައް ކުރުމެއްވެސްނޫން. އޭގެ ބޭނުމަކީ ގިނަބައެއްގެ ޚިޔާލާއި، މަޝްވަރާޔާއި، ބޭނުންވާގޮތެއްގެ މަތިން ސަރުކާރުގެ ކަންތައްތައް ބައްޓަންކޮށް ކުރިއަށް ގެންދިޔުން. އަދި ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ މުއައްސަސާތަކެއް ކަމުގައި މި ޕާޓީތައް ވެގެންދިޔުން. އެހެން ޤައުމުތަކުގައި ޕާޓީތައް ހިނގާ އުސޫލު އަޅުގަނޑުމެން ދަސްކޮށްގެން، އެއާ އެއްގޮތަށް ކަންތައްތައް ގެންދިޔުމަކީވެސް ވަރަށް މުހިންމު ކަމެއް. މިހެން ދަންނަވާލަން މި ޖެހުނީ، އޭގެ ބޭނުން ބައެއް ފަރާތްތަކަށް އޮޅިގެންނަމަވެސް، މާލޭގައިވެސް އަދި އަތޮޅުތަކުގައިވެސް ހިސާބަކަށް އަޅުގަނޑުމެން ބޭނުންނުވާކަހަލަ ކަންތައްތައް ހިނގަމުން އެބަދޭ. އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް އެބަވޭ. ހަމައެކަނި ޢިމާރާތްތަކަށާއި ގެދޮރަށްވާ ގެއްލުންތަކެއްނޫން. އޭގެއިތުރުން، މީހުންގެ ނަފްސިއްޔާތަށްވާ ގެއްލުން، މީހުންގެ ހިތްތަކަށް ވަންނަ ބިރުވެރިކަން މިއީވެސް ވަރަށް ނޭދެވޭ ހިތާމަހުރިކަމެއް. އެހެންވީމާ، މިކަންކަން މިހެން ވެގެންނުދާނެ ގޮތެއްގެމަތިން ޕާޓީގެ ކަންތައްތައްވެސް ކުރިއަށް ގެންދެވުން އެއީ ވަރަށް މުހިންމު ކަމެއް.

ކޮންމެ ޕާޓީއަކަށްވެސް މިނިވަންކަން އެބައޮތް. އެ ޕާޓީގެ ގޮފިތަކާއި، އޮފީސްތައް އަތޮޅުތަކުގައިވެސް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އުފައްދައި، ހިންގައި، އެ ޕާޓީ ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުން. އެހެންނަމަވެސް، އެ ހުރިހާ ކަމެއްވެސް ހިނގަމުންދާންވާނީ، ރާއްޖޭގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން. އަދި ސިޔާސީ ޕާޓީތަކުގެ ގަވާއިދުވެސް މިހާރުވަނީ އިޢުލާނު ކުރެވިފައި. އެ ގަވާއިދުގައިވާ ގޮތުގެމަތިން ކަންތައްތައް ކުރެވެމުންދަންޏަކާ މައްސަލައެއް ނުނިކުންނާނެ. މައްސަލަތައް މި ދިމާވަނީ އެއާ ޚިލާފަށް ކަންތައް ހިނގާތީ. އެހެންވީމާ، މިކަމަށްވެސް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް އަލަށް ތަޢާރުފުވާ ނިޒާމެއްގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި މިކަހަލަ ކަންތައްތަކެއް ހިނގަމުންދިޔުމަކީ ޤައުމުގެ މަޞްލަޙަތު އޭގައި އެކުލެވިގެންވާ ގޮތެއްނޫން.

ރާއްޖެއަކީ އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިން ތިބެންއޮތް ޤައުމު. އެހެންވީމާ، ރާއްޖެ އޮންނަންޖެހޭނީ އަމަންއަމާންކަންމަތީގައި. ޞުލްހަ މަސްލަޙަތު ދެމެހެއްޓިފައި. އަދި އޭރުން އަޅުގަނޑުމެންގެ ތަރައްޤީވެސް ކުރިއަށްދާނީ. އެނޫން ގޮތަކަށް ކަންތައްތައް ދާކަމަށްވަންޏާ އެއީ ތަރައްޤީއަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށްވާނެ. އެހެންވީމާ، އަޅުގަނޑު މި ދެންނެވި އުސޫލުގެމަތިން ހުރިހާ އަތޮޅެއްގައިވެސް ކަންތައްތައް ގެންގޮސްދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް. ދެން ވީ އެންމެގިނައެއްކޮށް ރައްޔިތުންނާއި ވެރިންނާއި ކޮމިޓީތަކުގެ ޚިޔާލު ހޯއްދަވައި، މަޝްވަރާ ހޯއްދަވައި އަދިވެސް އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވުން ވަރަށް މުހިންމު. އަދި ހަމަ ވަރަށް ގިނަގިނައިން މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ ޚިޔާލުފުޅާއި މަޝްވަރާ ހޯއްދަވައިގެން އެމަނިކުފާނުވެސް ވިދާޅުވާ ގޮތެއްގެމަތިން ކަންތައް ގެންދެވުން އެއީ ހަމަ ވަރަށް ބޭނުންތެރިކަމެއް. ތިޔަބޭފުޅުންނަށް ޙައްލުނުކުރެވޭ ކަހަލަ އެއްވެސް މައްސަލައެއް ދިމާވެއްޖިއްޔާ، ވަގުތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅުއްވައިގެން އެފަރާތްތަކުގެ އިރުޝާދު ލިބިވަޑައިގަންނަވައިގެން ކަންތައްތައް ކުރެއްވުން ވަރަށް ރަނގަޅު. އެހެންވީމާ، އަޅުގަނޑު މި ވާހަކަތައް މި ދަންނަވާލީ، މި ގޮތަށް ތިޔަ ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުން އެދޭތީ.

އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންގެ މަސައްކަތްޕުޅުގައި މާތް ﷲ ބަރަކާތްލެއްވުން. އަދި ތިޔަބޭފުޅުން ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ކޮންމެ އަތޮޅެއްގައިވެސް އިތުރު ހަމަޖެހުން އުފެދި ޤާއިމުވެގެންދިޔުން. އަދި އަތޮޅުގެ ތަރައްޤީއަށް މަގުފަހިވެގެންދިޔުން. ރައްޔިތުންގެ އުފާފާގަތިކަމާއި، ހަމަޖެހުމަށްވެސް ތިޔަބޭފުޅުންގެ މަސައްކަތްޕުޅުން އިތުރު ކުރިއެރުން ލިބިގެންދިޔުން.

ގޯތިގެދޮރުގެ ކަންތައް ވަރަށްބޮޑުވެގެން މިއުޅެނީ ދޮގެއްތޯ؟ އެހެންވީމާ، އެއީވެސް މިހާރު މިނިސްޓަރ ހަމަޖައްސަވާ ގޮތްތަކެއްގެ ދަށުން ގޯތި ދެއްވެންހުރި ރަށްރަށުގައި ގޯތި ދެއްވުމުގެ ކަންތައް އަވަސް ކުރެއްވުންވެސް ވަރަށް މުހިންމު. ދެން ރައްޔިތުން އެދޭ ވަރަށް ގިނަ ކަންތައްތައް ހާސިލުނުކުރެވި އެބަހުރި. ޚާއްޞަކޮށް، ރަށްރަށުގެ ފަޅުފުންކުރުމާއި، ދެން ކަރަންޓުގެ ޚިދުމަތްދިނުމާ، ދެން އެހެނިހެންވެސް ސަރުކާރުގެ ބައެއް ދާއިރާތަކުން ދެއްވަންޖެހޭ ޚިދުމަތްތައް ނުދެވިހުރި، އަދި ކުރިން ކޮންމެވެސްވަރަކަށް ލިބިދާނެކަމުގެ އުންމީދު އެމީހުންނަށް ލިބިފައި، އެކަމަށް މާބޮޑު ކުރިއެރުމެއް ނުލިބިހުރި ކަންތައްވެސް އެބަހުރި. އެހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް ގެންދެވޭތޯ ސަރުކާރުން ވަރަށް މަސައްކަތްކުރާނަން. ޚާއްޞަކޮށް، މިނިސްޓަރ އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން، އެކަންތައްތައް އަވަސްކުރެއްވޭތޯ އެބަ ބައްލަވާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި ރައްޔިތުން އެދޭ އެކަންތައްތައްވެސް ހަމަ ހާސިލުވަމުންދާނެ.

އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން. ޝުކުރިއްޔާ!