بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين، والصّـلاة والسّـلام على أشرف المرسلين، سيّدنا محـمّد، وَعلـى آلـه وصحبـه أجمـعـين.

އާދެ، އަޅުގަނޑާއި ނަސްރީނާ، އިންޑިޔާއަށް މި ކުރާ ރަސްމީ ދަތުރުގައި މިއަދު ޗެންނާއިއަށް އައިސް އަދި މިރޭ ޗެންނާއިގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި އަދި ޗެންނާއި ނޫނަސް މި ހިސާބުގަނޑު ކައިރި ތަންތަނުން މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ދިވެހިރައްޔިތުންނާ ބައްދަލުކޮށްލުމަކީ މިރޭ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ދެންމެ ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާރޑް އަންބަރީ ޢަބްދުއްސައްތާރު އެ ވިދާޅުވީ، އޭނާއަށް ހީފުޅުވެފައި އޮތްގޮތެއްގެ ވާހަކަ. ޙަޤީޤަތުގައި އެއީ ހީފުޅުވެފައިއޮތް އެއްޗެއް ނޫނޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އޭނާއަށް ޔަޤީންވެވަޑައިގަންނަވާނެ އެއްޗެކޭ. އެއީ މި ދަތުރު ރޭވިއިރު، އަޅުގަނޑު އެކަން ގެންދިޔައީ، އަންބަރީއާ މަޝްވަރާކޮށްގެން. ދެން އަޅުގަނޑު ދެންނެވިން، އަޅުގަނޑު ބޭނުމޭ، އަޅުގަނޑުދާ ކޮންމެ ތަނެއްގައިވެސް ތިއްބަވާ ދިވެހިރައްޔިތުންނާ ބައްދަލުކޮށްލަން. އެހެންވީމާ، ދިއްލީގައިވެސް އެ އުފާ އަޅުގަނޑު ހާސިލުކުރިން. އަދި މިއަދު ޗެންނާއީއަށް އައިސް، މިރޭ އެ އުފާ އަޅުގަނޑު ހާސިލުކުރަމުން މި ގެންދަނީ. އިރާދަކުރެއްވިއްޔާ، މާދަމާ ތިރުވަނަންތަޕޫރަމަށް ގޮސް، އެތާނގައި ތިއްބެވި ދިވެހިރައްޔިތުންނާވެސް މާދަމާރޭ އިރާދަކުރެއްވިއްޔާ ބައްދަލުކޮށްލާނަން. އާދެ، އެހެންވީމާ، އެއީ ކުށްހީފުޅެއްނޫން. ހަމަ ޙަޤީޤަތެއް. އެހެންވީމާ، އެ ވާހަކަ އެންމެ ފުރަތަމަ ދަންނަވާލީ.

ދެން ދަންނަވާލަންއޮތީ، ދެންމެ އަންބަރީ ޢަބްދުއްސައްތާރުގެ ވާހަކަފުޅުގައި އެ ވިދާޅުވި ވާހަކަފުޅަށްޓަކައި، އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަމޭ. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، އޭނާ މިހާރު އެ ހުންނެވީ، އަޅުގަނޑުމެންގެ ރާއްޖެ ތަމްސީލު ކުރައްވާ އިސްވެރިއެއްގެ ގޮތުގައި، ދިއްލީގައި ނުވަތަ މުޅި އިންޑިޔާގައި.

ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުމަކީ، ވަރަށް ޒަމާންވީ، ވަރަށް އެކުވެރި، ވަރަށް ރަޙްމަތްތެރި ގުޅުމެއް. އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުމަކީވެސް، ވަރަށް ވަރުގަދަ އެއްބާރުލުމެއް. އިންޑިޔާ ސަރުކާރާއި ރައްޔިތުންގެ އެހީ، ރާއްޖޭގެ ހުރިހާ ކަމަކަށްވެސް މިދަނީ ލިބެމުން. އޭގެތެރޭގައި، އަޅުގަނޑުމެންގެ ޒުވާން އަންހެނުންނާއި ފިރިހެނުންނަށް ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުން ހިމެނޭ. އަދި އެހެން ރޮނގުރޮނގުންވެސް، ޞިއްޙީ ރޮނގުންނާއި، ތިމާވެށީގެ ރޮނގުންނާއި، ފަތުރުވެރިކަމުގެ ރޮނގުންނާއި، ވިޔަފާރީގެ ރޮނގުންނާއި އަދި ޘަޤާފީ ރޮނގުންވެސް ދިވެހިރާއްޖެއަށް އިންޑިޔާގެ ފަރާތުން ތަފާތު އެހީތައް ލިބެމުންދޭ.

އަޅުގަނޑުގެ މި ދަތުރުގެ ބޭނުމަކީވެސް، މި ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއަށް އޮތް ތާނގައި އިތުރަށް ތަރައްޤީވަމުންދާނެ ގޮތްތައް އިންޑިޔާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކޮށް ރާވައި އެކަން އެގޮތަށް ހިނގާތޯ ބެލުން. އާދެ، އަޅުގަނޑުމެންނަށް އިންޑިޔާ ސަރުކާރުން ވިދާޅުވީ، ވަރަށް ހޫނު މަރުޙަބާއެއް. އެ ބޭފުޅުން އަޅުގަނޑުމެންނާ ވަރަށްބޮޑު ގާތްކަމެއް ބަހައްޓަވާ.

އިންޑިޔާގެ ރައީސާ ބައްދަލުކޮށްލުމުގެ އުފާ އަޅުގަނޑުމެންނަށް ރޭ ވަނީ ލިބިފައި. އަދި އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކޮށްލުމުގެ އުފާ އިއްޔެ ހެނދުނުވަނީ އަޅުގަނޑުމެންނަށް ލިބިފައި. އަދި މި ނޫނަސް، އިންޑިޔާގެ ވަރަށްގިނަ މިނިސްޓަރުންނާ ބައްދަލުކޮށް، އެ ބޭފުޅުންނާ އެކީގައި ދެ ޤައުމު ދޭތެރޭގައި މިއޮތް ގުޅުމާ ބެހޭގޮތުން ވާހަކަދައްކައި އަދި އިތުރަށް ތަރައްޤީކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްލުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު އިންޑިޔާ ސަރުކާރަށާއި، އިންޑިޔާގެ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ތިޔަބޭފުޅުންނަކީ ތަފާތު ބޭނުންފުޅުތަކުގައި މި ވަގުތު ޗެންނާއިގައި ތިއްބެވި ބޭފުޅުން. ތީގެތެރެއިން އެއްބައި ބޭފުޅުންނަކީ، ތަޢުލީމު ހާސިލުކުރުމަށްޓަކައި ވަޑައިގެން ތިއްބެވި ބޭފުޅުން. އަނެއްބައި ބޭފުޅުންނަކީ، ކޮންމެވެސްކަހަލަ ޞިއްޙީ ޚިދުމަތެއް ބޭނުންފުޅުވެގެން ވަޑައިގެން ތިއްބެވި ބޭފުޅުން ނުވަތަ އެނޫންވެސް ކަމަކު ވަޑައިގެން ތިއްބެވި ބޭފުޅުން. އަޅުގަނޑުމެންނާއި އިންޑިޔާއާ ދޭތެރޭގައި މި އޮންނަ ގުޅުން މި ގޮތަށް އޮތުމާއެކީގައި އަދި ރާއްޖެއިން ލިބެން ނުހުންނަ ފަސޭހަތަކަކާއި ޚިދުމަތްތަކެއް އިންޑިޔާއިން ލިބޭތީ، އަޅުގަނޑުމެންގެ ދިވެހިންގެ ތެރެއިން ވަރަށްގިނަ ބަޔަކު އިންޑިޔާއަށް އެކި ބޭނުންތަކުގައި ޒިޔާރަތް ކުރަމުން ގެންދޭ. އެހެންވީމާ، ދިވެހިންގެ ގިނަބަޔަކު ދިރިއުޅޭ ތަނަކަށް، އަޅުގަނޑު މިހުރި މަގާމުގައި ހުރެގެން ހިނގައްޖެނަމަ، އެ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ ވާޖިބަކަށްވާނެ. އެހެންވީމާ، އެ ގޮތުން އަޅުގަނޑު މިރޭ މިއައީ.

ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަކީ އަޅުގަނޑަށާއި ނަސްރީނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައި އަދިވެސް އެއްފަހަރު ދަންނަވާލަން. އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ބޭފުޅުންނަށް އެކަމަށްޓަކައި މިތަނަށް ވަޑައިގެންނެވި ބޭނުން މާތް ﷲ ފުއްދަވައި ދެއްވުން. އެއީ، ތަޢުލީމު ހާސިލުކުރުން ކަމުގައިވިޔަސް ނުވަތަ ޞިއްޙީ ޚިދުމަތެއްގެ ބޭނުންކުރައްވަން ކަމުގައިވިޔަސް ނުވަތަ ވިޔަފާރިއަށްޓަކައި ކަމަށްވިޔަސް ނުވަތަ އެނޫން ބޭނުންފުޅަކު ކަމުގައިވިޔަސް އެ ބޭނުންފުޅެއް މާތް ﷲ ފުއްދަވައިދެއްވުމަކީ، އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއެއް.

ހަމައެއާއެކީގައި ދަންނަވާލަން ޖެހެނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިހާރު މިދަނީ ދުނިޔެއަށް ތަޢާރުފުވަމުންނޭ ނުވަތަ މިހާރު ރާއްޖެ މިވަނީ ދުނިޔެއަށް ވަރަށް ބޮޑަށް ތަޢާރުފުވެފައޭ. ޔޫރަޕުގެ ޤައުމުތަކަށާއި އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައި ރާއްޖޭގެ ނަން އެއީ މިހާރު އެކަކަށްވެސް އޮޅިފައިވާ ނަމެއްނޫން. ދިވެހިރާއްޖެއޭ ބުނުމުން، އެންމެންނަށްވެސް ރާއްޖެއަކީ ކޮންތަނެއްކަން މިހާރު އެބަ އެނގޭ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެ ހެޔޮގޮތުގައި ރާއްޖެއިން ބޭރުގައި ތަމްސީލުކުރެވޭތޯ ބެލުމަކީ، އަޅުގަނޑުމެން އެންމެންގެ ވާޖިބަކަށްވާނެކަމާމެދަކު ޝައްކެއްނެތް.

އަޅުގަނޑުމެން ބަލަންޖެހޭނީ، އަޅުގަނޑުމެންކުރާ ކޮންމެ ކަމެއްގެ ސަބަބުން ރާއްޖެއަށް ރީތި ނަމެއް ލިބޭތޯ. ރާއްޖެއަށް ފަޚުރެއް ލިބޭތޯ. އެއީ މި ޒަމާނުގައި ކޮންމެ މީހަކު ކުރާ ކަމަކީވެސް ހަމަ ވަރަށް ފަސޭހައިން އެހެން މީހުންނަށް އެނގިގެންދާނެ ކަމެއް. އަދި ޚަބަރުފަތުރާ ވަސީލަތްތަކުގެ ކަންތައްތައް ތަރައްޤީވެފައިވާ މިންވަރުން، އެއްވެސް ކަހަލަ ނޭދެވޭކަމެއް ހިނގިޔަސް، ވަރަށް ފަސޭހައިން އެ ވާހަކަ ނޫސްތަކުގައި ޖަހައި ނުވަތަ އެނޫން ގޮތަކުންވެސް މީހުންނަށް އޮންނަނީ އެނގިފައި. އެހެންވީމާ، އަޅުގަނޑުމެން މިކަހަލަ ދަނޑިވަޅެއްގައި، ކޮންމެ ބޭނުމަކު ރާއްޖެއިން ބޭރުގައި ތިބި ނަމަވެސް، އަޅުގަނޑުމެން ބަލަންޖެހެނީ، އަޅުގަނޑުމެންގެ ޤައުމަށްޓަކައި ރީތި ނަމެއް ހޯދައިދެވޭތޯ. އަޅުގަނޑުމެންގެ ޤައުމުގެ ރީތި ނަމަށް އެއްވެސް ކަހަލަ ކިލަނބު ކަމެއް އަންނަ ކަހަލަ ކަމެއް ނުކޮށްވޭތޯ.

އާދެ، އިންސާނުންނަކީ އިންސާނުން ކަމަށްވީތީ، ބައެއް ފަހަރަށް މަގުން ކައްސައިލައިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް. އެއީ ނުވާނެކަމެއްނޫން. އެހެންނަމަވެސް އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވާނީ، އަޅުގަނޑުމެން ރާއްޖެއިން ބޭރުގައި އުޅޭއިރުވެސް، ވީހާވެސް ހަމަޖެހޭ ރަނގަޅު ގޮތަކަށް ކަންތައްތައް ކުރަމުން ގެންދެވޭތޯ ބެލުން. އަޅުގަނޑުމެން ގޮސް އެ އުޅޭ ޤައުމެއްގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލެނބުން. އަދި އެ ޤައުމަކާއި އަޅުގަނޑުމެންނާ ދޭތެރޭގައި އޮންނަ ގުޅުމަށް އެއްވެސް ކަހަލަ ބުރުލެއްނާރާފަދަ ގޮތަކަށް ކަންތައް ކުރަމުން ގެންދިޔުން. އަޅުގަނޑުމެންނަށް އެ ޤައުމަކުން މެހްމާންދާރީ އެ އަދާކުރާ ޤައުމަކަށް ޝުކުރުވެރިވެ، އެ މީހުންނަށްވެސް އަޅުގަނޑުމެން އިޙްތިރާމުކޮށް، އެ މީހުންނަށް ކަމޭހިތައި، ކަންތައް ކުރެވެންއޮތް އެންމެ ރަނގަޅަކަށް ކުރަމުން ގެންދިޔުން. އެގޮތަށް އަޅުގަނޑުމެން ކަންތައް ކުރަމުން ގެންދަނީ ކަމުގައިވަނީނަމަ، ޝައްކެއްނެތް، ދިވެހިރާއްޖެއަށް މުޅި ދުނިޔޭގައިވެސް ލިބެމުންދާނީ ރީތިނަން. ދިވެހިންނަކީ، އެބައެއްގެ ޘަޤާފަތަށާއި ޢަޤީދާއަށްޓަކައި އަދި ޤައުމިއްޔަތަށްޓަކައި ފަޚުރުވެރިވާ ބައެއްކަން އޭރުން މުޅި ދުނިޔެވެސް ގަބޫލުކުރާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށްނެތިން. އަދިވެސް އެއްފަހަރު ޗެންނާއީއަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަށް މި ލިބުނު ފުރުޞަތަށްޓަކައި ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވާލަން. އަދި ކުޑަ، އެއް ވާހަކައެއް ދަންނަވާލަން ބޭނުންވޭ. ކުޑައެއްނޫން، މުހިންމު ވާހަކައެއް ކަންނޭނގެ. އެއީ، އަޅުގަނޑުމެންގެ ރާއްޖެ މިވަގުތު ކުރިމަތިލާފައިވާ އިޞްލާޙީ ބަދަލުތަކާ ބެހޭގޮތުން.

ތިޔަބޭފުޅުންވެސް އައްސަވާނެ، މިހާރު ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށްޓަކައި އަޅުގަނޑު ހުށަހެޅި ހުށަހެޅުންތަކެއްގެ ވާހަކަ. އާދެ، އެއީ، އެންމެ ފުރަތަމަ 2003 ވަނަ އަހަރު އަޅުގަނޑު ރައީސްކަމާއި ޙަވާލުވެ ހުވާކުރި ދުވަހު، އެއީ، އަޅުގަނޑު 6 ވަނަ ދައުރަކަށް ރައީސަކަށް ހޮވިގެން ހުވާކުރި ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ވާހަކަދައްކަމުން އަޅުގަނޑު ދެންނެވިން، ރާއްޖެ މިވަގުތުވަނީ އިޞްލާޙީ ބަދަލުތަކަކަށް ބޭނުންވެފައޭ. އަދި އެ ބަދަލުތައް ގެނައުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙުތަކެއް އަންނަން އެބަޖެހެޔޭ. އެހެންވީމާ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަށާނަމޭ. އެ ދެންނެވި ގޮތުގެމަތިން ރައްޔިތުންގެ ޚާއްޞަ މަޖިލިސް ވަނީ އިންތިޚާބުކުރެވިފައި. އަދި ޚާއްޞަ މަޖިލިސް ވަނީ އެއްކުރެވިފައި.

ޚާއްޞަ މަޖިލިސް އެއްކުރަން މިޖެހޭ ސަބަބަކީ، ރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން ޤާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ކަމަށްވާތީ. އެހެން އެއްވެސް ފަރާތަކަށް ޤާނޫނުއަސާސީއަށް ބަދަލެއް ގެނައުމުގެ ޙައްޤެއް، އިޚްތިޔާރެއް، ބާރެއް ނެތް. އެހެންވީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކޮށް، އެ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރައްވަމުން އެ ގެންދަވަނީ.

އަޅުގަނޑު ހުށަހެޅި ހުށަހެޅުންތަކަކީ، އަޅުގަނޑަށް ފެންނަ ބަދަލުތަކެއް. އިޞްލާޙީ ބަދަލުތަކެއް. އަޅުގަނޑުގެ ޚިޔާލުތަކެއް. އެއީކީ އަޅުގަނޑު ހުށަހެޅި ޑްރާފްޓެއް ނޫން، ދެލިކޮޕީއެއް ނޫން. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން މިހާރު އަޅުގަނޑު މި ހުށަހެޅި ހުށަހެޅުންތަކާ ބެހޭގޮތުން ބަހުސްކުރައްވައި، އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެ ކަންތައްތައް ނިންމަވައި ދެއްވާނެ. އާދެ، އަޅުގަނޑު އެދެނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މި މަސައްކަތް ވީހާ އަވަހަކަށް ކުރިއަށް ގެންގޮސްދެއްވައި، ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ނިންމަވައި ދެއްވުން. މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއްކަން. ވަރަށްބުރަ މަސައްކަތެއްކަން. ވަރަށް ރަނގަޅަށް ބަހުސްކުރައްވާފައިކަން، ރާއްޖޭގެ މުސްތަޤްބަލާބެހޭ މިފަދަ މުހިންމު ނިންމެވުންތަކެއް ނިންމަވަންޖެހޭނީ. އެހެންވީމާ، ވަގުތުވެސް އެކަމަށް ބޭނުންވާނެ. އެކަން އެހެން އޮތް ނަމަވެސް، އަޅުގަނޑު އެދެނީ، ގާތްގަނޑަކަށް އަހަރެއްހައި ދުވަހުގެ ތެރޭގައި ނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ނިންމަވައި ދެއްވުން. އޭރުން އޭގެފަހުން އަޅުގަނޑުމެންނަށް އާ ޤާނޫނުއަސާސީއެއް ލިބިގެން، އޭގެ ސަބަބުން އަޅުގަނޑުމެންގެ ތަރައްޤީ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، މިހާރަށްވުރެ ހަމަޖެހޭ އަދި ޤައުމަށާއި ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ހުޅުވިގެންދާނީ.

އާދެ، މި ވާހަކަ މި ދަންނަވާލީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާތައް މިހާރު ރާއްޖޭގައި ކުރައްވަމުން ގެންދަވާތީ. އަދި އެ ބޭފުޅުންގެ ބުރަމަސައްކަތުގައި މާތް ﷲ ބަރަކާތްލެއްވުންއެދި އަޅުގަނޑު ދުޢާކުރަން. އަދި އެ ބޭފުޅުން އެ ކުރައްވާ މަސައްކަތަކީ ޤައުމަށާއި ރައްޔިތުންނަށް ދުރު މުސްތަޤްބަލަކަށް ވިސްނާއިރުވެސް، ފައިދާ ކުރަނިވި، ބިނާ ކުރަނިވި، ރާއްޖޭގައި މިއޮތް އަމަންއަމާންކަމާއި، ސުލްޙަމަސަލަސްކަމާއި، ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެނިވި ގޮތެއްގައި އަދި ތަރައްޤީގެ ފޮނިމޭވާތައް ލިބެމުންދާނެ ގޮތެއްގައި ކުރައްވާ މަސައްކަތެއްކަމުގައި ވުމަކީ އަޅުގަނޑުގެ އެންމެ އިޚްލާޞްތެރި އެދުން. އަދި ﷲ އަށް އަޅުގަނޑު ދަންނަވާ އެންމެ އިޚްލާޞްތެރި ދުޢާ.

އާދެ، އެހެންވީމާ، އެ ވާހަކަ ދަންނަވާލާފައި، އަޅުގަނޑު މި ފިޔަވަޅުމަތިން އެއްފަރާތަށް ޖެހިލަނީ. ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އެދެނީ، އުފާވެރިކަމާއި ޞިއްޙަތާއި ޢާފިޔަތު. މާތް ﷲ، ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތު ދެއްވާށި! އަދި ތިޔަބޭފުޅުންނަށް ރަޙްމަތްލައްވައި، ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވާށި!

والسّلام عليكم ورحمـة اللّـه وبركاته.