بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މިއަދު އަޅުގަނޑު އަރިއަތޮޅު ދެކުނު މާމިގިއްޔަށް އައުމުން، މިއަތޮޅުގެ އަތޮޅުވެރިންގެ ފަރާތްޕުޅުންނާއި، އަތޮޅުއޮފީހުގެ އިސްބޭފުޅުންނާއި، މާމިގިލީ ވެރިންނާއި، ރައްޔިތުންނާއި އަދި މުލަކަތޮޅު މަޑިފުށީ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، އަޅުގަނޑުގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން މަރްޙަބާގެ ގޮތުން ވިދާޅުވި ހެޔޮބަސްފުޅުތަކަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި ބައްދަލުވުމަކީ ކޮން ބައްދަލުވުމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. މިއަދަކީ ރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބިރުވެރި އެންމެ ނުރައްކާތެރި އެއް ހާދިސާ ހިނގިތާ އެއްމަސްދުވަސް ވީދުވަސް. އާދެ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ، ދިވެހިންގެ އެކެއްގެ ހިތުންވެސް އެދުވަހުގެ ހަނދާންތައް ފިލައިގެންދާނެ ދުވަހެއްނޫން. އެއީ އެއަށްވުރެ މާބޮޑު ބިރުވެރިކަމެއް، މާބޮޑު ނުރައްކާތެރިކަމެއް، މާބޮޑު ހާސްކަމެއް ދިވެހިންނަށް އިޙްސާސްވެގެންދިޔަ ދުވަހެއް. އާދެ، އެދުވަހުގެ ހަނދާންތައް ކޮންމެހެން ތަކުރާރުކޮށް އަޅުގަނޑު ދަންނަވާކަށްނެތިން. ދެންމެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ޗީފް ކޯޑިނޭޓަރ އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އިސްމާޢީލް ޝަފީޢުގެ ވާހަކަފުޅުގައި ވަރަށް މޮޅަށް އެކަންތައްތައް އަޅުގަނޑުމެންނަށް ކިޔައިދެއްވައިފި.

އާދެ، އަޅުގަނޑުމެން މިފަދަ ކާރިސާއެއް ދިމާވުމުން ހަނދާންކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި އެންމެ ފުރަތަމަކަމަކީ، އަޅުގަނޑުމެންނަކީ މާތްﷲގެ މަޚްލޫޤުންކަން. އަޅުގަނޑުމެން ހެއްދެވި ފަރާތަކީ، އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވި ފަރާތަކީ، އަދި އަޅުގަނޑުމެންގެ ކަންތައްތައް ތަދުބީރު ކުރައްވައި މިންވަރު ކުރައްވާ ފަރާތަކީ އަދި އެފަރާތަކަށް އަޅުގަނޑުމެން އެނބުރި ދާންޖެހޭ އަދި ދާނެ ފަރާތަކީ اللّـه سبحـانـه وتعـالى ކަން. ދުނިޔޭގައިވާ ހުރިހާ ކަމެއްވެސް މިވަނީ، ހިނގާ ހުރިހާ ކަމެއް ހިނގަނީ اللّـه سبحـانـه وتعـالى އިރާދަކުރައްވާ، ތަދުބީރު ކުރައްވާ، މިންވަރު ކުރައްވާ ގޮތެއްގެމަތިން. އަޅުގަނޑުމެންނަކީ، މިމަތިވެރި ޢަޤީދާއަށް އީމާންވެ ތިބި ބަޔަކު ކަމުގައިވާތީ، އަޅުގަނޑުމެން ވާންޖެހޭނީ ﷲގެ މިންވަރުފުޅަށް ރުހި ގަބޫލުވާ ބަޔަކަށް.

އާދެ، މާތް ﷲ ކީރިތި قرآن ގައި އަންގަވައި وحى ކުރައްވާފައިވާ آية އެއްގެ މާނައިގައިވޭ، "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. އެއީ، ތިޔަބައިމީހުންނަށް ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމާއި އަދި މުދާތަކާއި، نفس ތަކާއި، މޭވާތަކުން އުނިކުރައްވާ އުނިކުރެއްވުމެއްގެ ސަބަބުންނޭ." އެހެންވީމާ، އެބަ އެނގޭ މާތްﷲ އިންސާނުން އިމްތިޙާނު ކުރެއްވުމުގެގޮތުން ބައެއްފަހަރަށް އަޅުގަނޑުމެންނަށް ބިރުވެރިކަން ދިމާވާނެކަން. ބަނޑުހައިހޫނުކަން ދިމާވާނެކަން. އަޅުގަނޑުމެންގެ މުދާތަކުން ބައެއް ގެއްލިގެންދާނެކަން. އަޅުގަނޑުމެންގެ نفس ތަކުން، ފުރާނަތަކުން ބައެއް ގެއްލިގެންދާނެކަން. އަޅުގަނޑުމެންގެ މޭވާތަކުން، އާދެ، އަޅުގަނޑުމެންގެ ކާބޯތަކެތިން ބައެއް ގެއްލިގެންދާނެކަން. މިއީ إلهى قانون. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން ހިނގަމުންދާގޮތް.

މިވާހަކަ ބަޔާންކުރައްވާފައި މާތްﷲ އަންގަވަނީ އެކަލާނގެ رسولއާ އަށް، ކެތްކުރާ މީހުންނަށް ހުރި އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ. މިކަހަލަ ކަންތައްތަކަށް ކެތްކުރާ މީހުންނަށް ހުރި އުފާވެރިކަމުގެ ޚަބަރު. އާދެ، މާތްﷲގެ رحمة އާއި، އޯގާވަންތަކަމާއި އެކަލާނގެ ޘަވާބު ކެތްކުރާ މީހުންނަށް ދެއްވާނެކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެބައިމީހުންނަށް ދެއްވާށެވެ. އެބައިމީހުންނަކީ، އެބައިމީހުންނަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ، މިދަންނަވާގޮތަށް ދަންނަވާ މީހުންނެވެ. "ހަމަކަށަވަރުން ތިމަންމެން މިލްކުވެވޮޑިގެންވަނީ اللّـه سبحـانـه وتعـالى އަށެވެ. އަދި ހަމަކަށަވަރުން ތިމަންމެން އެނބުރި ރުޖޫޢަވާހުށީ އެކަލާނގެ ޙަޟްރަތަށެވެ." މިހެންބުނެ، މާތްﷲ އެބަޔަކަށް އެ ދެއްކެވި ކަމަކަށް ކެތްކުރާ މީހުންނަށް މާތްﷲ ދެއްވާ ޘަވާބާއި، ދަރުމައާއި، رحمة ގެ ވާހަކަ، އެކަލޭގެފާނު އެބައިމީހުންނަށް އަންގަވައިދެއްވާށޭ. އެހެންވީމާ، މިއީ އަޅުގަނޑުމެން އެންމެފުރަތަމަ ހަނދާންކުރަންވީ ކަމަކީ. އެހެންވީމާ، އެކަން އަޅުގަނޑުމެން މުސްލިމުންކަމަށް ވީހިނދު ވަރަށް ރަނގަޅަށް ހިތުގައި ބާއްވައިގެން، މާތްﷲ ދެއްވާ نعمة ތަކަށް ޝުކުރުކޮށް، އެކަލާނގެ މެދުވެރިކުރައްވާ އެނޫން ކަންތައްތަކަށް ކެތްކުރުމަކީ އަޅުގަނޑުމެންގެ ރީތި ހަރުދަނާ ސިފައަކަށްވާންޖެހޭނެ.

އާދެ، ކޮންމެއަކަސް މި ހިނގައިދިޔަ ކާރިސާގައި، އަޅުގަނޑުމެންގެ ދިވެހިންގެ ތެރެއިން ވަރަށް ގިނަ ލޮބުވެތި އަޚުންނާއި އުޚުތުން ވަނީ އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. އަޅުގަނޑުމެންނަށް މިހާތަނަށް ޔަޤީންވެފައިވާ ގޮތުގައި، ދިވެހިންގެ 82 މީހަކު ވަނީ އެމީހުންގެ ފުރާނަ އެދުވަހު ގެއްލިފައި. އަދި ޚަބަރެއްނުވެ ތިބި 26 މީހަކުވެސް އެބަތިބި. އެމީހުންނަށް ވީގޮތެއް އަޅުގަނޑުމެންނަކަށް ނޭނގެ. ކޮންމެއަކަސް އެ އެންމެންގެ މަތިން އަޅުގަނޑުމެން ހަނދާންކޮށް، އެ އެންމެންނަށް މާތްﷲ رحمة އާއި مغفرة އާއި ދަރުމަޔާއި ޘަވާބު ދެއްވުން އެދި دعاء ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. ހަމަ އެއާއެކީގައި މި ހިތާމަ، އާދެ، އެބައެއްގެ ޢާއިލާއިން ބައެއް ނެތިދިއުމުގެ ހިތާމަ ކުރިމަތިވި ހުރިހާ ޢާއިލާތަކަށާއި އަދި އެބަޔަކު، އެ ރަށެއްގެ އާބާދީގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންނާއި އަދި ޢާންމުކޮށް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެންގެ އިޚްލާޞްތެރި ތަޢުޒިޔާއާއި މުއާސާތުގެ ޝުޢޫރުތައް އަޅުގަނޑުމެން ފޮނުވަންޖެހޭ.

އާދެ، އަޅުގަނޑުމެން މިވޭތުކުރަނީ ޤައުމީ ހިތާމައިގެ ދުވަސްތަކެއް. އެކަމުގެ ނިޝާނެއްގެ ގޮތުން ދިވެހި ޤައުމީ ދިދަ ތިރީސް ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށްފަހު މިއަދުވަނީ ދަނޑީގެ އެންމެ ކުރިޔަށް، މައްޗަށް ހިއްލާލެވިފައި. އެހެންނަމަވެސް އޭގެމާނައަކީ، އަޅުގަނޑުމެންގެ ހިތުގައިމިވާ ހިތާމަ ފިލައިގެން ދިޔައްޔެކޭނޫން. އެ ހިތާމައަކީ ފިލައިގެންދާނެ އެއްޗެއްނޫން. އެ ހިތާމައަކީ އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް އޮންނާނެ އެއްޗެއް. އެހެންނަމަވެސް، ދުނިޔެވީ ޙަޔާތުގައި އަޅުގަނޑުމެންނަށް ޖެހެނީ ހިތާމަތަކަށް ކެތްކުރަން. އަދި ހަމައެއާއެކީގައި އެފަހަރަކު އެދިމާވި ކަމަކުން ސަލާމަތްވޭތޯ މަސައްކަތްކުރަން. އަދި ދިރިއުޅުން ތަރައްޤީ ކުރުމަށާއި، ކަންތައްތައް ހަރުދަނާކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުން.

އެގޮތުން މިއަދަކީ ދިވެހިރާއްޖެ ތަރައްޤީގެ ތާރީޚުގައި، އާ ބާބެއް ފަށާ ދުވަހެއް. އާދެ، ބޮޑުރާޅު އެރުމުގެ ކާރިސާއަށްފަހު، ޤައުމު އާރާސްތު ކުރުމުގެ މަސައްކަތްތައް ރަސްމީގޮތުން ފަށާ ދުވަސް. މިވޭތުވެދިޔަ ތިރީސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރަމުންއައި މަސައްކަތަކީ، މިކާރިސާގައި ލިބުނު ގެއްލުންތައް ބަލައި، އެގެއްލުންތައް ލިބުނު މީހުންނަށް ދޭންޖެހޭ ކުއްލި އެހީތައްދީ، ވަގުތީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްކޮށް، އެކަންތައްތައް ކުރުން. މާތްﷲގެ ވާގިފުޅާއެކު އެކަންތައްތައް ވަނީ މިހާރު އެކަށީގެންވާ މިންވަރަކަށް ކުރެވިފައޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އަޅުގަނޑުމެންގެ މަސައްކަތުގެ އެންމެ ބޮޑު ބަޔަކީ އޭގެފަހުން މިއަންނަބައި. ޤައުމު އާރާސްތުކުރުން. 26 ޑިސެންބަރުގެ ހާދިސާގައި އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިވަނީ ވަރަށްބޮޑެތި ގެއްލުންތަކެއް. އަޅުގަނޑުމެންގެ އިޖުތިމާޢީ ބިނާތަކާއި، އިޤްތިޞާދީ ބިނާތައްވަނީ ފުނޑުފުނޑުވެފައި. ހަލާކުވެގެން ގޮސްފައި. އެހެންވީމާ، އެ ބިނާތައް އަލުން އާރާސްތު ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް. އެކަމަށް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ފަހަށްޖެހިގެނެއްނުވާނެ. ފަހަކަށްނުވެސްޖެހޭ. އާދެ، މިއަދު މިފެށޭ މަޝްރޫޢަކީ މިކާރިސާގައި އެންމެބޮޑަށް ގެއްލުންވި އެއް ރަށް ކަމަށްވާ މުލަކަތޮޅު މަޑިފުށީ ރައްޔިތުންގެ ތެރެއިން މާމިގިއްޔަށް ބަދަލުވި މީހުންނަށް ސަރުކާރުން އަޅައިދޭ ގެތައް ޢިމާރާތްކުރަން ފެށުމުގެ މަޝްރޫޢު.

އާދެ، މީގެކުރިންވެސް އަޅުގަނޑު ދަންނަވާފައިވާފަދައިން، މިކާރިސާގައި ގެދޮރު ނެތިގެންދިޔަ މީހުންނަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ގެދޮރު އަޅައިދޭނެ. ގެދޮރު ހަލާކުވެދިޔަ މީހުންނަށް، މަރާމާތުކުރެވޭ ދަރަޖައަށް ހަލާކުވި މީހުންނަށް އެ ގެދޮރު މަރާމާތުކޮށްދޭނެ. އަދި އެނޫން ގޮތްގޮތުންވެސް އެކިއެކި އަސާސީ ބޭނުންތައް ފުއްދައިދޭނެ. އަދި އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާނގައި އެމީހުންގެ ދިރިއުޅުން، 26 ޑިސެންބަރުގެ ކުރިން އޮތް ފެންވަރަށްވުރެ، މަތީ ފެންވަރަކަށް ގެންދެވޭތޯ ސަރުކާރުން މަސައްކަތްކުރާނެ.

އާދެ، ތިޔަބޭފުޅުން ހަނދުމަފުޅުހުންނާނެ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރެއްވި ޒިޔާރަތް. އޭނާ އެޒިޔާރަތް ކުރެއްވީ 26 ޑިސެންބަރުގެ ކާރިސާގައި ރާއްޖެއަށް ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް. ގެއްލުންތައް ބައްލަވައިލެއްވުމަށްފަހު، އޭނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވޭ. މިފަދަ ކަމެއް ދިމާވީމާ، އެކަމެއް ދިމާވުމުގެކުރިން އޮތް ޙާލަތަކަށް ރުޖޫޢަވުމަކުން ނުފުދޭނެއޭ. އެ ޙާލަތަކަށްވުރެ ރަނގަޅު ޙާލަތަކަށް ދެވޭތޯއޭ މަސައްކަތް ކުރަންވާނީ. އެހެންވީމާ، އަޅުގަނޑުހިތުން އެއީ ވަރަށް ބޮޑު ތެދުފުޅެއް. އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ، ބޮޑުރާޅު އެރުމުގެ ކާރިސާ އަޅުގަނޑުމެންނަށް ދިމާވިއިރު އަޅުގަނޑުމެން ތިބި ހާލަތަށްވުރެ، އަޅުގަނޑުމެން މަސައްކަތްކޮށްގެން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ދެވޭތޯ. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ޤައުމުގެ އެންމެން އަތުގުޅާލައިގެން، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙެއްގައި މަސައްކަތްކޮށްފިނަމަ، އެމަޤްޞަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހާސިލުވާނެ.

އާދެ، މިއަދު އަޅުގަނޑު މާމިގިއްޔަށް އައިސް، މާމިގިލީގެ ރައްޔިތުންނާއި އަދި މަޑިފުށީގެ ރައްޔިތުންނާ ބައްދަލުކުރުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މާމިގިއްޔަށް ބަދަލުވި މަޑިފުށީގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު މަރްޙަބާ ދަންނަވަން. އަދި މަޑިފުށިން މާމިގިއްޔަށް ބަދަލުވި މީހުންނަށް މަރްޙަބާ ވިދާޅުވެ، މެހުމާންދާރީ އަދާކުރައްވައި އަދި ވަގުތީ ހިޔާވަހިކަން ދެއްވި މާމިގިލީ ރައްޔިތުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މާމިގިލީ ރައްޔިތުން އެ ސާބިތުކޮށްދެއްވީ ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމާއި އެކުވެރިކަމުގެ ވަރަށް ރީތި މިސާލެއް. އެވާހަކަ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެބޭފުޅުންވެސް ވަނީ ވިދާޅުވެފައި. އަޅުގަނޑު އިތުރުކޮށްލަން ބޭނުންވާ ހަމައެކަނި ކަމަކީ މިއީ ވަރަށް ރީތި އިސްލާމީ އާދައެކޭ ދަންނަވާލުން. އާދެ، ތިޔަބޭފުޅުން رســول اللّـه صـلّى الله علـيـه وسـلّمގެ سيرة ވާނީ ވިދާޅުވެފައި. ނުވަތަ އަޑުއައްސަވާފައި. އެމާތް سيرة ން އެނގޭގޮތުގައި رســول اللّـه صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހުގައި أنصار ންނާއި مهاجريއިންނާ ދެމެދު أخވަންތަ ކުރެއްވި. އާދެ، مهاجري އިންނަކީ، އެކަލޭގެފާނުގެ އަރިހުގައި މައްކާއިން هجرة ކުރެއްވި ބޭކަލުން. أنصار ންނަކީ އެބޭކަލުންނަށް މަރްޙަބާ ވިދާޅުވެ، މެހުމާންދާރީ އަދާކޮށްދެއްވި މަދީނާގެ އަހުލުވެރިން. مهاجري އިންގެ ކޮންމެ ބޭކަލަކީ أنصارންގެ ބޭކަލެއްގެ أخ ކަމުގައި ހައްދަވައި، އެދެބައިމީހުންނަކީ އެއްބައެއްކަމުގައި رســول އާ ހެއްދެވި. އާދެ، މަދީނާގެ أنصارން مهاجريއިންނަށް ވަރަށް ކަމޭހިތްތަވާ. އަދި أنصارންގެ ގޯތިގެދޮރުން އެއްބައި، ބިމާއި މިލްކިއްޔާތުގެ އެއްބައި مهاجري އިންނަށް ދެއްވައި މެހުމާންދާރީ އަދާކޮށްދެއްވައި، مهاجريއިންނަކީވެސް ހަމަ މަދީނާގެ ބައެއްގެ ގޮތުގައި ބައްލަވައި އެގޮތަށް ޢަމަލުކުރެއްވި. މިއީ އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގައި ފެންނަން އޮތް ވަރަށް ރީތި މިސާލެއް.

މިފަދަ ޢިބްރަތްތެރި ހާދިސާތަކުން އަޅުގަނޑުމެން ފިލާވަޅު ލިބިގަނެ، އަދި އެގޮތުގެމަތިން ޢަމަލުކުރުމަކީ މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް. އެކަން އެހެން ކޮށްފިއްޔާ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބާރުލުމާއި ހަމަޖެހުމާއި އަޚުވަންތަކަން ދާނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެން. އަޅުގަނޑުމެންގެ ސަފުތައް ހުންނާނީ އެކަތިގަނޑަކަށްވެފައި. އެއްވެސް ބަޔަކަށް، އެއްވެސް މީހަކަށް އަޅުގަނޑުމެންގެތެރެއަށް ވަދެ، އަޅުގަނޑުމެން ބައިބައިކޮށް ވަކިވަކިކުރުމުގެ ފުރުޞަތެއް އޭރަކުން ނުލިބޭނެ.

އާދެ، އެގޮތުން މާމިގިލީގެ ރައްޔިތުން މިދެއްކެވީ ވަރަށް ރީތި މިސާލެއް ކަމުގައި އަޅުގަނޑުވެސް ދަންނަވަން. އެކަމަށްޓަކައި މާމިގިލީގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި ޝުކުރު އަދާކުރަން. ހަމައެފަދައިން، ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް މިރީތި މިސާލު އޭގެ އެންމެ ފުރިހަމަގޮތުގައި ބަލައިގަންނަވާނެކަމުގެ ޔަޤީންކަން އޮތް ވާހަކަވެސް ދަންނަވާލަން. ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތަކީވެސް އެހެން ރަށްރަށުގެ ރައްޔިތުންނަށް މަރުޙަބާކިޔައި މެހުމާންދާރީ އަދާކޮށް، ކޮށްދެންޖެހޭ ޚިދުމަތްތައް ކޮށްދޭނެ ބަޔަކުކަމުގައި އަޅުގަނޑު ދެކޭ ވާހަކަ ވަރަށް އުފަލާއެކު ދަންނަވާލަން.

އަޅުގަނޑުމެންނަށް މި ދިމާވި ބޮޑުކާރިސާ ދިމާވި ދުވަހު އަދި އޭގެފަހުން މިވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ސާބިތުކޮށްދެއްވާފައިވަނީ އެކުވެރިކަމާއި އެއްބާރުލުމުގެ ވަރަށް ރީތި މިސާލެއް. އެކި ރަށްރަށުގެ ރައްޔިތުން، ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދެއްވައި، ޚިދުމަތުގެ ގޮތުންނާއި ތަކެތީގެ ގޮތުންނާ، މިހުރިހާ ގޮތަކުންވެސް އެހީތެރިވެދެއްވާފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. ކައިރި ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ގޮސްގެން އެމަސައްކަތުގައި ބައިވެރިވެދިން. އެހެން އަތޮޅުތަކުގެ މީހުންވެސް، ގެއްލުން ލިބުނު ރަށްރަށަށް ޒިޔާރަތްކޮށް، އަތޮޅުތަކަށްގޮސް އެމީހުންނާ ބައިވެރިވެގެން މަސައްކަތުގައި އުޅެދިން. އޭގެއިތުރުން، އެހީގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ހަމަޖައްސައިދިން. އޭގެއިތުރުން، އަޅުގަނޑުމެންގެ އަމިއްލަ އަފްރާދުންނާއި، އެކިއެކި އަމިއްލަ ޖަމުޢިއްޔާތަކާއި، އެކިއެކި އިޤްތިޞާދީ މަސައްކަތްތައް ކުރައްވާ ފަރާތްތަކާ، އެހެންގޮސް މުޖުތަމަޢުގައި ހިމެނޭ ތަފާތު ބައިތަކާއި ގިންތިތަކުގެ މީހުން މި މަސައްކަތުގައި އުޅުނީ ވަރަށް އެކުވެރިކަމާއި އެއްބާރުލުމާ އެކީގައި.

އެހެންވީމާ، އެކަމަކީ އަޅުގަނޑުމެން މިއަދު ފަޚުރުވެރިވާންޖެހޭކަމެއް. ރާއްޖެއަށް ޒިޔާރަތް ކުރެއްވި ބޭރުގެ ކޮންމެ ޢިއްޒަތްތެރިއަކުވެސް އެވާހަކަވަނީ ވިދާޅުވެފައި. ދުނިޔޭގެ އެހެން އެއްވެސްތާކުން މިފަދަ އެކުވެރިކަމެއް، މިފަދަ އެއްބާރުލުމެއް، މިފަދަ ޤައުމީ އެއްބައިވަންތަކަމެއް ތިމަންމެން ނުދެކެމުއޭ. އެހެންވަނީ ވިދާޅުވެފައި. އަދި ރާއްޖެއަށް މިކަހަލަ ކާރިސާއެއް ދިމާވުމުގެ ތަޖުރިބާ ލިބިފައި ނެތް ނަމަވެސް ރާއްޖޭގެ ސަރުކާރާއި، ރައްޔިތުންނާއި، އަމިއްލަ ފަރާތްތަކާއި، ޖަމާޢަތްތަކާ އެންމެން ގުޅިގެން މި މަސައްކަތްކުރި ކުރުން އެއީ، އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންގެ ހުރި ހަރުދަނާކަން ފާޅުވެގެންދިޔަކަމެއް. އެކަމަށްޓަކައި ހުރިހާ ބޭފުޅުންވެސް ރާއްޖެއަށް ތާރީފް ކުރެއްވި.

އާދެ، އަޅުގަނޑުމެންގެތެރޭގައި ހިމެނޭ ސަރުކާރުގެ ދާއިރާތަކުގެ ހުރިހާ ބޭފުޅުންވެސް މިކަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްދެއްވި. އާދެ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުން. އާދެ، މިތާނގައި އޭގެ ބައެއް ބޭފުޅުން އެބަ ތިއްބެވި. މިތާނގައި ތިއްބެވި ބޭފުޅުންނާއި، މިތާނގައި ވަޑައިގެން ނެތް ބޭފުޅުންވެސް އަދި ސަރުކާރުގެ ދާއިރާތަކުގެ އެހެން ފެންވަރުތަކުގެ ބޭފުޅުންނާއި އަދި ކުރިންވެސް ދެންނެވިހެން، ޢާންމު ފަރާތްތަކުގެ އެންމެންވެސް މިކަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ބައިވެރިވެ، މަސައްކަތްކޮށްދީފައިވޭ. އަދި މިހާރުވެސް ދަނީ މަސައްކަތްކޮށްދެމުން. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އޭގެތެރެއިން ދެންމެ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އެ ފާހަގަކުރެއްވީ ސިފައިންގެ ޚިދުމަތް. ޝައްކެއްނެތް، ސިފައިންނަކީ ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި، އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާ މީހުން. ޙަރަކާތްތެރިވާންޖެހޭ މީހުން. އެހެންވީމާ، ދިވެހި ސިފައިން، އެދުވަހު އަދި އޭގެފަހުން މިއަދާ ޖެހެންދެންވެސް ކޮށްދީފައިވާ އަދި ކޮށްދެމުން އެގެންދާ ބޮޑެތި ޚިދުމަތްތަކުގެމަތިން އަޅުގަނޑުވެސް ހަނދާންކޮށް، ސިފައިންގެ އޮފިސަރުންނަށާއި، އެންމެންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ ޖެހެންދެން، ރާއްޖޭގެ ސިފައިންގެތެރޭގައި ސިފައިންނާއި ފުލުހުން ވަނީ ހިމެނިފައި. ސެޕްޓެންބަރު 1ން ފެށިގެން އެ ދެބައިވަނީ ވަކިވެފައި. އެހެންކަމުގައިވިޔަސް، ރާއްޖޭގެ ފުލުހުންވެސް އެކަމުގެތެރޭގައި ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްދެއްވި. އެހެންވީމާ، ރާއްޖޭގެ ފުލުހުންގެ އިސް އޮފިސަރުންނަށާއި، ފުލުހުންގެ އެންމެންނަށްވެސް އަޅުގަނޑު މި މުނާސަބަތުގައި އެބޭފުޅުންނަށް ޙައްޤުވެގެންވާ ޝުކުރާއި ތާރީފް ރައްދުކުރަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އަޅުގަނޑުމެންނަށް މިދިމާވި ކާރިސާގައި، އަދި އެކާރިސާގެ ގެއްލުންތައް ފޫބެއްދުމަށްޓަކައި މަސައްކަތްކުރުމުގައި ދިވެހި ޤައުމުވަނީ އެއްބައިވަންތަކަމުގެ ވަރަށް ރީތި ނަމޫނާއެއް ދައްކާފައި. އެއްބައިވަންތަކަމަކީ ޝައްކެއްނެތް، ތަރައްޤީގެ އެންމެ މުހިންމު ބިންގާ. އެންމެ ބޮޑު ސިއްރު. އަޅުގަނޑުމެން ބޭނުންވަނީ ތަރައްޤީވާން. ކުރިޔަށްދާން. އެހެންވީމާ، ތަރައްޤީގެ އެންމެ މުހިންމު ބިންގަލަކީ ޤައުމީ އެއްބައިވަންތަކަން ކަމަށްވާތީ، ސަރުކާރުން މިހާރު ކަނޑައަޅާފައި މިވަނީ، ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 26 ވަނަ ދުވަހަކީ، "އެއްބައިވަންތަކަމުގެ ދުވަސް" މި ނަމުގައި ދުވަހެއް ފާހަގަކުރަން. އެއީ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެން މިހާތަނަށް މާތް ﷲ ގެ ވާގިފުޅާއެކު ހޯދައިފައިމިވާ ކާމިޔާބީތަކާއި ކުރިއެރުންތަކަކީ، އަޅުގަނޑުމެންގެ މެދުގައިމިވާ ޤައުމީ އެއްބައިވަންތަކަމުގެ ބިންގަލުގެ މަތީގައި، އާދެ، އޭގެސަބަބުން ހޯދިފައިވާ ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ކަމަށްވާތީ.

އާދެ، މިއަދު މިފެށޭ މަސައްކަތް މިފެށެނީ، ރައްކާތެރި ރަށްތަކެއް ޤާއިމުކުރުމުގެ ޕްރޮގްރާމަކާވެސް އެކީގައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތަކީ 1998 ގައި ސަރުކާރުން އިޢުލާނުކުރި ސިޔާސަތެއް. އޭގެބޭނުމަކީ ބޮޑެތި ރަށްރަށަށް ކުދި ރަށްރަށުން މީހުން ބަދަލުކޮށް، މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތައް އެރަށްރަށުގައި ޤާއިމުކުރުން. އޭރުން ޚަރަދުކުޑަވެފައި މީހުންގެ އާމްދަނީ އިތުރުކުރުމަށް ފުރުޞަތު ތަނަވަސްވެފައި، ހުރިހާ ގޮތަކުންވެސް ތަރައްޤީއަށް އެޅޭ ބާރަކަށްވާތީ. އެ ސިޔާސަތުގެ މަތިން ސަރުކާރުން މިހާތަނަށް ޢަމަލުކުރަމުން މިގެންދިޔައީ. އެހެންވީމާ، މިއަދު މިފެށޭ މަޝްރޫޢަށް އާދެ، އެ މަޝްރޫޢު މިފެށެނީ ތަރައްޤީއާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ރައްކާތެރި ރަށްތަކެއް ޤާއިމުކުރުމުގެ ޕްރޮގްރާމެއްވެސް ފެށުމުގެގޮތުން.

އާދެ، ރައްކާތެރި ރަށްތަކެއްގެ މަފްހޫމަކީ އަޅުގަނޑުމެން މިހާރު ކުރަންޖެހިފައިވާ ތަޞައްވުރެއް. ޢަމަލުކުރަން ޖެހިފައިވާ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން ދިރިއުޅޭ 199 ރަށް އެބައޮތް. އޭގެތެރެއިން ވަރަށް ގިނަ ރަށްރަށަކީ ވަރަށް ކުދިކުދި ރަށްރަށް. ދިރިއުޅެންދަތި އަދި ކުރިއެރުމުގެ ވަސީލަތްތައް ވަރަށް ކުޑަކޮށް ނޫނީ ނެތް ރަށްރަށް. އޭގެއިތުރުން، އަޅުގަނޑުމެންގެ ރާއްޖޭގައި އެބަހުރި، ތަންކޮޅެއް ބޮޑެތި ރަށްރަށް. ތަރައްޤީގެ ކަންތައްތައް ކުރުމަށް ތަންކޮޅެއް ފަސޭހަ ރަށްރަށް. ލަފާފުރުން ފަސޭހަ، އަދި އެހެން ރަށްރަށާ ގުޅުން ޤާއިމުކުރުމަށްވެސް ފަސޭހަ އަދި މީހުންނަށް ދިރިއުޅެވޭނެ، އާމްދަނީ ހޯދޭނެގޮތްތައްވެސް ގިނަ ރަށްރަށް. އެހެންވީމާ، އެކަހަލަ ރަށްރަށް އެއީ ކުރިޔަށް އޮތްތާނގައި ތަރައްޤީކުރާ ރަށްރަށުގެ ގޮތުގައި ހަމަޖެއްސުމަކީ އަޅުގަނޑުމެން ވިސްނާއިރު ވަރަށް މުހިންމު ކަމެއް.

ތިމާވެށްޓަށް މިއަންނަ ބަދަލުތަކުގެ ސަބަބުންވެސް ރާއްޖޭގެ ހުރިހާ ރަށެއް އެއްފެންވަރެއްގައި ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ ކުރެވޭނެ ކަމެއްނޫން. އޭގެބަދަލުގައި ތަންކޮޅެއް ބޮޑެތި ރަށްރަށަށް ކުދިރަށްރަށުގެ މީހުން ބަދަލުވެ، އަދި އެ ރަށްރަށަކީ ތިމާވެށީގެ ގޮތުންވެސް ރައްކާތެރި ކުރެވިފައިވާ އަދި ދިރިއުޅުމުގެ ވަސީލަތްތައް ތަނަވަސްވެފައިވާ، އެކިއެކި އިޖުތިމާޢީ ޚިދުމަތްތައްވެސް ޤާއިމުކުރެވިފައިވާ، އަދި މީހުންނަށް އާމްދަނީ ލިބޭނެ މަގުތައް ފެންނަން ހުރި ތަންތަން ކަމުގައިވުމަކީ މުސްތަޤްބަލަށް ވިސްނާއިރު ވަރަށް ބުއްދިވެރި ސިޔާސަތަކަށް ވާނެކަން ކަށަވަރު.

އެހެންވީމާ، ރައްކާތެރި ރަށްތަކެއް ޤާއިމުކުރުމުގެ ޕްރޮގްރާމް، މާތްﷲގެ ވާގިފުޅާއެކު ސަރުކާރުން މިފަށަނީ. މިކަމަކީ ވަރަށް ބޮޑު ޚަރަދު ހިނގާނެ ކަމެއް. ކިތަންމެ ބޮޑު ޚަރަދެއް ހިނގިނަމަވެސް އަޅުގަނޑުމެންގެ ކުރިމަގަށްޓަކައި، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން މިފަދަ ޕްރޮގްރާމެއް ނުވަތަ މަޝްރޫޢެއް ހިންގުމަކީ ހަމަ މިވަގުތު ކޮންމެހެން ބޭނުންވެފައިވާ ކަމެއް.

އާދެ، އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރިކަން ހުރިވަރަކުންނާއި އަދި މިކަމުގައި ބޭރުގެ ފަރާތްތަކުގެ އެހީ ހޯދައިގެން، އެހީ ލިބުނު މިންވަރަކުން މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަކީ މިހާރު އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވާލަންޖެހޭ. އާދެ، ރައްކާތެރި ރަށްރަށް ތަރައްޤީކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ރަށްރަށް ޤުދްރަތީ އަދި އެހެނިހެން ކާރިސާތަކުން ރައްކާތެރި ކުރެވޭގޮތްވުން ހިމެނޭ. އަދި އެރަށްރަށުގައި ހެދޭ އިޖުތިމާޢީ އަދި އިޤްތިޞާދީ ބިނާތަކާއި ވަސީލަތްތައް ތަރައްޤީކޮށް، އާރާސްތުކުރުން ހިމެނޭ. އަދި ޤުދްރަތީ އަދި އެނޫންވެސް ކާރިސާތަކުން ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކެއް އެކުލެވޭ މަޝްރޫޢެއް ތައްޔާރުކޮށް، އެކަމަށް ޢަމަލީ ސިފަ ގެނައުން ހިމެނޭ. މިދެންނެވި ރަށްރަށުގެ ގޮނޑުދޮށްތައްވެސް ޖެހޭނީ ޚާއްޞަގޮތަކަށް ރައްކާތެރިކުރަން. އަދި އެ ރަށްރަށުގައި ހުންނަ އިޖުތިމާޢީ ޚިދުމަތްތައް ވަރަށް ހަރުދަނާވާންޖެހޭނެ. ތަޢުލީމާއި، ޞިއްޙަތާއި އަދި މިނޫން ޚިދުމަތްތައް. ހަމަ އެއާއެކީގައި އެރަށްރަށުގައި ދިރިއުޅޭ މީހުންނަށް އާމްދަނީ ހޯދޭނެ ގޮތައްތައްވެސް ހަމަޖެހިފައި ހުންނަންވާނެ. ހަމަ އެހެންމެ، އެރަށްރަށަކީ ފަސޭހައިން ލަފާފުރޭ ރަށްރަށް ކަމުގައި ވާންޖެހޭނެ. ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖިއްޔާ އަވަސްއެހީ ފޯރުވައިދެވޭކަހަލަ ރަށްރަށަށްވެސް ވާންޖެހޭނެ. ހަމަ އެހެންމެ، ކައިރީގައި ވައިގެބަނދަރެއް އޮންނަ ނުވަތަ އެގޮތުންވެސް އެކަހަލަ ކަމެއް ދިމާވެއްޖެނަމަ އަވަސް ފިޔަވަޅު އެޅޭގޮތަށް އޮންނަ އަދި މުއާޞަލާތުގެ ގުޅުންވެސް ރަނގަޅަށް ޤާއިމުކުރެވިފައިވާ، ހަރުދަނާކުރެވިފައިވާ ރަށްރަށަށްވެސް ވާންޖެހޭނެ. އެހެންވީމާ، މި ހުރިހާ ސިފަތަކެއް ހުންނަ ރަށްރަށަށް މުސްތަޤްބަލްގައި މަޑުމަޑުންނަމަވެސް މީހުން ބަދަލުވެ، އެރަށްރަށަކީ، ރައްކާތެރިކަން ލިބިގެންވާ ރަށްރަށްގޮތުގައި ދެމިއޮތުމަކީ، އަޅުގަނޑު ހިތުން މިހާރު އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއްދޭން ޖެހިފައިވާ ކަމެއް.

އާދެ، ބޮޑުރާޅު އެރުމުގެ ކާރިސާއަށްފަހު، ޤައުމު އާރާސްތު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިފަށާ ވަގުތަކީ، އަޅުގަނޑު މިދިޔަ އަހަރު އިޢުލާނުކުރި ރާއްޖޭގެ ދުސްތޫރީ ނިޒާމް އިޞްލާޙު ކުރުމުގެ މަސައްކަތް ހަލުވިކުރުމުގެ މަގުވެސް ފަހިވެގެންވާ ވަގުތެއް. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، ރައްޔިތުންގެ ޚާއްޞަ މަޖިލިސް މިހާރުވަނީ އެއްކުރެވިފައި. އެމަޖިލީހުގެ މަސައްކަތް ހިންގަވަމުން އެބަގެންދަވާ. ޤަވާޢިދު ހެއްދެވުމުގެ މަސައްކަތް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެކަން ނިމުނީމާ، އަޅުގަނޑު ހުށަހަޅާފައިވާ ޚިޔާލުތައް އެމަޖިލީހަށް، އެއާދޭތެރޭގައި ބަޙުޘް ކުރައްވައި ގޮތްތަކެއް ނިންމަވައިދެއްވާނެ. އަދި މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ އިޞްލާޙުތައްވެސް ގެނައުމުގެ މަގު އޮންނާނީ އޭރުން ތަނަވަސްވެފައި. އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުން، ޤައުމަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމާމެދަކު ޝައްކެއްނެތް. މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އަޅުގަނޑު ހުށަހެޅި އިޞްލާޙީ ޕްރޮގްރާމަށް ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއްވަނީ ލިބިފައި. ހަމަ އެއާއެކީގައި، ބޭރު ޤައުމުތަކުގެ ތާއީދުވެސްވަނީ ލިބިފައި. އެހެންވީމާ، އަޅުގަނޑު ހިތުން ޕްރޮގްރާމުގައި ހިމެނޭ މުހިންމު ބައިތަކަކީ އެކަމާދޭތެރޭގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވިސްނާވަޑައިގަތުމަށްފަހު ޤައުމަށް އެންމެ ފައިދާހުރިގޮތް ނިންމަވާނެ ކަންތައްތަކެއް.

އާދެ، ޤާނޫނުއަސާސީއަކީ، ޤާނޫނުގައިވާ ގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ބަދަލުކުރެއްވޭނެ އެއްޗެއް. ނުވަތަ އެއަށް ގެންނަންޖެހޭ އިޞްލާޙުތަކެއް ގެންނެވޭނެ އެއްޗެއް. އެއީކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމެއްނޫން. ނުވަތަ އެހެން އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާއަށްވެސް ކުރެވޭނެ ކަމަކީ އޭނާއަށް ފެންނަ އިޞްލާޙުތަކެއް، ފެންނަ ޚިޔާލުތަކެއް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހެޅުން. އެއާދޭތެރޭގައި ގޮތެއް ނިންމަވާނީ މަޖިލީހުން. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެކަމާ ދޭތެރޭގައި ވާހަކަފުޅު ދައްކަވާފައި، އެބޭފުޅުންގެ އަޣުލަބިއްޔަތަށް ފެންނަގޮތަކަށް. އާދެ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެއްޔަކީ ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލިސް މިއަހަރު، މި ފަސް އަހަރަށް މިހާރު މިވަނީ އިންތިޚާބު ކުރެވިފައި. އާދެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެންމެފަހުގެ އެންމެ ފުރިހަމަ ނަތީޖާ އަޅުގަނޑު ހިތުން މިހާރުވާނީ ކޮމިޝަނަރ އޮފް އިލެކްޝަންސް އިޢުލާނު ކުރައްވާފައި. މިއަދު ހެނދުނު އެކަން ކުރައްވާގޮތަށް އޮތީ. މީގެކުރިން، ރޭގެ ނިޔަލަށް އަޅުގަނޑުމެންނަށް އިވިގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ. އާދެ، ފުރިހަމަ ނަތީޖާ އިޢުލާނުވާއިރު، އެކި އަތޮޅުތަކުން އެކި ދާއިރާތަކުން މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ނަންފުޅުތައްވާނީ އެންމެންނަށް އެނގިފައި.

އެހެންވީމާ، މި ފުރުޞަތުގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައާއި އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އެބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތްލައްވައި، އެބޭފުޅުންގެ މަސައްކަތްތަކުން ދިވެހި ޤައުމަށް ފައިދާހުރި ގޮތްތަކެއް މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން އާރާސްތުކުރާ ޤައުމަކީ، ކުރިންވެސް ދެންނެވިފަދައިން، ބޮޑުރާޅު އެރި ދުވަހަށްވުރެ ފެންވަރު ރަނގަޅު ޙާލަތެއްގައި ވަރަށް އަވަހަށް ފެނިގެންދާނެ ޤައުމަކަށްވުން. އާދެ، ކުރިންވެސް ދެންނެވިފަދައިން، ބޮޑުރާޅު އެރުމުގެ ހާދިސާގައި އެކިއެކި ޚިދުމަތްތަކާއި މަސައްކަތްކޮށްދެއްވި ފަރާތްތަކުގެ ތެރޭގައި ވަރަށް ގިނަ އަމިއްލަ ފަރާތްތައްވެސް ހިމެނޭ. ޙަޤީޤަތުގައި އަމިއްލަ ފަރާތްތަކުގެ ޚިދުމަތާއި، ވިސްނުމާއި، މަސައްކަތަކީ ޤައުމުގެ ތަރައްޤީގައި ވަރަށް ބޮޑު ޙިއްސާއެއް އަދާކުރާކަމެއް. ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައިވެސް، ފަތުރުވެރިކަމުގެ ދާއިރާގައިވެސް، ވިޔަފާރީގެ ދާއިރާގައިވެސް އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ ދާއިރާގައިވެސް އަމިއްލަ ފަރާތްތަކުން ކުރައްވާ ޚިދުމަތްތައް އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. އެ ޚިދުމަތްތަކަކީ ޤައުމަށް ވަރަށް ބޭނުންތެރި، ވަރަށް ފައިދާހުރި ޚިދުމަތްތަކެއް. ސަރުކާރުން އަބަދުވެސް އެކަމަށް ވަރަށް ބޮޑަށް މަރުޙަބާކިޔާ.

މިގޮތުން ރާއްޖޭގެ ތަރައްޤީގައި އަމިއްލަ ވަރަށް ގިނަ ބޭފުޅުން ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ. އޭގެތެރެއިން އެއްބޭފުޅަކީ، މާމިގިއްޔަށް އުފަން އަލްފާޟިލް ޤާސިމް އިބްރާހީމް. އާދެ، އަލްފާޟިލް ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ތަރައްޤީއަށާއި، މިއަތޮޅުގެ އަދި ޚާއްޞަކޮށް، މިރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އެހެންވީމާ، އެކަމަށްޓަކައި މިއަދުގެ މުނާސަބަތުގައި އޭނާގެ އުފަން ރަށުގައި ހުރެގެން އޭނާއަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ދެކެން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެ. އެހެންނަމަވެސް، މި މުނާސަބަތުގެ މުހިންމުކަމާއި އަޅުގަނޑު ދަންނަވާލަން ހުރި ވާހަކަތަކުގެ ބާވަތުން ތަންކޮޅެއް ދިގުވެގެންދިޔައީ.

ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދެއްކެވުން އެދި دعاء ދަންނަވަމުން. އެކަލާނގެ ފޮނުއްވި މާތްދީނުގައި، އާދެ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން އެދި دعاء ކުރަމުން. ހަމަ އެހެންމެ، ހުރިހާވެސް މުޞީބާތްތަކަކުންނާއި، ނުރައްކާތަކުން އަޅުގަނޑުމެންގެ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތާއި، ހަމަޖެހުމާއި ތަރައްޤީ މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަމުން.

والسّلام عليكم ورحمـة اللّـه وبركاته.