بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علٰـى خاتم الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

ދެންމެ ތިޔަ އެއްސެވި ކީރިތި ޤުރްއާނުގެ ބަރަކާތްތެރި އާޔަތްތަކުގެ ފަހުން، ދިވެހިރާއްޖޭގެ އަޑުން އެފް.އެމް. ބޭންޑުން "ރޭޑިޔޯ 1" ގެ ޕްރޮގްރާމް ފަށްޓައިދިނުމުގެގޮތުން، އަސީރުގެ ރާޅުތައް މެދުވެރިކޮށް ތިޔަ އެންމެ ބޭފުޅުންނާ މުޚާޠަބުކޮށް، ދެތިން ބަހެއް ދަންނަވާލުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.

ޝައްކެއްނެތް، މިއަދަކީ ރޭޑިޔޯގެ ޚިދުމަތުގެ ރޮނގުގައި ދިވެހިރާއްޖޭގެ އަޑުން ތަރައްޤީގެ ވަރަށް ޚާއްޞަ ފިޔަވަޅެއް އަޅުއްވާ ދުވަހެއް. އާދެ، އެފް.އެމް. ބޭންޑުން ރޭޑިޔޯގެ ޚިދުމަތް ލިބިދިނުމަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިހާރަކަށްއައިސް ކުރަމުން އަންނަ ކަމެއް. މިއަދަކީ ރާއްޖޭގައި ސަރުކާރުގެ ރޭޑިޔޯގެ ފަރާތުން ދިވެހިންނަށް މި ޒަމާނީ ޚިދުމަތް ލިބިދެއްވަން ފަށްޓަވާ ދުވަސް.

އާދެ، ރޭޑިޔޯ 1ގެ ޕްރޮގްރާމްތައް ފެށޭ ދުވަސް. ރޭޑިޔޯ އައްސަވާ ހުރިހާ ފަރާތްތަކަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ރާއްޖެވެސް މިހާރު ދަނީ ތަރައްޤީގެ ތަފާތު ރޮނގުރޮނގުގައި ހަލުވިކަމާއެކު ފިޔަވަޅުތަކެއް އަޅަމުން. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށް. ރާއްޖޭގެ ކުޑަކަމާއި މީސްކޮޅު މަދުކަމާއި ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކުގެ މަދުކަމަށް ބަލާއިރު، ރާއްޖެ ތަރައްޤީވަމުންދަނީ ބޭރު މީހުން ތާރީފުކުރާފަދަ ދަރަޖައަކަށް. އަދި އަޅުގަނޑުމެން ދިވެހިން ފަޚުރުވެރިވުން ޙައްޤު ދަރަޖައަކަށް. ރާއްޖޭގެ ރޭޑިޔޯއިން އެފް.އެމް. ބޭންޑުން އަޑު ދުރަށް ފޮނުވުމަކީ، ޒަމާނާ ގުޅޭގޮތުން ރާއްޖެއަށް އަންނަމުންދާ ކުރިއެރުމުގެ ވަރަށް ކުލަގަދަ ހެތްކެއްކަން ކަށަވަރު.

ރޭޑިޔޯ 1ގެ ޕްރޮގްރާމް ފަށާ ދުވަހަކީ، މިއަހަރުގެ އާދެ، 1405 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމުގައިވީކަން އެއީވެސް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެއް. މި މަތިވެރި ރޫޙާނީ މައްސަރު އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރިކުބާދީ ރައްދުކުރުމަކީވެސް މިއަދު އަޅުގަނޑަށް ލިބޭ އުފަލެއް.

އަޅުގަނޑުގެ މި ދެތިންބަސް ނިންމައިލާނީ، ރޭޑިޔޯގެ އަހުލުވެރިންނަށް، އާދެ، ތިޔަބޭފުޅުންނަށް އުފާ ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދެމުން. މިއަދު މި ހުޅުވޭ އެފް.އެމް. ބޭންޑުން މަޢުލޫމާތުގެ ގޮތުންނާއި، މުނިފޫހި ފިލުވުމުގެގޮތުން ފޮނުވާ ޕްރޮގްރާމްތަކަކީ، ތިޔަބޭފުޅުންގެ އަރިހުގައި މަޤްބޫލް އަދި ތިޔަބޭފުޅުންނަށް އެކަށީގެންވާ ޚިދްމަތްތަކެއް ލިބިދޭ ޕްރޮގްރާމްތަކެއް ކަމުގައިވުން އެދެމުން. ހަމައެއާއެކު، ދިވެހިރާއްޖޭގެ އަޑުގެ ހިންގުންތެރިންނަށާއި، އެންމެހައި މުވައްޒަފުންނަށް އަދި ރޭޑިޔޯ އައްސަވާ ފަރާތްތަކަށްވެސް މިއަދުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމުން، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަމުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.