بســم اللّـه الرّحمـن الرّحيــم

ށ. އަތޮޅުގެ ވެބްސައިޓް ހުޅުވައިދިނުމަކީ، މާތް ﷲގެ ހެޔޮރަޙްމަތާއި ބަރަކާތުން މިރޭ އަޅުގަނޑަށް ލިބޭ، ވަރަށް ބޮޑު އުފަލެއް.

ޝައްކެއްނެތްގޮތުގައި، މަޢުލޫމާތުގެ މިފަދަ ޒަމާނެއްގައި، އަޅުގަނޑުމެންގެ ޤައުމުގައިވެސް މަޢުލޫމާތު ފެތުރުމުގެ ތަފާތު ވަސީލަތްތައް ބޭނުންކުރަންޖެހޭނެ. އޭގެތެރެއިން އެންމެ މުހިންމު އެއްގޮތަކީ، މިހާރު އިންޓަރނެޓް މެދުވެރިކޮށް އެކިއެކި ފަރާތްތަކުން އޭގައި ހުށަހަޅާ ވެބްސައިޓްތައް.

ވެބްސައިޓްތަކުން ވަރަށް ގިނަ މަޢުލޫމާތު ލިބެންހުރޭ. ސަރުކާރުގެ ދާއިރާތަކުންނާއި، އަމިއްލަ ފަރާތްތަކުން އުފައްދަވާފައިވާ ވެބްސައިޓްތަކުން އަޅުގަނޑުމެންގެ ރާއްޖެއާބެހޭ ވަރަށްގިނަ މަޢލޫމާތުވެސް ލިބެންހުރޭ. އެގޮތުން، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ އަތޮޅުތަކުގެ ތެރެއިން ހަމަ ކޮންމެ އަތޮޅެއްގައިވެސް އެ އަތޮޅެއްގެ ވެބްސައިޓެއް ހުރުމަކީ މިޒަމާނުގައި ވަރަށް މުހިންމު ކަމެއް. އެއީ، އަތޮޅާބެހޭ މަޢުލޫމާތު، އެ މަޢުލޫމާތު ބޭނުންވާ ހުރިހާ ފަރާތްތަކަކަށް ފަސޭހަކަމާއެކު ލިބިދިނުމުގެ ވަސީލަތަކީ، އެންމެ މުހިންމު އެއް ވަސީލަތަކީ އެއީ ކަމަށްވާތީ.

އެހެންވީމާ، މި މަސައްކަތް ށ. އަތޮޅުގެ ފަރާތުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިއްސުރެ ފެށިގެން ކުރައްވަމުން ގެންދަވާފައިވާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް މުޙައްމަދު މާހިރަށާއި އަދި އަތޮޅުއޮފީހުގެ އެހެންވެރިންނަށް އަދި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރާއްޖޭގެ ބައެއް އެހެން އަތޮޅުތަކުގައިވެސް ވެބްސައިޓްތައް މިހާރު އިފްތިތާޙުކުރެވިފައި އެބަވޭ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

އަޅުގަނޑު އެދެނީ، މިރޭ ރަސްމީގޮތުން މި އިފްތިތާޙުކުރެވޭ ށ. އަތޮޅުގެ ވެބްސައިޓުގެ ސަބަބުން، އޭގެ ޒަރީޢާއިން ށ. އަތޮޅާ ބެހޭގޮތުން މަޢުލޫމާތު ހޯދަން ބޭނުންވާ ހުރިހާ ފަރާތްތަކަކަށް މަޢުލޫމާތު ލިބުމުގެ މަގު ތަނަވަސްވެގެންދިޔުން.

އެހެންވީމާ، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ށ. އަތޮޅުގެ ވެބްސައިޓް ރަސްމީގޮތުން ހުޅުވައިދިނުމަކީ، މިރޭ އަޅުގަނޑަށް ލިބޭ، ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް.