بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين، والصّـلاة والسّـلام على أشرف المرسلين، سيّدنا محـمّد، وَعلـى آلـه وأصحابـه أجمـعـين.

ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، މުބާރަކްބާދީ އަދާކުރަން.

ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހެއް ގެނެވޭ މިއީ ފުރަތަމަފަހަރު. މި ދުވަސް މިގެންނަނީ، މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ހަމަ ގާތްގަނޑަކަށް މިހާކަންހާއިރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހިތާމައިގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުން ސާބިތުކޮށްދެއްވި އަޚުވަންތަކަމާއި، އެއްބައިވަންތަކަމާއި، ޖަމާޢަތުގެ ރޫޙު ދިރުވައި އާލާކުރުމަށްޓަކައި.

އާދެ، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ފަދައިން، މިދިޔަ އަހަރުގެ މިދުވަހު، އާދެ، މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވީ އާދީއްތަ ދުވަހު ހެނދުނު މިހާކަންހާއިރު، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ރާއްޖޭގެ ތާރީޚުގައި ފަހަކަށްއައިސް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި، އެންމެ ގެއްލުންބޮޑު ހާދިސާ، ނުވަތަ ކާރިސާ. އެ ދުވަހު ރާއްޖޭގެ އެތައް ރަށަކަށް އަޅުގަނޑުމެން އޭރުކީގޮތުގައިވިއްޔާ ބޮޑުރާޅު، ބޮޑުރާޅުއެރި. އަދި ވަރަށްގިނަ ގެއްލުންތައް ރާއްޖެއަށް އެ ދުވަހު ލިބުނު. އެ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ލޮބުވެތި އުޚުތުންތަކަކާއި، އަޚުންތަކެއް މި ދުނިޔެ ދޫކޮށްވަނީ، މާތް ﷲގެ ރަޙްމަތްފުޅަށް ދަތުރުކޮށްފައި. އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވަރަށްގިނަ މީސްމީހުންގެ ގެދޮރާއި، އެ ނޫން ޢިމާރާތްތައް ވަނީ ހަލާކުވެގެން ގޮސްފައި. މީގެ އިތުރުން، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރާއްޖޭގެ ރައްޔިތުން ވަނީ، އަޅުގަނޑުމެން ހީވެސްނުކުރާފަދަ ނިކަމެތި ޙާލަތަކަށް ގޮސްފައި.

އާދެ، މި ހިތާމަވެރި ދުވަހު، މި ހިތާމަވެރި ހާދިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ، އަޅުގަނޑުމެންގެ ލޮބުވެތި އުޚުތުންނާއި، އަޚުންގެ މަތިން މިއަދު އަޅުގަނޑުމެން ހަނދާންކޮށް، އެ އެންމެންގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އަދި އެމީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަން. ހަމައެއާއެކުގައި، އެ ލޮބުވެތި އުޚުތުންނާއި، އަޚުންތަކުގެ ޢާއިލާގެ މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު މިއަދުވެސް އަޅުގަނޑު ތަޢުޒިޔާ އަދާކޮށް، އެމީހުންނަށް އެ ލިބުނު ބޮޑު ހިތާމައިގައި އެމީހުން އެ ތަޙަންމަލްކުރި ވޭން އިޙްސާސްކޮށް، އެ ހުރިހާ އެންމެންނަށް ސާބިތުކަމާއި، ކެތްތެރިކަން ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ، ސުނާމީ ކާރިސާއަކީ އަޅުގަނޑުމެންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެންދާނެ ކާރިސާއެއްނޫން. އެހެންނަމަވެސް، މި ކާރިސާއާ ގުޅިގެން، ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވީ، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ އަޚުވަންތަކަމާއި، އެއްބަނޑުއެއްބަފާކަމާއި، އެކުވެރިކަމާއި، ކުލުނާއި، ލޯބީގެ ވަރުގަދަ ގުޅުން. މިދެންނެވި ޖަމާޢަތުގެ ރޫޙުގެ ހިތްހެޔޮކަން. އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވައިދިނުމުގެ ރޫޙާއި، ޤައުމުދެކެވާ ލޯތްބާއި، ޤައުމީ ވަޙްދަތު. އެދުވަހު ރާއްޖޭގެ ހަމަ ކޮންމެ ރަށަކުންވެސް ފެންނަމުންދިޔައީ، މިދެންނެވި ރޫޙު. އެކަކު އަނެކަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާތަން. އެންމެން އެދުވަހުގެ ޤައުމީ މަސައްކަތުގައި، އާދެ، އަޅުގަނޑުމެންގެ ތެރެއިން ގެއްލުން ލިބުނު މީހުން ސަލާމަތް ކުރުމަށާއި، އަދި އެދުވަހު ކުރަންޖެހުނު ހުރިހާ ކަމެއްގައި އެންމެން އެއްބާރުލީ އެއްބާރުލުން. އިންސާނިއްޔަތުގެ ރޫޙާއި، ދިވެހިވަންތަކަމުގެ ލާމަސީލު މިސާލުތަކެއް އެދުވަހު އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަމުންދިޔައީ.

އެހެންވީމާ، އެކަމަކީ އަޅުގަނޑުމެންނަށް ކިތަންމެބޮޑު ހިތާމައެއް އެދުވަހު ކުރިމަތިވި ކަމުގައިވިޔަސް، އަޅުގަނޑުމެން އެންމެންވެސް ހިތްހަމަޖެހުން ލިބިގަންނަންވީ ކަމެއް. ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިއޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަޚްވަންތަކަމުގެ ރޫޙު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކަށް ގެއްލުމެއް، ހަލާކެއް ނުވަތަ ހިތާމައެއް ދިމާވެއްޖެނަމަ، މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަޅުގަނޑުމެން އެމީހުންނާ އެކީގައިވާކަމުގެ ޝުޢޫރު އެންމެން ހިއްސާކުރާކަން. އެ މީހަކަށް ވެވުނުވަރަކުން އެހެން މީހުންނަށް އެހީތެރިވެދީ، އެންމެން އެންމެންގެ އަތުގައި ހިފައިގެން، މިފަދަ ބޮޑެތި ނުރައްކާތަކުންނާއި، ހިތާމަތަކުން ސަލާމަތްވެވޭތޯ މަސައްކަތް ކުރާތަން. މިއީ، ޝައްކެއްނެތް، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމެއް. މިފަދަ ވަރުގަދަ ޤައުމީ ރޫޙެއް، ޤައުމީ ލޯތްބެއް، އަޚުވަންތަކަމެއް، ޖަމާޢަތުގެ ރޫޙެއް އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ދެމެހެއްޓުމަކީ، އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތު ނިޔާކުރާ ކަމެއް.

އާދެ، މި ފުރުޞަތުގައި ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި، އެދުވަހާއި އަދި އޭގެފަހުންވެސް ރާއްޖޭގެ އަމިއްލަ ފަރުދުންނާއި، އަމިއްލަ ޖަމާޢަތްތަކާއި، ޖަމުޢިއްޔާތަކުން ވަރަށްގިނަ އަދަދެއްގެ ފައިސާއާއި، އެހީއާއި، އެހެން ތަކެތި ދެއްވިކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު މިއަދުވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ކާރިސާއިން ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފޫބެއްދުމަށް ކުރެވެންހުރި މަސައްކަތްތައް އެދުވަހުއްސުރެ ފެށިގެން ސަރުކާރުންނާއި ދިވެހިރައްޔިތުން، މުޅި ދިވެހި ޤައުމު އެއްބައިވެގެން މިގެންދަނީ މެދުނުކެނޑި ކުރަމުން. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ، މާގިނަ ވަސީލަތްތަކެއް ލިބިފައިވާ ޤައުމެއްނޫން. މާ މުއްސަނދި ޤައުމެއްނޫން. އެހެންވީމާ، އެދުވަހު ލިބުނު ބޮޑެތި ގެއްލުންތައް ފޫބެއްދުމަކީ އަޅުގަނޑުމެންނަށް ދިވެހިރާއްޖެއަށް، ދިވެހިރައްޔިތުންނަށް، ދިވެހި ސަރުކާރަށް އެކަނި ކުރެވޭވަރުގެ ކަމަކަށްނުވޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް ޖެހުނީ މިކަމުގައިވެސް ބޭރުގެ އެހީ ހޯދުމަށް މަސައްކަތްކުރަން. ހަމަ އެދުވަހުން ފެށިގެން ބޭރުގެ އެހީ ރާއްޖެއަށް ލިބެމުންދިޔަ. ބައެއް އެކުވެރި ޤައުމުތަކުގެ ސިފައިންނާއި، އަދި އެޤައުމުގެ އެހެން ވަސީލަތްތައްވެސް އަޅުގަނޑުމެންނަށް، މިކަމުގައި އެހީތެރިވެދިން. މިތަންތާނގެ ބޯޓުފަހަރު، މަތިންދާބޯޓު، ހެލިކޮޕްޓަރ މިހެންގޮސް ވަރަށްގިނަ ވަސީލަތްތައް އަޅުގަނޑުމެންގެ ރާއްޖެއަށް އައިސް، އެކުވެރި ޤައުމުތަކުންނާއި، އަދި އަވަށްޓެރި ޤައުމުތަކުންނާއި، ޖަމާޢަތްތަކުން އެވަގުތަކު ވެވެންހުރި ހުރިހާ އެހީތަކެއް އަޅުގަނޑުމެންނަށް ވަމުންގެންދިޔަ. އަދި އޭގެއިތުރުންވެސް، ފައިސާގެ އެހީއާއި، އެނޫން އެހީތައްވެސް އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންވަނީ ވަރަށް ދީލަތިގޮތެއްގައި އަޅުގަނޑުމެންނަށް ވެދެމުންގޮސްފައި. އާދެ، އެކަމުގައި ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަންވެސްޖެހުނު.

އާދެ، އަޅުގަނޑުމެންގެ ކަމާބެހޭ މިނިސްޓްރީތަކުގެ ހުރިހާ ވަޒީރުންވެސް މިކަމުގައި ޢަމަލީ ބައެއް އަދާކޮށްދެއްވި. އަދި އެ ކާރިސާއާ ގުޅިގެން ރާއްޖެއިން ބޭރަށް އަޅުގަނޑު ފޮނުވި މަންދޫބުން، އެކިއެކި ވަޒީރުން ވަޑައިގެން، އެ ޤައުމުގެ ސަރުކާރުތަކާ ވާހަކަފުޅު ދައްކަވައިގެން އެހީ ހޯދުމުގެ މަގު ތަނަވަސްކޮށްދެއްވި. އަޅުގަނޑު އަމިއްލައަށްވެސް އެކަހަލަ އެތައް މަސައްކަތެއްގައި އަޅުގަނޑުގެ މި މަގާމުގެ ވާޖިބު އަދާކުރުމުގައި ދެމިހުރިން. އާދެ، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ ބައްދަލުވުންތަކަށްގޮސް، އެތަންތާނގައި ރާއްޖޭގެ ވާހަކަދައްކައި، ރާއްޖެއަށް ލިބުނު ނިކަމެތިކަން ފޫބެއްދުމަށްޓަކައި އެހެން ޤައުމުތަކާއި، ޖަމާޢަތްތަކުގެ އެހީ ބޭނުންވާކަން ބަޔާންކޮށް، މިގޮތުންވެސް އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއް މިގެންދިޔައީ ކުރަމުން.

އާދެ، އެހެންވީމާ، އަޅުގަނޑުމެންނަށް މި ދެންނެވި އެކުވެރި ރަޙްމަތްތެރި ޤައުމުތަކުންނާއި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންވަނީ ދީލަތި އެހީތަކެއް ލިބިފައި. މި ވަގުތު ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއް މިދެނީ ގެދޮރު ހަލާކުވި މީހުންގެ ގެދޮރު ޢިމާރާތްކޮށްދިނުމަށާއި، ގެދޮރު މަރާމާތުކުރަން ޖެހިފައިވާ މީހުންގެ ގެދޮރު މަރާމާތުކޮށްދިނުމަށް. ހަމައެއާއެކު ހަލާކުވެގެން ގޮސްފައިވާ، ރާއްޖޭގެ އިޖުތިމާޢީ، އަދި އިޤްތިޞާދީ ވަސީލަތްތައް ބިނާކުރުމަށް. އަދި އޭގެއިތުރުން، އާމްދަނީ ހޯދުމުގެ ވަސީލަތްތައް ގެއްލިފައިވާ މީހުންނަށް، އެމީހުންގެ ދިރިއުޅުން އަލުން ހޯދައިދިނުމަށް.

އާދެ، ސުނާމީ ކާރިސާއާ ގުޅިގެން، އެދުވަހު ލިބުނު ގެއްލުންތައް ފޫބެއްދުމަށާއި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ބިނާތައް އަލުން އާރާސްތު ކުރުމަށާއި، ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް މާތް ﷲގެ ވާގިފުޅާއެކު ކުރަމުން މިގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ، އާ ބާރަކާއެކު ސަރުކާރުން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން މި ފުރުޞަތުގައިވެސް އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން. އާދެ، މިކަމުގައި ތިޔަ ހުރިހާ ބޭފުޅުންގެ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި، އެހީތެރިކަން ސަރުކާރަށް ދެއްވައި، ކުރިއަށްއޮތްތާނގައިވެސް ޤައުމީ އެއްބައިވަންތަކަމުގެ ރޫޙުގައި މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރަން.

އާދެ، އަޅުގަނޑުމެންނަށް، ބޭރު ޤައުމުތަކުންނާއި، ބޭރުގެ ޖަމާޢަތްތަކުން ލިބިފައިވާ އެހީ އަދި އެއީ އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް ޙައްލު ކުރެވޭވަރުގެ އެހީއަކަށްނުވޭ. އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް އިތުރަށް ބޭނުންވާ އެހީ ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ވަރަށް ބޮޑަށް ކުރަމުންގެންދާ ވާހަކަ އަޅުގަނޑު ދަންނަވާލަން. އާދެ، މި ލިބުނު ގެއްލުންތަކަކީ ވަރަށް ބޮޑެތި ގެއްލުންތަކެއް. ވަރަށްގިނަ ބައެއްގެ ގެދޮރުވަނީ މުޅިން ހަލާކުވެގެންގޮސްފައި. ހަމަ އެހެންމެ، ރާއްޖޭގެ އެކިއެކި ބިނާތައްވަނީ ވީރާނާވެގެން ގޮސްފައި. އަދި ރައްޔިތުންގެ އެތައް ބައެއްގެ ދިރިއުޅުންވެސްވަނީ ހަލާކުވެގެން ގޮސްފައި. މި ހުރިހާ ކަމެއް ފޫބެއްދުމަށްޓަކައި ބޭނުންވާ އެހީތަކުން ބައެއް ލިބުނު ކަމުގައިވިޔަސް އަދި އަޅުގަނޑުމެންނަށް މިވަގުތު އެ ލިބުނު ބައިން މި ހުރިހާ ކަމެއް ހަމަޖެއްސޭވަރެއްނުވޭ. އެހެންވީމާ، ވަރުގަދަ ހިތްވަރަކާއި ޢަޒުމަކާއެކުގައި، އެ މަސައްކަތް އިތުރަށް ކުރަމުން ގެންދާ ވާހަކަ ދިވެހިރައްޔިތުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން.

އާދެ، ސުނާމީ ކާރިސާއާ ގުޅޭ ކަންތައްތައް ވިލަރެސް ކުރައްވަމުން މިހާރު އެގެންދަވަނީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން. މި ކާރިސާއާ ގުޅިގެން އެމަރުކަޒު އުފެއްދީ ވަގުތީ ތަނެއްގެ ގޮތުގައި. އެހެންނަމަވެސް، ދިވެހިރާއްޖެއަކީ ވަރަށް ނާޒުކު ޤައުމެއް. ތިމާވެށީގެ ގޮތުން ބަލާއިރުވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ވަރަށް ފަސޭހައިން ނިކަމެތިކަން ލިބޭ ކަހަލަ ޤައުމެއް. އަޅުގަނޑުމެންނަކީ ވަރަށް ބަލިކަށި ތިމާވެށްޓެއްގެ މާޙައުލުގައި އުޅެންޖެހިފައިވާ ބައެއް. އަދި ތިޔަހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ މޫސުމަށް މި އަންނަ ބަދަލުތަކުގެ ސަބަބުން އެކިއެކި ޤުދްރަތީ ހާދިސާތައް ދިމާވަމުންދާލެއް މިހާރު ވަރަށްގިނަ. ދުނިޔޭގެ އެތަންމިތާނގައި އެކިއެކި ޠޫފާނުތައް އައިސް ނުވަތަ ބިން ހެލުންތައް އެ ތަންތަނަށް އިޙްސާސްކުރެވި ނުވަތަ އެ ނޫންވެސް ޤުދްރަތީ ބޮޑެތި ހާދިސާތައް ދިމާވެގެން ވަރަށްގިނަ އަދަދެއްގެ މީހުން މަރުވެ، ވަރަށްގިނަ ބައެއްގެ ގެދޮރު ހަލާކުވެ، ވަރަށްބޮޑެތި ގެއްލުންތައް އެތަންތަނަށް ލިބެމުންދާ ވާހަކަ އަޅުގަނޑުމެންނަށް ކެނޑިނޭޅި ޓީ.ވީ.ގެ ޒަރީޢާއިން ފެނި، ނޫސްތަކުންނާއި، ރޭޑިޔޯގެ ޒަރީޢާއިން އެނގި، އޭގެ މަޢުލޫމާތު ލިބެމުން އެބަދޭ. މިކަހަލަ ޒަމާނެއްގައި ރާއްޖެއަށް ދިމާވެދާނެ ޤުދްރަތީ ކާރިސާތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އެކަންތައްތަކަށް ވެވުނުވަރަކުން ތައްޔާރުވެގެން ތިބެން.

އެހެންވީމާ، ރާއްޖެއަށް ދިމާވެދާނެ ކާރިސާއެއްގައި، ކަންތައްތައް ވިލަރެސްކޮށް، ކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކުރަންޖެހޭ ކަންތައްތައް ކުރުމަށް މިފަދަ، އެންމެފަހުން މި އުފެއްދުނުފަދަ ދާއިމީ މަރުކަޒެއްގެ ބޭނުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް މިދަނީ ބޮޑުވަމުން. މިކަން މިހެން އޮތުމާއެކު، ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ، މިއަދުން ފެށިގެން ދާއިމީ މަރުކަޒެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފި ވާހަކަ އަޅުގަނޑު ދަންނަވާލަން. މިތަން ވަގުތީގޮތުން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން.

އާދެ، މިދިޔަ އަހަރު މި ދުވަހު، ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ފެނިގެން އެދިޔަ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބަނޑުއެއްބަފާކަމާއި، އެއްބައެއްވަންތަކަމުގެ ރޫޙުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވިއްޖެނަމަ، މި ޤައުމު މާތް ﷲގެ ވާގިފުޅާއެކު އަލުން ބިނާކުރުމަކީ، އަޅުގަނޑުމެންނަށް ދަތިކަމަކަށްނުވާނެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހި ލޭގައިވަނީ އެކުވެރިކަން. ދިވެހި ހިތްތަކުގައިވަނީ އެއްބައިވަންތަކަން. އަޅުގަނޑުމެންގެ ހިތްތަކުގައިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ސާބިތުކަން. މާތް ﷲ އަށް އީމާންވުމުގެ އަދި އެކަލާނގެ މިންވަރުފުޅަށް ސާބިތުކަމާއި، ކެތްތެރިކަމާއެކު އީމާންވުމުގެ ވަރުގަދަ ޢަޤީދާ.

މި އިޚްލާޞްތެރި ޝުޢޫރުތަކާއެކު މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން، "އެއްބައިވަންތަކަމުގެ ހަނދާނީ ބިނާ"ގެ ބިންގާ އަޅައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮގޮތްތައް މިންވަރުކުރައްވާށި! އަޅުގަނޑުމެންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަ ލޯބި އިތުރުކުރައްވާށި! އަޅުގަނޑުމެންނަކީ، އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނިޔާކުރާ ގޮތުގެމަތިން، އަޚްވަންތަކަމާއި، އެއްބައިވަންތަކަމާއި، އެއްބަނޑު އެއްބަފާކަމުގެ ރޫޙު، އެ ބައެއްގެ މެދުގައި އަބަދުވެސް އާވެ، އާލާވަމުންދާ ބައެއްގެ ގޮތުގައި ލައްވާށި! ދިވެހިރާއްޖެ، ހުރިހާ ޤުދްރަތީ ކާރިސާތަކަކުންނާއި، އެނޫންވެސް ހިތާމަތަކާއި ވޭންތަކުން ސަލާމަތް ކުރައްވާށި! އަޅުގަނޑުމެން އެންމެންނަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއާއި ބާއްޖަވެރިކަމާއި، ނަޞްރާއި ނަސީބު މިންވަރު ކުރައްވާށި!

والسّلام عليكم ورحمـة اللّـه وبركاته.