بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، އަޅުގަނޑު މިއަދު ކޮމަންޑުއަށް މިއައީ، ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އަޅުގަނޑުމެންގެ ރާއްޖެއަށާއި، މި ސަރަޙައްދުގެ ވަރަށް ގިނަ ޤައުމުތަކަށް ކުރިމަތިވި ބޮޑުރާޅު އެރުމުގެ ކާރިސާ އާދެ، ސުނާމީ ކާރިސާގެ ފަހުން އަޅުގަނޑު އަތޮޅުތަކަށް ދަތުރުތަކެއް ފަށައިގެން ކުރަމުން މިގެންދަނީ. އެއީ އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ދިރިއުޅުމަށް ލިބިފައިވާ ކަންތައްތައް އަޅުގަނޑުގެ ހިތަށްވެސް ތަޞައްވުރުކޮށް، އަދި އަޅުގަނޑުމެންގެ ދިރިއުޅުމަށް މިއައި ބޮޑު ގެއްލުން ފޫބެއްދުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމަތުތައް ހޯދުމަށް. މި މަޤްޞަދުގައި އަޅުގަނޑު ވަރަށް ގިނަ އަތޮޅުތަކަށް މިހާރު ޒިޔާރަތްކޮށްފިން. ވަރަށް ގިނަ ރަށްރަށަށްވެސް ޒިޔާރަތްކޮށްފިން. އެހެންނަމަވެސް އަދި މީގެކުރިން މިރަށަކަށް އަޅުގަނޑަކަށް މިފަހަރަކު ނާދެވޭ.

އެހެންވީމާ، މިއަދު މިއައީ އެ ބޭނުމުގައި. އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް މި ދިމާވި ބޮޑު ކާރިސާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ އިޚްލާޞްތެރި ހަމްދަރުދީ ދަންނަވަން. އަދި ޚާއްޞަކޮށް، މި ހާދިސާގައި މިރަށުގެ ލޮބުވެތި ރައްޔިތަކު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައިވާތީ، އެ މާތް މަރްޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދައިމީ ނިޢުމަތްލެއްވުން އެދި އަޅުގަނޑު ދުޢާކުރަން. ހަމަ އެހެންމެ އެ މަރްޙޫމުގެ އާއިލާގެ އެންމެންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ހަމްދަރުދީގެ ޝުޢޫރުތައް ފާޅުކުރަން.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއިން، ލޮބުވެތި އަޚުންތަކަކާއި، އުޚުތުންތަކެއް އެދުވަހުވަނީ އެ ހާދިސާގައި ނިޔާވެގޮސްފައި. އެއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. ޚާއްޞަކޮށް، އަޅުގަނޑުމެންނާ ވަކިވެގެންދިޔަ މީސްމީހުންގެ އާއިލާތަކަށް ލިބުނު ފޫބެއްދުންދަތި ވަރަށް ބޮޑު ހިތާމައެއް. އެހެންނަމަވެސް މިކަންކަމަކީ ޤުދްރަތުން ދިމާވާ ކަންތައްތައް ކަމަށްވާތީ، އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވާހިނދު، އަޅުގަނޑުމެން މާތްﷲގެ މިންވަރުފުޅަށް އީމާންވެ ތިބެ، އެކަލާނގެ މިންވަރުކުރެއްވި ކޮންމެ ކަމަކަށް ރުހި ގަބޫލުވާންޖެހޭ. އާދެ، މިންވަރުފުޅުގެ ތެރޭގައި ހެޔޮކަންތައްތައް އެބަހިމެނޭ. އަޅުގަނޑުމެންނަށް އުފަލާއި ބާއްޖަވެރިކަމާއި، ކުރިއެރުން ލިބޭ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى މެދުވެރިކޮށްދެއްވާ. އެކަންކަމަށް މުއުމިނުންގެ ގޮތުގައި އަޅުގަނޑުމެން ޝުކުރު ކުރަންޖެހޭ. މިތިބީ ޝުކުރު ކުރުންމަތީ. ހަމައެއާއެކީގައި ބައެއްފަހަރަށް އަޅުގަނޑުމެންނަށް ހިތާމަޔާ އެބަ ކުރިމަތިލާންޖެހޭ. އެއީވެސް މާތްﷲ މިންވަރުކުރައްވާފައިވާ ކަމެއް. އެހިތާމަ ލިބުނީމާ، ނުވަތަ އެފަދަ ގެއްލުމެއް އަޅުގަނޑުމެންނަށް ލިބުނީމާ، އަޅުގަނޑުމެން ހަދަންޖެހޭ ގޮތަކީ އެކަމަށް ކެތްކުރުން. އަދި އޭގެފަހުގައި އެލިބުނު ހިތާމައަކުން އަޅުގަނޑުމެން ސަލާމަތްވެ، އަޅުގަނޑުމެންގެ ދިރިއުޅުން އިހުއޮތްގޮތަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޢަޒުމާއެކީގައި، ސާބިތުކަމާއެކީގައި ކުރަމުން ގެންދިއުން.

އެހެންވީމާ، މި ކާރިސާއަކީވެސް ޤުދްރަތުން ދިމާވިކަމަކަށްވެފައި، އެއީ މާތްﷲ ގެ މިންވަރުފުޅުން އަޅުގަނޑުމެންނަށް ކުރިމަތިވި ހާދިސާއެއް ކަމަށްވާތީ، އެކަމަށްޓަކައި އަޅުގަނޑުމެންޖެހޭނީ، އެކަން އަޅުގަނޑުމެން ރަނގަޅަށް ގަބޫލުކޮށްގެން އަޅުގަނޑުމެން ކެތްކުރަން. ދުނިޔެމަތީގައި ދިމާވާ މިފަދަ ހިތާމަތަކަށް ކެތްކުރުމަކީ މުސްލިމުންގެގޮތް. އާދެ، ކެތްކުރާ މީހުންނަށް اللّـه سبحـانـه وتعـالى މިންނެތް ޘަވާބާއި ދަރުމަ ދެއްވާ. އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކަށްވާނީ، އެހެން އެގޮތަށް އަޅުގަނޑުމެންގެ ވިސްނުމާއި އަޚްލާޤާއި، އަދި އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރުން.

އާދެ، އަޅުގަނޑަށް އެނގޭ މިރަށަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނުކަން. ބައެއް ގޭގެ މުޅިން ހަލާކުވެދިޔަކަން. އަދި ބައެއް ގޭގެއަށް ލިބުނު ގެއްލުމުގެ ސަބަބުން އެ ގޭގޭގެ މީހުން ވަގުތީގޮތުން ނަމަވެސް އެހެން ގޭގެއަށް ބަދަލުވާން ޖެހުނުކަންވެސް އަޅުގަނޑަށް އެނގޭ. ހަމަ އެހެންމެ ރަށުގެ ވަށައިގެންވާ ތޮށިގަނޑަށާއި އަދި ރަށުގެ އެތަންމިތަނަށްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އާދެ، ސުނާމީ ކާރިސާގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް މިފަދަ ބޮޑެތި ގެއްލުންތައްވަނީ ލިބިފައި. އެ ގެއްލުންތައް ފޫބެއްދުމަށްޓަކައި، އަދި އަޅުގަނޑުމެން ކުރިން ދިރިއުޅެމުން އައި ފެންވަރަށްވުރެވެސް ރަނގަޅު ފެންވަރަކަށް ދިރިއުޅުން ގެންދެވޭތޯ މިގެންދަނީ މަސައްކަތް ކުރަމުން. މިކަމުގައި އަޅުގަނޑުމެންގެ އަމިއްލަ ވަސީލަތްތަކާއި، ރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އެހީ ދެއްވާ ޤައުމުތަކާއި، ޖަމުޢިއްޔާތަކުގެ އެހީވެސް އަޅުގަނޑުމެން ބޭނުންވޭ. ސަރުކާރުންވެސް ވަރަށް ބޮޑު ޚަރަދު މިހާރުވެސް ކުރަމުން އެބަގެންދަމު، މިކަން ފޫބެއްދުމަށްޓަކައި. ޚާއްޞަކޮށް، ކުއްލި އެހީއަށް ބޭނުންވާ މީހުންނަށް ކުއްލި އެހީ ފޯރުވައިދިނުމުގައި. ހަމަ އެހެންމެ ގެދޮރު ހަލާކުވި މީހުންނަށް ވަގުތީ ހިޔާވަހިކަން ހަދައިދިނުމާއި، އަދި އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތްތާނގައި ދާއިމީ ހިޔާވަހިކަން ހަދައިދިނުމަކީ ސަރުކާރުން ކުރާނެކަމެއް. މިހާރުވެސް އެކަހަލަ މަޝްރޫޢުތައް ފެށިގެން ހިނގަމުން އެބަދޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކީގައި ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، ރައްޔިތުންގެ ހުރިހާ އަފްރާދުންނާއި، ޖަމާޢަތްތަކާއި، ޖަމުޢިއްޔާތައް ގުޅިގެން ކުރަމުން މިގެންދާ މަސައްކަތް ކާމިޔާބުވާނެކަމުގައި. އަދި ކުރިޔަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމިއްލަ ވަސީލަތްތަކާއި، އަދި ރާއްޖެއިން ބޭރުން ލިބޭނެކަމަށް ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ވަޢުދުވެފައިވާ އެހީތައް ލިބުމުން، އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ކުރިޔަށްވުރެވެސް ފުރިހަމަގޮތެއްގައި ކުރެވޭތޯ ސަރުކާރުން ބަލަމުން ގެންދާނެކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން.

އާދެ، މި ފުރުޞަތަކީ މާދިގުކޮށް ވާހަކަދައްކަންއޮތް ފުރުޞަތެއްނޫން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް އަމާންކަމާއި ސަލާމަތްކަން މިންވަރުކުރެއްވުން. އަދި އަޅުގަނޑުމެންގެ މެދުގައިމިވާ އެއްބައިވަންތަކަން އިތުރަށް ބަދަހިކޮށް، ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ ކޮމަންޑޫ ރައްޔިތުންނަކީ، އަބަދުވެސް ވަރަށް އެކުވެރި ރައްޔިތެއްކަން. ހުރިހާ ކަމެއްގައިވެސް އެއްބާރުލައްވާ ރައްޔިތެއް. ކޮމަންޑޫ ރައްޔިތުންގެ އެ މަތިވެރި ހަރުދަނާ އުސޫލުތަކަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ކިޔައި، ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ މިރަށަށް ގެއްލުނު ވަރަށް، މިރަށްދެކެ ލޯބިވެވަޑައިގަންނަވާ ދަރިއެއްގެ ވާހަކަ ދަންނަވާލަންޖެހޭ. އާދެ، އަލްމަރްޙޫމް ކޮމަންޑޫ ޢަލީ ކަލޭފާނު. އެއީ ތިޔަ ހުރިހާ ބޭފުޅުން ދެނެވަޑައިގަންނަވާ، ވަރަށް ޤަދަރުހުރި ވަރަށް ޢިއްޒަތްތެރި ބޭކަލެއް. ވަރަށް ގިނަ ދުވަސްތަކެއްވަންދެން އަތޮޅަށާއި، ރައްޔިތުންނަށާއި، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަށްފަހުގައި އޭނާވަނީ އަޅުގަނޑުމެންނާ ވަކިވެ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައި. އެހެންވީމާ، އެ މާތް މަރްޙޫމުގެ ފުރާނައަށްވެސް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން. ހަމަ އެހެންމެ އޭނާ އެ ފެށްޓެވި މަސައްކަތް އަދި އޭނާގެ ބެއްލެވުމުގެ ދަށުންވެސް އޭރުވެސް މިރަށުގެ ރައްޔިތުންގެ މެދުގައި މިއޮތް އެކުވެރިކަމާއި، އެއްބާރުލުމާއި، އެކުވެރިކަމުގެ ރޫޙު، އިތުރަށް ބަދަހިވަމުން ދިއުމަށް އަޅުގަނޑު އުންމީދުކުރަން. އަޅުގަނޑަށް އެނގޭ އިރާދަކުރެއްވިއްޔާ މިރަށުގެ ރައްޔިތުންނަކީ، އަބަދުވެސް ވަރަށް އެކުވެރިގޮތެއްގައި އެންމެން ގުޅިގެން ރަށުގެ ތަރައްޤީއަށާއި، ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ބައެއްކަން.

އެހެންވީމާ، އެވާހަކަވެސް ދަންނަވާލައި، މާތްﷲގެ އިރާދަފުޅުން އަޅުގަނޑުމެން ބޭނުންވާ މަންޒިލް މަޤްޞޫދަށް ދިއުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑަށް މިރަށުގެ ރައްޔިތުންނާއި، ވެރިންނާއި، އަދި އަތޮޅުވެރިންގެ ފަރާތުން ތިޔަވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّلام عليكم ورحمـة اللّـه وبركاته.