ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސް" ގެ ނަމުގައި މިއަދުން ފެށިގެން އިދާރާއެއް އުފައްދަވައިފިއެވެ. އަދި އެ ޑިޕާޓްމަންޓަކީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ނަމުގައި ވަކި އިދާރާއެއް މި އުފެއްދެވީ، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެއްވުމަށް ސަރުކާރުންވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކަންތައްތައް ގެންދެވުމަށާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ފަރުވާދޭންޖެހޭ މީހުންނަށް ފަރުވާދީ މުޖުތަމަޢަށް އަނބުރާ ގެނައުމާބެހޭ ގޮތުން ކުރައްވަންޖެހޭ އެންމެހާ ކަންތައްތައް ރާއްވަވައި ހިންގެވުމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުރައްކަލާބެހޭ ގޮތުން ޢާއިލާތަކަށް މަޢްލޫމާތުދީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ލިބިގެން އަންނަ މީހުން މުޖުތަމަޢަށް ބަލައިގަނެ އަހުލުވެރިކުރުމުގައި އެމީހުންގެ ޢާއިލާތަކާއި ރައްޔިތުން ހޭލުންތެރިކުރުވުމުގައި، ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރައްވައި، މި މަސައްކަތް ވިލަރެސްކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީއެވެ.
ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސް އުފެއްދެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދިޔަ "ޑްރަގް ރިހެބިލިޓޭޝަން ސަރވިސަސް" މިއަދުން ފެށިގެން އުވާލައްވައި، އެތަނުން ބެލެހެއްޓެވި މަސައްކަތްތައް އަލަށް މިއުފެއްދެވި ޑިޕާޓްމަންޓުން ކުރައްވާގޮތަށް ހަމަޖައްސަވައިފިއެވެ. އަދި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދިޔަ "ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް" މިއަދުން ފެށިގެން އުވާލައްވައި، އެތަނުން ބަލަހައްޓަވަމުން ގެންދެވި މަސައްކަތްތައް އެ މިނިސްޓްރީން ކުރައްވަމުން ގެންދަވާ ގޮތަށްވެސް ހަމަޖައްސަވައިފިއެވެ.