ތަޢުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ 2020 އޮކްޓޫބަރު 26 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި، މުދައްރިސުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމާގުޅޭ އެނޫންވެސް ޢާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މައިގަނޑު މަޤުޞަދަކީ އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމެވެ. ހަމަ އެއާއެކު، އިސްލާމީ އަޤީދާއާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިސްލާމީ ޝަރީޢަތާއި އަޤީދާއާ ފުށުނާރާނެހެން އިންސާނީ ޙައްޤުތަކަށް އިޙުތިރާމުކުރުމަށާއި، ޢާންމުކޮށް އެންމެންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި ރަޙުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ، އެ ކަންކަމަށް ބާރުއަޅާ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުން ވެސް މި ޤާނޫނު މަޤްޞަދުތަކުގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ތަޢުލީމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުގެ ފަހުން އެންމެ އަވަހަށް ފެށޭ ދިރާސީ އަހަރު ފެށޭ ތާރީޚުގައެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 2012/1 (ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނު) އުވައިލެވޭނެއެވެ.