ރާއްޖެއިން ބޭރުގައި އޮންނަ ކޯސްތަކުގައި ބައިވެރިވެގެން 1 ވަނަ ހޯދާ ފަރާތްތަކަށް ސަރުކާރުން ދެއްވަމުން ގެންދެވި އިނާމާއި، ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަޤްވާމީ މުބާރާތްތަކުގަޔާއި މަޢުރަޒުތަކުގައި ރާއްޖޭގެ ނަމުގައި ނުވަތަ ސަރުކާރުގެ ހުއްދައާއެކު ބައިވެރިވެގެން ރާއްޖެއަށް ރީތި ނަމަކާއި ޝަރަފެއް ހޯދައިދޭ ފަރާތްތަކަށާއި، ޕީ.އެޗް.ޑީ. ޙާޞިލު ކުރައްވާ ފަރާތްތަކަށް، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި ދެއްވަމުން ގެންދެވި އިނާމު، މީގެފަހުން އެކަމަކާގުޅޭ ސަރުކާރުގެ އިދާރާއަކުން ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ދެއްވާ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، ވަކި މުނާސަބަތެއް ފާހަގަކުރެއްވުމަށް، އެ ދާއިރާއަކުން ބާއްވަވާ ޖަލްސާއެއްގައި ނުވަތަ އެދާއިރާއަކުން ބާއްވަވާ އެހެން ރަސްމިއްޔާތެއް ނުވަތަ ޙަފްލާއެއްގައެވެ. މި އިނާމަށް މީހުން ހޮއްވެވުމުގައި ބައްލަވަންވީ އުސޫލުތައް މި ދެންނެވުމުގައިވަނީ އަންގަވާފައެވެ. އިނާމަށް މީހުން ހޮއްވަވާނީ، ސަރުކާރުގެ އެ ދާއިރާއަކުން ކަނޑައަޅުއްވާ ކޮމިޓީއަކުން، މި ދެންނެވި އުޞޫލުތަކުގެ މައްޗަށް ބައްލަވައިގެންނެވެ.

މީގެއިތުރުން، ކުޑަކުދިންނަށް ޚާއްޞަ ފޮތް، ސަރުކާރު ގަބޫލު ކުރައްވާ ފެންވަރަކަށް ލިޔުއްވާ ފަރާތްތަކަށް، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ސަރުކާރުން ދެއްވަމުން ގެންދެވި އިނާމު، މީގެފަހުން އެ ޖަލްސާގައި ނުދެއްވާ ގޮތަށްވެސް ހަމަޖައްސަވައިފިއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން މިހާރުވެސް ބާއްވަވަމުން ގެންދަވާ އަދަބީ އެކިއެކި މުބާރާތްތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޚާއްޞަ ފޮތް ލިޔުމުގެ މުބާރާތް ހިމެނުއްވުމަށް ނިންމަވައިފިއެވެ.