އައްޑުއަތޮޅު ހެރެތެރެއާ ގުޅޭގޮތުން އެމް.ޓީ.ޑީ.ސީ.އާއި، ޔޮޓް ޓުއަރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ޝަރީޢަތުގައި ހިނގަމުންދާ މައްސަލަތައް ނުނިމި ދިގުލައި ލަސްވަމުންދާ ސަބަބާމެދު ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ހެރެތެރޭގައި ވަޒީފާ އަދާކުރަމުން ގެންދިޔަ އެތައްސަތޭކަ މުވައްޒަފުންގެ ވަޒީފާ ގެއްލި، އެކަމުގެ ސަބަބުން އެތަކެއް ޢާއިލާތަކަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށް ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް ދަތި ޙާލުގައި އުޅެންޖެހިފައިވާތީއާއި، ދިވެހި ސަރުކާރާއި އަދި ޢާންމު ރައްޔިތުންގެ ތެރެއިން އެތައްހާސް މީހުންގެ ޙިއްސާ އެކުލެވޭ ޕަބްލިކް ކުންފުންޏެއްގެ އަގުބޮޑު މުދާ ހަލާކުވެ ވީރާނާވަމުންދާ މައްސަލައަށް ޙައްލެއް ނުފެނި ގިނަދުވަސްވަމުންދާތީ، ޝަރީޢަތުގައި ހިނގަމުންދާ މި މައްސަލަތައް ނުނިމި ލަސްވަމުންދާ ސަބަބުތަކާމެދު މިއަދުގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޝަރީޢަތުގައި ހިނގަމުންދާ މިމައްސަލަތައް ލަސްވާ ސަބަބުތަކެއްކަމަށް ކޯޓުތަކުން ވިދާޅުވާ، ކޯޓުގައި ގެންގުޅޭ ލެޕްޓޮޕެއް ގެއްލުމާއި، ކޮމްޕިޔުޓަރުގެ ކެމެރާއެއް ނެތިގެން މައްސަލަ ލަސްވަމުންދާކަމަށް ވިދާޅުވާ ވިދާޅުވުމަކީ، އެކަށޭނަ ސަބަބުތަކެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ. އަދި އެއީ، މިމައްސަލައިގެ ނާޒުކުކަމާއި، މިމައްސަލަ ނުނިމި ލަސްވަމުން ދިޔުމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ އެކަށޭނަ ސަބަބުތަކެއް ނޫންކަންވެސް މަޖިލީހުން ފާހަގަކުރެއްވިއެވެ. އަދި އަވަސްނިޔާގެ މައްސަލައިގެ ގޮތުގައި ބައެއް ފަރާތްތަކުން ޝަރީޢަތަށް ހުށަހަޅާ މައްސަލަތައް ދުވަހުން ދުވަހަށް ވަރަށްބާރަށް ބައްލަވައި ގޮތެއް ނިންމަވާއިރު، ދައުލަތަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންވަމުންމިދާ ހެރެތެރޭގެ މައްސަލަ ލަސްވަމުންދާ ސަބަބުކަމަށް ކޯޓުތަކުން ވިދާޅުވެފައިވާ ސަބަބުތަކަކީ، އެކަށޭނަ ސަބަބުތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ.

މިމައްސަލައިގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، މި މައްސަލަ ލަސްވަމުންދާ ސަބަބު ބައްލަވައި، އެކަމުގައި ފިޔަވަޅު އަޅުއްވައިދެއްވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި ދެންނެވުމަށާއި، ޤާނޫނޫއަސާސީގެ 159 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފައެއް ސަރުކާރަށް ހޯއްދެވުމަށެވެ. އަދި މިކަމުގައި ޖީނާއީ އެއްވެސް މައްސަލައެއް ހިމެނޭތޯ ބައްލަވައި، ޖިނާއީ މައްސަލައެއް ހިމެނޭނަމަ، މައްސަލަ ތަޙްޤީޤު ކުރެއްވުމަށް ފުލުހުންނާ ހަވާލުކުރެއްވުމަށެވެ.