ޝަހީދު ޙުސައިން އާދަމްގެ ލޮބުވެތި ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޙުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.