ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ.ގެ ޑިވެލޮޕްމަންޓް އެސިސްޓެންޓް ފްރޭމްވާރކްގެ މިޑް ޓާރމް ރިވިއު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވައިފިއެވެ.
މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، އ.ދ.ގެ އެކިއެކި ޖަމްޢިއްޔާތަކުން ހިންގަވާ ޕްރޮގްރާމްތަކާއި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކާ ވަރަށްބޮޑަށް ގުޅުން ހުންނަން އެބަޖެހޭކަމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަކީ ވަރަށް ބޮޑަށް ރޭވިގެން ހިންގަންޖެހޭނެ މަޝްރޫޢުތަކެއްކަމަށް ވިދާޅުވިއެވެ. އަދި އާ މަޝްރޫޢުތައް ހިންގެވުމަށްޓަކައި އާވިސްނުންތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށާއި ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެންނެވުމަށް ދިވެހިސަރުކާރުން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އ.ދ.ގެ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.